[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެ ފުރިހަމަ ޖަޒާ ދެއްވުން ވަނީ ޤިޔާމަތް ދުވަހުގައި

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އިންސާނާ ކުޅަ ޢަމަލުގެ ޖަޒާއާ ނުވަތަ ސަޒާއާވެސް އޭނާ ދުނިޔޭގައި ބައްދަލުކުރެއެވެ. އެހެނަސް ދުނިޔޭގައި އޭނާއަށް މެދުވެރިވާ އެފަދަކަންކަމަކީ، އޭނާ ކުޅަ ޢަމަލުތަކުގެ އެންމެ ފުރިހަމަ ޖަޒާއެއް ނޫނެވެ. ދުނިޔަވީ އެހެނިހެން ކަންކަމެކޭ އެއްގޮތަށް، ދުނިޔޭގައި ދެއްވޭ ޖަޒާއަކީވެސް އަދި ސަޒާއަކީވެސް ވަގުތީ އެއްޗެކެވެ. އަދި އެންމެ ފުރިހަމަ އެއްޗެއް ނޫނެވެ. އެކަމުގެ ޙަޤީޤީ އަދި ފުރިހަމަ ބަދަލު ނުވަތަ ޖަޒާއާ އެމީހަކު ބައްދަލު ކުރާނީ ޤިޔާމަތް ދުވަހުންނެވެ. މިއީ ޝަރުޢީ ނައްޞުތަކުގެ އަލީގައި ޘާބިތުވާ ކަމެކެވެ. ފަހެ މިކަމާ ބެހޭގޮތުން އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.

 

“ފަހެ އަޅާ ކުރާ ހެޔޮ ޢަމަލަށް، ދުނިޔޭގައިވެސް ﷲ ތަޢާލާ އެކަމުގެ ޖަޒާދެއްވައެވެ. އެއީ ހަމަ ޔަޤީނުންވެސް ހިނގާ ކަމެކެވެ. ދެން އެއަށް ފަހު އާޚިރަތުގައި އެކަމުގެ ފުރިހަމަ ޖަޒާ އެމީހަކަށް ދެއްވައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ﴾ ‎‏ [سورة آل عمران: ١٨٥]

މާނައީ: ” އަދި (ތިޔަބައިމީހުން ކުރި ޢަމަލުތަކަށް) ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ ޤިޔާމަތް ދުވަހުންނެވެ.”

އެހަނަސް ދުނިޔޭގައި އޭނާއަށް ދެއްވޭ ޖަޒާ އެއީ އެ ޢަމަލުގެ ފުރިހަމަ ޖަޒާއެއް ނޫނެވެ. އެއީ އަދި މުޅިން އެހެން ބާވަތެއްގެ ޖަޒާއެކެވެ. އިބްރާހީމުގެފާނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَآتَيْنَاهُ أَجْرَهُ فِي الدُّنْيَا ۖ وَإِنَّهُ فِي الْآخِرَةِ لَمِنَ الصَّالِحِينَ﴾‏ ‎ [سورة العنكبوت: ٢٧]

މާނައީ: “އަދި ތިމަންއިލާހު އެކަލޭގެފާނަށް ދުނިޔޭގައި ހެޔޮ ދަރުމަ ދެއްވީމެވެ. އަދި ހަމަކަށަވަރުން އާޚިރަތުގައި އެކަލޭގެފާނު ވަނީ ޞާލިޙުންގެ ތެރެއިންކަން ކަށަވަރެވެ.”

އަދިވެސް އެފަދަ ކަމެއް އެހެން އާޔަތެއްގައިވެސް ވަޙީކުރެއްވިއެވެ.

﴿وَآتَيْنَاهُ فِي الدُّنْيَا حَسَنَةً ۖ وَإِنَّهُ فِي الْآخِرَةِ لَمِنَ الصَّالِحِينَ﴾ ‎ [سورة النحل: ١٢٢]

މާނައީ: “އަދި ދުނިޔޭގައި ތިމަންއިލާހު އެކަލޭގެފާނަށް ހެޔޮކަން ދެއްވީމެވެ. އަދި ހަމަކަށަވަރުން އާޚިރަތުގައި އެކަލޭގެފާނު ވަނީ ޞާލިޙުންގެ ތެރެއިންކަން ކަށަވަރެވެ.”

ފަހެ ﷲ ތަޢާލާ އަންގަވާފައި މިވަނީ އެއިލާހުގެ ޚަލީލު އިބްރާހީމުގެފާނަށް ދުނިޔޭގައިވެސް އަޖުރުދެއްވާފައިވާ ކަމަށެވެ. އެއީ އެކަލޭގެފާނަށް އެކަލޭގެފާނުގެ ނަފްސުގައްޔާއި ހިތްޕުޅުގައްޔާއި ދަރީންގެ ކިބައިންނާއި މުދަލުންނާއި ރަނގަޅު ދިރިއުޅުމަކުން ދެއްވާފައިވާ ނިޢުމަތްތަކެކެވެ. އެހެނަސް އެއީ އެކަލޭގެފާނަށް ދެއްވާފައިވާ ފުރިހަމަ އަޖުރެއް ނޫނެވެ. ފަހެ ޤުރުއާނުގެ އެތައް ތަނެއްގައި އަންގަވާފައި ވަނީ ހެޔޮކަމެއް ކުރާ މީހަކަށް ދެ އަޖުރު ލިބިގެންވާކަމަށެވެ. އެއީ ދުނިޔޭގައި ލިބޭ އަޖުރާ އަދި އުޚްރަވީ ޙަޔާތުގައި ލިބިގެންދާ ފުރިހަމަ އަޖުރެވެ.” [إعلام الموقعين لابن القيم (2 / 125)]