ދެވަނަ މަރުޙަލާ: ޞުހްޔޫނީންގެ މަޤްޞަދު ފަޅާއެރުން (1897 – 1914)
މި މަރުޙަލާގެ ފެށުމަކީ ޞުހްޔޫނީންގެ ފުރަތަމަ ރަސްމީ ބައްދަލުވުމެވެ. ނުވަތަ ކޮންގްރެސްއެވެ. މި ބައްދަލުވުން ބޭއްވީ 1897 ވަނަ އަހަރު ސްވިޒަލޭންޑުގެ ބާޒިލް (Basel) ގައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ޞުހްޔޫނީން ތަމްސީލުކުރާ 200 އަށް ވުރެ ގިނަ މަންދޫބުން މި ބައްދަލުވުމުގައި ބައިވެރިވިއެވެ. މި ބައްދަލުވުމުގައި އިސްކޮށް ހުރީ ތިއޯޑޯ ހެޓްޒުލް (Theodor Herzl) އެވެ. ޞުހްޔޫނީންގެ ޙަޤީޤީ މަޤްޞަދު މި ބައްދަލުވުމުގައި އިޢުލާންކުރިއެވެ. އޭގައި ވަނީ މިފަދައިންނެވެ.
“ޞުހްޔޫނީން ބޭނުންވަނީ ޔަހޫދީންނަށްޓަކައި، ޢާންމު ޤާނޫނަކުން ރައްކާތެރިކަން ލިބިފައިވާ އަމިއްލަ ވަޠަނެއް، ފަލަސްޠީނުގައި ޤާއިމުކުރާށެވެ.”
އެ ބައްދަލުވުމުގައި ފާސްކުރެވުނު ޤަރާރުތަކުން ފާހަގަކޮށްލެވޭ ބައެއް ނުކުތާތައް
- އެބައިމީހުންގެ ޤަދީމީ ވަޠަންކަމަށް ދަޢުވާކުރާ ބިމުގައި، ތާރީޚީ އިންތަކުގެ މަތީގައި ޔަހޫދީ ވެރިކަމެއް ޤާއިމުކުރުން.
- ޔަހޫދީންގެ ދަނޑުވެރިންނާއި އަތްތެރި މަސައްކަތްތައް ކުރާމީހުންނާ އަދި ވިޔަފާރިވެރިން ފަލަސްޠީނުގެ ބިމުގައި ވަރަންވެރިވުމަށް ހިތްވަރުދިނުން.
- ޔަހޫދީންގެ މެދުގައި ޔަހޫދީވަންތަކަމާއި ޤައުމިއްޔަތުގެ ޝުޢޫރު ވަރުގަދަކުރުން.
- ޞުހްޔޫނީންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި މުއައްސަސާތަކާއި ޖަމިއްޔާތައް މެދުވެރިކޮށް ޔަހޫދީން އެއްބައިވަންތަކުރުން.
މި ބައްދަލުވުމުގައި ޔަހޫދީންގެ ދިދައާއި ޤައުމީ ލަވަވެސް ފާސްކުރިއެވެ. އަދި ޞުހްޔޫނީންގެ ނިންމުންތައް ތަންފީޒުކުރާނެ ގޮފިތައް އެކުލަވާލިއެވެ. އަދި ޔަހޫދީން ބިންތައް ގަތުމަށް އެހީވުމުގެ ގޮތުން ޔަހޫދީންގެ ޓްރަސްޓް ފަންޑެއް އެކުލަވާލަންވެސް ނިންމިއެވެ. މިއީ ތިއޯޑޯ ހެޓްޒުލްގެ (Theodor Herzl ގެ) ބެލުމުގެ ދަށުން، ދުނިޔޭގެ ފެންވަރުގައި ޞުހްޔޫނީންގެ ސިޔާސީ ޙަރަކާތްތައް ފަށައިގަތް ގޮތެވެ. މި ބައްދަލުވުން ނިންމާލުމަށް ފަހުގައި އޭނާ ބުނެފައިވެއެވެ.
“ބާޒިލުގެ ކޮންގްރެސް (Basel Congress) ޚުލާޞާކޮށްލާފައި އެއް ލަފްޒުން ބުނާނަމަ، އަހުރެންނަށް ބުނެވޭނީ ބާޒިލުގައި އަހުރެން ޔަހޫދީ ދައުލަތެއް ޤާއިމުކޮށްފީމެވެ. – ނަމަވެސް އަހުރެން ފާޅުގައި މިހެން ނުބުނާނަމެވެ. – މިއަދު އަހުރެން ފާޅުގައި މިހެން ބުނެފިނަމަ ދުނިޔެ އަހުރެންނަށް މަލާމާތްކޮށް ހޭނެއެވެ. ފަހަރެއްގައި ފަސް އަހަރު ފަހުން، ޔަޤީންކަމާއެކު ބުނާނަމަ ފަންސާސް އަހަރު ފަހުން މީސްތަކުންނަށް މި ދައުލަތް ފެނި، (އަހުރެން މި ބުނި ބަސް) ޤަބޫލުކުރެވޭނެއެވެ.”
ދެން އެއަށްފަހުގައި، 1898 ވަނަ އަހަރު ޞުހްޔޫނީންގެ ދެވަނަ ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުމުގައި ވާހަކަ ދެކެވުނީ މުހިންމު ދެ ނުކުތާއެއްގެ މައްޗަށެވެ. އެއީ ޔަހޫދީން ފަލަސްޠީނު އިސްތިޢުމާރުކުރުމާއި ޔަހޫދީންގެ އިސްތިޢުމާރީ ފަންޑެއް ހެދުމެވެ.
މި ބައްދަލުވުމުން ފާހަގަކޮށްލެވެ ބައެއް ކަންކަން
- ޞުހްޔޫނީންގެ ޙަޤީޤީ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ޔަހޫދީންގެ ހިތްތަކުގައި ވަޠަނިއްޔަތާއި ޤައުމިއްޔަތު ވަރުގަދަކުރުމަށް، މިފަދަ ބައްދަލުވުންތަކުގައި ވީހާވެސް ބޮޑަށް މަސައްކަތްކުރުމަށް ނިންމުން.
- ޞުހްޔޫނީންގެ ޙަރަކާތް ދައުލަތަކަށް ހަދާ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެހެން ސަރުކާރުތަކާ އެއް ހަމައެއްގައި މަސައްކަތްކުރެވޭނެ މަގުފަހިކުރުން.
- މި ބައްދަލުވުންތަކުގައި ސިއްރު ޤަރާރުތަކެއް އެކުލަވާލުން.
މި ޤަރާރުތައް މަޝްހޫރުވެގައިވަނީ ޞުހްޔޫނީ ޙިކުމަތްތެރިންގެ ޕްރޮޓޮކޯލުތަކުގެ (The Protocols of the Elders of Zion) ނަމުންނެވެ. މި ލިޔެކިޔުންތައް ޢާންމުވުމުން އެބައިމީހުންވަނީ އެއީ ޞައްޙަ އެއްޗެއް ނޫންކަމާއި އެއީ ޔަހޫދީންނާ ދެކޮޅަށް ބަޔަކު ހަދައިގެން އުޅޭ އެއްޗެއްކަމުގައި ދައްކަން މަސައްކަތްކޮށްފައެވެ. ނަމަވެސް އަދުގެ ދުނިޔޭގައި ޔަހޫދީ ޞުހްޔޫނީ ދަޢުލަތުން ހިންގާ ކަންކަން އިންސާފުގެ ލޮލަކުން ބަލައިފިމީހަކަށް މިކަމުގެ ޙަޤީޤަތް ފަހުމުވާނެއެވެ.
ތިއޯޑޯ ހެޓްޒުލް އަށް ޤަބޫލުކުރެވުނު ގޮތުގައި އެބައިމީހުންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެހެން ބައެއްގެ އެހީ ބޭނުންވާނެއެވެ. އެގޮތުން އޭނާއަށް ވިސްނުނީ އެބައިމީހުންގެ އިސްތިޢުމާރީ ރޭވުންތަކާ، އިނގިރޭސީންގެ އިސްތިޢުމާރީ ސިޔާސަތުތަކާ ދެމެދު އެއްގޮތް ކަންތައްތަކެއް ހުރުމުން، ޞުހްޔޫނީންގެ ޙަރަކާތްތައް އެބައިމީހުންނާ އެކުގައި ކުރިއަށް ގެންދެވިދާނެކަމަށެވެ.
ފަހެ، ޞުހްޔޫނީން ދެކޮޅުވެރިވީ ހަމައެކަނި އިސްލާމީ އުންމަތާއެވެ. އިސްލާމީ އުންމަތް އޭރު އޮތީ ޢުޘްމާނީ ދައުލަތުގެ ވެރިކަމުގެ ދަށުގައެވެ. އެހެންކަމުން ފަލަސްޠީނުވެސް އޮތީ އެ ދައުލަތުގެ ދަށުގައެވެ. ޞުހްޔޫނީން ކުރިމަތިލީ ޢުޘްމާނީ ދައުލަތާއެވެ. އެގޮތުން ފުރަތަމަ ބެލީ ދައުލަތުގެ ވެރިން ހައްލައިލެވޭތޯއެވެ. އެ ދުވަސްވަރަކީ ޢުޘްމާނީ ދައުލަތް ވަރަށް ބޮޑަށް ދަރަނިވެރިވެފައި އޮތް ދުވަސްވަރެކެވެ. އެހެންކަމުން ޔަހޫދީން އެދޭ ކަންތައްތައް ކޮށްދޭނަމަ، ޚާއްޞަކޮށް އެބައިމީހުން ފަލަސްޠީނުގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށްދޭނަމަ، ޢުޘްމާނީ ދައުލަތުގެ ދަރަނީގެ ބޮޑު ބައެއް ދައްކައިދިނުމަށް ތިއޯޑޯ ހެޓްޒުލް ހުށަހެޅިއެވެ. އަދި ސުލްޠާނަށާއި އެ ދައުލަތުގެ އިސް މަޤާމުތަކުގައި ތިބި މީހުންނަށްވެސް ބޮޑެތި ޢަދަދުތަކުން ރިޝްވަތު ހުށަހެޅިއެވެ. ނަމަވެސް ސުލްޠާން ޢަބްދުލްޙަމީދަށް ޔަހޫދީންގެ މަކަރުވެރި ރޭވުން އެނގިވަޑައިގެންނެވިއެވެ. އަދި ޖަވާބުގައި ހެޓްޒުލްއަށް ސުލްޠާން ޢަބްދުލްޙަމީދު ވިދާޅުވިއެވެ.
“ހެޓްޒުލްއަށް ނަސޭޙަތުގެ ގޮތުން ބުނަމެވެ. ތިޔަ މަގުގައި ކުރިއަށް އިތުރު ފިޔަވަޅެއް ނާޅާށެވެ. ފަހެ، އެ ބިމުން (އެބަހީ: ފަލަސްޠީނުގެ ބިމުން) އެންމެ އަކަ ފޫޓެއްވެސް އަހުރެންނަކަށް ދޫކޮށެއް ނުލެވޭނެއެވެ. އެހެނީ އެ ބިމަކީ އަހުރެންގެ އަމިއްލަ ބިމެއް ނޫނެވެ. ނަމަވެސް އެއީ އަހުރެންގެ ޤައުމުގެ މީހުންގެ ބިމެކެވެ. އަހުރެންގެ ޤައުމުގެ މީހުން އެ ބިމުގެ ދިފާޢުގައި ހަނގުރާމަކޮށް އެބައިމީހުންގެ ލެއިން ޤުރުބާންވިއެވެ.”
އެއަށްފަހުގައި، ޔަހޫދީން އެ ބިން ހިފިޔަ ނުދިނުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އެޅުއްވިއެވެ. އެގޮތުން ޤުދުސްއަށް ޒިޔާރަތްކުރާ ޔަހޫދީންނަށް 3 މަސް ދުވަހަށް ވުރެ އިތުރަށް އެ ރަށުގައި މަޑުނުކުރެވޭނެކަމުގައި އެންގެވިއެވެ.
ދެން ޔަހޫދީ ޞުހްޔޫނީން އެބައިމީހުންގެ މަސައްކަތުގެ އުސްލޫބު ބަދަލުކުރިއެވެ. އެގޮތުން އެބައިމީހުން ދެން ކުރިކަމަކީ ހުޅަނގުގެ އިސްތިޢުމާރީ ބާރުތައް މެދުވެރިކޮށް ޢުޘްމާނީ ދައުލަތަށް ބިރުދައްކާ އިންޒާރުދިނުމެވެ. ޚާއްޞަކޮށް އިނގިރޭސިވިލާތާއި ޖަރުމަނުވިލާތް އަދި އޮސްޓްރިއާ މެދުވެރިކޮށެވެ.
ޔަހޫދީން ފަލަސްޠީނަށް ވެރިވެގަތުމަށް ޢުޘްމާނީ ދައުލަތުގެ އެއްބާރުލުން ނުލިބުމުން، ޔަހޫދީ ދައުލަތް ޤާއިމުކުރުމުގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށްޓަކައި އަލްޢަރީޝް (Arish) އާއި ސައިނާ (Sinai Peninsula) އާއި ޤުބްރުޞް (Cyprus) ހޯދުމަށްވެސް އެބައިމީހުން މަސައްކަތް ކުރިއެވެ. ނަމަވެސް އޭގެ ބަދަލުގައި ޔުގަންޑާއާއި ލީބިޔާއާއި ޢިރާޤާއި މޮޒަންބީކާއި ކޮންގޯއާއި މަޑަގަސްކާ ޔަހޫދީންނަށް ހުށަހެޅުނެވެ. މީގެ ތެރެއިން ހެޓްޒުލް އެއްބަސްވީ ސައިނާއާއި އަލްޢަރީޝްއަށެވެ. އެގޮތުން 99 އަހަރަށް އެތަން ލިބޭނެގޮތަށް މިޞްރުގެ ވެރިންނާއެކު އެއްބަސްވުމެއް ހަދާ ސޮއިކުރުމަށް ތައްޔާރުވެފައިވަނިކޮށް ޢުޘްމާނީ ދައުލަތުން އެކަމާ ދެކޮޅަށް މަސައްކަތްކޮށް އެކަން ހުއްޓުވިއެވެ.
ދެން ސީދާ ޢުޘްމާނީ ދައުލަތާ ދެކޮޅަށް ޔަހޫދީ ޞުހްޔޫނީން މަސައްކަތް ފެށިއެވެ. މިކަމުގައި އެބައިމީހުން ކުރި އެއްކަމަކީ ސުލްޠާން ޢަބްދުލްޙަމީދުގެ އަގުވައްޓާލަން މަސައްކަތްކުރުމެވެ. ފަހެ އެބައިމީހުންގެ ނޫސްތަކުގައި ސުލްޠާން ޢަބްދުލްޙަމީދާ ބެހޭގޮތުން ދޮގު ވާހަކަތައް ޝާއިޢުކުރަމުން ދިޔައެވެ. ޢުޘްމާނީ ދައުލަތުގެ ދަށުގައިވި ރަށްތަކުގެ މީހުންގެ ހިތުގައި ސުލްޠާނާމެދު ނަފްރަތު އުފެދެންދެން ޔަހޫދީންގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.
ދެން ޔަހޫދީން ކުރި އަނެއްކަމަކީ އެއް އުންމަތެއްގެ ގޮތުގައި އޮތް އިސްލާމީ ޚިލާފަތުކަމުގައިވާ، ޢުޘްމާނީ ދައުލަތުގެ ތެރޭގައި ޤައުމިއްޔަތުގެ ރޫޙު ދިރުވުމެވެ. މިކަމުގައި އެބައިމީހުން ބޭނުންކުރީ ފްރީމޭސަންރީ ޖަމިއްޔާތަކެވެ. ޔޫރަޕުގެ ޤައުމުތަކުގައި އެބައިމީހުން ބާއްވާ ޙަރަކާތްތަކުގައި ޢަރަބިންނާއި ތުރުކީގެ ޒުވާނުން ބައިވެރިކޮށް އެބައިމީހުންގެ ސިކުނޑިތަކަށް ޤައުމިއްޔަތުގެ ފިކުރު ވައްދާ، އެބައިމީހުންގެ މެދުގައިއޮތް ދީނީ އެއްބައިވަންތަކަމުގެ ރޫޙަށް ވުރެ ޤައުމިއްޔަތުގެ ރޫޙު އިސްކުރުވިއެވެ. ތުރުކީންގެ މެދުގައި ޠޫރާނިއްޔަތާއި (Turanism އާއި) ޢަރަބީންގެ މެދުގައި ޢަރަބިއްޔަތު ފެތުރިއެވެ. އެންމެ ފަހުން ޖަމްޢިއްޔަތުލް އިއްތިޙާދު ވައް ތަރައްޤީ (Committee of Union and Progress) އިން ނުކުމެ ޞުލްޠާން ޢަބްދުލްޙަމީދު މަޤާމުން ދުރުކޮށް، ޢުޘްމާނީ ދައުލަތް ނިމުމަކަށް ގެނައެވެ. އެއީ 1909 ވަނަ އަހަރެވެ. އެކަމުގައި އިސްކޮށް އުޅުނީ ބޭރުފުށުން އިސްލާމުކަން ފާޅުކޮށްގެން ތިބި ޔަހޫދީ ދައުނަމާ (Dönmeh) އިންނެވެ.
ސުލްޠާން ޢަބްދުލްޙަމީދުގެ ވެރިކަން ވެއްޓުމަކީ ޔަހޫދީންނަށް ލިބުނު ކާމިޔާބެކެވެ. ޔަހޫދީން ފަލަސްޠީނުގެ ބިމަށް ވެރިވެގަނެދާނެތީ ސުލްޠާން ޢަބްދުލްޙަމީދު އެޅުއްވި ހަރުކަށި ފިޔަވަޅުތައް ޖަމްޢިއްޔަތުލް އިއްތިޙާދުން އުވާލިއެވެ. އަދި ޔަހޫދީން ފަލަސްޠީނުގެ ބިމަށް ހިޖުރަކުރުމާ ދެކޮޅު މުވައްޒަފުން އެހެން ތަންތަނަށް ބަދަލުކުރިއެވެ. ދެން ޢަރަބި މުސްލިމުން ޢުޘްމާނީންގެ މަޖިލިސްކުރާ ގޭގައި އެކަމާ ދެކޮޅަށް އަޑުއުފުލިއެވެ. އަދި ފަލަސްޠީނުގައި އޭރު ނެރުނު ބައެއް ނޫސްތަކުގައިވެސް އެކަމާ ދެކޮޅަށް ލިޔުންތައް ލިޔުނެވެ. ނަތީޖާއެއްގެ ގޮތުން އެ ނޫސްތައް ބަންދުކުރިއެވެ. ނަމަވެސް އެބައިމީހުން ޔަހޫދީން ހިޖުރަކުރުމާ ދެކޮޅަށް ސުލްޠާން ޢަބްދުލްޙަމީދު ގެންގުޅުއްވި އުޞޫލުތައް އަނބުރާ ގެނައުމަށް ގޮވާލާ މުޒާހަރާ ކުރިއެވެ.
ފަހެ، އޭގެ ފަހުން ޔަހޫދީން ފަލަސްޠީނަށް ހިޖުރަކުރުމުގެ ކަންތައް ކުރިއަށް ދިޔައީ ޖަމްޢިއްޔަތުލް އިއްތިޙާދުގެ ބެލުމުގެ ދަށުންނެވެ. 1897 ވަނަ އަހަރު ފަލަސްޠީނުގައި ތިބީ ފަސްހާސް ޔަހޫދީންނެވެ. 1914 ވަނަ އަހަރާ ހަމައަށް އައި އިރު މި ޢަދަދު 85 ހާހަށް އެރިއެވެ. އޭރުގެ ޢުޘްމާނީންގެ ޙިސާބުތަކުން ދައްކާގޮތުގައި ފަލަސްޠީނުގެ އަހުލުވެރިންގެ ޢަދަދަކީ 689 ހާހެވެ.
އެހެންކަމުން ފަލަސްޠީނުގައި ޔަހޫދީންގެ ދައުލަތް އުފެދުނީ 1909 ވަނަ އަހަރު ސުލްޠާން ޢަބްދުލްޙަމީދުގެ ވެރިކަން ވެއްޓުނު ދުވަހުކަމުގައި ބުނެވިދާނެއެވެ.
މިހާ ހިސާބުން އުފެދޭ ސުވާލަކީ ޞުހްޔޫނީންގެ ދައުލަތެއް ހެދުމަށްޓަކައި އެބައިމީހުން ފަލަސްޠީނު ޚިޔާރުކުރި ސަބަބަކީ ކޮބާ ހެއްޔެވެ؟ މިސުވާލުގެ ޖަވާބު އެބައިމީހުން އަމިއްލައަށް ދީފައިވެއެވެ. 1947 ވަނަ އަހަރު މޮންޓްރިޔާލްގައި ދިން ތަޤުރީރެއްގައި ޔަހޫދީންގެ ބައިނަލްއަޤުވާނީ ކޮންގްރެސްގެ ރައީސް، ނާހޫމް ގޯލްޑްމަން ބުންޏެވެ.
“ޔުގަންޑާ، މަޑަގަސްކާ ނުވަތަ އެނޫން ތަނެއްގައިވެސް ޔަހޫދީންނަށް ޔަހޫދީންގެ އަމިއްލަ ވަޠަނެއް ހެދުނީހެވެ. ނަމަވެސް އެބައިމީހުން ފަލަސްޠީން ނޫން ތަނެއް ބޭނުމެއް ނުވެއެވެ. އެއީ ދީނީ ސަބަބެއް އޮވެގެން ނުވަތަ ތައުރާތުގައި އެކަމަށް އިޝާރާތްކޮށްފައި އޮވެގެނެއް ނޫނެވެ. އަދި ޑެޑްސީގެ ލޮނުފެނުން ފަސް ޓްރިލިއަން ޑޮލަރުގެ ލޮނާއި އެހެން މަޢުދަންތައް ލިބޭނެތީއެއްވެސް ނޫނެވެ. އަދި އެމެރިކާގެ ދެ އެމެރިކާގައި ހުރިވަރަށް ވުރެ 20 ގުނަ އިތުރު ޕެޓްރޯލު ފަލަސްޠީނުގެ ބިމުގައި ހުރުމުންނެއްވެސް ނޫނެވެ. ނަމަވެސް ފަލަސްޠީނަކީ ޔޫރަޕާއި އޭޝިޔާއާއި އެފްރިކާ ގުޅުވައިދޭ މަގެވެ. ފަހެ ފަލަސްޠީނަކީ ދުނިޔޭގެ ސިޔާސީ ބާރުގެ ޙަޤީޤީ މަރުކަޒެވެ. އަދި ދުނިޔެ ކޮންޓުރޯލުކުރުމަށް ބޭނުންވާ އަސްކަރީ ސްޓްރެޓެޖިކް މަރުކަޒެވެ.”
މިއީ ޢިސްތިޢުމާރީން ބޭނުންވާ ކަންކަން ޙާޞިލުކުރުމާ އެކުގައި ޞުހްޔޫނީންގެ ލަނޑުދަނޑިތައް ޙާޞިލުކުރިގޮތުގެ ޚުލާޞާއެކެވެ.
=ނުނިމޭ=
_______________
މަޞްދަރު: حاضر العلم الإسلامي وقضاياه المعاصرة لد. جميل عبد الله محمد المصري