الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިބްރާހީމުގެފާނަށް ދެ ދަރިކަލުން ލިބިވަޑައިގެންނެވިއެވެ. އެއީ އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނެވެ. ގިނަ ނަބީބޭކަލުން ވަޑައިގެންނެވީ އިބްރާހީމުގެފާނުގެ ދަރިފަސްކޮޅުންނެވެ. އެހެންކަމުން އެކަލޭގެފާނަށް ‘ނަބީބޭކަލުންގެ ބައްޕާފުޅު‘ގެ ނަމުން ނަން ދެއްވާފައި ވެއެވެ. އެކަލޭގެފާނުވަނީ އެކަލޭގެފާނުގެ ދަރިފަސްކޮޅުގައި ނަބީކަމާއި އިމާމަތު ލެއްވުމަށް އެދި ދުޢާކުރައްވާފައެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿قَالَ إِنِّي جَاعِلُكَ لِلنَّاسِ إِمَامًا ۖ قَالَ وَمِن ذُرِّيَّتِي﴾ [سورة البقرة ١٢4]
މާނައީ: “އެއިލާހު (އިބްރާހީމުގެފާނަށް) ވަޙީކުރެއްވިއެވެ. ހަމަކަށަވަރުން މީސްތަކުންނަށް އިމާމަކު ކަމުގައި، ތިމަންއިލާހު ކަލޭގެފާނު ލައްވާ ހުށީމެވެ. އެކަލޭގެފާނު ދެންނެވިއެވެ. ތިމަންއަޅާގެ ދަރިފަސްކޮޅުންވެސް މެއެވެ.”
އަދިވެސް އިބްރާހީމުގެފާނު ކުރެއްވި ދުޢާގެ ވާހަކަ ބަޔާންކުރައްވާ އެއިލާހު ވަޙީކުރެއްވިއެވެ.
﴿رَبَّنَا وَابْعَثْ فِيهِمْ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِكَ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَيُزَكِّيهِمْ﴾ [سورة البقرة ١٢9]
މާނައީ: “އަޅަމެންގެ ރައްބެވެ! އަދި އެ އުންމަތުގެ މީހުންނަށް އިބައިލާހުގެ އާޔަތްތައް ކިޔަވައިދެއްވާ، ޙިކުމަތާއި ފޮތް އުނގަންނައިދެއްވާ އަދި (އެންމެހާ ނުބައި ގޮތްތަކުން) އެ އުންމަތް ޠާހިރުކުރައްވާނޭ ރަސޫލަކު، އެ އުންމަތުގެ ތެރެއަށް ފޮނުއްވައިފާނދޭވެ!”
ﷲ ތަޢާލާ އެކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވާ ގިނަ ނަބީބޭކަލުންތަކެއް އެކަލޭގެފާނުގެ ދަރިފަސްކޮޅުން ފޮނުއްވިއެވެ. އެގޮތުން އެންމެ ގިނަ ނަބީބޭކަލުން ވަޑައިގެންނެވީ އިބްރާހީމުގެފާނުގެ އިސްޙާޤުގެފާނުގެ ދަރިފަސްކޮޅުންނެވެ. އަދި އިބްރާހީމުގެފާނުގެ އިސްމާޢީލުގެފާނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އެވެ. ޔަހޫދީން އެކަލޭގެފާނުގެ ރިސާލަތު ޤަބޫލު ކުރުމަށް ދެކޮޅު ހެދި މައިގަނޑު ސަބަބަކީ އިސްޙާޤުގެފާނުގެ ދަރިފަސްކޮޅުން އެކަލޭގެފާނު ފޮނުއްވާނެކަމުގެ އުންމީދުގައި އެބައިމީހުން ތިއްބާ، އިސްމާޢީލުގެފާނުގެ ދަރިފަސްކޮޅުން އެކަލޭގެފާނު ފޮނުއްވުމުންނެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَلَمَّا جَاءَهُمْ كِتَابٌ مِّنْ عِندِ اللَّهِ مُصَدِّقٌ لِّمَا مَعَهُمْ وَكَانُوا مِن قَبْلُ يَسْتَفْتِحُونَ عَلَى الَّذِينَ كَفَرُوا فَلَمَّا جَاءَهُم مَّا عَرَفُوا كَفَرُوا بِهِ ۚ فَلَعْنَةُ اللَّهِ عَلَى الْكَافِرِينَ﴾ [سورة البقرة 89]
މާނައީ: “އަދި އެބައިމީހުންނާ އެކުގައިވާ ފޮތްތައް (އެބަހީ: ތައުރާތާއި އިންޖީލު) ޤަބޫލުކޮށް ތެދުކުރާ ގޮތުގައި ﷲ ގެ ޙަޟްރަތުން އެބައިމީހުންނާ ހަމައަށް ފޮތެއް (އެބަހީ: ޤުރުއާން) އައި ހިނދު (އެބައިމީހުން އެ ފޮތް ދޮގުކުރިއެވެ.) އޭގެ ކުރިން، އެބައިމީހުން ކާފިރުވެ ގަތް މީސްތަކުންގެ މައްޗަށް ނަޞްރު އެދޭކަމުގައި ވިއެވެ. (އެބަހީ: އެބައިމީހުންގެ ގާތަށް ފޮނުއްވޭ ނަބިއްޔާ ވަޑައިގަތުމުން ޢަރަބީންގެ މައްޗަށް ގަދަކަން ހޯދާނެކަމުގައި ބުނަމުން ދިޔައެވެ.) ދެން އެބައިމީހުންނަށް އެނގިފައިވާ ޙައްޤު (ނަބިއްޔާ) އެބައިމީހުންނާ ހަމައަށް އައިހިނދު އެބައިމީހުން އެކަލޭގެފާނަށް ކާފިރު ވިއެވެ. ފަހެ ކާފިރުންގެ މައްޗަށް ﷲ ގެ ލަޢުނަތް ހުށްޓެވެ.”
ޔަހޫދީންނަކީ: މޫސާ عليه السلام އަށް ތަބާވާކަމަށް ދަޢުވާކުރާ މީހުންނެވެ.
ނަޞާރާއިންނަކީ: އަލްމަސީޙު ޢީސާ عليه السلام އަށް ތަބާވާކަމަށް ދަޢުވާކުރާ މީހުންނެވެ. [1]
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައި ވަނީ ނަބިއްޔާ صلى الله عليه وسلم ފޮނުއްވުމުގެ ކުރިން އިންޖީލުގައިވާ ގޮތަށް ތަބާވަމުން ދިޔަ މީސްތަކުންނީ މުސްލިމުންކަމުގައެވެ. އަދި ޢީސާގެފާނު ފޮނުއްވުމުގެ ކުރިން ތައުރާތަށް ތަބާވެގެން ތިބި މީސްތަކުންނަކީވެސް މުސްލިމުންކަމުގައެވެ. އެހެނަސް ނަބިއްޔާ صلى الله عليه وسلم ގެ ރިސާލަތަށް ފަހު އޭގެ ކުރީގެ އެންމެހާ ޝަރީޢަތްތަކާއި ދީންތައް މަންސޫޚުކުރެއްވުނީއެވެ. [2] އެހެންކަމުން ޔަހޫދީންނާއި ނަޞާރާއިންނަކީ ބަދަލުކޮށްފައިވާ ދީންތަކަކަށް ތަބާވަމުންދާ ބައެކެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«أَنَا أَوْلَى النَّاسِ بِعِيسَى ابْنِ مَرْيَمَ فِي الدُّنْيَا وَالْآخِرَةِ، وَالْأَنْبِيَاءُ إِخْوَةٌ لِعَلَّاتٍ، أُمَّهَاتُهُمْ شَتَّى وَدِينُهُمْ وَاحِدٌ» [رواه البخاري (3443)]
މާނައީ: “ދުނިޔެއާއި އާޚިރަތުގައިވެސް ޢީސާގެފާނަށް (ނިސްބަތްވުމުގައި) އެންމެ އައުލާކަން ބޮޑީ ތިމަންކަލޭގެފާނެވެ. ނަބީބޭކަލުންނަކީ އެއްބަފާކަލުންގެ ކިބައިން އައިސްފައިވާ އަޚުންތަކެކެވެ. އެބޭކަލުންގެ މައިން ތަފާތަސް، އެބޭކަލުންވަނީ އެއް ދީނެއްގެ މަތީގައެވެ. (އެބަހީ: އެބޭކަލުންނަކީ އެއް ދީނެއްގެ މަތީގައި ތިއްބެވި، އެކި ޝަރީޢަތްތައް ބާވައިލެއްވުނު ބޭކަލުންތަކެކެވެ.[3])”
ފަހެ އެއްވެސް ނަބީބޭކަލަކީ ޔަހޫދީއެކޭ ނުވަތަ ނަޞާރާއެކޭވެސް ނުބުނެވޭނެއެވެ. ރަނގަޅު ގޮތަކީ ހުރިހާ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަކީވެސް މުސްލިމުންކަމުގައި ބުނުމެވެ. އަދި އެބޭކަލުންނަށް ތަބާވީ މީހުންނަކީވެސް އެ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ޒަމާނުގައި މުސްލިމުންކަމުގައި ބުނުމެވެ. އާ ދީނެއް ގޮތުގައި ޔަހޫދީ ދީނާއި ނަޞާރާ ދީން ފެށިފައިވަނީ މޫސާގެފާނާއި ޢީސާގެފާނު އަވަހާރަވުމަށް ފަހުގައެވެ. އެބައިމީހުން ރަސޫލުބޭކަލުން ގެންނެވި ގޮތް ބަދަލުކުރީއެވެ.
ފަހެ އިސްލާމްކަމުގެ ޢާންމު މާނައަކީ: ﷲ ތަޢާލާ ޝަރުޢުކުރެއްވި ގޮތަށް، އެއިލާހަށް އަޅުކަންކުރުމެވެ. އެ މާނައިގައި ހުރިހާ ނަބީބޭކަލުންނަކީވެސް މުސްލިމުންނެވެ. [4]
އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނު ދުޢާކުރައްވާ ވިދާޅުވިއެވެ.
﴿رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ﴾ [سورة البقرة ١٢٨]
މާނައީ: “އަޅަމެންގެ ރައްބެވެ! އަޅަމެންނީ ދެ މުސްލިމުންކަމުގައި ލައްވައިފާނދޭވެ! އަދި އަޅަމެންގެ ދަރިފަސްކޮޅުން މުސްލިމު އުންމަތެއް
ލައްވައިފާނދޭވެ!”
އަދިވެސް ވަޙީކުރެއްވިއެވެ.
﴿مَا كَانَ إِبْرَاهِيمُ يَهُودِيًّا وَلَا نَصْرَانِيًّا وَلَٰكِن كَانَ حَنِيفًا مُّسْلِمًا وَمَا كَانَ مِنَ الْمُشْرِكِينَ﴾ [سورة آل عمران ٦٧]
މާނައީ: “ޔަހޫދީއެއް ކަމުގައިވެސް އަދި ނަޞާރާއެއް ކަމުގައިވެސް އިބްރާހީމުގެފާނު ނުވެއެވެ. އަދި ކިއެއް ހެއްޔެވެ! އެކަލޭގެފާނު ވަނީ ޝިރުކުން އެއްކިބާވެ ތައުޙީދުގެ މަގަށް ތަބާވެގެންވާ މުސްލިމަކު ކަމުގައެވެ. އަދި މުޝްރިކުންގެ ތެރެއަކުންވެސް އެކަލޭގެފާނު ނުވެއެވެ.”
އަދި އިސްލާމްދީނުގެ ޚާއްޞަ މާނައަކީ: މުޙައްމަދު صلى الله عليه وسلم އަށް ބާވައިލެއްވުނު ގޮތަށް ތަބާވުމެވެ. މުޙައްމަދު صلى الله عليه وسلم ރަސޫލުކަމާއިގެން ފޮނުއްވުމަށް ފަހުގައި އެހެން ދީންތަކާއި ޝަރީޢަތްތައްވަނީ މަންސޫޚުކުރައްވާފައެވެ. އަދި އެކަލޭގެފާނު ޙަދީޘްކުރައްވާފައިވަނީ މޫސާގެފާނު ދިރިހުންނެވި ނަމަވެސް މޫސާގެފާނުވެސް އެކަލޭގެފާނަށް ތަބާވެވަޑައިގަންނަވާނެ ކަމުގައެވެ. އަދި ފަހު ޒަމާނުގައި ޢީސާގެފާނު ވަޑައިގެންވެސް ތަބާވެވަޑައިގަންނަވާނީ މުޙައްމަދު صلى الله عليه وسلم ގެ ޝަރީޢަތަށެވެ. [5]
ކީރިތި ޤުރުއާނުގައި ޔަހޫދީންގެ ނަމުން ޛިކުރުކޮށްފައިވަނީ އެބައިމީހުންގެ ނުބައިކަމުގެ ވާހަކަ ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ނުވަތަ އެބައިމީހުންނަށް ބަދުބަސް ވަޙީކުރައްވާފައިވާ ޙާލަތްތަކުގައި އެކަންޏެވެ. މިކަމުން ދޭހަކޮށްދެނީ އެބައިމީހުންނަށް އެ ނަން ދެވުނީ އެބައިމީހުން ﷲގެ ދީން ބަދަލުކޮށް މަގުފުރެދުމަށް ފަހުގައިކަމެވެ. والله أعلم. [6]
އެހެންކަމުން ރަނގަޅު ގޮތަކީ: ގިނަ ނަބީބޭކަލުން ވަޑައިގެންނެވީ ބަނޫ އިސްރާއީލުންގެ ތެރެއިންކަމުގައި ބުނުމެވެ. ފަހެ އެއްވެސް ނަބީބޭކަލެއް ނުވަތަ ރަސޫލުބޭކަލެއް ޔަހޫދީ ދީނަށް ނުވަތަ ނަޞާރާ ދީނަށް ނިސްބަތްކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ.
[1] ބައްލަވާ: دراسات في الأديان اليهودية والنصرانية لسعود بن عبد العزيز الخلف (ص: 165).
[2] ބައްލަވާ: مجموع الفتاوى لشيخ الإسلام ابن تيمية (27 / 370).
[3] ބައްލަވާ: بدائع الفوائد لابن القيم (3 / 201).
[4] ބައްލަވާ: شرح ثلاثة الأصول للعثيمين (ص: 20).
[5] ބައްލަވާ: مسند أحمد (14631) ومشكاة المصابيح للألباني (177).
[6] ބައްލަވާ: دراسات في الأديان اليهودية والنصرانية لسعود بن عبد العزيز الخلف (ص: 47 – 48).