ފުރަތަމަ ފަޞްލު: ހިޖުރައިން ހަތަރުވަނަ ޤަރުނުގައި ޙަދީޘް ލިޔެ ރައްކާކުރުން
ފުރަތަމައީ: ހަތަރުވަނަ ޤަރުނުގައި ލިޔެ ރައްކާކުރެވިފައިވާ ޙަދީޘް ފޮތްތަކުގެ ބައެއް މިޘާލުތައް
-
އިބްނު ޚުޒައިމާގެ ޞަޙީޙު
ފޮތުގެ މުއައްލިފު:
އެކަލޭގެފާނަކީ: أبو بكر محمد بن اسحاق بن خزيمة، النيسابورى އެވެ. އެކަލޭގެފާނުގެ ލަޤަބުފުޅުތަކުގެ ތެރޭގައި: الحافظ، إمام الأئمة އަދި شيخ الاسلام ހިމެނެއެވެ. އެކަލޭގެފާނުވަނީ ވަރަށް ގިނަ ފޮތްތައް ލިޔުއްވާފައެވެ. އުފަންވީ ހިޖުރައިން 223 ގައެވެ. އަދި އަވަހާރަވީ ހިޖުރައިން 311 ގައެވެ. [1]
އެކަލޭގެފާނުގެ ފޮތަށް ނަން ދެއްވުން:
މީސްތަކުންގެ ގާތުގައި އެ ފޮތް މަޝްހޫރުވެފައިވަނީ صحيح ابن خزيمة މި ނަމުންނެވެ. އިބްނު ޚުޒައިމާގެ ޞަޙީޙުގެ މިހާރު އޮތް ބައި ތަޙުޤީޤުކުރެއްވި د. محمد مصطفى الأعظمي ވިދާޅުވެފައިވަނީ އެ ފޮތް ލިޔުއްވި މުއައްލިފު އެ ފޮތަށް ދެއްވާފައިވާ ނަމަކީ: مختصر المختصر من المسند الصحيح عن النبي صلى الله عليه وسلم އެވެ. އަދި އެ ފޮތަކީ އެކަލޭގެފާނު ލިޔުއްވި المسند الصحيح ގެ ޚުލާޞާއެކެވެ. [2]
الحافظ ابن حجر ވިދާޅުވިއެވެ.
“އިބްނު ޚުޒައިމާ އެކަލޭގެފާނުގެ ފޮތަށް ދެއްވާފައިވާ ނަމަކީ المسند الصحيح المتصل بنقل العدل عن العدل من غير قطعٍ في السند ولا جرحٍ في النقلة އެވެ. [3]
____________________
= ނުނިމޭ =
[1] އެކަލޭގެފާނު ވަނަވަރު ބެއްލެވުމަށް: تذكرة الحفاظ (2 / 720 730)، سير أعلام النبلاء (14 / 365 – 382) .
[2] ބައްލަވާ: مقدمة صحيح ابن خزيمة (1 / 16 – 17) بقلم المحقق.
[3] النكت (1 / 291).