[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަލަސްޠީނުގެ ތާރީޚް – 1

ފަލަސްޠީނަކީ ކޮބާ؟

 

ފަލަސްޠީނު އޮންނަނީ އޭޝިޔާ ބައްރުގެ ހުޅަނގު ފަރާތުގައެވެ. ފަލަސްޠީނުގެ އުތުރުގައި އޮންނަނީ ލުބުނާނެވެ. އަދި ދެކުނުގައި ޚަލީޖުލް ޢަޤަބާ (Gulf of Aqaba) އެވެ. އަދި ދެކުނު ފަރާތުން ހުޅަނގަށް އޮންނަނީ މިޞްރެވެ. ފަލަސްޠީނުގެ އިރުމަތީގައި އޮންނަނީ ސޫރިޔާއާއި އުރުދުނެވެ. އަދި ހުޅަނގުގައި އޮންނަނީ މެޑިޓޭރިއަން ކަނޑެވެ. ފަލަސްޠީނަކީ އިސްލާމީ އުންމަތުގެ މެދެވެ. އަދި އިރުމަތީ އޭޝިޔާގެ އިސްލާމީ ޤައުމުތަކާއި އެފްރިކާގެ އިސްލާމީ ޤައުމުތައް ގުޅުވައިދޭ ތަނެވެ. ހުޅަނގު އައްސޭރި (West Bank) އާއި ޣައްޒާ (Gaza) އާއެކު އެތަނުގެ ބޮޑު މިނަކީ ގާތްގަނޑަކަށް 270،000 އަކަ ކިލޯމީޓަރެވެ.

 

 

ދުނިޔޭގެ ތާރިޚުގައި ފަލަސްޠީނު

 

ޢިރާޤާއި ޝާމްކަރައާއި މިޞްރުގައި އާ ޤަބީލާތައް ފެތުރިގެން ދިޔުމުގެ އަޞްލަކީ ޢަރަބި ޖަޒީރާއެވެ. އެބައިމީހުން އެތައް ޤަބީލާތަކަކަށް ފެތުރިގެން ދިޔައެވެ. އޭގެ ތެރެއިން: އާޝޫރީން (Assyrians) އަދި އަކާދީން (Akkadians) ދިޔައީ ޢިރާޤަށެވެ. އަމޫރީންނާއި (Amorites)، އާރާމީންނާއި (Arameans)، ކަންޢާނީން (Canaans) ދިޔައީ ޝާމްކަރައަށެވެ. ދެން އެ ސަރަހައްދުގެ ރަށްތައް އާބާދުވެ އެބައިމީހުން އެ ރަށްތަކުގައި ވަޒަންވެރިވެ އެބައިމީހުންގެ ދަރިފަސްކޮޅު އިތުރުވެ، ޤަބީލާތައް އިތުރުވެގެން ދިޔައެވެ.

ކަންޢާނީން ވަޒަންވެރިވީ ޝާމްކަރައިގެ އައްސޭރިފަށުގައެވެ. އަދި އެ ސަރަހައްދުގެ ރަށްތައް އާބާދުކުރީ އެބައިމީހުންނާއި އެބައިމީހުންގެ ދަރިފަސްކޮޅުން އައި ޤަބީލާތަކުންނެވެ. އޭގެ ތެރޭގައި: އަރީޙާ (Jericho)، އިސްދޫދު (Ashdod)، ބީރުއްސަބްޢު (Beersheba)، ޢަސްޤަލާން (Ashkelon)، ޣައްޒާ (Gaza)، ޔާފާ (Jaffa)، މަޖިއްދޫ (Tel Megiddo)، ސަބަސްޠިއްޔާ (Sebastia)، ބައިސާން (Beit She’an)، ނާބުލުސް (Nablus)، އަލްޚަލީލް (Hebron) އަދި ޤުދުސް (Jerusalem) ހިމެނެއެވެ.

ކަންޢާނީންގެ ބަހަކީ ޤަދީމީ ޢަރަބި ބަހެވެ. އެއީ ޤުރުއާން އެބަހަކުން ބާވައިލެއްވިފައިވާ ބަހާ ތަފާތު ބަހެކެވެ. އަދި މިހާރު ބޭނުންކުރާ ޢަރަބި ބަހާވެސް ތަފާތު ބަހެކެވެ. މި ރަށްތަކަށް ނަންދީފައިވަނީ ކަންޢާނީން ވާހަކަދައްކާ އުޅުނު ޤަދީމީ ޢަރަބި ބަހުންނެވެ. މިއަދުގެ ޔަހޫދީން މި ރަށްތައް އެބައިމީހުންނަށް ނިސްބަތްކުރަން މަސައްކަތްކުރިކަމުގައި ވިޔަސް އެއީ އެއްވެސް އަޞްލެއް ނެތް ބުހުތާނެވެ. އެބައިމީހުން މަސައްކަތްކުރަނީ  މި ބިންތަކަކީ އަޞްލު ޔަހޫދީ ބިންތަކެއްކަމާ އަދި މި ރަށްތައް ބިނާކުރީ އެބައިމީހުންކަމުގައި މީސްތަކުންނަށް ވިސްނައިދޭށެވެ.

 

 

ކަންޢާނީންގެ ބިމުގައި ކުރެވުނު ހަނގުރާމަތައް

 

 1. ޢިބްރާނީން

ޢީސާގެފާނު އުފަންވުމުގެ ދެހާސް އަހަރުކުރިން (2000 BC) އިބްރާހީމުގެފާނު ފުރާތުކޯރު ހުރަސްކުރައްވާ ޢިރާޤުން ޙަލަބަށް އަދި އެތަނުން ކަންޢާނީންގެ ބިމަށް ދަތުރުކުރެއްވިއެވެ. އެއަށްފަހު މިޞްރަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނާއެކު އަނބިކަނބަލުން ސާރާވެސް ވަޑައިގެންނެވިއެވެ. އަދި ފިރުޢައުނުގެ ފަރާތުން އެކަމަނާއަށް ހާޖަރު ވެދުން ކުރިއެވެ. އެކަމަނާއަށް ދަރިއަކު ލިބިވަޑައި ނުގެންނެވުމުން، އެކަމަނާގެ ފިރިކަލުން އިބްރާހީމުގެފާނަށް ހާޖަރު ދެއްވިއެވެ. އެއަށްފަހު، ހާޖަރުގެ ކިބައިން އެކަލޭގެފާނަށް އިސްމާޢީލުގެފާނު ލިބިވަޑައިގެންނެވިއެވެ. މުޙައްމަދު صلى الله عليه وسلم ވަޑައިގެންނެވީ އެކަލޭގެފާނުގެ ދަރިފަސްކޮޅުންނެވެ.

ފަހުން ސާރާއަށް އިސްޙާޤުގެފާނު ލިބިވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނަށް ޔަޢޫޤޫބުގެފާނު ލިބިވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް އިސްރާއީލުގެ ނަންދެވިފައި ވެއެވެ. އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފުގެފާނު މިޞްރުގެ ޚަޒާނާތަކާ ހަވާލުވެވަޑައިގެން ހުންނެވި ދުވަސްވަރު، ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ ދަރިންނާއި ކާފަދަރިން ކަންޢާނީންގެ ބިން ދޫކޮށް މިޞްރަށް ވަޑައިގަތެވެ. އަދި ބަނޫ އިސްރާއީލުން (ޔަޢުޤޫބުގެފާނުގެ ދަރިފަސްކޮޅު) މިޞްރުގައި ގިނަވިއެވެ. ދެން ފިރުޢައުނު އެބައިމީހުންނަށް އަނިޔާވެރިވިއެވެ.

ފަހެ، ﷲ ތަޢާލާ އެބައިމީހުން ފިރުޢަނުގެ ކިބައިން ސަލާމަތްކުރެއްވިއެވެ. އަދި މޫސާގެފާނުގެ އަރިހުގައި މިޞްރުން ނުކުމެ މުޤައްދަސް ބިމަށް ދިއުމަށް އެބައިމީހުންނަށް އެންގެވިއެވެ. ނަމަވެސް އެބައިމީހުން ޢަހުދު އުވާލާ، ނުކިޔަމަންތެރިވިއެވެ. ދެން އެބައިމީހުނަށް ސާޅީސް އަހަރުވާންދެން ދެވޭނުދެވޭ ތަނެއް ނޭނގި ބިމުގައި ބެހިގެން ދިޔައެވެ.

ދެން މޫސާގެފާނު އަވަހާރަވުމަށް ފަހުގައި ކަންޢާނީންގެ ބިމުން ނުކުމެ، ޔޫޝަޢު ބުން ނޫންގެ ޤިޔާދަތުގެ ދަށުގައި އެބައިމީހުން މުޤައްދަސްވެގެންވާ ބިމަށް ވަނެވެ. އަދި ކަންޢާނީންގެ ބިމުން ބައެއް އެބައިމީހުން ހިފިއެވެ. އަދި އެބައިމީހުން އެ ތަންތަނުގައި ބައިބަޔަށް ބެހިގެން އުޅުނެވެ.

ޔޫޝަޢުގެފާނު އަވަހާރަވުމަށް ފަހު އެބައިމީހުންގެ މައްޗަށް ވެރިވީ ޢިބްރާނީން (Hebrews) އެވެ. އަދި އެބައިމީހުންގެ އެއްބަޔަކު އަނެއްބައެއްގެ ކިބައިން ކަންކަން ދަސްކޮށް އެކުގައި އުޅުނެވެ. ދެން ދާވޫދުގެފާނާއި ސުލައިމާނުގެފާނުގެ ވެރިކަމަށް ފަހު ޢިބްރާނީންގެ ރަސްކަން ދެބަޔަކަށް ބެހުނެވެ. އެއީ އުތުރާއި ދެކުނަށެވެ. މި ދެ ބައިމީހުންގެ ދެބަސްވުންތައް ގިނަވެ ހަނގުރާމަތައް ކުރެވުނެވެ. މި ހަނގުރާމަތަކުގައި ޤުދުސްގައި އަލިފާން ޖަހާ، ސުލައިމާނުގެފާނުގެ ހައިކަލް ހަލާކުކޮށްލިއެވެ. ދެން ޢިބްރާނީންގެ ދަޢުލަތް ނެތިދިޔައެވެ. އަދި އެ ބިމަށް ޢަރަބި ކަންޢާނީން އައެވެ.

 

=ނުނިމޭ=

_______________

 

މަޞްދަރު: حاضر العلم الإسلامي وقضاياه المعاصرة لد. جميل عبد الله محمد المصري

 

ފަލަސްޠީނުގެ ތާރީޚް – އެހެންބައިތައް