[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 122

ސުންނަތުގެ ފޮތްތަކުގެ ތެރޭގައި އިބްނު ޚުޒައިމާގެ ޞަޙީޙަށް ދެއްވާފައިވާ މަޤާމު:

 

الحافظ ابن الصلاح ވިދާޅުވިއެވެ.

“ދެން އެއަށްފަހުގައި ދެ ޞަޙީޙުގައި ނުވާ އެހެނިހެން ޞައްޙަ ޙަދީޘްތައްވެސް، އިތުބާރު ހިފޭ ފޮތްތަކުގައި ވާނަމަ އެ ހޯދާ މީހަކު އެ ބަލައިގަންނަން ވާނެއެވެ… އަދި އެބޭކަލެއްގެ ފޮތުގައި ގެންނަވާފައި ޙަދީޘްތަކަކީ (އެބޭކަލެއްގެ އަރިހުގައި) ޞައްޙަ ޙަދީޘަކަށްވުން ޝަރުޠުކުރައްވާފައިވާ ބޭކަލެއްގެ ފޮތުގައި އެ ޙަދީޘެއްވުންވެސް އެކަމުގައި ފުދޭނެއެވެ. އެއީ މިސާލަކަށް އިބްނު ޚުޒައިމާގެ ޞަޙީޙެވެ.” [1]

 

އަދި الحافظ السيوطى ވިދާޅުވިއެވެ.

“އިބްނު ޙިއްބާނުގެ ޞަޙީޙަށް ވުރެ އިބްނު ޚުޒައިމާގެ ޞަޙީޙުގެ ޞައްޙަކަން ބޮޑެވެ. އެއީ އެކަލޭގެފާނު އެކަމުގައި ރައްކާތެރިވެވަޑިގެންނެވި މިންވަރުގެ ބޮޑުކަމުންނެވެ. އެގޮތުން ޙަދީޘެއްގެ ސަނަދާ ބެހޭގޮތުން ކުޑަވެސް ދެބަސްވުމެއްވާނަމަ އެކަމުގައި އެކަލޭގެފާނު ހުއްޓިވަޑައިގަންނަވައެވެ. އަދި އެކަމުގައި ވިދާޅުވެދާނެއެވެ. “މިވެނި ކަމެއް މަކުރޫހަވުމުގެ ބާބު، އެއީ މިކަމާ ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘް ޞައްޙަނަމައެވެ.” ނުވަތަ “ނުވަތަ މިވެނި ކަމެއް ޘާބިތުވެފައިވާނަމައެވެ.” [2]

 

އަދި الذهبي ވިދާޅުވިއެވެ.

“މި އިމާމަކީ (އެބަހީ: އިބްނު ޚުޒައިމާއަކީ) ޙަދީޘްގެ ރާވީން ވަރަށް ރަނގަޅަށް ދެނެވަޑައިގެންނެވި، ކުޅަދާނަ ބޭކަލެކެވެ.” ދެން އެކަލޭގެފާނުގެ ބަސްފުޅެއް ނަޤަލުކުރެއްވިއެވެ. “ތިމަންކަލޭގެފާނު شهر بن حوشب ނުވަތަ حُرَيز بن عثمان ނުވަތަ عبد الله بن عمرو ނުވަތަ بقية ނުވަތަ مقاتل بن حيان ގެ ރިވާޔަތްތަކުން ޙުއްޖަތެއް ނުނަންގަވާނަމެވެ.” ދެން އެއަށްފަހުގައި އެބޭކަލުންގެ ރިވާޔަތްތަކަކީ ޙުއްޖަތެއް ކަމާ މެދު އިމާމުވެރި ބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައިވާ ގިނަ ބޭކަލުންތަކެއްގެ ނަންފުޅުތައް ބަޔާންކުރެއްވިއެވެ. އެކަމުން އެނގިގެން ދަނީ އިބްނު ޚުޒައިމާ އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާޔަތްތައް ގެންނެވުމުގައި ރައްކާތެރިވެވަޑައިގެންނެވި މިންވަރެވެ.” [3] 

 

= ނުނިމޭ =

 


 

އެހެނިހެން ބައިތައް

 

[1] أبو عمر ابن الصلاح: علوم الحديث (ص: 17).

[2] جلال الدين لسيوطي: تدريب الراوي (1 / 109)، އިބްނު ޚުޒައިމާއާ ބެހޭގޮތުން އައްސުޔޫޠީ އެ ޛިކުރުކުރެއްވިކަންތަކުގެ އިތުރު މިސާލުތައް ބެއްލެވުމަށް: صحيح ابن خزيمة ( 1 / 75، 228، 239).

[3] أبو عبد الله الذهبي: سير أعلام النبلاء (14 / 373).