ޞުހްޔޫނީންގެ ދައުލަތް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ މަރުޙަލާތައް
ޞުހްޔޫނީން ފަލަސްޠީނުގެ ބިމަށް ވެރިވެ، އެބައިމީހުންގެ އަމިއްލަ ދައުލަތެއް ޤާއިމުކުރުމަށް ކުރި މަސައްކަތްތައް 7 މަރުޙަލާއަކަށް ބަހާލެވެއެވެ. އެ މަރުޙަލާތަކަކީ:
ފުރަތަމަ މަރުޙަލާ: ޞުހްޔޫނީން ފަލަސްޠީނަށް ވެރިވެގަތުން (މީލާދީ ގޮތުން: 1870 – 1897 / ހިޖުރީ ގޮތުން: 1287 – 1315)
ދެވަނަ މަރުޙަލާ: ޞުހްޔޫނީންގެ މަޤްޞަދު ފަޅާއެރުން (މީލާދީ ގޮތުން: 1897 – 1914 / ހިޖުރީ ގޮތުން: 1315 – 1333)
ތިންވަނަ މަރުޙަލާ: މަކަރުވެރި، ސިއްރު ރޭވުންތަކާއި ކެހިވެރި މަސައްކަތްތައް ކުރުން (މީލާދީ ގޮތުން: 1914 – 1918 / ހިޖުރީ ގޮތުން: 1333 – 1337)
ހަތަރުވަނަ މަރުޙަލާ: އިނގިރޭސި ޞުހްޔޫނީން ފަލަސްޠީނު ޔަހޫދީ ދައުލަތަކަށް ހަދަން މަސައްކަތް ކުރުން (މީލާދީ ގޮތުން: 1918 – 1939 / ހިޖުރީ ގޮތުން: 1337 – 1358)
ފަސްވަނަ މަރުޙަލާ: ފަލަސްޠީނުގައި ޞުހްޔޫނީން ދައުލަތެއް ޤާއިމުކުރުމަށް މަސައްކަތް ކުރުން (މީލާދީ ގޮތުން: 1939 – 1948 / ހިޖުރީ ގޮތުން: 1358 – 1368)
ހަވަނަ މަރުޙަލާ: ޔަހޫދީ ދައުލަތް ވަރުގަދަކުރުމަށް މަސައްކަތްކުރުން (މީލާދީ ގޮތުން: 1948 – 1967 / ހިޖުރީ ގޮތުން: 1368 – 1387)
ހަތްވަނަ މަރުޙަލާ: ޔަހޫދީ ދައުލަތް ބޮޑުކުރުމަށް މަސައްކަތްކުރުން (މީލާދީ ގޮތުން: 1967 – 1988 / ހިޖުރީ ގޮތުން: 1387 – 1409)
ދެން މި މަރުޙަލާތަކުގައި ކަންތައް ހިނގައި ދިޔަ ގޮތް ގެނެސްދޭނަމެވެ. إن شاء الله.
ފުރަތަމަ މަރުޙަލާ: ޞުހްޔޫނީން ފަލަސްޠީނަށް ވެރިވެގަތުން (1870 – 1897)
މި މަރުޙަލާގައި ބޮޑަށް ފާޅުވެގެން ދިޔައީ ފަރުދީ މަސައްކަތްތަކެވެ. އެއީ ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ މީހުން ނުވަތަ ވަކިވަކި ޖަމިއްޔާތަކުން ދުނިޔޭގެ އެކި ހިސާބުގައި ފެށި މަސައްކަތްތަކެވެ. އެ ފަރާތްތަކުގެ މައިގަނޑު ގޮވާލަމަކީ ޔަހޫދީން އަނބުރާ ފަލަސްޠީނަށް ދިއުމެވެ.
1880 ގެ ތެރޭގައި، ލިޔޯން ޕިންސްކަރ (Leon Pinsker) ކިޔާ ޔަހޫދީއަކު ފޮތެއް ލިޔުނެވެ. އޭގައިވަނީ އެބައިމީހުންނަށް އެދުވަސްވަރު ކުރިމަތިވަމުންދިޔަ އަނިޔާވެރިކަމުގެ ޙައްލަކީ ޔަހޫދީ ޤައުމިއްޔަތެއް ބިނާކޮށް، އެބައިމީހުންނަށް ޙާއްޞަ ބިމެއްގައި ޔަހޫދީން ދިރިއުޅުމެވެ. ނަމަވެސް އޭނާގެ ފޮތުގައި ޔަހޫދީން ޖަމާވާ މަރުކަޒީ ރަށަކީ ކަނޑައެޅިގެން ފަލަސްޠީނުގެ ބިންކަމަށް ޝަރުޠުކޮށްފައެއް ނުވެއެވެ. ނަމަވެސް އެއީ ފަލަސްޠީން ނުވަތަ ސޫރިޔާކަމުގައި ވިޔަސް، ޔަހޫދީންނަށް އެތަނުގައި އަމާންކަމާއެކު އުޅެވޭފަދަ ވެއްޓަކަށް އެތަން ހަދަން ޖެހޭނެކަމުގައި ބުނެފައިވެއެވެ. އޭނާގެ މި ފިކުރަށް ޞުހްޔޫނީން ތާއީދުކުރިއެވެ. އަދި އެފިކުރު ފެތުރުމުގެ މަސައްކަތްތައް އެބައިމީހުން ފެށިއެވެ.
މީގެ އިތުރުން ބެރޯން އެޑްމޯންޑް ޖޭމްސް ޑި ރޮތްސްޗައިޑް (Baron Edmond James de Rothschild) އަކީ ވެސް ޞުހްޔޫނީންގެ ފިކުރު ފެތުރުމުގައި އެހީތެރިވި މީހެކެވެ. 1883 ވަނަ އަހަރު، ފަލަސްޠީނުގެ ބިން މިލްކުކޮށް އެތަނުގައި ވަޒަންވެރިވުމަށް ޔަހޫދީންނަށް އެހީތެރިވުމުގެ ގޮތުން، އޭނާ ޖަމިއްޔާއެއް ހެދިއެވެ. ދެވަނަ ފަހަރަށް މުސްލިމުންނަށް އެ ބިން ނުވިއްކުމަށް ޝަރުޠުކޮށް އެ ޖަމިއްޔާއިން ޔަހޫދީންނަށް ބިން ގަނެދިނެވެ. އެގޮތުގެ މަތިން އޭރުގެ ރޫސީވިލާތުގައި (Tsardom of Russia ގައި) އެބައިމީހުންގެ އަނިޔާވެރިކަމުގެ ދަށުގައި ތިބި ޔަހޫދީންގެ އެތައް ބަޔަކު ފަލަސްޠީނަށް ހިޖުރަކުރިއެވެ.
1895 ވަނަ އަހަރު ޔަހުދީއެއްކަމުގައިވާ ތިއޯޑޯ ހެޓްޒުލް (Theodor Herzl) “ޔަހޫދީ ދަޢުލަތް” މި ނަމުގައި ފޮތެއް ނެރުނެވެ. އެ ފޮތުގައި އޭނާ ލިޔެފައިވަނީ ޔަހޫދީންގެ މައްސަލައަކީ އިޖުތިމާޢީ ނުވަތަ ދީނީ ކަމެއް ނޫންކަމަށެވެ. ނަމަވެސް އެއީ ޤައުމީ ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ޙައްލު ހޯދައިދޭން ޖެހިފައިވާ ކަމެއްކަމަށެވެ. އަދި ޔަހޫދީންގެ ދައުލަތެއް ޤާއިމުކުރުމަށްޓަކައި ޔަހޫދީން ހިޖުރަކުރުމަށް އެހީވުމުގެ ގޮތުން އޭނާވެސް ޖަމިއްޔާއެއް ހަދާ، ޔަހޫދީންނަށް އެކަމުގައި މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނެވެ.
މިބައިމީހުންގެ މަސައްކަތުގެ ނަތީޖާއަކަށްވީ އިސްތިޢުމާރީ ބާރުތަކުގެ އެހީއާއެކު، ޔަހޫދީންގެ މުއްސަނދިންނާއި ވިޔަފާރިވެރިން ބޮޑެތި ޚަރަދުތައްކޮށް، މާލީ އެހީދީގެން ޔަހޫދީން ފަލަސްޠީނަށް ހިޖުރަކުރުމަށް ބާރުއެޅުމެވެ. އަދި ފަލަސްޠީނުގެ ބިންތައް ގަނެ އެބައިމީހުން އެތަންތަނުގައި ވަޒަންވެރިވާން ފެށުމެވެ. އެގޮތުން އެބައިމީހުން ވަޒަންވެރިވި މައިގަނޑު އެއް ތަނަކީ ތަލް އަބީބު (Tel Aviv) އެވެ.
=ނުނިމޭ=
_______________
މަޞްދަރު: حاضر العلم الإسلامي وقضاياه المعاصرة لد. جميل عبد الله محمد المصري