[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުތުރާގެ ސިފަތައް – 1

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ޖަމަލު މަތީގައި ބައިންދާ ގޮނޑީގެ ފަހަތުބައިވަރުވާ އެއްޗެއް ނަމާދުކުރާ މީހާގެ ކުރިމަތީގައި ބެހެއްޓުމުން، އެއީ ސުތުރާއެއްކަމަށް ބެލެވޭނެއެވެ. އޭގެ މިންވަރަކީ މުށެކެވެ. އަދި ފާރާއި، ތަނބާއި، ގޮނޑި ނުވަތަ މިފަދަ އެހެން އެއްޗެއްވެސް އޭނާގެ ކުރިމަތީގައި ވާނަމަ، ސުތުރާއެއްކަމަށް ބެލެވޭނެއެވެ. [1] މިއީ މިކަމުގައި ޖުމްހޫރުންގެ (ޙަނަފީންނާއި، ޝާފިޢީންނާ އަދި ޙަންބަލީންގެ) މަޛްހަބެވެ.

 

ދަލީލުތައް:

ފުރަތަމަ: ސުންނަތުގެ ދަލީލުތައް

1- ޠަލްޙާ ބުން ޢުބައިދި ﷲ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِذَا وَضَعَ أَحَدُكُمْ بَيْنَ يَدَيْهِ مِثْلَ مُؤْخِرَةِ الرَّحْلِ فَلْيُصَلِّ، وَلَا يُبَالِ مَنْ مَرَّ وَرَاءَ ذَلِكَ» [رواه مسلم 241 – (499)]

މާނައީ: “ތިޔަބައިމީހުން ކުރެ މީހަކު، އެމީހެއްގެ ކުރިމަތީގައި ޖަމަލު މަތީގައި ބައިންދާ ގޮނޑީގެ ފަހަތުބައިވަރުވާ އެއްޗެއް ބަހައްޓައިފިނަމަ، ފަހެ (އެއާ ކުރިމަތިލައިގެން) ނަމާދުކުރާށެވެ. އަދި އޭގެ ފަހަތުން ހުރަސްކުރާ މީހާއާމެދު ފަރުވާލެއް ބަހައްޓާނިކަމެއް ނެތެވެ.”

އަދި އެހެން ރިވާޔަތެއްގައިވެއެވެ.

كُنَّا نُصَلِّي وَالدَّوَابُّ تَمُرُّ بَيْنَ أَيْدِينَا فَذَكَرْنَا ذَلِكَ لِرَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ:

«مِثْلُ مُؤْخِرَةِ الرَّحْلِ تَكُونُ بَيْنَ يَدَيْ أَحَدِكُمْ، ثُمَّ لَا يَضُرُّهُ مَا مَرَّ بَيْنَ يَدَيْهِ» [رواه مسلم 242 – (499)].

މާނައީ: “ތިމަންމެން ނަމާދުކުރަން ތިއްބާ، ތިމަންމެންގެ ކުރިމަތިން ޖަނަވާރުތައް ހުރަސްކުރަމުން ދެއެވެ. ފަހެ އެކަމުގެ ވާހަކަ، ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ދެންނެވީމެވެ. ފަހެ އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ.

“ޖަމަލު މަތީގައި ބައިންދާ ގޮނޑީގެ ފަހަތުބައިފަދަ އެއްޗެއް ތިޔަބައިމީހުން ކުރެ މީހަކު ކުރިމަތީގައި ވާނަމަ، ދެން އޭގެ ފަހަތުން ހުރަސްކުރާ އެއްޗަކުން އޭނާއަކަށް އެއްވެސް ގެއްލުމެއް ނުވެއެވެ.”

ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން އެކަމަނާ ވިދާޅުވިއެވެ.

سُئِلَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ سُتْرَةِ الْمُصَلِّي؟ فَقَالَ: «مِثْلُ مُؤْخِرَةِ الرَّحْلِ» [رواه مسلم 243 – (500)].

މާނައީ: “ނަމާދުކުރާ މީހާގެ ސުތުރާއާމެދު ﷲ ގެ ރަސޫލާ صلى الله عليه وسلم އާ ސުވާލު ދެންނެވުނެވެ. ފަހެ އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ.

“ޖަމަލު މަތީގައި ބައިންދާ ގޮނޑީގެ ފަހަތުބައިފަދަ އެއްޗެކެވެ.”

2- އަބޫ ޖުޙައިފާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

«خَرَجَ عَلَيْنَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِالهَاجِرَةِ، فَأُتِيَ بِوَضُوءٍ، فَتَوَضَّأَ، فَصَلَّى بِنَا الظُّهْرَ وَالعَصْرَ، وَبَيْنَ يَدَيْهِ عَنَزَةٌ وَالمَرْأَةُ وَالحِمَارُ يَمُرُّونَ مِنْ وَرَائِهَا» [رواه البخاري (499) واللفظ له، ومسلم 252 – (503)].

މާނައީ: “މެންދުރު ވަގުތުގައި، ﷲ ގެ ރަސޫލާ صلى الله عليه وسلم ތިމަންމެންގެ ތެރެއަށް ނުކުމެވަޑައިގެންނެވިއެވެ. އަދި ވުޟޫކުރާނޭ ފެން އެކަލޭގެފާނުގެ އަރިހަށް ގެނެވުމުން، އެކަލޭގެފާނު އޭގެން ވުޟޫކުރެއްވިއެވެ. އަދި ތިމަންމެންނާއެކު މެންދުރު ނަމާދާއި ޢަޞްރުނަމާދު އެކަލޭގެފާނު ކުރެއްވިއެވެ. އެހިނދު އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ޢަނަޒާއެއް (ލޮންސި ގޮތަށް ކޮޅު ތޫނުކޮށް ހުންނަ ބައި ލޮންސިއެއް ނުވަތަ އެއަށްވުރެ ބޮޑު އެއްޗެއް) ބެހެއްޓިފައި ހުއްޓެވެ. އަދި އޭގެ ފަހަތުން އަންހެނުންނާއި، ހިމާރު ހުރަސްކުރަމުން ދިޔައެވެ.”


 

މަޞްދަރު

 

[1] ސުތުރާ: ލަފްޒީ ގޮތުން ‘ސުތުރާ’ އަކީ މީހާ ނިވާވުމަށް ބޭނުންކުރާ އެއްޗެކެވެ. ފިޤުހުވެރިން ޢާންމު ގޮތެއްގައި ‘ސުތުރާ’ މި ލަފްޒު ބޭނުންކުރަނީ: ނަމާދުކުރާއިރު ނަމާދުކުރާ މީހާ އޭނާގެ ކުރިމަތިން މީސްތަކުން ހުރަސްކުރުން ހުއްޓުވުމަށް ބަހައްޓާ އެއްޗަކަވެ. އެއީ އަސާއެއް ނުވަތަ ލޮންސިއެއް ނުވަތަ ދުނިދަނޑިއެއް ނުވަތަ ގަހެއް ނުވަތަ ޖަނަވާރެއް ނުވަތަ ތަނބެއް ނުވަތަ ފާރެއް ނުވަތަ އެފަދަ ކޮންމެ އެއްޗެކެވެ. ސުތުރާއަށް ބޭނުންކުރާ އެތީގެ ދިގު މިނުގައި އެންމެ ކުޑަވެގެން ކައިވަތެއްވަރު ހުރުން ރަނގަޅެވެ. (ބައްލަވާ: منحة العلام لعبدالله الفوزان (2 / 395 ، 406)) އަދި ބައެއް މިސްކިތްތަކުގައި ސުތުރާއަކަށް ޚާއްޞަކޮށްގެން ލަކުޑިން ބައެއް އެއްޗިސް ހަދާފައި ހުރެއެވެ. އެފަދައިން އެއްޗެހި ހެދުމަކީ ރަނގަޅުކަމެއް ނޫނެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޒަމާނުގައިވެސް އެފަދައިން ސުތުރާއަށް ޚާއްޞަ އެއްޗެއް ހަދާފައި ނުވެއެވެ. މިސްކިތުގައި ނަމާދުކުރާއިރުގައި ފާރެއް ނުވަތަ ތަނބެއް ނުވަތަ އެނޫނަސް މިސްކިތުގައި ހުރި އެއްޗެއް ސުތުރާއެއްގެ ގޮތުގައި ބޭނުން ކުރުމުން ރަނގަޅުވާނެއެވެ. (ބައްލަވާ: فتاوى اللجنة الدائمة للإفتاء، س: 1 ، الرقم: (2613))

 

ސުތުރާއާ ގުޅުން ހުރި އިތުރު ލިޔުންތައް