ފުރަތަމަ ފަޞްލު: މުސްނަދު ފޮތްތައް
1 ތަޢުރީފު:
ބަހުގެ ގޮތުން: ފަރުބަދައިގެ ބުޑުގައި ހުންނަ އުފުލިފައިވާ ބިމެވެ. [1]
އިޞްތިލާޙީ ގޮތުން: ދެ މާނައެއްގައި މުޙައްދިޘުން މި ލަފްޡު ބޭނުންކުރައްވައެވެ.
ފުރަތަމައީ: މުސްނަދު ޙަދީޘް
އަލްޚަޠީބުލް ބަޣްދާދީ ވިދާޅުވިއެވެ.
“ޙަދީޘަކީ މުސްނަދު ޙަދީޘެއްކަމުގައި އެބޭކަލުން ޞިފަކުރައްވައިފިނަމަ އޭގެ މުރާދަކީ، އެ ޙަދީޘަކީ އެ ޙަދީޘް އެ ރިވާކުރި ރާވީއިން ފެށިގެން އެ ރިވާކުރެވުނު މީހާއާ ހިސާބަށް ގުޅިފައިވާ ސަނަދެއްކަމުގައެވެ. އެހެނަސް މި އިޠްލާޙު ގިނައިން ބޭނުންކޮށްފައިވަނީ ޚާއްޞަގޮތެއްގައި ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ސަނަދު ގުޅިފައިވާ ޙަދީޘްތަކަށެވެ. އޭގައި ޙަދީޘްގެ ސަނަދު ގުޅޭ ގޮތަކީ: ކޮންމެ ބޭކަލެއްވެސް އެބޭކަލަކަށް ވުރެ ކުރިން އެ ޙަދީޘް ރިވާކުރެއްވި ބޭކަލެއްގެ އަރިހުން ރިވާކުރައްވަމުން، އެންމެ ފަހު މީހާއާ ހިސާބަށް ގުޅިފައިވާ ސަނަދަކުން ރިވާކުރަނީއެވެ. އެއީ ސާފުގޮތެއްގައި އަޑު އެހިކަން ބަޔާންނުކޮށް، عَنْ ބޭނުން ކޮށްގެން ރިވާކުރެއްވިޔަސް އެ ބަލާނީ މުސްނަދު ސަނަދަކަށެވެ.” [2]
މިމާނައިގައި ބައެއް ޢިލްމުވެރިންވަނީ އެބޭކަލުންގެ ފޮތްތަކަށް މުސްނަދުގެ ނަމުން ނަންދެއްވާފައެވެ. އޭގެ ތެރޭގައި ޢަބޫ ޢަބްދުﷲ އަލްބުޚާރީގެ “الجامع الصحيح المسند” އާއި “مسند الدارمي” އާއި އިބްނު ޚުޒައިމާއާއި އިބްނު ޙިއްބާނުގެ “صحيح” ހިމެނެއެވެ.
ދެވަނައީ: މުސްނަދު ފޮތްތައް
އެއީ (ޙަދީޘް ރިވާކުރެއްވި) ޞަޙާބީ ބޭކަލުންގެ ނަންފުޅުން ޙަދީޘްތައް ތަރުތީބުކޮށްފައިވާ ފޮތްތަކެވެ. [3]އެގޮތުން ކޮންމެ ޞަޙާބީއެއްގެ ޙަދީޘެއްވެސް އެފޮތްތަކުގައިވާނީ އެއްތަނަކަށް ޖަމާކުރެވިފައެވެ. އޭގެ ތެރޭގައި އިމާމު އަޙްމަދާއި އަބޫ ޔަޢުލާގެ “مسند” އާއި އެނޫން ފޮތްތައްވެސް ހިމެނެއެވެ.
2 މުސްނަދު ފޮތްތައް ތަރުތީބުކުރައްވާފައިވާ ގޮތް:
ޢިލްމުވެރިން އެފޮތްތައް ތިން ގޮތަކަށް ތަރުތީބުކުރައްވައެވެ.
ފުރަތަމައީ:
އަކުރުތަކުގެ ތަރުތީބުން ޞަޙާބީ ބޭކަލުންގެ ނަންފުޅުތައް ގެނެސްދިނުން.
މިޘާލަކަށް: އެންމެ ފުރަތަމަ أُبيّ بن كعب ، ދެން أسامة بن زيد، ދެން އެއަށް ފަހު أنس بن مالك، މިފަދައިން އަކުރުތަކުގެ ތަރުތީބުންނެވެ.
ދެވަނައީ:
ޤަބީލާތަކުގެ ތަރުތީބުން ގެނެސްދިނުން.
އެގޮތުން އެންމެ ފުރަތަމަ بنو هاشم އެވެ. ދެން ރަސޫލާ صلى الله عليه وسلم އާ ނަސަބުގެ ގޮތުން އެންމެ ގާތް ބޭކަލުންނެވެ. ދެން އެހެނިހެން ބޭކަލުންނެވެ.
ތިންވަނައީ:
ދީނީ ގޮތުން ޞަޙާބީ ބޭކަލުންނަށް ލިބިފައިވާ މަޤާމުގެ ތަރުތީބުން ގެނެސްދިނުން. އެގޮތުން އެންމެ ފުރަތަމަވެސް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރުދެއްވުނު ދިހަ ބޭކަލުންނެވެ. ދެން ބަދުރު ހަނގުރާމައިގެ އަހުލުވެރިންނެވެ. ދެން ޙުދައިބިއްޔާގެ އަހުލުވެރިންނެވެ. ދެންވެސް މިފަދަ ގޮތަކަށް ތަރުތީބުކުރައްވައެވެ.
އަލްޚަޠީބުލް ބަޣްދާދީ ވިދާޅުވިއެވެ.
“މުސްނަދު ޙަދީޘްތައް ގެނެސްދިނުމުގައި މިގޮތަކީ – އެބަހީ: ތިންވަނަ ގޮތަކީ – ތިމަންބޭކަލުންގެ އަރިހުގައި އެންމެ ލޮބުވެތިކަން ބޮޑު ގޮތެވެ. [4]
= ނުނިމޭ =
لسان العرب لابن منظور – مادة سند، وابن الأثير في النهاية (2 / 408). [1]
[2] الكفاية – باب ما يستعمل أصحاب الحديث من العبارات (ص: 58).
[3] الجامع لأخلاق الراوي وآداب السامع – باب وصف الطريقتين اللتين عليهم يصنَّف الحديث (2 / 284 ) މިފޮތުގެ މުއައްލިފު ވިދާޅުވިއެވެ. “ޙަދީޘްތައް ގެންނަވާއިރުގައި އެ ޙަދީޘްތަކުގައި ޙުކުމުގެ ތަރުތީބުންނާއި ފިޤުހީ ތަރުތީބުންވެސް ބައެއް ޢިލްމުވެރިން ޙަދީޘް ތަރުތީބުކުރައްވައެވެ. އަދި ބައެއް ޢިލްމުވެރިން އިޚްތިޔާރުކުރައްވަނީ މުސްނަދުތަކަކަށް ބަހާލައިގެން ޙަދީޘްތައް ގެނެސްދިނުމަށެވެ. އަދި ކޮންމެ ޞަޙާބީއެއް ރިވާކުރެއްވި ޙަދީޘެއް އެއްތަނެއްގައި ޖަމާކުރެއްވުމަށެވެ.”