ހަތަރުވަނަ މަރުޙަލާ: އިނގިރޭސި ޞުހްޔޫނީން ފަލަސްޠީނު ޔަހޫދީންގެ ތަނަކަށް ހެދުމަށް މަސައްކަތްކުރުން (1918 – 1939)
މި މަރުޙަލާއަކީ ޞުހްޔޫނީންނާއި އިސްތިޢުމާރީ ބާރުތައް ގުޅިގެން ޢުޘްމާނީ ދައުލަތް ވައްޓާލާ، އެބައިމީހުންގެ ބާރު އެއްކޮށް ކަނޑުވާލި މަރުޙަލާއެވެ. އޭރު ޢަރަބިންގެ ބިންތަކުގެ ތެރެއިން ޝާމްކަރައާއި ޢިރާޤުގެ ރަށްތައް އޮތީ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ އިސްތިޢުމާރީ ބާރުގެ ދަށުގައެވެ. އަދި އިނގިރޭސިވިލާތާ ގުޅިފައިވާ ބާރުތަކުން ބަލްފޯރގެ ވަޢުދު ބަލައިގަތެވެ. އެއާއެކު އެބައިމީހުން ޢަރަބިންނަށް ވަޢުދުތައްވެ، އެ ވަޢުދުތަކާ ޚިލާފުވަމުން ދިޔައެވެ. ބަލްފޯރގެ ވަޢުދަށް ފަހުގައި، އިނގިރޭސީންގެ ސިޔާސަތުތައް ބައްޓަންކުރަމުން ދިޔައީ އެ ވަޢުދުގެ މައްޗަށް ބިނާކޮށެވެ.
އެ ދުވަސްވަރު، ޢަރަބި ރަށްތަކާއި އެހެނިހެން އިސްލާމީ ރަށްތައް މަޝްޣޫލުވެފަވީ އެބައިމީހުންގެ އަމިއްލަ މައްސަލަތަކުގައެވެ. އެހެންކަމުން ފަލަސްޠީނުގެ ކަންތަކާ އުޅުނީ އިނގިރޭސީންނާއި ޞުހްޔޫނީންނެވެ.
ފުރަތަމަ ބޮޑު ހަނގުރާމަ ނިމުމަކަށް ގެނެސް، ހަނގުރާމައިގެ ބައިވެރިން ޞުލްޙައިގެ އެއްބަސްވުމުގައި (Treaty of Versailles ގައި) ސޮއިކުރީ މީލާދީން 1919 ވަނަ އަހަރެވެ. އަދި ޢުޘްމާނީ ދައުލަތުން ފަރަންސޭސިވިލާތާއެކު އެއްބަސްވި ސެފްރަސްގެ މުޢާހަދާގައި (Treaty of Sèvres ގައި) ސޮއިކުރީ 1920 ވަނަ އަހަރެވެ. އޭރު ޢުޘްމާނީ ދައުލަތް އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އޭގެ ފަހުން ސީރިޔާގެ އުތުރު ފަރާތުގެ ރަށްތައް އޮތީ ފަރަންސޭސިވިލާތުގެ ނުފޫޒުގެ ދަށުގައެވެ. އަދި ސީރިޔާގެ ދެކުނު ފަރާތުގެ ރަށްތަކާއި ޢިރާޤާއި އުރުދުނުގެ އިރުމަތީ ފަރާތުގެ ރަށްތައް (Transjordan) އޮތީ އިނގިރޭސިވިލާތުގެ ނުފޫޒުގެ ދަށުގައެވެ. ދެން ސެފްރަސްގެ މުޢާހަދާގެ ބަދަލުގައި 1923 ވަނަ އަހަރު ލައުޒާންގެ މުޢާހަދާގައި (Treaty of Lausanne ގައި) ސޮއިކުރިއެވެ. މިއީ މުޞްޠަފާ ކަމާލު އަތާތުރުކު ކާމިޔާބު ހޯދި ކަންކަމުގެ ތެރެއިން ކަމެކެވެ. މި މުޢާހަދާގެ ސަބަބުން ޢަރަބިންގެ ރަށްތަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ.
މި މުޢާހަދާގެ ކުރިން 1920 ވަނަ އަހަރު އޮތް ސޭން ރީމޯ ކޮންފަރެންސްގައި (San Remo conference ގައި) ޝާމްކަރައާއި ޢިރާޤުގެ ރަށްތައް ވަނީ އިނގިރޭސީންނާއި ފަރަންސޭސީންގެ މެދުގައި ބަހާފައެވެ. ފަލަސްޠީނު ދިޔައީ އިނގިރޭސީންގެ ދަށަށެވެ. އަދި ފަލަސްޠީނު ވެގެން ދިޔައީ Mandatory Palestine އަށެވެ. ދެން އެ ހިސާބުން ފެށިގެން ބަލްފޯރގެ ވަޢުދު ތަންފީޒުކުރުމުގެ މަސައްކަތް ފެށިއްޖެއެވެ. އަދި 1920 ވަނަ އަހަރު ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔޭގައި ޞުލްޙަ ޤާއިމުކުރުމުގެ ގޮތުން އުފެއްދި “ލީގް އޮފް ނޭޝަންސް” (League of Nations) އިން 1922 ވަނަ އަހަރު ވަނީ ރަސްމީކޮށް ބަލްފޯރގެ ވަޢުދަށް އެއްބަސްވެފައެވެ.
1897 ވަނަ އަހަރު ބޭއްވުނު ޞުހްޔޫނީންގެ ބައްދަލުވުމުގައި ހެޓްޒުލްގެ ބެލުމުގެ ދަށުގައި އުފެއްދުނު World Zionist Organization ގެ ދަށުން ޔަހޫދީންގެ އެހެނިހެން މުއައްސަސާތަކާއި ޖަމިއްޔާތައް އެކި ދުވަސްވަރު އުފެދެމުން ދިޔައެވެ. އެގޮތުގެ މަތިން މި މަރުޙަލާގައި ޔަހޫދީން ފަލަސްޠީނުގައި ވަޒަންވެރިވުމުގެ ކަންކަމުގައި ރަސްމީގޮތެއްގައި އެންމެ އިސް ރޯލެއް އަދާކުރި ވެއިޒްމަން (Chaim Weizmann) އިސްވެހުރެ 1918 ވަނަ އަހަރުZionist Commission for Palestine ގެ ނަމުގައި ކޮމިޝަނެއް ހެދިއެވެ. އަދި ފަލަސްޠީނުގައި ޔަހޫދީންގެ ދައުލަތެއް ޤާއިމުކުރުމަށް އިނގިރޭސީންނާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް މި ކޮމިޝަން މެދުވެރިކޮށް ކުރިއަށް ގެންދިޔައެވެ.
އިނގިރޭސީންގެ ލަނޑުލަނޑިތައް ޙާޞިލުކުރުމަށްޓަކައި މި މަރުޙަލާގައި ފަލަސްޠީނުގައި އިނގިރޭސީން ކުރި ފާހަގަކޮށްލެވޭ ބައެއް ކަންކަމަކީ:
- ޔަހޫދީން ފަލަސްޠީނުގެ ބިމަށް ހިޖުރަކުރަން ހިތްވަރުދިނުން.
1919 ވަނަ އަހަރު ފަލަސްޠީނުގައި ތިބީ 55،000 ޔަހޫދީންނެވެ. 1925 ވަނަ އަހަރު އެ އަދަދު 108،000 އަށް އިތުރުވިއެވެ. އޭގެ 10 އަހަރު ފަހުން 1935 އަހަރު ޔަހޫދީންގެ އެ އަދަދު 300،000 އަށް އެރިއެވެ. އަދި 1948 ވަނަ އަހަރު 650،000 އަށް އެރިއެވެ. ފަލަސްޠީނުގެ އަހުލުވެރިންނަށް ފެނުނީ ސައިލު ދެމިގެން އައިސް އެ ނުހުއްޓުވެނީސް ރަށު ތެރޭ ފެންބޮޑުވާހެން، ބީރައްޓެހިންތަކެއް އައިސް އެބައިމީހުންގެ ރަށްތައް ފުރާލި ތަނެވެ.
އެ ދުވަސްވަރަކީ ފަލަސްޠީނުގެ ރަށްވެހިކަން ހޯދުމުގައި މުސްލިމުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ދުވަސްވަރެކެވެ. ނަމަވެސް ފަލަސްޠީނުން ބިމެއް ލިބުމުގެ ކުރިން ޔަހޫދީންނަށް އެތަނުގެ ރަށްވެހިކަން އެދުވަސްވަރު ލިބެމުން ދިޔައެވެ.
- ފަލަސްޠީނުގެ ބިންތައް ޔަހޫދީންގެ ބާރުގެ ދަށަށް ގެންދިއުމަށް ހިތްވަރުދިނުން.
ވެއިޒްމަންގެ އެދުމުގެ މަތިން ފަލަސްޠީނުގެ ބިމުން ދަނޑުވެރިކަން ކުރުމަށް އެންމެ ރަނގަޅު ބިންތައް އިނގިރޭސީން ޔަހޫދީންނަށް ދިނެވެ. އޭގެ ތެރޭގައި ބީސާން (Beit She’an) އާއި އަލްބީރާ (Al-Bireh) އަދި ޤައިޞަރިއްޔާ (Caesarea) ގެ ބިންތައް ހިމެނެއެވެ. މިކަންކަމުގައިވެސް ވެއިޒްމަންއަށް އެންމެ ބޮޑަށް ވާގިވެރިވަމުން ދިޔައީ އޯމްސްބީ (William Ormsby-Gore) އެވެ. ފަލަސްޠީނުގެ ދަނޑުވެރިކަމުގެ މައްޗަށް ޔަހޫދީން އަތްގަދަކުރަމުން ދިޔައީ އިނގިރޭސީންގެ އެއްބާރުލުމާ އެކުގައެވެ. ޔަހޫދީ ދަނޑުވެރިން ފަލަސްޠީނުގައި ވަޒަންވެރިވެ، އެ ބިންތަކަށް ވެރިވެގަތެވެ. އެބައިމީހުންގެ ބަހުންނަމަ އެއީ “agricultural settlements” އެވެ. އެގޮތުގެ މަތިން ޔަހޫދީންގެ ޓްރަސްޓް ފަންޑެއް ހަދާ، އެބައިމީހުންގެ ޖަމިއްޔާތަކާއި މުއައްސަސާތަކުން ފަލަސްޠީނުގެ ބިންތައް ގަނެ ޔަހޫދީންނަށް ބަހަމުން ދިޔައެވެ.
- Jewish Agency އިން ރާވާފައިވާ ކަންތައްތައް ތަންފީޒުކުރުމުގައި އެބައިމީހުންގެ ބައިވެރިވުން.
ޔަހޫދީންގެ ރޭވުންތަކަށް ޢަމަލީ ސިފައެއް އަންނަން ފެށުމުން ފަލަސްޠީނުގައި ދައުލަތެއްގެ ތެރޭގައި ދައުލަތެއް އުފެދިގެން ދިޔައެވެ. އެގޮތުން ފަލަސްޠީނުގައި އޮތް އިނގިރޭސީންގެ ވެރިކަމުގެ އިދާރީކަންކަން ޔަހޫދީންނާ ނުވަތަ ޞުހްޔޫނީންނަށް ވާގިވެރިވާ މީހުންނާ ހަވާލުކުރަން ފެށިއެވެ. އަދި އިނގިރޭސީންގެ ފުރިހަމަ އެއްބާރުލުމާއެކު ޔަހޫދީން ފަލަސްޠީނުގެ ބިމުގައި އެބައިމީހުން އަމިއްލަވަންތަކަން ފަތުރާ، އެކަންކަން ކުރިއަރުވަމުން ދިޔައެވެ.
މިހެން މިކަން ހިނގަމުންގޮސް، ދެވަނަ ބޮޑު ހަނގުރާމަ ނިމުނުއިރު، ބަލާމީހަކަށް ފެންނަން އޮތީ ފަލަސްޠީނުގައި ޔަހޫދީންގެ މުސްތަޤިއްލު ވެރިކަމެއްކުރާ ތަނެވެ. އިޤްތިޞާދު ކޮންޓުރޯލުކުރަމުން ދިޔައީ ޔަހޫދީންނެވެ. އެބައިމީހުންގެ އަމިއްލަ ހޮސްޕިޓަލުތައް ހުއްޓެވެ. އިޖުތިމާޢީ ޚިދުމަތްދޭ އެބައިމީހުންގެ އަމިއްލަ ތަންތަން ހުއްޓެވެ. އެބައިމީހުން މަދަރުސާތައް ހުއްޓެވެ. އަދި ޔަހޫދީން ހިންގާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެބައިމީހުނަށް ޖާސޫސްކޮށްދޭ ބައެއްކަމުގައި ވިއެވެ. އަދި ހަމައެއާއެކު، އެބައިމީހުންގެ އަމިއްލަ އަސްކަރިއްޔާއެއްފަދަ ޖަމާޢަތެއް އޮތެވެ. އެއީ Haganah އެވެ.
- ފުރަތަމަ ފަހަރަށް ފަލަސްޠީނަށް ހައިކޮމިޝަނަރެއް ފޮނުވުން.
1920 ވަނަ އަހަރު އިނގިރޭސީންގެ ފަރާތުން، ފުރަތަމަ ފަހަރަށް ފަލަސްޠީނަށް ހައިކޮމިޝަނަރެއް ފޮނުވިއެވެ. އެއީ ހާބަޓް ސެމިއުލް (Herbert Samuel) އެވެ. އެއީ ސީދާ އޭނާގެ ބެލުމުގެ ދަށުން އެމީހުންގެ ޖަރީމާތައް ކުރިއަށް ގެންދިއުމަށެވެ. އޭނާއަކީ 1916 ވަނަ އަހަރު އިނގިރޭސިވިލާތުގެ ހޯމް ސެކްރެޓަރީއެވެ. ނުވަތަ ދާޚިލީ ވަޒީރެވެ. އޭނާއަކީ ޔަހޫދީ ޞުހްޔޫނީއެކެވެ. އަދި އޭނާއަކީ ފަލަސްޠީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް ޤާއިމުކުރުމުގެ ޚިޔާލު، ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ސަރުކާރަށް ހުށަހެޅި ފަރާތެވެ. އެކަން ކުރާނެ ގޮތުގެ ތަފްޞީލުތައް ބަޔާންކޮށްދީ “The Future of Palestine” ގެ ނަމުގައި ލިޔުމެއް އޭނާވަނީ އެ ދުވަސްވަރު އިނގިރޭސި ކެބިނެޓަށް ހުށަހަޅާފައެވެ.
އެހެންކަމުން އޭނާ ފަލަސްޠީނުގައި ހުރި ދުވަސްވަރު މުސްލިމުންނާ ދެކޮޅަށް ވަރަށް ގިނަ ކަންތައްތައް ކުރިއެވެ. އަދި ޔަހޫދީންގެ ދައުލަތް ޤާއިމުކުރުމަށް ކުރަންޖެހޭ ކަންކަމުގައި އެބައިމީހުންނަށް ވާގިވެރިވިއެވެ. ސެމިއުލް ފަލަސްޠީނަށް ދިޔައިރު އެތަނުގައި އިނގިރޭސީންގެ ފަރާތުން ޗީފް އެޑްމިނިސްޓްރޭޓަރަކަށް ހުރީ ޖެނެރަލް ލޮއިސް ބޯލްޒް (Louis Bols) އެވެ. އޭނާވަނީ ހައިކޮމިޝަނަރުގެ މަޤާމަށް ސެމިއުލް އައްޔަނުކުރުމުން އެކަމަށް ދެކޮޅުހަދާ، އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައި ބުނެފައެވެ.
- ޢިބްރީ (Hebrew) ބަހަކީވެސް ފަލަސްޠީނުގެ ރަސްމީ ބަހެއްކަމެއްކަމުގައި ބަލައިގަނެ، ޢިބްރާއީންގެ ޖާމިޢާއެއް ފަލަސްޠީނުގައި ހުޅުވުން.
ހާބަޓް ސެމިއުލް (Herbert Samuel) ފަލަސްޠީނުގައި ހުރި ދުވަސްވަރުގައި އޭނާވަނީ ޢަރަބި ބަހާއި އިނގިރޭސި ބަހާއެކުގައި، ޢިބްރީ ބަހަކީވެސް ފަލަސްޠީނުގެ ރަސްމީ ބަހެއްކަމެއްކަމުގައި ހަދާފައެވެ. ޔަހޫދީންގެ ތަޢުލީމީ ކަންކަން އޮތީ އެބައިމީހުން ބޭނުން ގޮތަކަށް ކުރިއަށް ގެންދިއުމަށް ދޫކޮށްލާފައެވެ. ނަމަވެސް މުސްލިމުންގެ ކަންކަން އޮތީ އިނގިރޭސީންނާއި ޔަހޫދީންގެ އަތްދަށުގައެވެ. އަދި 1925 ވަނަ އަހަރު ވަނީ ޤުދުސްގައި ޢިބްރީންގެ ޖާމިޢާ (Hebrew University of Jerusalem) ހުޅުވާފައެވެ. މި ޖާމިޢާ ހުޅުވުމުގެ ރަސްމިއްޔާތުގައި ބަލްފޯރވެސް ބައިވެރިވިއެވެ.
- ފަލަސްޠީނުގެ މުހިންމު މަޝްރޫޢުތައް ޞުހްޔޫނީންނާ ހަވާލުކުރުން.
ފަލަސްޠީނުގެ އާންމު ދިރިއުޅުމާ ގުޅުންހުރި މުހިންމު މަޝްރޫޢުތައް ހަވާލުކުރެވުނީ ޔަހޫދީ ޞުހްޔޫނީންނަށެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް މަޝްރޫޢުތަކަކީ:
– ފަލަސްޠީނުގެ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަޝްރޫޢު
މި މަޝްރޫޢު ހަވާލުކުރެވުނީ ޔަހޫދީ އިންޖިނިއަރެއްކަމުގައިވާ ޕިންހާސް ރުޓެމްބާރގް (Pinhas Rutenberg) އަށެވެ. އޭނާގެ މަޝްރޫޢު ފެށީ Palestine Electric Corporation ގެ ނަމުގައެވެ. އެއީ މިހާރު Israel Electric Corporation ގެ ނަމުގައި އިސްރޭލުގައި ކަރަންޓު ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުންޏެވެ. އަދި އެއީ ޣައްޒާ އަދި ހުޅަނގު އައްސޭރިއަށްވެސް ކަރަންޓު ފޯރުކޮށްދޭ ކުންފުންޏެވެ.
– ޙައުލާ ކޯރު ހިންދުމުގެ މަޝްރޫޢު
– ބަޙްރުލް މައްޔިތުން (Dead Sea އިން) ލޮނާއި މިނަރަލް ނެގުނުގެ މަޝްރޫޢު
ބަލްފޯރގެ ވަޢުދާމެދު މުސްލިމުން ދެކުނު ގޮތް
ޢަރަބި ޤައުމުތަކާއި އެހެނިހެން އިސްލާމީ ޤައުމުތަކުން ބަލްފޯރގެ ވަޢުދު ބަލައެއް ނުގަނެއެވެ. ޙަޤީޤަތުގައި އެބައިމީހުންވެސް ތިބީ އިސްތިޢުމާރީ ބާރުތަކުގެ މުށުތެރޭގައި ފިތިފައެވެ. އަދި ފަލަސްޠީނުގައި ކަންތައް ހިނގަމުންދާ ގޮތާމެދު ޚިޔާލުފާޅުކުރެވޭ ވަރަށްވުރެ ބޮޑަށް މަޝްޣޫލުވެފައެވެ. އަދި ބަލްފޯރގެ ވަޢުދު އޮތީވެސް ވާނުވާ ނޭނގޭކަހަލަ ގޮތަކަށެވެ.
ފަލަސްޠީނުގެ އަހުލުވެރިންނާމެދު ދަންނައެވެ. އެބައިމީހުންނަށްވެސް ސާފު، ޞަރީޙަކޮށް ކަންތައް ވާން އުޅޭ ގޮތް ނޭނގޭކަހަލައެވެ. އެބައިމީހުންނަށް ހޭވެރިކަންވީ ޔަހޫދީންގެ ރޭވުންތައް ފާޅުވެ، ފިތުނައިގެ އަލިފާންގަނޑު ފެތުރެން ފެށުމުންނެވެ. ދެން ފަލަސްޠީނުގެ އަހުލުވެރިން ޔަހޫދީންނާ ދެކޮޅަށް ތެދުވިއެވެ. އަދި އެބައިމީހުންގެ ހިތުގެ ޝުޢޫރުތައް ފާޅުކޮށް، ޞުހްޔޫނީންގެ ނުރައްކާތެރިކަމާ ބެހޭ ގޮތުން ފާޅުގައި ވާހަކަ ދައްކަން ފެށިއެވެ. އެގޮތުން އެބައިމީހުން އެދެމުން ދިޔަ ބައެއް ކަންކަމަކީ:
– ފަލަސްޠީނަކީ ޔަހޫދީންގެ އަމިއްލަ ވަޠަނެއްކަމުގައި ހެދުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުން
– ޔަހޫދީން ފަލަސްޠީނަށް ހިޖުރަކުރުން އެކީއެކަށް ހުއްޓުވުން
– ޢަރަބިންގެ ބިންތައް ޔަހޫދީންނަށް ދިނުން ހުއްޓުވުން
– އެހެން ޤައުމުތަކެކޭ އެއްފަދައިން، އެއްކަހަލަ ޝަރުޠުތަކަކާއެކުގައި ފަލަސްޠީނަކީ މިނިވަން މުސްތަޤިއްލު ޤައުމެއްކަމުގައި ހަދައިދިނުން
ޔަހުދީންގެ ކިބައިން ފަލަސްޠީނުގެ ބިން ޙިމާޔަތްކުރުމަށް ޢަމަލީ ގޮތުން މަސައްކަތް ފެށުން
ފަލަސްޠީނުގެ އަހުލުވެރިންގެ އުދާސްތަކަށް ޙައްލެއް ނުލިބި، އެބައިމީހުން އެދެމުން ދިޔަ ކަންތައްތަކަށް ކުރިއެރުމެއް ނުލިބި، އެ ބިމުގައި ޔަހޫދީންގެ ނުފޫޒު ދުވަހެއް ދުވަހަކަށް ގަދަވަމުން ދިޔުމުގެ ނަތީޖާއަކަށްވީ ފަލަސްޠީނުގެ އަހުލުވެރިން އަމިއްލައަށް އެކަންކަން ޙައްލުކުރަން ޢަމަލީގޮތުން މަސައްކަތް ފެށުމެވެ. އަދި މުސްލިމުންނާ ޔަހޫދީންނާ ދެމެދު ހަމަނުޖެހުންތައް ހިނގުމެވެ.
އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކަންކަމަކީ:
- 1921 ވަނަ އަހަރު މުސްލިމުންނާ ޔަހޫދީންނާ ދެމެދު ހިނގާދިޔަ ހަމަނުޖެހުންތައް
އެދުވަސްވަރު އިނގިރޭސީންގެ Secretary of State for the Colonies ގެ މަޤާމުގައި ހުރީ ވިންސްޓަން ޗާޗިލްއެވެ. އޭނާއަކީ ޞުހްޔޫނީންނަށް ތާއީދުކުރާ މީހެކެވެ. ފަލަސްޠީނުގެ އަހުލުވެރިން އޭނާގެ ގާތުގައި އެދެމުން ދިޔައީ ޔަހޫދީން ފަލަސްޠީނަށް ހިޖުރަކުރުން ހުއްޓުވައި ދިނުމަށެވެ. އޭނާ މުސްލިމުންނަށް ދަޅަދެއްކީ ވަގުތީ ފިޔަވަޅުތަކެއް އަޅައިގެންނެވެ. މިކަންކަމާ ގުޅިގެން ލޭ ހޫނުވެފައި ތިބި ފަލަސްޠީނުގެ އަހުލުވެރިންނާއި ޔަހޫދީންނާ އަދި އިނގިރޭސީންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގިއެވެ. މިކަންކަން ފެށުނީ ޔާފާ (Jaffa) އިންނެވެ. ދެން އިސާހިތަކު މުޅި ފަލަސްޠީނުގައި މި ހަމަނުޖެހުންނަތައް ފެތުރިގެން ދިޔައެވެ. ދެން ފަލަސްޠީނުގެ އަހުލުވެރިން ހަމަޖެއްސޭތޯ އިނގިރޭސީން މަސައްކަތްކުރިއެވެ. އެއަށްފަހު ކަންތައްތައް ހިނގައިދިޔަ ގޮތް ބަލާ، ތަޙުޤީޤުކުރުމަށްޓަކައި އިނގިރޭސީން ކޮމިޓީއެއް އެކުލަވާލާ އެކަން ތަޙުޤީޤުކުރިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ހިނގިޔަ ނުދޭން ކުރެވޭނެ ކަންތައްތަކާމެދު މަޝްވަރާކުރިއެވެ.
- 1929 ވަނަ އަހަރު ކުރިއަށް ގެންދެވުނު حَرَكَةُ البُرَاق
ބައިތުލްމަޤްދިސްގެ ހުޅަނގު ފަރާތުގައިވާ ފާރަކީ ޔަހޫދީން މަތިވެރިކުރާ ތަނެކެވެ. ޢަރަބި ބަހުން އެތަނަށް ކިޔާ އުޅެނީ حَائِط البُرَاق އެވެ. ހުޅަނގުގެ ޤައުމުތަކުގައި އެ ތަން މަޝްހޫރުވެފައިވަނީ Wailing Wall ގެ ނަމުންނެވެ. 1929 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ޔަހޫދީންގެ ބަޔަކު އެ ފާރު ކައިރިއަށް ގޮސް އެތަނުގައި ޞުހްޔޫނީންގެ ދިދަ ނަގާ، އެބައިމީހުން ލަވަ (Hatikvah) ކިޔާ އަދި އިސްލާމްދީނަށާއި މުސްލިމުންނަށް އެއްޗެހި ކިޔެވެ. ދެން މުސްލިމުން އެބައިމީހުންގެ ދީނާ މުޤައްދަސްވެގެންވާ މިސްކިތުގެ ދިފާޢުގައި ނުކުތެވެ. އަދި ޔަހޫދީންނާ މުސްލިމުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާ ދިޔައެވެ.
މިކުރިމަތިލުންތަކުގައި ޔަހޫދީންގެ ތެރެއިން 133 މީހުން މަރުވެ، 340 މީހުންނަށް އަނިޔާވިއެވެ. އަދި މުސްލިމުންގެ ތެރެއިން 116 މީހުން މަރުވެ، 232 މީހުންނަށް އަނިޔާވިއެވެ. މުސްލިމުންގެ ތެރެއިން ގިނަ މީހުންނަށް އަނިޔާވީ ހަމަނުޖެހުން ހުއްޓުވަން އައި އިނގިރޭސި އަސްކަރިއްޔާގެ ހަމަލާތަކުގައެވެ.
އިނގިރޭސީން މި ހަމަނުޖެހުން މައިތިރިކުރުމަށް ފަހުގައި އެއްހާހެއްހާ މީހުން ކޯޓަށް ޙާޟިރުކުރިއެވެ. އޭގެ ތެރެއިން 90 އިންސައްތަ މީހުންނަކީ މުސްލިމުންނެވެ. އަދި 26 މީހުން މެރުމަށް ޙުކުމްކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ޔަހޫދީންގެ އެންމެ މީހެކެވެ.
- 1935 ވަނަ އަހަރު މުސްލިމުންނާއި ޢަރަބީންގެ މެދުގައި ބޭއްވުނު ބައްދަލުވުންތައް
ފަލަސްޠީނަށް ހިޖުރަކުރާ ޔަހޫދީންގެ ސަބަބުން ފަލަސްޠީނުގައި ހިނގާ ކަންކަމާމެދުގައި މަޝްވަރާކޮށް، އެކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން މުސްލިމުންނާއި ޢަރަބީން ގުޅިގެން ބައްދަލުވުންތަކެއް ބޭއްވިއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ބައްދަލުވުމަކީ ފަލަސްޠީނުގެ މުފްތީ އަލްޙާއްޖު އަމީން ޙުސައިނީގެ ރިޔާސަތުގެ ދަށުގައި 1935 ވަނަ އަހަރުގެ ޖެނުވަރީ 25 ވަނަ ދުވަހު ޤުދުސްގައި ބޭއްވުނު މުސްލިމު ޢިމްލުވެރިންގެ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި 22 ޤައުމަކުން ބައިވެރިވިއެވެ. އަދި ފަލަސްޠީނުގައި ޞުހްޔޫނީން ހިންގަމުންދާ ޖަރީމާތައް ކުށްވެރިކޮށް، މުހިންމު ޤަރާރުތަކެއް ފާސްކުރެވުނެވެ.
މި ބައްދަލުވުމުގައި ފާސްކުރެވުނު ކަންތައްތަކުގެ ތެރޭގައި:
– ދާއިމީ ގޮތެއްގައި ވަކި އުޞޫލެއްގެ ދަށުން، މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ނިންމުން.
– އިސްލާމީ ދުނިޔޭގެ ކަންތައްތައް ބެލުމަށްޓަކައި މުއައްސަސާތަކެއް އެކުލަވާލުމަށް ފަހުގައި ލަނޑުދަނޑިތަކެއް ކަނޑައަޅާ، އެއާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަން ނިންމުން.
– ޤުދުސްގައި ޖާމިޢަތުލް މަސްޖިދުލް އަޤްޞާގެ ނަމުގައި ބޮޑު ޖާމިޢާއެއް ހެދުން.
– އިސްލާމްދީނުގެ ކަންކަމާއި މުސްލިމުންގެ ތާރީޚުގެ މައުލޫމާތު ޖަމާކޮށް މައުސޫޢާއެއް (Encyclopedia އެއް) އެކުލަވާލުން.
– ފަލަސްޠީނުގެ ދިފާޢުގައި މަސައްކަތްކުރުމަކީ އިސްލާމީ އުންމަތަށް މުހިންމުކަމަކަށް ވުމުން، އިނގިރޭސީންގެ ސިޔާސަތުތައް ކުށްވެރިކޮށް އެކަމާ ދެކޮޅަށް މަސައްކަތްކުރުން.
– ފަލަސްޠީނުގެ ބިންތައް ރައްކާތެރިކުރުމަށްޓަކައި މަސައްކަތްކުރާނެ އިސްލާމީ މުއައްސަސާއެއް އެކުލަވާލުން.
– ޢުޘްމާނީ ޚިލާފަތުގެ ދުވަސްވަރު ޝާމްކަރައާއި ޙިޖާޒުކަރަ ގުޅުވާލުމަށް ހަދާފައިވާ ރޭލު ދަތުރުކުރާ މަގަކީ (Hijaz railway އަކީ) މުސްލިމުންގެ މިލްކަކަށްވުމުން، އެ ތަން ބެލެހެއްޓުމަށް އިސްލާމީ މުއައްސަސާއަކާ ހަވާލުކުރުން.
– ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކުގެ އަޅުވެތިކަމުން އިސްލާމީ އުންމަތް ސަލާމަތްކުރުމަށްޓަކައި ތުރުކިސްތާނުގައި އޮތް ރޫސީންގެ ސިޔާސަތުތަކާއި، ލީބިޔާގައި އޮތް އިޓަލީންގެ ސިޔާސަތުތަކާއި، ސީރިޔާއާއި ލުބުނާނާއި މަޣުރިބުގައި އޮތް ފަރަންސޭސީންގެ ސިޔާސަތުތައް އަދި މިޞްރާއި ސޫދާނާއި ޢަރަބި ޖަޒީރާގައި އޮތް އިނގިރޭސީންގެ ސިޔާސަތުތަކަށް އިންކާރުކުރުން.
ހަމަ އެ ދުވަސްވަރު، މުސްލިމުންގެ މެދުގައި ހުރި ޚިލާފުތައް އެއްފަރާތްކޮށް، އިސްލާމީ އުންމަތް އެއްބައިވަންތަކޮށް، އެކަތިގަނޑަކަށްވެ، އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ޢަރަބި، އިސްލާމީ ޤައުމުތަކަށް ގޮވާލި އެކަކީ ލުބުނާނުގެ އަމީރެއް އަދި އަދީބެއްކަމުގައިވާ ޝަކީބު އަރްސަލާނެވެ. އޭނާވަނީ އިސްލާމީ އުންމަތުގެ ވެރިންނާއި ޒަޢީމުންނަށް މިކަންކަމުގައި ކުރިއަށް ދެވިދާނެ ގޮތްތަކުގެ މަޝްވަރާއާއި ލަފާ ދީފައެވެ. ނަމަވެސް އިނރޭސީންނަށް ޖަސޫސްކޮށްދޭ ފަރާތްތަކުން އެބައިމީހުންނާ ހަމައަށް މިކަންކަމުގެ ޚަބަރު ގެންގޮސްދިނެވެ. އަދި އެބައިމީހުން ވަގުތުން މިކަންކަމާ ދެކޮޅަށް މަސައްކަތް ފެށިއެވެ.
- 1935 ވަނަ އަހަރު އައްޝައިޚް ޢިއްޒުއްދީން އަލްޤައްސާމު رحمه الله ކުރިއަށް ގެންދެވި ޙަރަކާތް
އައްޝައިޚް ޢިއްޒުއްދީން އަލްޤައްސާމަކީ ސީރިޔާ ބޭފުޅެކެވެ. ސީރިޔާގައި ފަރަންސޭސީންނާ ދެކޮޅަށް ހިނގި ހަމަނުޖެހުންތަކަށް ފަހު، 1921 ވަނަ އަހަރު ފަލަސްޠީނަށް ހިޖުރަކުރެއްވީއެވެ. ޝައިޚު ޢިއްޒުއްދީން ހައިފާ (Haifa) ގައި އިސްލާމީ ތަޢުލީމު ދެއްވުމަށް މަދަރުސާއެއް ހުޅުއްވާ، އިސްލާމީ ތަޢުލީމު ފޯރުކޮށްދެއްވުމުގެ މަސައްކަތުގައި އުޅުއްވިއެވެ.
ޝައިޚު ޢިއްޒުއްދީނަކީ ޢުޘްމާނީ ދައުލަތުގެ ލަޝްކަރުގައި އަސްކަރީ ތަމްރީނު ފުރިހަމަކުރައްވާފައިވާ ޤާއިދެކެވެ. އެހެންކަމުން އިނގިރޭސީންނާއި ޔަހޫދީންގެ ސަބަބުން މުސްލިމުންނަށް ލިބެމުން ދިޔަ ނިކަމެތިކަން ފެނިވަޑައިގަތުމުން އެކަމާ ދެކޮޅަށް ތެދުވެވަޑައިގެންނެވުމަށް ބޭނުންފުޅުވިއެވެ. އަދި މިޞްރުގެ جمعية الشبان المسلمين ގެ ފަލަސްޠީނުގެ ގޮތްޕާ ގުޅިވަޑައިގެންނެވިއެވެ. އަދި 1926 ވަނަ އަހަރު އެ ގޮފީގެ ވެރިއަކަށް އައްޔަނުކުރެވުނެވެ. ދެން ފަލަސްޠީނުގެ އުތުރު ފަރާތުގެ ރަށްތަކަށް ވަޑައިގެން އިނގިރޭސީންނާއި ޔަހޫދީންނާ ދެކޮޅަށް ތެދުވަން މީސްތަކުންނަށް ހިތްވަރުދެއްވިއެވެ. އަދި އުތުރުގެ ރަށްތަކުގައި ޝައިޚުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވި ޙަރަކާތްތަކުގައި ދެކުނުގެ ރަށްތަކުގެ އަހުލުވެރިން ބައިވެރިކުރުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާ، ފަލަސްޠީނުގެ މުފްތީ އަލްޙާއްޖު އަމީން އަލްޙުސައިނީއަށް 1935 ވަނަ އަހަރު ސިޓީއެއް ފޮނުއްވިއެވެ. ނަމަވެސް ޖަވާބުގައި އަލްޙާއްޖު އަމީން ވިދާޅުވީ އެފަދައިން ކަންތައް ކުރުމުގެ ބަދަލުގައި ވާހަކަދައްކާ މަޝްވަރާކޮށްގެން ސިޔާސީ ޙައްލެއް ހޯދުން އެދެވިގެންވާ ކަމުގައެވެ.
މުފްތީގެ އެއްބާރުލުން ނުލިބުމުން ޝައިޚު ޢިއްޒުއްދީން އަމިއްލަފުޅަށް، ޝައިޚަށް ތާއީދުކުރި މީހުންނާއެކު ޖިހާދަށް ނުކުމެވަޑައިގެންނެވިއެވެ. 1935 ވަނަ އަހަރު ޖިހާދުގެ ޢަމަލީ މައިދާނުގައި، ޖިނީން (Jenin) ގެ ކައިރީގައި ދުޝްމަނުންނާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކެއްގައި ޝައިޚު ޢިއްޒުއްދީން رحمه الله އަވަހާރަވިއެވެ.
ޝައިޚް ޢިއްޒުއްދީނަކީ ފަލަސްޠީނުގެ އެންމެ ބޮޑު އެއް މުޖާހިދެވެ. އެއީ އިނގިރޭސި އިސްތިޢުމާރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ފަލަސްޠީނުގައި މުޖާހިދުން ތަމްރީނުކޮށް، ވަކި ނިޡާމެއްގެ ތެރެއިން ޖިހާދީ ޙަރަކާތް ކުރިއަށްގެންދިޔުމުގެ މަސައްކަތްކުރެއްވި ޤާއިދެވެ. އެހެންކަމުން ފަލަސްޠީނުގެ އަހުލުވެރިންވަނީ އެ މަސައްކަތް ބަލައިގަނެފައެވެ. ޝައިޚުގެ ޖަނާޒާގައި ބައިވެރިވި މީހުންގެ އަދަދު މިކަމުގެ ހެއްކެކަށް ފުދެއެވެ.
- الثورة الفلسطينية الكبرى (1936 – 1939)
މި ދުވަސްވަރަކީ ޖަރުމަނުވިލާތުގައި ޔަހޫދީންނަށް ކުރިމަތިވަމުންދިޔަ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެގެން ދިޔަ ދުވަސްވަރެކެވެ. ހިޓްލަރުގެ އަނިޔާވެރިކަމުން ފިލަން ބޭނުންވެފައި ތިބި ޔަހޫދީންނަށް، ޞުހްޔޫނީންނާއި އިނގިރޭސީން ހުޅުވައިދިން ދޮރަކީ ފަލަސްޠީނެވެ. އެހެންކަމުން މި ދުވަސްވަރު ފަލަސްޠީނަށް ހިޖުރަކުރި ޔަހޫދީންގެ ޢަދަދު އިންތިހާއަށް ގިނަވެގެން ދިޔައެވެ. މިކަން ވެގެންދިޔައީ އަލިފާނަށް ދަރުއެޅުން ކަހަލަކަމަކަށެވެ. އަދި ފަލަސްޠީނުގެ އަހުލުވެރިންނާއި ޔަހޫދީންގެ މެދުގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކަށް އިތުރުވި ބޮޅަކަށެވެ.
1930 ގެ ތެރޭގައި ޔަހޫދީންނާއި އިނގިރޭސީންނާ ދެކޮޅަށް ފާޅުގައި މުޒާހަރާތައް ކުރަން ފެށިއްޖެއެވެ. ހިޖުރަކުރާ ޔަހޫދީންގެ ޢަދަދު ކުއްލިއަކަށް މައްޗަށް ދާތަން ފަލަސްޠީނުގެ އަހުލުވެރިންނަށް ފެނުމުން މި މުޒާހަރާތައް އިތުރަށް ވަރުގަދަކުރިއެވެ. އަދި ފަލަސްޠީނުގެ އެކި ރަށްރަށުގައި ވަރުގަދަ އިންތިފާޟާތައް ފެށުނެވެ.
ޝައިޚް ޢިއްޒުއްދީން އަވަހާރަކޮށްލުން ވެގެން ދިޔައީވެސް މިކަންކަން އިތުރަށް ހޫނުވެގެން ކަމަކަށެވެ. އިނގިރޭސީންނާއި ފަލަސްތީނުގެ ވެރިން ހީކުރި ގޮތާ ޚިލާފަށް ޝައިޚް ޢިއްޒުއްދީންގެ ނުފޫޒު ފަލަސްޠީނުގެ ފަސްގަނޑުން ފުހެނުލެވުނެވެ. ހިޖުރަކުރާ ޔަހޫދީންގެ ޢަދަދު މެދުކެނޑުމެއް ނެތި އިތުރުވަމުން ދިއުމުން، ޝެއިޚު ފެށި މަސައްކަތް ކޮޅަށްޖަހާ ޖިހާދުގެ ޢަމަލީ މަސައްކަތް ފުޅާކުރަން ފަލަސްޠީނުގެ ޒުވާނުންނަށް އިތުރު ހިތްވަރެއް ލިބުނެވެ.
ޔަހޫދީންނާއި އިނގިރޭސީންނާ ދެކޮޅަށް ފެށި މުޒާހަރާތައް ކެކި، ހަމަނުޖެހުންތަކަށް ބަދަލުވެ، ހައެއްކަ މަސް އެ ގޮތުގައި ދިޔައެވެ. ދެން ފަލަސްޠީނުގެ އެކި ކަންކޮޅުތަކުގައި، ހަތިޔާރާއެކު ކުރިމަތިލުންތައް ފެށިގެން ދިޔައެވެ. އަދި މި ފެށުނު ޙަރަކާތްތަކުގައި ޢަރަބި، އިސްލާމީ ޤައުމުތަކުގެ މުޖާހިދުން ބައިވެރިވިއެވެ.
އެގޮތުން އެދުވަސްވަރު އުފެދުނު ބައެއް ޤާއިދުންނަކީ:
– ފައުޒީ އަލްޤާވުޤްޖީ رحمه الله
ފައުޒީ އަލްޤާވުޤްޖީއަކީ ޢުޘްމާނީ ދައުލަތުގައި އެބައިމީހުންގެ ލަޝްކަރުގެ އޮފިސަރެކެވެ. ޢުޘްމާނީ ދައުލަތް ވެއްޓުމުން ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު، ސީރިޔާގައި ފަރަންސޭސީނާއެކު އެކުލަވާލި ލަޝްކަރާ ގުޅިވަޑައިގެންނެވިއެވެ. ދެން 1925 ވަނަ އަހަރު، ސީރިޔާގައި ފަރަންސޭސީންނާ ދެކޮޅު ޙަރަކާތްތައް ފެށުމުން، ފަރަންސޭސީންގެ ލަޝްކަރު ދޫކޮށް ސީރިޔާ މީހުންނާ ގުޅިވަޑައިގެންނެވިއެވެ. އެއަށްފަހު، އޭނާ ދެން މަސައްކަތްކުރީ މަލިކު ޢަބްދުލްޢަޒީޒު رحمه الله ގެ މުސްތަޝާރެއްގެ ގޮތުގައި ޙިޖާޒުކަރައިގައެވެ. ހިޖާޒުކަރައިގައި މާ ގިނަ ދުވަހެއް ނުވެ، ދެން ގުޅިވަޑައިގެންނެވީ ޢިރާޤުގެ ލަޝްކަރާއެވެ. އެއަށްފަހުގައި، 1936 ވަނަ އަހަރު އެ ލަޝްކަރު ދޫކޮށްލުމަށް ފަލަސްޠީނުގެ އިންތިފާޟާތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަލަސްޠީނަށް ގޮސް ޤާއިދެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.
– ސަޢީދު އަލްޢާޞް އަދި އައްޝައިޚު މުޙައްމަދު އަލްއަޝްމަރު رحمهما الله
މިއީ ސީރިޔާގެ ދެ ބޭފުޅުންނެވެ. މި ދެ ބޭފުޅުން ފަލަސްޠީނަށް ވަޑައިގަތީ 1936 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައެވެ. މި ދެ ބޭފުޅުންވެސް އެ ދުވަސްވަރު ފަލަސްޠީނުގައި ކުރިއަށްދިޔަ އިންތިފާޟާތަކުގައި ފައުޒީ އަލްޤާވުޤްޖީ އާއެކުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވިއެވެ. ނަމަވެސް ހަމަ އެ އަހަރުގެ އޮކްޓޯބަރު މަހު ޤުދުސްގައި އިނގިރޭސީންނާ ދެކޮޅަށް ހިނގި ކުރިމަތިލުމެއްގައި ސަޢީދު އަލްޢާޞް އަވަހާރަވިއެވެ. ދެން އައްޝައިޚު މުޙައްމަދު އަލްއަޝްމަރު އެނބުރި ސީރިޔާއަށް ވަޑައިގެންނެވިއެވެ.
އިނގިރޭސީންގެ ވަރުގަދަ އަސްކަރީ ބާރާއެކުވެސް ފަލަސްޠީނުގެ އިންތިފާޟާތައް މައިތިރިކުރުމަށް އެބައިމީހުން ނުކުޅެދުނެވެ. އިނގިރޭސީންގެ ޤާއިދަކަށް ހުރީ ޖެނެރަލް ޖޯން ޑިލް (General John Dill) އެވެ. ފަހެ، އިނގިރޭސީންނަށް ކާމިޔާބު ނުވުމުން ޖެނެރަލް ޑިލް ނިންމީ ޢަރަބީންގެ ޒަޢީމުން މެދުވެރިކޮށް ފަލަސްޠީނުގެ ހަމަނުޖެހުންތައް ނިމުމަކަށް ގެންނާށެވެ. ޢަރަބީންގެ ވެރިންނާ ފަލަސްޠީނުގެ ކަންކަމުގައި އިސްކޮށް އުޅުއްވި ފަރާތްތަކާ އަދި އިނގިރޭސީންގެ މެދުގައި ވާހަކަތައް ދެކެވި، މަޝްވަރާތައް ކުރުމަށްފަހު، ފަލަސްޠީނުގެ އަހުލުވެރިންނާމެދު ޢަދުލުވެރިވުމަށް އިނގިރޭސީން އެއްބަސްވުމުން ހަމަނުޖެހުންތައް ނިމުމަކަށް ގެނައެވެ.
މި ހަމަނުޖެހުންތައް ހުއްޓާލުމުން އިނގިރޭސީންނާއި ޞުހްޔޫނީން އަވަސްވެގަތީ އެމީހުންގެ ރޭވުންތައް ކާމިޔާބުކުރުމުގައި އެހެން މަރުޙަލާއަކަށް ދިއުމަށެވެ. އަދި މިކަން ނިމިދިޔަ ގޮތުން އިނގިރޭސީންނަށް ވިސްނުނީ މިއީ އިސްލާމީ އުންމަތުގެ ކަމެއްގެ ގޮތުގައި ދޭހަކޮށްދިނުމުގެ ބަދަލުގައި، މިއީ ޢަރަބީންގެ ކަމެއްގެ ގޮތުގައި ވިސްނައިދީގެން ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން އެބައިމީހުން ދެން ކުރިއަށްއޮތް ތަނުގައި ކަންތައްތައް ކުރިއަށް ގެންދާނެގޮތުގެ ރޭވުންތައް ފެށިއެވެ.
ޕީލްގެ ކޮމިޝަން (Peel Commission) ގެ ރިޕޯޓު
މި ހިނގާދިޔަ ހަމަނުޖެހުންތައް ދިރާސާކުރުމަށް ޕީލް (William Robert Wellesley Peel) ގެ ބެލުމުގެ ދަށުގައި ކޮމިޝަނެއް ހެދިއެވެ. އަދި މި ކޮމިޝަނުން މިކަން ދިރާސާކުރުމަށް ފަހު، 1937 ވަނަ އަހަރު އިނގިރޭސި ސަރުކާރަށް ރިޕޯޓެއް ފޮނުވިއެވެ. އެ ރިޕޯޓުގައިވަނީ:
“މި މައްސަލަ ޙައްލުކުރެވެން އޮތް ހަމައެކަނި ގޮތެއްކަމަށް އަޅުގަނޑުމެންނަށް ފެނުނީ މި ބިން (އެބަހީ: ފަލަސްޠީނުގެ ބިން) ބައިކުރުމެވެ.”
އެ ގޮތުން ފަލަސްޠީނުގެ ބިން 3 ބަޔަކަށް ބައިކުރުމަށް ލަފާދީފައި އޮތެވެ. އެއީ ޢަރަބީންނާއި ޔަހޫދީންނަށް ދެ ދައުލަތާއި، އިނގިރޭސީންގެ ދަށުގައި އޮންނަ ބައެކެވެ.
ފަލަސްޠީނުގެ އަހުލުވެރިންނާއި ފަލަސްޠީނުގެ اللجنة العربية العليا އާއި ޢަރަބި އިސްލާމީ އުންމަތުން މިކަމާ ދެކޮޅު ހެދިއެވެ.
ޔަހޫދީންނާމެދު ދަންނައެވެ. މިކަމާ ގުޅިގެން އެބައިމީހުންގެ ޚިޔާލު ހުރީ ދެ ގޮތަކަށެވެ. އެއް ބަޔަކު މިކަމާ ދެކޮޅު ހެދިއެވެ. އެބައިމީހުންގެ ކަންބޮޑުވުމަކީ ޔަހޫދީންނަށް ލިބޭ ބައި ކުޑަވުމެވެ. އަނެއް ބަޔަކު މިކަމާ އެއްބަސްވިއެވެ. އެބައިމީހުން ބުނަމުން ދިޔައީ ވަގުތީ ގޮތުން މި ނިންމުން ރަނގަޅުކަމުގައެވެ. އަދި ފަހުން ޔަހޫދީންގެ ބައި ބޮޑުކުރެވިދާނެކަމުގައެވެ. މިކަމާ އެއްބަސްވި މީހުންގެ ތެރޭގައި ވެއިޒްމަން ހިމެނެއެވެ. ވެއިޒްމަން ނިންމީ މިއީ ވަގުތީ ބޯޑަރެއްކަމުގައި ބެލުމަށެވެ. އަދި ފަހުން ފަލަސްޠީނުގެ އަހުލުވެރިން އިރުމަތީ އުރުދުން (Transjordan) އަށް ބޭރުކޮށް މުޅި ބިމަކީ ޔަހޫދީ ދައުލަތްކަމުގައި ހެދުމަށެވެ.
ޕީލް ކޮމިޝަންގެ ރިޕޯޓާއެކު އެފުދުނު ނުތަނަވަސްކަމަށް ޙައްލެއް ހޯދުމަށް އިނގިރޭސީން އިސްވެ ޢަރަބީންނާއި ޔަހޫދީންނާއެކު ލަންޑަނުގައި ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމިއެވެ. މި ބައްދަލުވުންތައް އޮތީ 1939 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. ޢަރަބީންގެ ތެރެއިން މި ބައްދަލުވުންތަކަށް ދަޢުވަތު ދިނީ ފަލަސްޠީނުގެ އިތުރުން މިޞްރާއި ސުޢޫދީ ޢަރަބިއްޔާއާއި ޔަމަނާއި ޢިރާޤު އަދި އުރުދުނަށެވެ. ނަމަވެސް ޔަހޫދީންނާ އެއް މޭޒެއްގެ ދޮށުގައި ބައްދަލުވާން ޢަރަބީން ދެކޮޅު ހެދިއެވެ. އެހެންކަމުން ޢަރަބީންނާއި ޔަހޫދީންގެ ބައްދަލުވުންތައް ބޭއްވީ ވަކިންނެވެ. މި ބައްދަލުވުންތަކުގައި ޢަރަބީންގެ ފަރާތުން މުހިންމު 4 ކަމެއް ހުށަހެޅިއެވެ. އެއީ:
- ޔަހޫދީން ފަލަސްޠީނަށް ހިޖުރަކުރުން އެކީއެކަށް ހުއްޓުވުން.
- މުސްލިމުންގެ ބިންތައް ޔަހޫދީންގެ ނަމަށް ބަދަލުކުރުން މަނާކުރުން.
- އިނގިރޭސީންގެ ދަށުން ފަލަސްޠީނު މިނިވަންވެ، އަމިއްލަ މުސްތަޤިއްލު ވެރިކަމެއް ޤާއިމުކުރުން.
- ފަލަސްޠީނުގެ ރަސްމީ ބަހަކީ ޢަރަބި ބަސްކަމުގައި ހެދުން.
ނަމަވެސް ޞުހްޔޫނީންވެސް އަދި އިނގިރޭސީންވެސް މިކަންކަން ބަލައެއް ނުގަތެވެ. އޭރު ދެވަނަ ބޮޑު ހަނގުރާމަ ފެށެނީއެވެ. އަދި އިނގިރޭސީން ތިބީ ޞުހްޔޫނީންގެ ނުރައްކާތެރިކަން ވިސްނި، އެބައިމީހުންގެ ކިބައިން ސަލާމަތްވާން ބޭނުންވެފައެވެ. އެހެންކަމުން އެބައިމީހުން White Paper of 1939 ގެ ނަމުގައި އުޞޫލުތަކެއްގެ މައްޗަށް ކަރުދާހެއް އެކުލަވާލިއެވެ. އެ ކަރުދާހުގައިވަނީ 3 ބައެވެ. އެއީ:
– ފުރަތަމަ ބައި: “ޤާނޫނު އަސާސީ” (Section I: “The Constitution”)
މިބައިގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު އެއް ކަމަކީ މިހާރު ފަލަސްޠީނުގައި 450،000 ޔަހޫދީން ތިބުމާ އެކުގައި އެ ބިމުގައި ހަމައެކަނި ފަލަސްޠީނުގެ ޢަރަބީންގެ ދައުލަތެއް ނެހެދޭނެ ކަމެވެ. އަދި ހަމައެއާއެކު، އެ ބިމުގައި ފަލަސްޠީނުގެ އަހުލުވެރިން ތިބުމުން އެ ބިމުގައި ހަމައެކަނި ޔަހޫދީންގެ ދައުލަތެއް ނެހެދޭނެ ކަމެވެ. އެހެންކަމުން ފަލަސްޠީނުގައި ޤާއިމުކުރަން ޖެހޭނީ ދެބައި މީހުންގެ ދައުލަތެއްކަމެވެ. އެއީ ޢަރަބީންނާއި ޔަހޫދީން ހިއްސާވާ ސަރުކާރެކެވެ. އަދި 10 އަހަރު ތެރޭގައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރެވޭނެ ކަމަށް ލިޔެފައިވެއެވެ.
– ދެވަނަ ބައި: ހިޖުރަކުރުން (Section II: Immigration)
ޤަވާޢިދާ އެއް ގޮތަށް އަދި ޤަވާޢިދާ ޚިލާފަށް ހިޖުރަކުރި ޔަހޫދީންގެ ޢަދަދު ގިނަކަން މިބައިގައި ފާހަގަކޮށްފައިވެއެވެ. އަދި ކުރިއަށް އޮތް 5 އަހަރު ތެރޭގައި ފަލަސްޠީނަށް ހިޖުރަކުވޭނެ ޔަހޫދީންގެ އަދަދަކީ 75،000 ކަމުގައި ކަނޑައަޅާފައިވެއެވެ. 5 އަހަރަށް ފަހު، ދެން ޔަހޫދީން ފަލަސްޠީނަށް ހިޖުރަކުރެވޭނީ ޢަރަބިންގެ ހުއްދަ ލިބިގެންކަމުގައިވެސް ލިޔެފައިވެއެވެ.
– ތިންވަނަ ބައި: ބިން (Section III: Land)
މިބައިގައިވަނީ ޢަރަބީންގެ ބިންތަކުން ޔަހޫދީންނަށް ލިބޭނެ ވަކި ޢަދަދެއް ނުވަތަ ހައްދެއް ކަނޑައެޅުމަށެވެ. އަދި އެ މިންވަރެއް ކަނޑައެޅުމުގެ ބާރު ދީފައިވަނީ ހައި ކޮމިޝަނަރަށެވެ.
ޞުހްޔޫނީންނާއި އިނގިރޭސީންގެ އާދައިގެ މަތިން މި ކަރުދާހުގައި ހުރީ ޞަރީޙަ ވާހަކަތަކެއް ނޫނެވެ. ނަމަވެސް އެތައް މާނައެއް ނެގޭކަހަލަ އޮޅުވާލުން ބޮޑު ގޮތަކަށެވެ. ފަލަސްޠީނުގެ ޢަރަބީންނަށް މި އުޞޫލުތަކާމެދު މާ ބޮޑު އުންމީދެއް ނުލިބުނެވެ. އެބައިމީހުންނަށް ތަޖުރިބާއިން ފެނިފައިވަނީ ޔަހޫދީންނާއެކު އެއް ދައުލަތެއް ޤާއިމުކުރުމަކީ މުސްތަޙީލުކަމެއްގެ ގޮތުގައެވެ. އެހެންކަމުން އަނެއްކާވެސް އެބައިމީހުން ގޮވާލީ ކުރިން ހުށަހެޅި ކަންކަމަށެވެ.
ޞުހްޔޫނީންނާމެދު ދަންނައެވެ. އެބައިމީހުން ވަގުތުން މި އުޞޫލުތަކަށް އިންކާރުކުރިއެވެ. އަދި އަލުން ދެބައިމީހުންގެ މެދުގައި ހަމަނުޖެހުންތައް ފެށުނެވެ.
=ނުނިމޭ=
_______________
މަޞްދަރު: حاضر العلم الإسلامي وقضاياه المعاصرة لد. جميل عبد الله محمد المصري