ފަލަސްޠީނުގައި ޞުހްޔޫނީންނާއި (Zionists) އިސްތިޢުމާރީންގެ ރޭވުންތައް
ޞުހްޔޫނީންނަކީ (Zionists) ޔަހޫދީންގެ ފިރުޤާއެކެވެ. އަދި އެއީ ޢަލްމާނީ ފިކުރަށް ނިސްބަތްވާ ބައެކެވެ. އެބައިމީހުންގެ އެންމެ މުހިންމު ލަނޑުދަނޑިއަކީ ފަލަސްޠީނަށް ޔަހޫދީން ޖަމާކުރުމެވެ. އެއީ އެ ބިމުން ޔަހޫދީން ބޭރުކޮށްލީއްސުރެ އެބައިމީހުން ދެކެމުން އަންނަ ހުވަފެނެކެވެ. ނަމަވެސް ޔަހޫދީންގެ ތެރެއިން ގިނަ މީހުން ދެކޭގޮތުގައި އެބައިމީހުންނަށް އަލުން އެ ބިމަށް ދެވޭނީ އެބައިމީހުން ސަލާމަތްކުރަން އަންނަ މަޞީޙުގެ އަތްމަތިން ފާޅުވާ މުޢުޖިޒާތަކުންނެވެ. [1]
މިބައިމީހުން ފާޅުވީ 19 ވަނަ ޤަރުނުގެ ތެރޭގައި އިސްތިޢުމާރީންގެ ހަރަކާތްތަކާ އެކުގައެވެ. ޞުހްޔޫނީންގެ ހުވަފެން ޙަޤީޤަތަކަށް ހެދުމުގައި އެބައިމީހުންނަށް ފެނުނު ޙައްލަކީ އިސްތިޢުމާރީންގެ މަޞްލަޙަތު ހުރި ކަންކަމުގެ ތެރެއިން އެކަން ޙާޞިލުކުރަން މަސައްކަތްކުރުމެވެ. މިކަމުގައި ‘ކެޕިޓަލިސްޓް’ (Capitalist) ޔަހޫދީންގެ ތާއީދު އެބައިމީހުންނަށް ލިބުނެވެ.
ޢުޘްމާނީ ދަޢުލަތް ބަލިކަށިވެފައިވަނިކޮށް، ހުޅަނގުގެ ޤައުމުތަކުން ދަޢުލަތުގެ ކަންކަމުގެ ތެރެއަށް ވަދެ، އެ ޙާލަތުގެ ފައިދާ ނެގިއެވެ. އެގޮތުން ޢުޘްމާނީންގެ ރަށްތަކުގައި، ޢުޘްމާނީ ދަޢުލަތަށް ޖިޒީ ނުދީ އަދި އެ ދަޢުލަތުގެ ޤާނޫނުތައް ނުހިނގާ ގޮތަށް ބޭރުމީހުންނަށް ތިބެވޭނެ ގޮތް އެބައިމީހުން ހެދިއެވެ. އަދި އެއާ އެކުއެކީގައި އެބައިމީހުންގެ ވިޔަފާރިތަކަށް މަޞްލަޙަތު ހުރި ގޮތަށް ޢުޘްމާނީންގެ ސިޔާސަތުތައް ބަދަލުކުރުވިއެވެ. މިކަންކަމުގައި އެބައިމީހުން ވަންހަނާކޮށްފައި އޮތް ކަމަކީ ޢުޘްމާނީ ދަޢުލަތުގެ ދަށުގައި އޮތް އިސްލާމީ މުޖުތަމަޢުގެ ތެރޭގައި ތިބި އެހެން ދީންތަކުގެ މަދުމީސްކޮޅަށް ހިމާޔަތް ދިނުމުގެ (protection of religious minorities) ލަނޑުދަނޑި ޙާޞިލުކުރުމެވެ. އެގޮތުން ފަރަންސޭސިވިލާތުން ‘ކެތޮލިކް’ (Catholic) ނަޞާރާއިންނަށް ހިމާޔަތް ދިނެވެ. އަދި ރޫސީވިލާތުން ‘އޯތޮޑޮކްސް’ (Orthodox) ނަޞާރާއިންނަށް ހިމާޔަތްދިނެވެ. އަދި ސީރިއާއާއި ލުބުނާނާއި ފަލަސްޠީނުގައި ތިބި ދުރޫޒުންނާއި (Druze)، ‘ޕްރޮޓެސްޓެންޓުންނާ’ (Protestant) އަދި ޔަހޫދީންނަށް ހިމާޔަތްދޭކަން އިނގިރޭސިވިލާތުން އިޢުލާނުކުރިއެވެ.
މިކަންކަމުގެ ނަތީޖާއަކަށްވީ ޤުދުސްގައި ހުޅުވުނު ހުޅަނގުގެ ޤައުމެއްގެ އެންމެ ފުރަތަމަ ކޮންސިއުލޭޓް ހުޅުވުމެވެ. އެއީ 1839 ވަނަ އަހަރު (ހިޖުރީގޮތުން 1255 ވަނަ އަހަރު) ޤުދުސްގައި ހުޅުވި އިނގިރޭސިވިލާތުގެ ކޮންސިއުލޭޓެވެ. އެބައިމީހުން ކުރި އެންމެ ބޮޑު މަސައްކަތަކީ ފަލަސްޠީނުގައި ތިބި ޔަހޫދީން ހިމާޔަތްކުރުމެވެ. އަދި އެއާއެކުގައި ދުނިޔޭގެ އިރުމަތީ ބިތުގައި އެބައިމީހުން ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރުމަށް މަގުފަހިކުރުމެވެ. އެކަންކަމުގެ ތެރޭގައި:
* އިންޑިއާއާއި އިރުމަތީ ބިތުގެ އެހެން ޤައުމުތަކާއެކު އަމާންކަމާއެކު އިނގިރޭސީންނަށް މުވާޞަލާތުކުރެވޭނެ މަގުފަހިކުރުން.
* އެ ސަރަހައްދުގައި އެއްވެސް ބޮޑު ބާރެއް އޮތްނަމަ އެބަޔަކު ދުރުކޮށް، އެއީ ހަމައެކަނި އިނގިރޭސީންގެ ބާރު އޮތް ސަރަހައްދެއްކަމުގައި ހެދުން.
* އެ ބިމުގައި ބާރުގަދަ ބަޔަކު ފާޅުވިޔަ ނުދިނުން އަދި ފާޅުވެއްޖެނަމަ ވަގުތުން އެބައެއްގެ ބާރު ކަނޑުވާލުން.
* 1869 ވަނަ އަހަރު ސުވޭޒް ކެނަލް ހުޅުވުމުން އިނގިރޭސިވިލާތާއި އިރުމައްޗާ ދެމެދު ކުރެވޭ ދަތުރުތައް މެދުކެނޑުމެއް ނެތި ސުވޭޒް ކެނަލުން ކުރިއަށް ގެންދިއުން.
* 20 ވަނަ ޤަރުނުގެ ކުރީކޮޅުގައި އެ ސަރަހައްދުން ތެޔޮ ފެނުމާއެކު، އަމާންކަމާއެކު އެބައިމީހުން ބޭނުންވާ އެންމެ ބޮޑު ފައިދާއެއް އެކަމުން ޙާޞިލުކުރުން.
ނަމަވެސް އިނގިރޭސީންނަށް މިކަންކަން ޙާޞިލުކުރެވެން އޮތީ އެ ބިމުގެ އަހުލުވެރިންގެ އެހީއާ އެކުގައެވެ. ނުވަތަ އެބައިމީހުން އިނގިރޭސީންގެ ބާރުގެ ދަށަށް ގެންގޮސްގެނެވެ. ނުވަތަ އެބައިމީހުންގެ ބާރު ކަނޑުވާލައި، ނިކަމެތިކޮށްލައިގެނެވެ.
ފަހެ، އޭރު އެ ބިމުގައި ތިބީ ޔަހޫދީންގެ ވަރަށް މަދު މީސްކޮޅެކެވެ. އަދި އެތަނުގައި ތިބި ބަޔަކުވެސް ތިބީ އެކި ރަށްތަކުގައެވެ. އެހެންކަމުން އިނގިރޭސީން ރޭވީ ޔަހޫދީން ބޭނުންވާ ކަންތައް ކޮށްދީގެން، އެބައިމީހުން ރުއްސައިގެން އިނގިރޭސީންގެ މަޤްޞަދުތައް ޙާޞިލުކުރުމަށެވެ. އެގޮތުން އިނގިރޭސީންގެ ބޮޑުވަޒީރު ޕަލްމަސްޓޯން (Palmerston)، 11 އޯގަސްޓް 1840 ގައި އިސްތަންބޫލުގައި ހުރި އޭނާގެ ސަފީރަށް ސިޓީއެއް ފޮނުވިއެވެ. އޭގައިވަނީ ޔަހޫދީން ފަލަސްޠީނުގެ ބިމަށް ހިޖުރަކުރުމަށް ހިތްވަރުދިނުމުން ޢުޘްމާނީ ދަޢުލަތުގެ ސުލްޠާނަށް ސިޔާސީ ގޮތުންނާއި މާއްދީގޮތުން ލިބޭނެ ފައިދާތައް ބަޔާންކޮށްދީފައެވެ. އޭގައި ވެއެވެ.
“ސުލްޠާނުގެ ދަޢުވަތަށް، އޭނާގެ ޙިމާޔަތުގައި ޔަހޫދީން ފަލަސްޠީނުގެ ބިމަށް އެނބުރި އައުމަކީ މުޙައްމަދު ޢަލީ [2] ނުވަތަ އޭނާގެ ފަހުން އަންނަ ބަޔެއްގެ ނުބައި ރޭވުންތަކުގެ ކުރިމަތީގައި އެޅޭ ހުރަހެކެވެ.”
މިފަދަ ދަޅަތައް ދައްކައިގެން ޢުޘްމާނީ ޚިލާފަތުގެ ޚަލީފާ، ސުލްޠާން ޢަބްދުލްމަޖީދު ހައްލާލުމަށް ޕަލްމަސްޓޯން މަސައްކަތްކުރިއެވެ. ނަމަވެސް ޕަލްމަސްޓޯންގެ މި މަސައްކަތް ފެށުމުގެ ކުރިންވެސް، އެއް ދިދައެއްގެ ދަށުގައި ޤުދުސްގައި ޔަހޫދީންގެ ދައުލަތެއް ޤާއިމުކުރުމުގެ މަސައްކަތް ޞުހްޔޫނީންވަނީ ފަށާފައެވެ.
=ނުނިމޭ=
_______________
މަޞްދަރު: حاضر العلم الإسلامي وقضاياه المعاصرة لد. جميل عبد الله محمد المصري
[1] ބައްލަވާ: دراسات في الأديان اليهودية والنصرانية لسعود بن عبد العزيز الخلف (ص:152).
[2] އެއީ އެދުވަސްވަރު މިޞްރުގެ ވެރިއަކަށް ހުރި މުޙައްމަދު ޢަލީ ބާޝާއެވެ.