ށ. އާޔަތް ބާވާލެއްވުމުގެ ސަބަބަކީ ޙާދިޘާއެއް ދިމާވުމުން އެކަން ބަޔާންކުރެއްވުންކަމުގައި ބައެއް ފަހަރު ވެދާނެއެވެ. މިޘާލަކަށް ތައުބާ ސޫރަތުގެ އަންނަނިވި ދެ އާޔަތެވެ.
وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ * لا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْ ۚ إِن نَّعْفُ عَن طَائِفَةٍ مِّنكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِمِينَ﴾ [1]
މާނައީ: “ހަމަކަވަރުން ކަލޭގެފާނު އެބައިމީހުންނާ ސުވާލު ކުރައްވައިފިނަމަ، އެބައިމީހުން ބުނާނެކަން ކަށަވަރެވެ. ހަމަކަށަވަރުން ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، ﷲ އާއި އެއިލާހުގެ އާޔަތްތަކާއި އެއިލާހުގެ ރަސޫލާއަށް ހެއްޔެވެ؟ ތިޔަބައިމީހުން ޢުޛުރު ނުދައްކާށެވެ! ތިޔަބައިމީހުން އީމާންވުމަށް ފަހު، ތިޔަބައިމީހުން ތިޔަތިބީ ކާފިރުވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަންއިލާހު ޢަފޫ ކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަންއިލާހު ޢަޛާބު ދެއްވާހުށީމެވެ. އެއީ ހަމަކަށަވަރުން، އެބައިމީހުންނީ މުޖުރިމުންކަމުގައި ވީކަމަށްޓަކައެވެ.”
މި ދެ އާޔަތް ބާވައިލެވުނީ މުނާފިޤުންގެ މީހަކާ ބެހޭގޮތުންނެވެ. ތަބޫކު ހަނގުރާމައިގެ ދަތުރުގައި މީސްތަކުން އެއްވެ ތިބި މަޖިލީހެއްގައި އޭނާ ބުންޏެވެ.
“އަހަރެމެންގެ މި ޤާރީވެރީން ފަދަ ކެއުމަށް ލޯބިކުރާ، ދޮގުވެރި އަދި ބަޚީލު ބައެއް އަހަރެމެން ނުދެކެމެވެ.”
އެމީހަކު މި ބުނުން ނިސްބަތް ކުރީ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށެވެ. ދެން މި ވާހަކަ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އާ ހިސާބަށް ފޯރިއެވެ. އަދި މި މީހާއާ ބެހޭގޮތުން ޤުރުއާނުގެ އާޔަތްތަކެއް ބާވާއިލެއްވުނެވެ. ޤުރުއާނުގެ އާޔަތްތަކެއް ބާވައިލެވުމުން އެ މީހާ ބަހަނާ ދެއްކުމަށް ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ގެ އަރިހަށް އައެވެ. ފަހެ އެމީހަކާއި މެދު އައިސްފައި ވަނީ:
﴿أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ﴾ [2] (މާނައީ: “ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ ﷲ އާއި އެއިލާހުގެ އާޔަތްތަކާއި އެއިލާހުގެ ރަސޫލާއަށް ހެއްޔެވެ؟”)
މިފަދައިންނެވެ.
ޝަރަޙަ
މިއީ ކީރިތި ޤުރުއާން ބާވައިލެއްވޭ ސަބަބުތަކުގެ ތެރެއިން އެއް ސަބަބެވެ. އިސްލާމް ދީނާއި މުސްލިމުން ނިކަމެތިކޮށްލުމަށް ކުރެވެން ހުރި އެއްވެސް ކަމެއް ނުކޮށް މުނާފިޤުން ދޫކޮށް ނުލައެވެ. އެހެންނަމަވެސް މިބައިމީހުންގެ ފިނޑިކަމާއި ޚިޔާނަތްތެރިކަމުގެ ސަބަބުން މިކަންކަން ސިއްރުކުރެއެވެ.
އެމީހުން ބުންޏެވެ. “އަހަރެމެންގެ މި ޤާރީވެރީން ފަދަ ކެއުމަށް ލޯބިކުރާ، ދޮގުވެރި އަދި ބަޚީލު ބައެއް އަހަރެމެން ނުދެކެމެވެ.”
ފަހެ މިބައިމީހުންނާއި މުޚާތަބުކުރައްވައި ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ.
“ހަމަކަވަރުން، ކަލޭގެފާނު، އެބައިމީހުންނާއި ސުވާލު ކުރައްވައިފިނަމަ، އެމީހުން ބުނާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ.”
މާނައަކީ ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި ފިކުރުކޮށްލާ ބައެއްކަމުގައި ވީމުއެވެ.
ﷲ އަށާއި އެއިލާހުގެ އާޔަތްތަކަށާ އަދި އެއިލާހުގެ ރަސޫލާއަށް ފުރައްސާރަކުރާ މީހުން ކާފަރު ވާނޭކަމަށް ބަޔާންވެފައި މިވާ އާޔަތުން ދަލީލު ލިބެއެވެ. އެއީ އެމީހަކު މަޖަލަށް އެކަން ކުރިކަމުގައި ވިޔަސް މެއެވެ. އަދި ކިހެއް! މަޖަލަށް ފުރައްސާރަކުރާ މީހާގެ ކުފުރު ބޮޑުވެގެންވެއެވެ.
މީހަކު ބުނެފާނެއެވެ. ހުރިހާ އާޔަތަކަށް ފުރައްސާރަނުކޮށް ﷲ ލައްވަވާފައިވާ ކޮންމެވެސް ޝިޢާރަކަށް ނުވަތަ ޝަރުޢު ކުރައްވާފައިވާ ކޮންމެވެސް އެއް ކަމަކަށް ފުރައްސާރަކޮށްފި ނަމަވެސް އެމީހަކު ކާފަރު ވާނެ ހެއްޔެވެ؟
ޖަވާބު: އެއްބައި އާޔަތްތަކަށް އީމާންވެ އަނެއްބައި އާޔަތްތަކަށް ކާފިރުވާ މީހާ އަކީ މުޅި އާޔަތްތަކަށް ކާފިރުވާ މީހެކެވެ. އެހެނީ އެއްބައި އާޔަތްތަކަށް އީމާންވެ އަނެއްބައި އާޔަތްތަކަށް ކާފިރެއް ނުވެވޭނެއެވެ. ފަހެ މީހާގެ އިސްލާމް ކަމަކީ ބައިބައި ކުރެވޭނެ އެއްޗެއް ނޫނެވެ.
الله ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
﴿أَفَتُؤْمِنُونَ بِبَعْضِ الْكِتَابِ وَتَكْفُرُونَ بِبَعْضٍ ۚ فَمَا جَزَاءُ مَن يَفْعَلُ ذَٰلِكَ مِنكُمْ إِلَّا خِزْيٌ فِي الْحَيَاةِ الدُّنْيَا ۖ وَيَوْمَ الْقِيَامَةِ يُرَدُّونَ إِلَىٰ أَشَدِّ الْعَذَابِ ﴾ [3]
މާނައީ: “ފަހެ ތިޔަބައިމީހުން ފޮތުގެ އެއްބަޔަށް އީމާންވެފައި އަނެއްބަޔަށް ކާފިރުވަނީ ހެއްޔެވެ؟ ފަހެ ތިޔަބައިމީހުން ކުރެ އެފަދައިން ކަންތައްކުރާ މީހުންގެ ޖަޒާއެއް ކަމުގައި ދުނިޔޭގައި ދެރަނިކަމެތިކަން މެނުވީ ނުވެއެވެ. އަދި ޤިޔާމަތް ދުވަހުން އެންމެގަދަ ޢަޛާބަށް އެމީހުން ރައްދުކުރެވޭހުއްޓެވެ.”
ރަސޫލުބޭކަލުންގެ ތެރެއިން އެއް ބޭކަލަކަށް ކާފިރުވާ މީހާ، އެންމެހާ ރަސޫލު ބޭކަލުންނަށް ކާފިރުވާ މީހަކަށްވާ ފަދައިން އެންމެ އާޔަތަކަށް ނުވަތަ ޝަރުޢު ކުރައްވާފައިވާ އެއް ކަމަކަށް ކާފިރުވާ މީހާ ހުރިހާ އަޔާތްތަކަކަށް ކާފިރު ވެއްޖެއެވެ.
الله ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
﴿كَذَّبَتْ قَوْمُ نُوحٍ الْمُرْسَلِينَ﴾ [4]
މާނައީ: އަދި ނޫޙުގެފާނުގެ ޤައުމުގެ މީހުން ފޮނުވުނު ރަސޫލު ބޭކަލުން ދޮގުކުރިއެވެ.”
އެނގިގެންވާ ގޮތުގައި ނޫޙުގެފާނުގެ ކުރިން އެއްވެސް ރަސޫލުބޭކަލަކު ނުފޮނުއްވައެވެ. އެއާއެކުވެސް ނޫޙުގެފާނުގެ ޤައުމުގެ މީހުން އެންމެހާ ރަސޫލުން ދޮގުކުރި ކަމުގައި މިވަނީ އަންގަވާފައެވެ. އެހެނީ ރަސޫލަކު ދޮގުކޮށްފި މީހަކު އެންމެހާ ރަސޫލުން ދޮގުކޮށްފިއެވެ.
މީހަކު ބުނެފާނެއެވެ. މީހަކު ފައިކުރި ކުރުކޮށް ބަހައްޓާތީ ފުރައްސާރަކޮށް މަލާމާތް ކުރުމުން އެމީހަކު ކާފިރު ވާނެ ހެއްޔެވެ؟
ޖަވާބު: މިކަމުގައި ތަފްޞީލަށް ބަލަން ޖެއެވެ. ފުރައްސާރަ ކުރި މީހާގެ ޤަޞްދަކީ އެ ޢަމަލަށް ފުރައްސާރަކުރުން ކަމުގައި ވާނަމަ އެމީހަކު ކާފިރު ވާނެއެވެ. އެއީ ޝަރީޢަތުގައިވާ ކަމަކަށް ފުރައްސާރަ ކުރުމުންނެވެ. އެހެން ނަމަވެސް އެމީހަކު ފުރައްސާރަކުރީ އެކަން ކުރި މީހާއަށް ކަމުގައި ވާނަމަ އެމީހަކު ކާފިރު ނުވާނެއެވެ.
ދަންނަން ޖެހޭ ކަމަކީ ޝަރީޢަތުގައިވާ ކަމަކަށް ފުރައްސާރަ ކުރުމާއި އަދި ޝަރީޢަތުގައިވާ ކަމެއް ކުރާ މީހަކަށް ފުރައްސާރަކުރުން ތަފާތުވެގެންވާ ކަމެވެ.
މަޞްދަރު: شرح أصول في التفسير للشيخ محمد بن صالح العثيمين – رحمه الله –
[1] سورة التوبة (66,65)
[2] سورة التوبة (65)
[3] سُورَةُ البَقَرَة (85)
[4] سُورَةُ الشُّعَرَاء (105)