ތިންވަނަ މަރުޙަލާ: މަކަރުވެރި، ސިއްރު ރޭވުންތަކާއި ކެހިވެރި މަސައްކަތްތައް ކުރުން (1914 – 1918)
މި މަރުޙަލާއަކީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. އެ ހަނގުރާމަ ކުރެވުނީ ގުޅިފައިވާ ބާރުތަކަކާއި (Allied Powers އާއި) މަރުކަޒީ ބާރުތަކެއްގެ (Central Powers ގެ) މެދުގައެވެ.
ގުޅިފައިވާ ބާރުތަކަކީ: އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި، ރޫސީވިލާތެވެ. ފަހުން އިޓަލީއާއި އެމެރިކާއިން މިބައިމީހުންނާ ގުޅުނެވެ. އަދި މީލާދީން 1917 ވަނަ އަހަރު ރޫސީވިލާތުގެ ކޮމިއުނިސްޓު އިންޤިލާބަށް ފަހު އެބައިމީހުން ހަނގުރާމައިން ވަކިވިއެވެ.
މަރުކަޒީ ބާރުތަކަކީ: ޖަރުމަނުވިލާތާއި އޮސްޓްރިއާއެވެ. އަދި އެބައިމީހުންނާ ބައިވެރިވީ ތުރުކީގެ ޖަމިއްޔަތުލް އިއްތިޙާދެވެ.
މި ހަނގުރާމައިގެ ތެރޭގައި ޔަހޫދީ ޞުހްޔޫނީން އުޅުނީ ފަހަރަކު ޤައުމެއްގެ ފަހަތުން ޖާސޫސްކުރުމާއި އެބައިމީހުންގެ ރޭވުންތަކަށް ފަންޑުހޯދުމާއި ޕްރޮޕެގެންޑާ ފެތުރުމުގައެވެ. އަދި ކޮންމެ ބައެއްގެ ގާތުގައި ވަކިވަކި ވަޢުދުތައްވުމުގައެވެ. އެބައިމީހުން ބޭރުފުށުން ދައްކަމުން ދިޔައީ ވަކިކޮޅަކަށް ނުޖެހި ތިބިކަމަށެވެ. އެގޮތުން ބާރލިންގައި ހުރި އެބައިމީހުންގެ މައި މަރުކަޒު ކޯޕަންހޭގަންއަށް ބަދަލުކުރިއެވެ. އަދި 1917 ވަނަ އަހަރު ރޫސީވިލާތުގައި ގެނައި ކޮމިއުނިސްޓު އިންޤިލާބަކީ ޔަހޫދީ ޞުހްޔޫނީންނަށް ލިބުނު ކާމިޔާބެއްކަމަށް އެބައިމީހުން ދެކެއެވެ. އެއީ ކުރިން އެބައިމީހުން ޢުޘްމާނީ ދައުލަތް ވައްޓާލުމަށް މަސައްކަތްކުރި ފަދައިންނެވެ.
ހަނގުރާމައިގެ ކުރީކޮޅުގައި، އިނގިރޭސި ޞުހްޔޫނީއެއްކަމުގައިވާ ހާބަޓް ސެމިއުލް (Herbert Samuel)، އިނގިރޭސީންގެ ބެލުމުގެ ދަށުން ފަލަސްޠީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް ޤާއިމުކުރުމުގެ ޚިޔާލު އިނގިރޭސި ސަރުކާރަށް ހުށަހެޅިއެވެ. އަދި އިނގިރޭސީންގެ ދަށަށް ފަލަސްޠީނު ގެނެސް، އެތަނުގައި 3 ނުވަތަ 4 މިލިއަން ޔަހޫދީން ވަޒަންވެރިކުރުވުމަށްވެސް އޭނާ ގޮވާލިއެވެ. އަދި އެކަން ކުރާނެ ގޮތުގެ ތަފްޞީލުތައް ބަޔާންކޮށްދީ “The Future of Palestine” ގެ ނަމުގައި ލިޔުމެއް އިނގިރޭސި ކެބިނެޓަށް ހުށަހެޅިއެވެ. މި ލިޔުމަކީ ބަލްފޯރގެ ވަޢުދު (Balfour Declaration) އަށް މަގުފަހިކޮށްދިން އެންމެ މުހިންމު އެކައްޗެވެ. ބަލްފޯރގެ ވަޢުދު (Balfour Declaration) ގައި ވަނީ މިފަދައިންނެވެ.
“ޢިއްޒަތްތެރި ސާހިބާ ރޮތްސްޗައިޑް (Lord Rothschild) އަށް،
ޔަހޫދީ ޞުހްޔޫނީންގެ އެދުންތަކާމެދު ހަމްދަރުދީވެ، އެބައިމީހުން ހުށަހަޅާފައިވާ ކަންތައްތައް ކެބިނެޓަށް ހުށަހެޅުމުން އެތަނުން އެކަން ބަލައިގަތުމުން، ރަސްގެފާނުގެ ސަރުކާރުގެ ނަމުގައި، އެކަން ތިޔަ ފަރާތަށް އެންގެވުމުގެ އުފާ، އަޅުގަނޑު ލިބިގަންނަމެވެ.
“ފަލަސްޠީނުގައި ޔަހޫދީންނަށް ޤައުމީ ވަޠަނެއް ޤާއިމުކުރުމާމެދު ރަސްގެފާނުގެ ސަރުކާރުން ރުހެއެވެ. އަދި މިކަން ޙާޞިލުކުރުމަށް އެހީތެރިވުމުގެ ގޮތުން އެބައިމީހުންނަށް ކޮށްދެވެން ހުރި ހުރިހާކަމެއް ކޮށްދޭނެއެވެ. ހަމައެއާއެކު، ފަލަސްޠީނުގައި ތިބި ޔަހޫދީން ނޫން މުޖުތަމަޢުތަކުގެ މީހުންގެ މަދަނީ އަދި ދީނީ ޙައްޤަކަށް އެއްވެސް އުނިކަމެއް ލިބިދާނެކަމެއް އަދި އެއްވެސް ޤައުމެއްގައި ތިބި ޔަހޫދީންގެ ޙައްޤަކަށް ނުވަތަ ސިޔާސީ މަޤާމަކަށް ބުރޫއަރާފާނެކަމެއް (ރަސްގެފާނުގެ ސަރުކާރުން) ނުކުރާނެކަން ދަންނާށެވެ.”
މި ވަޢުދު ޞުހްޔޫނީންގެ ޖަމާޢަތަށް (Zionist Federation އަށް) އަންގަވައިދެއްވުމަކީ އަޅުގަނޑު ވަރަށް އުފާކުރާނެކަމެކެވެ.”
މިއި 2 ނޮވެމްބަރު 1917 ގައި އިނގިރޭސި ޚާރިޖީ ވަޒީރު އާތަރ ޖޭމްސް ބަލްފޯރ (Arthur James Balfour) ސޮއިކޮށް ޞުހްޔޫނީންނަށް ފޮނުވާފައިވާ ލިޔުމެކެވެ.
މިއީ ދުނިޔޭގެ ތާރީޚުގައި، ޤައުމުތަކާއި ސަރުކާރުތަކުގެ މެދުގައި ބަދަލުކުރެވުނު ލިޔުންތަކުގެ ތެރެއިން އެންމެ އާދަޔާޚިލާފު ލިޔުންކަން ކަށަވަރެވެ. އިސްތިޢުމާރީ ބާރަކުން، އެބައިމީހުންނަށް މިލްކުވެގެން ނުވާ ބިމަކުން، އެ ބިމުގެ އަހުލުވެރިން އެތަނުގައި ތިއްބާ، އެހެން ބަޔަކަށް ހިބަކޮށްދޭނީ ކިހިނެތް ހެއްޔެވެ؟ މިއީ ބަޔަކު މީހުން ހިންގާފައިވާ ބޮޑުވެގެންވާ ޖަރީމާއެއްކަން ކަށަވަރެވެ. ބަލްފޯރ ވަޢުދުވީއިރު ފަލަސްޠީނުގެ ބިން އެއްކޮން އިނގިރޭސީންގެ ބާރުގެ ދަށަށް ގެނެވިފައި ނުވެއެވެ. އަދި އެއީ ޢުޘްމާނީ ދައުލަތާ ދެކޮޅަށް ނުކުތް ޢަރަބީން، ފައިޞަލް ބުން ޙުސައިން އަލްހާޝީމީގެ ޤިޔާދަތުގައި ލައުރެންސް (Thomas Edward Lawrence) އާއެކު އިނގިރޭސީންނަށް އެހީވުމަށް ފަލަސްޠީނަށް ދިއުމުގެވެސް ކުރިންނެވެ.
އޭގެ ތިރީހަކަށް އަހަރު ފަހުން އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީކަން ކުރި އާނެސްޓް ބެވިން (Ernest Bevin) ވަނީ ބަލްފޯރގެ ވަޢުދާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާ ފާހަގަކޮށްފައިވާ އެއް ނުކުތާއަކީ ބަލްފޯރގެ ވަޢުދުގައި ތަޢާރުޟުވާ ދެކަމެއް ވާކަމެވެ. އެއީ ފަލަސްޠީނަށް ހިޖުރަކުރުމަށް ޔަހޫދީންނަށް ހިތްވަރުދިނުމާ އެކުގައި، ހިޖުރަކުރާ ޔަހޫދީންގެ ކިބައިން އެ ބިމުގެ އަޞްލު ވަޒަންވެރިން ޙިމާޔަތްކުރުމެވެ. މި ދެކަންތައް އެއް ހަމައެއްގައި ޙާޞިލުކުރުމަކީ ކުރަން ފަސޭހަކަމެއް ކަމުގައި އޭނާއަކަށް ޤަބޫލެއް ނުކުރެވުނެވެ.
ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިނގިރޭސީން ފުރަތަމަ ފަހަރަށް ޤުދުސަށް ވަނީ ބަލްފޯރގެ ވަޢުދު އިޢުލާނުކުރިތާ 6 ހަފްތާ ފަހުން، 1917 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. އެ ލަޝްކަރުގެ ޤާއިދަކަށް ހުރީ ޖެނެރަލް އެލެންބީ (Edmund Allenby) އެވެ. އެދުވަހު އޭނާ ބުންޏެވެ.
“ޞަލީބީންގެ ހަނގުރާމަ މިއަދު މި ނިމުނީއެވެ.”
އޭނާގެ މި ބަހުން ދޭހަކޮށްދެނީ ބަލްފޯރގެ ވަޢުދާ ޞަލީބީންގެ ހަނގުރާމައާ ހުރި ގުޅުމެވެ. ނުވަތަ ޞުހްޔޫނީންނާއި އިސްތިޢުމާރީންނާ ހުރި ގުޅުމެވެ. މުސްލިމުންގެ ބާރުކަނޑުވާލާ، އެބައިމީހުން ނިކަމެތިކޮށްލުމަކީ ޔަހޫދީންނާއި ނަޞާރާއިންވެސް އެންމެ ބޭނުންވާ އެއް ކަންތަކެވެ.
އެހެންކަމުން ދެން މިބަލާލަނީ ޞުހްޔޫނީންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އެބައިމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އިނގިރޭސީން ބޭނުންވި ސަބަބުތަކަށެވެ.
- މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ އިނގިރޭސީންގެ ސިޔާސީ މަޞްލަޙަތުތަކާއި އިސްލާމީ ޤައުމުތަކާމެދު އެބައިމީހުން ރާވާފައިވާ ރޭވުންތަކެވެ. ފަލަސްޠީނަކީ އިނގިރޭސީންގެ އިސްތިޢުމާރީ ޙަރަކާތްތަކުގައި މުހިންމު ތަނެކެވެ. އެއީ ދުނިޔޭގެ ހުރިހާ ބައްރުތައް ގުޅުވާލަދޭ މަރުކަޒެކެވެ. އެހެންކަމުން އިނގިރޭސީން ދެކުނީ އެބައިމީހުންގެ ދަށުގައި ޔަހޫދީން ފަލަސްޠީނުގެ ބިމަށް ޖަމާކުރުމަކީ:
– އެބައިމީހުން އިންޑިއާއަށް ދަތުރުކުރާ މަގު އަމާންވެގެންދާނެ ކަމެއް ކަމުގައެވެ. އިންޑިއާއަކީ އޭރު އެބައިމީހުންގެ ވެރިކަމުގެ އެއް މަރުކަޒެވެ.
– އަދި ސުވޭޒް ކެނަލް ކޮންޓޮރޯލުކުރަންވެސް ފަސޭހަވާނެކަމެއް ކަމުގައެވެ.
– އަދި އޭޝިޔާއާއި އެފްރިކާގައި މުސްލިމުން އެއްބައިވަންތަވުން ހުއްޓުވޭނެކަމެއް ކަމުގައެވެ.
– އަދި ޢަރަބި ދުނިޔެއާއި އިސްލާމީ ދުނިޔެ މަޝްޣޫލުކުރެވޭނެކަމެއް ކަމުގައެވެ.
އިނގިރޭސީންގެ ވެރިންވަނީ މި ވާހަކަތައް ތަކުރާރުކޮށް ދައްކާފައެވެ. އެގޮތުން 1907 ވަނަ އަހަރު ބޭއްވުނު އިމްޕީރިއަލް ކޮންފަރެންސްގައި ކޭމްޕްބެލް (Henry Campbell-Bannerman) ވަނީ މި ސަރަހައްދަކީ އިނގިރޭސީންނަށް ވަރަށް މުހިންމު ތަނެއްކަމާއި އެ ތަނުގައި އިނގިރޭސީންގެ ބާރު އޮތުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަދައްކާފައެވެ. އަދި ވިންސްޓަން ޗާޗިލް (Winston Churchill) ވެސް އޭނާގެ ލިޔުންތަކުގައި މިމޭރުމުން ވާހަކަދައްކާފައިވެއެވެ.
އެބައިމީހުންގެ މަސައްކަތް މައިގަނޑު ގޮތެއްގައި ބިނާކުރީ އިސްލާމްދީނަކީ އެބައިމީހުންނަށް އޮތް އެންމެ ބޮޑު ނުރައްކާކަމަށް ބަލައިގެންނެވެ. އެގޮތުން އެބައިމީހުންގެ އިސްތިޢުމާރީ ޙަރަކާތުގެ ތެރެއިން، އިސްލާމީ އުންމަތް ބައިބަޔަށް ބަހާލާ ކުދިކުދި ދައުލަތްތަކެއް އުފަންކުރުވިއެވެ. އަދި ހުޅަނގުގެ ނަޞާރާއިންނާއި ޔަހޫދީންގެ ކުރިމަތީގައި، މުސްލިމުންގެ ބަދަހި ސަފުތައް ބައިބައިކޮށް، އެބައިމީހުންގެ އެއްބައިވަންތަކަން ނެތިކޮށްލާ ވިއްސިވިހާލިކޮށްލިއެވެ.
- ފުރަތަމަ ބޮޑު ހަނގުރާމައިގައި ގުޅިފައިވާ ބާރުތަކުގެ ބާރު ކެނޑެން ފެށުމުން އިނގިރޭސިވިލާތުން ބޭނުންވީ އެމެރިކާގެ ތާއީދު ހޯދާ، ގުޅިފައިވާ ބާރުތަކާއެކުގައި އެބައިމީހުން ހަނގުރާމައިގެ ތެރެއަށް ވައްދާށެވެ. އެގޮތުން އެމެރިކާއިން ހަނގުރާމައިގެ ތެރެއަށް ވަނީ 1917 ވަނަ އަހަރުގައެވެ. ޞުހްޔޫނީންނަށް މިކަން ފެނުނީ ފަލަސްޠީނުގެ މައްޗަށް ގަދަވެގަތުމަށް އެބައިމީހުން ކުރަމުންދާ މަސައްކަތުގައި ކުރިއަށް ދިއުމަށް ހުޅުވުނު ދޮރެއްގެ ގޮތުގައެވެ.
- ޔަހޫދީ ބަޔޯކެމިސްޓެއް (Biochemist) ކަމުގައިވާ ޑރ. ވެއިޒްމަން (Dr. Chaim Weizmann)، ހަނގުރާމައިގެ ދުވަސްވަރު ދުންނާރާ ބަޑިބޭހެއް ހެދުމަށް ބޭނުންކުރާ މާއްދާއެއްކަމުގައިވާ އެސެޓޯން (Acetone) ގިނަ އަދަދަކަށް އުފައްދާނެ ގޮތް (ferment ކުރާ ގޮތް) ހޯދިއެވެ. މިކަމުގެ ސަބަބުން އޭނާއަށް އިނގިރޭސީންގެ ތާއީދު ލިބުނެވެ. އަދި އެބައިމީހުންގެ މުހިންމު ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތުވެސް އޭނާއަށް ލިބިގެން ދިޔައެވެ.
އޭނާގެ ޚިދުމަތުގެ އަގުވަޒަންކޮށް އިނގިރޭސީން އޭނާ އަށް “މެޑަލް އޮފް އޮނަރ” (Medal of Honor) ދިނުމުން އޭނާ އެ ބަލައެއް ނުގަތެވެ. އޭގެ ބަދަލުގައި އޭނާ އެދުނީ ޔަހޫދީންނަށް ކަމެއްކޮށްދިނުމަށެވެ. އެގޮތުން ފަލަސްޠީނުގައި ޔަހޫދީންނަށް ދައުލަތެއް ހަދައިދިނުމަށް އޭނާ އެދުނެވެ. އަދި ސާޅީސް ހާހާއި ފަންސާސް ހާސް ޔަހޫދީން އެތަނަށް ހިޖުރަކުރުމަށް ހިތްވަރުދިނުމަށްވެސް އެދުނެވެ. މިކަމުގައި އޭނާއަށް އެންމެ ބޮޑަށް އެހީވީ އިނގިރޭސިވިލާތުގެ ސިޔާސީ ލީޑަރެއްކަމުގައިވާ އޯމްސްބީ (William Ormsby-Gore) އެވެ.
ވެއިޒްމަން (Chaim Weizmann) އަކީ ފަލަސްޠީނުގައި “އިޒްރޭލު” (Israel) ގެ ނަމުގައި ރަސްމީކޮށް ޔަހޫދީންގެ ދައުލަތެއް އިޢުލާންކުރުމަށް ފަހުގައި އެދައުލަތުގެ ފުރަތަމަ ރައީސެވެ.
=ނުނިމޭ=
_______________
މަޞްދަރު: حاضر العلم الإسلامي وقضاياه المعاصرة لد. جميل عبد الله محمد المصري