ށ. އެކަލޭގެފާނުގެ ޚިލާފަތުގައި އަލަށް ފަތަޙަކުރި ރަށްތައް
އެކަލޭގެފާނުގެ ޚިލާފަތުގައި އަލަށް ފަތަޙަކުރި ރަށްތަކުގެ ތެރެއިން މުހިންމު ތަންތަނަކީ:
- ޠަބަރިސްތާން:
މިއީ އިސްލާމީ ދައުލަތުގެ އިރުމަތީގައި އޮތް ރަށެކެވެ. މިރަށް ފަތަޙަކުރެއްވީ ހިޖުރައިން 30 ވަނަ އަހަރު، ސަޢީދު ބުނުލް ޢާޞް رضي الله عنه އެވެ. އޭރު އެކަލޭގެފާނު ހުންނެވީ ކޫފާގެ ވެރިޔަކަށެވެ. ޠަބަރިސްތާން ފަތަޙަކުރި ލަޝްކަރުގައި ނަބިއްޔާ صلى الله عليه وسلم ގެ އަޞްޙާބުންގެ ތެރެއިން އެކަލޭގެފާނުގެ ދެ ކާފަދަރިކަލުން ޙަސަނުގެފާނާއި ޙުސައިނުގެފާނު އަދި އައްޒުބައިރު ބުނުލް ޢައްވާމާއި ޢަބްދުﷲ ބުން ޢައްބާސް އަދި ޙުޛައިފާ ބުނުލް ޔަމާން رضي الله عنهم ހިމެނިވަޑައިގަންނަވައެވެ. [1]
- ޠަޚާރިސްތާން [2]:
މި ރަށް ފަތަޙަކުރެއްވީ އަލްއަޙްނަފް ބުން ޤައިސެވެ. އެކަލޭގެފާނު ޖައިޙޫން ކޯރު ހުރަސްކުރައްވާ ވަޑައިގެންނެވުމުން ކޯރުގެ އައްސޭރީގައި ދިރިއުޅުނު އެ ރަށުގެ އަހުލުވެރިން އެކަލޭގެފާނާއެކު ޞުލްޙަވިއެވެ. އެއީ ހިޖުރައިން 32 ވަނަ އަހަރެވެ. ދެން އެއަށްފަހު، އެކަލޭގެފާނުގެ ބަދަލުގައި ޢުޘްމާނުގެފާނު އެ ލަޝްކަރަށް އިސްކުރެއްވީ ޤައިސް ބުން އަލްހައިޘަމް رضي الله عنه އެވެ. އެކަލޭގެފާނު ކުއްލިއަކަށް ޠަޚާރިސްތާނުގެ ތެރެއަށް ވަދެވަޑައިގެން އެ ރަށް ފަތަޙަކުރެއްވިއެވެ. [3]
- އެފްރިކާ (މިހާރުގެ ތޫނިސް):
އެފްރިކާ ފަތަޙަކުރެއްވީ މިޞްރުގެ ވެރިއަކަށް ހުންނެވި ޢަބްދުﷲ ބުން ސަޢުދު ބުން އަބޫ ސަރްޙު رضي الله عنه އެވެ. އެކަލޭގެފާނަށް އެހީތެރިވުމުގެ ގޮތުން މަދީނާއިން ޢުޘްމާނުގެފާނު ފޮނުއްވީ ޢަބްދުﷲ ބުން އައްޒުބައިރު رضي الله عنهما އެވެ. އެއި ހިޖުރައިން 27 ވަނަ އަހަރެވެ. [4]
- ނޫބާ [5]:
އެ ރަށަށް ޢަބްދުﷲ ބުން ސަޢުދު رضي الله عنه ވަޑައިގެންނެވުމުން އެ ރަށުގެ އަހުލުވެރިން އެކަލޭގެފާނާއެކު ޞުލްޙަވިއެވެ. އެއީ ހިޖުރައިން 31 ވަނަ އަހަރެވެ.
- ޤުބްރުޞް [6]:
ޢުޘްމާނުގެފާނު އެންގެވުމަށް، މުޢާވިޔާ رضي الله عنه ޝާމްކަރައިން ޤުބްރުޞްއަށް ވަޑައިގެންނެވީ ހިޖުރައިން 28 ވަނަ އަހަރެވެ. އަދި މިޞްރުގައި ހުންނެވި ޢަބްދުﷲ ބުން ސަޢުދު رضي الله عنه އެކަމުގައި އެކަލޭގެފާނަށް އެހީތެރިވެވަޑައިގެންނެވިއެވެ. އެ ރަށުގެ އަހުލުވެރިން ޖިޒުޔަ ދޭން އެއްބަސްވުމުން، ހަނގުރާމައަކާ ނުލާ އެ ރަށް ފަތަޙަކުރެއްވިއެވެ. އެ ރަށަށް ދިޔަ ލަޝްކަރުގައި ޢުބާދާ ބުން އައްޞާމިތާއި އެކަލޭގެފާނުގެ އަނބިކަނބަލުން އުންމު ޙަރާމް رضي الله عنهما ހިމެނިވަޑައިގަންނަވައެވެ. [7] އެކަމަނާ އެ ލަޝްކަރުގައި ކަނޑު ހުރަސްކޮށް އެ ރަށަށް ވަޑައިގަންނަވާނެކަމުގެ ޚަބަރު ނަބިއްޔާ صلى الله عليه وسلم ވަނީ ދެއްވާފައެވެ. [8]
الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –
ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه –
[1] ބައްލަވާ: تاريخ الطبري (4 / 269).
[2] އެއީ މިހާރު ޠާޖަކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ހިސާބެވެ. ބައްލަވާ: أطلس تاريخ الإسلامي لهاري و. هازارد وآخرين (ص: 11).
[3] ބައްލަވާ: تاريخ الطبري (4 / 309 – 313) والبداية والنهاية لابن كثير (10 / 244).
[4] ބައްލަވާ: تاريخ الطبري (4 / 252).
[5] އެއީ މިޞްރުގެ ދެކުނުގައިވާ އުސްވާން ކިޔާ ރަށުގެ ދެކުނުން ފެށިގެން ގާތްގަނޑަކަށް ސޫދާނުގެ މެދާ ހަމައަށް އޮތް ސަރަހައްދެވެ. ބައްލަވާ: أطلس تاريخ الإسلام لد. حسين مؤنس (ص: 119).
[6] އެއީ ސައިޕްރަސް (Cyprus) އެވެ.
[7] ބައްލަވާ: تاريخ الطبري (4 / 257).
[8] ބައްލަވާ: صحيح البخاري (2788).