[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 121

އެފޮތުގައި އެކަލޭގެފާނު ކުރައްވާފައިވާ ޝަރުޠު:

އިބްނު ޚުޒައިމާ رحمه الله އެކަލޭގެފާނުގެ ޞަޙީޙުގައި ކުރައްވާފައިވާ ޝަރުޠަކީ އެފޮތުގައި (އެކަލޭގެފާނުގެ އަރިހުގައި) ޞައްޙަ ޙަދީޘެއް މެނުވީ ނޫނީ ނުގެންނެވުމަށެވެ. (ޞައްޙަ ނޫން ޙަދީޘެއް ގެންނަވާނަމަ ޢާންމު ގޮތެއްގައި އެކަލޭގެފާނު އެކަމަށް އިޝާރާތްކުރައްވައެވެ.) އެކަލޭގެފާނުގެ ފޮތަށް ނަން ދެއްވި އިރު އެކަން ވަނީ ބަޔާންކުރައްވާފައެވެ. އެކަލޭގެފާނުގެ ފޮތުގެ ނަމުގައިވަނީ:

“މިއީ (އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ) އަލްމުސްނަދުއް ޞަޙީޙުން (ޞައްޙަ ސަނަދުން ގުޅިފައިވާ ފޮތުން) ޚުލާޞާކޮށްފައިވާ ޚުލާޞާއެކެވެ. އެއީ ޢަދުލުވެރިން ޢަދުލުވެރިންގެ ކިބައިން، ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ގުޅިފައިވާ ސަނަދުން ރިވާކުރައްވާފައިވާ ޙަދީޘްތަކެވެ. އެ ޙަދީޘްތަކުގައި މެދުކެނޑުމެއް ނުވާ ސަނަދުތަކުންނެވެ. އަދި އެ ޙަދީޘްތައް ރިވާކުރައްވާ ބޭކަލުންގެ ޚަބަރުތައް ރައްދުކުރާވަރުގެ ޖަރަޙައެއް ނުވާ ބޭކަލުންގެ އަރިހުންނެވެ. ﷲ ގެ މަޝީއަތާއެކު އެ ޙަދީޘްތައް ބަޔާންކުރާނަމެވެ.” [1]

 

 

އެފޮތުގައި އެކަލޭގެފާނު ގެންގުޅުއްވާފައިވާ މަންހަޖު: 

ހ. އެކަލޭގެފާނު  އެ ފޮތް ތަރުތީބުކުރައްވާފައިވަނީ ފޮތްތަކަކާއި ބާބުތަކެއްގެ މައްޗަށެވެ. ފަހެ އެކަލޭގެފާނު ފައްޓަވާފައިވަނީ ވުޟޫއާ ބެހޭ ކިތާބުންނެވެ. ދެން އެއަށް ފަހުގައި ނަމަދާ ބެހޭ ކިތާބު ގެންނެވިއެވެ. އަދި އެފަދައިން އެހެން ކިތާބުތައްވެސް ގެންނެވިއެވެ. ދެން ކޮންމެ ކިތާބެއްގެ ދަށުގައި ބާބުތަކެއް ގެންނަވާފައި ވެއެވެ. އެ ގޮތުން ވިދާޅުވެފައި ވެއެވެ. “މިއީ މިވެނި ކަމެއް ނަންގަތްފައިވާ ބާބެވެ.” އަދި ބައެއް ފަހަރު “މިވެނި ކަމަކާ ގުޅުން ހުރި ބާބުތައް” މިފަދައިން ވިދާޅުވެއެވެ.

ށ. ޙަދީޘްތައް ގެންނަވާފައިވަނީ ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން ގުޅިފައިވާ ސަނަދުންނެވެ. ޙަދީޘްގައި އެއް ސަނަދަށް ވުރެ ގިނަ ސަނަދުވާނަމަ އެކަން ބަޔާންކުރައްވާފައި ވެއެވެ. [2]

ނ. ޢާންމު ގޮތެއްގައި ޙަދީޘްގެ ސަނަދާއި މަތަނާ ބެހޭގޮތުން ވާހަކަފުޅުދައްކަވައެވެ. އަދި ޙަދީޘްގެ ލަފްޒުގައި ފިލިޖެއްސެވުމާ އަދި އެއް ރާވީ އަނެއް ރާވީއާ މެދު ލަފްޒުގައި ހުރި ޚިލާފުތަކަށް ސަމާލުކަން ދެއްވާފައި ވެއެވެ. އެފޮތުގައި އެކަލޭގެފާނުގެ ވާހަކަފުޅު ގެންނަވާފައިވާ ތަންތަނުގައި ޢާންމު ގޮތެއްގައި ގެންނަވާފައިވާ ޢިބާރާތަކީ: قال أبو بكر (މާނަ: އަބޫބަކުރު ވިދާޅުވިއެވެ.) މިފަދައިންނެވެ. [3]

ރ. އެކަލޭގެފާނުގެ އަރިހުގައި އެ މައްސަލާގައި ބުރަދަން ހުރި ގޮތް (ރާޖިޙު ގޮތް) ވަރަށް ގިނައިން ބަޔާންކުރައްވައެވެ. އެއީ އިމާމު ބުޚާރީއާއި އަބޫދާވޫދު ފަދަ މުޙައްދިޘުންގެ ތެރޭގައިވާ ފިޤުހުވެރި ބޭކަލުން ޢަމަލުކުރައްވާފައިވާ ގޮތެވެ. [4]

 

____________________

= ނުނިމޭ =

 

އެހެނިހެން ބައިތައް

 

[1] ބައްލަވާ: صحيح ابن خزيمة (1 / 3)  ابتداء كتاب الوضوء.

[2] كتاب الوضوء من صحيح ابن خزيمة (1 /  6) (ح 5 – 6) و (1 /  10) (ح 13 – 14).

[3] އޭގެ މިޘާލު ބައްލަވާށެވެ.  كتاب الوضوء (1 /  11) (ح 15 – 16).

[4] އޭގެ މިޘާލު ބައްލަވާށެވެ.  كتاب الوضوء (1 /  18).