[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ އާޔަތްތައް ބާވައިލެއްވުނު ސަބަބުތައް ދެނެގަތުން – 1

ކީރިތި ޤުރުއާނުގެ އާޔަތްތައް ބާވައިލެއްވުނު ސަބަބުތައް ދެނެގަތުމަކީ ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ, ވަރަށްވެސް މުހިންމު ކަމެކެވެ. އޭގެ ތެރޭގައި:

  1. ކީރިތި ޤުރުއާނަކީ މާތް الله ބާވައިލެއްވި އެއްޗެއްކަން އަންގައިދިނުން: މިކަން އަންގައިދެނީ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އާ ކަމަކާ ބެހޭގޮތުން ސުވާލު ދެންނެވުމުން ޖަވާބު ނުދެއްވައި ބައެއް ފަހަރު މަޑުކުރައްވައެވެ. އެއީ އެކަމަކާއި ބެހޭގޮތުން އެކަލޭގެފާނަށް ވަޙީ ބާވައިލެވެންދެނެވެ.

 

 ޝަރަޙަ

މިއީ ކީރިތި ޤުރުއާނުގެ އާޔަތްތައް ބާވައިލެއްވުނު ސަބަބުތައް ދެނެގަތުމުގެ އެންމެ މުހިންމު އެއް ސަބަބެވެ. ބައެއްފަހަރު ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އާއި ކަމަކާއި ބެހޭގޮތުން ސުވާލު ދެންނެވުމުން ޖަވާބު ނުދެއްވައި, އެކަމަކާ ބެހޭގޮތުން ވަޙީބާވައިލެވެންދެން މަޑުކުރައްވައެވެ. ކަހްފު ބާގައިގެ މީހުންނާއި ބެހޭގޮތުން އެކަލޭގެފާނާ ސުވާލު ކުރެއްވުމުން މާދަމާ ޚަބަރު ދެއްވާނެކަމަށް ޙަދީޘްފުޅުކުރެއްވިއެވެ. އެހެނީ އެވަޤުތު އެކަމާއި ބެހޭގޮތުން އެކަލޭގެފާނަށް ޢިލްމެއް ލިބިވަޑައިގެންފައި ނުވެއެވެ. ދެން ޖެހިގެން އައި ދުވަހުވެސް ވަޙީ ބާވައި ނުލައްވައެވެ. މިގޮތަށް 15 ދުވަސް ފާއިތުވިއެވެ. ދެން އެވާހަކަ އާއި ބެހޭގޮތުން ވަޙީ ބާވައިލެއްވުމުން އެކަލޭގެފާނު މީސްތަކުންނަށް ކިޔައިދެއްވިއެވެ.

 

 ________________

 

ފުރަތަމަ މިޘާލު: الله ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

﴿ وَيَسْأَلُونَكَ عَنِ الرُّوحِ ۖ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا ﴾ [سُورَةُ الإِسرَاء 85]

މާނައީ: “ރޫޙާއި ބެހޭގޮތުން އެބައިމީހުން ކަލޭގެފާނާ ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ރޫޙަކީ (ހަމައެކަނި) ތިމަންކަލޭގެފާނުގެ ވެރިރައްބުގެ ދެނެވޮޑިގަތުމުގެ ތެރެއިންވާ އެއްޗެކެވެ. އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) ޢިލްމުގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ.”

އަދި ޞަޙީޙުލް ބުޚާރީގައި[1] އިބްނު މަސްޢޫދު رَضِيَ اللهُ عَنْهُ ގެ ފަރާތްޕުޅުން ގެންނަވާފައި ވެއެވެ. ޔަހޫދީންގެ ތެރެއިން މީހަކު ބުންޏެވެ: އޭ އަބުލް ޤާސިމެވެ! ރޫޙަކީ ކޮން އެއްޗެއް ހެއްޔެވެ؟ ފަހެ އެކަލޭގެފާނު އެއްޗެއް ވިދާޅުނުވެ ހަނުހުންނެވިއެވެ. އެކަލޭގެފާނު ޖަވާބު ނުދެއްވައި މަޑުކުރެއްވީ ކަމަށްވެސް ބައެއް ރިވާޔަތްތަކުގައި ވެއެވެ. އެއީ އެކަލޭގެފާނަށް ވަޙީ ބާވައިލެއްވޭނެކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވާތީއެވެ. ދެން އެކަމާއި ބެހޭގޮތުން ވަޙީ ބާވައިލެއްވުމުން ޙަދީޘްކުރެއްވިއެވެ.

﴿وَيَسْأَلُونَكَ عَنِ الرُّوحِ ۖ قُلِ الرُّوحُ مِنْ أَمْرِ رَبِّي ﴾ [سُورَةُ الإِسرَاء 85]

މާނައީ: “ރޫޙާ ބެހޭގޮތުން އެބައިމީހުން ކަލޭގެފާނާ ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ރޫޙަކީ (ހަމައެކަނި) ތިމަންކަލޭގެފާނުގެ ވެރިރައްބުގެ ދެނެވޮޑިގަތުމުގެ ތެރެއިން ވާ އެއްޗެކެވެ.”

 

ޝަރަޙަ

ޔަހޫދީން ރޫޙާ ބެހޭގޮތުން ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އާއި ސުވާލުކުރިއެވެ. އަދި ޤުރައިޝުން ވެސް ރޫޙާ ބެހޭގޮތުން ސުވާލުކުރިކަމަށް ރިވާވެގެން ވެއެވެ. މިތަނުގައި މިވާ ރޫޙަކީ އިންސާނާގެ ހަށިގަނޑުގެ ތެރޭގައިވާ ފުރާނައިގެ ވާހަކައެވެ. އެ ފުރާނަ އިންސާނާގެ ހަށިގަނޑުގެ ތެރޭގައި ވާނަމަ, ވާހަކަދައްކާ އަޑުއިވޭ، ހިނގާބިނގާވެ އުޅޭ މީހެއްކަމުގައި ވެއެވެ. އަދި އެފުރާނަ އިންސާނާގެ ހަށިގަނޑުން ނިކުމެއްޖެނަމަ އެއްވެސް ޙަރަކާތެއް ނެތް ހަށިގަނޑެއް ކަމުގައި ވެދެއެވެ.

މާނައަކީ: ވަޙީގެ ޒަރިއްޔާއިން މެނުވީ ރޫޙާ ބެހޭގޮތުން އެއްވެސް މީހަކަށް ނޭނގޭނެއެވެ.

ފަހެ އަހަރެމެންނަށް ޢިލްމުގެ ތެރެއިން ލިބިގެންވަނީ ވަރަށްވެސް މަދު މިންވަރެކެވެ. އެއީ ޝަރުޢީ ގޮތުން ވިޔަސް ނުވަތަ ދުނިޔޭގައި ހިނގާ ކަންކަމާ ބެހޭގޮތުން ވިޔަސް މެއެވެ.

އަދި މާތް ﷲގެ ޞިފަފުޅުތަކުގެ ވައްތަރު/ކައިފިއްޔަތާ ބެހޭގޮތުން ސުވާލު އުފައްދާ މީހުންނަށް ނުވަތަ ޣައިބުގެ ކަންކަމާއި ބެހޭގޮތުން ސުވާލު އުފައްދާ މީހުންނަށް މި އާޔަތުން ޖަވާބު ދެވޭނެއެވެ.

 


މަޞްދަރު: شرح أصول في التفسير للشيخ محمد بن صالح العثيمين – رحمه الله –


 

[1] أخرجه البخاري: كتاب العلم، باب قول الله تعالى: ﴿وما أوتيتم من العلم إلا قليلا﴾ رقم:125 / ومسلم: کتاب صفات المنافقين وأحكامهم، باب سؤال اليهود النبي ﷺ عن الروح، وقوله: ﴿ويسئلونك عن الروح﴾ رقم:2794