[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބަހުގެ ގޮތުންނާއި އިޞްތިލާޙީ ގޮތުން ޢަޤީދާގެ ތަޢާރުފު

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ބަހުގެ ގޮތުން ޢަޤީދާ:

ބަހުގެ ގޮތުން ބަލާއިރު ޢަޤީދާއަކީ ޢަރަބި ލަފްޒެކެވެ. އުފެދިފައިވަނީ (ع) (ق) (د) އިންނެވެ. ޢަރަބި ކަލިމައެއްގައި މި ތިން އަކުރު އަތުވެއްޖެނަމަ އޭގެން ދަލާލަތުކުރަނީ އެއްޗެއްގެ ވަރުގަދަކަމަށާއި ގޮށް ޖެހުން ފަދަ މާނަ ތަކަކަށެވެ. މި އަކުރުތަކުގެ ހުރިހާ މާނައެއްވެސް ގުޅިފައިވަނީ މިކަންކަމާއެވެ. [1] އަދި ޢަރަބި ބަހުގައި عَقَدَه يَعْقِدُ عَقْداً ބުނެފިނަމަ އޭގެ މާނައަކީ: އެއްޗެއް މޮހާލުމުގެ އިދިކޮޅު މާނައެވެ. [2] އަދި ކަމެއް اعتقدَ (އިޢުތިޤާދު) ކޮށްފީމޭ ބުނެފިނަމަ އޭގެ މާނައަކީ: އެ އެއްޗެއް ހަރުވެ، ވަރުގަދަވުމެވެ. ނުވަތަ ޤަބޫލުކުރުމެވެ. [3] އެގޮތުން العقيدة (ޢަޤީދާ) މި ލަފްޒަކީ ޝަރުޢީ އިޞްތިލާޙެކެވެ. މި ލަފްޒު ބައެއް ނައްޞުތަކުގައި އަދި އަޘަރުތަކުގައި ވާރިދުވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«لَا يَعْتَقِدُ قَلْبُ مُسْلِمٍ عَلَى ثَلَاثِ خِصَالٍ، إِلَّا دَخَلَ الْجَنَّةَ» [4]

މާނައީ: “މީހެއްގެ ހިތުގައި ތިންކަމެއް ބިންވަޅު ނަގައިފިނަމަ އެމީހަކު ސުވަރުގެ ވަންނަ ހުއްޓެވެ.”

 

ޢިލްމުވެރިންގެ އިޞްޠިލާޙުގައި ޢަޤީދާ:

ޢަޤީދާގެ އިސްޠިލާޙީ މާނަ ބަޔާންކުރެއްވުމުގައި އެކި ޢިލްމުވެރިން އެކި ޢިބާރާތްތަކުން އެކަން ބަޔާންކުރައްވާފައި ވެއެވެ. އެކަމާ ބެހޭގޮތުން الفيومي  – رحمه الله – ވިދާޅުވިއެވެ.

“އަހަރެން މިވެނި ކަމެއް އިޢުތިޤާދުކޮށްފީމޭ ބުނެފިނަމަ އެބުނެވެނީ، އެކަމުގެ މައްޗަށް އޭނާގެ ހިތާއި ޟަމީރު ވަރުގަދަވެ ހަރުވެއްޖެކަމެވެ. އެހެންކަމުން ޢަޤީދާއަކީ އިންސާނާ ދީނީ ކަންކަމުގެ ގޮތުގައި ބަލާކަންތައްތައް ކަމުގައިވެސް ބުނެ އުޅެއެވެ. އަދި ޝައްކުތަކުން ދުރުވެފައިވާ މީހާއަށް، އެމީހެއްގެ ޢަޤީދާ ރަނގަޅޭވެސް ބުނެ އުޅެއެވެ.” [5]

އެކަމާ ބެހޭގޮތުން السفاريني  – رحمه الله – ވިދާޅުވިއެވެ.

“އިޢުތިޤާދަކީ ވަކި ޙުކުމެއްގެ މައްޗަށް ވިސްނުން ވަރުގަދަކުރުމެވެ. ކަން އޮތް ގޮތަށް އެކަން ދިމާވާނަމަ އެއީ ޞައްޙަ ޢަޤީދާއެކެވެ. ނޫންނަމަ އެއީ ފާސިދު ޢަޤީދާއެކެވެ.” [6]

އެހެންކަމުން ޝަރުޢީ އިޞްޠިލާޙުގައި ޢަޤީދާއޭ ބުނުމުން އަދި ޢިލްމުވެރިންގެ ބަސްފުޅުތަކުގައި ޢަޤީދާއޭ ބުނުމުން އޭގެ މުރާދަކީ: އޭނާގެ ހިތް އެކަމުގެ މައްޗަށް ވަރުގަދަވެ، ހިތުގައި ބިންވަޅު ނަގާފައިވާ ކަންކަމެވެ. އަދި ދީނީ ކަންކަމުގެ ގޮތުގައި އޭނާ ބަލާ ކަންކަމެވެ. އޭނާގެ ހިތުގައި ބިންވަޅުނަގާފައިވާ ކަންތަކަކީ ޤުރުއާނާއި ސުންނަތާ އެއްގޮތްވާ ކަމެއް ނަމަ އެއީ ޞައްޙަ ޢަޤީދާއެކެވެ. އަދި އެއީ ޤުރުއާނާއި ސުންނަތާ ޚިލާފު ކަމެއް ނަމަ އެއީ ފާސިދު ޢަޤީދާއެކެވެ.

އިސްލާމީ ޢަޤިދާއަކީ މިއަށް ވުރެ ޚާއްޞަ މާނައެއްގައި ބޭނުންކުރާ އެއްޗެކެވެ. އިސްލާމީ ޢަޤީދާއޭ ބުނުމުން އޭގެ ތެރޭގައި: ﷲ އެއްކައުވަންތަކުރުމާއި (ތައުޙީދާއި) އެއިލާހަށް އަޅުކަން ޚާލިޞްކުރުމާއި އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ އެންމެހާ ކަންކަމަށް އީމާންވުމާ އަދި ނަބިއްޔާ صلى الله عليه وسلم ގެންނެވި އެންމެހާ ކަމެއްގައި އެކަލޭގެފާނަށް ތަބާވުން ހިމެނިގެން ދާނެއެވެ.

ފަހެ ޞައްޙަ ޢަޤީދާގެ އަހުލުވެރިއެއް މެނުވީ ސަލާމަތް ހިތުގެ އަހުލުވެރިއަކަށް ވެގެން ނުދާނެއެވެ. އެ ދެކަންތަކުގެ ދެމެދުގައިވާ ވަރުގަދަގުޅުން ބަޔާންކުރައްވާ އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.

“ފަހެ ސަލާމްވެގެންވާ ހިތަކީ އޭނާގެ ހިތުގައި އެއްވެސް ބާވަތެއްގެ ޝިރުކެއް ނުވާ، އެއިން ސަލާމަތްވެފައިވާ ހިތެވެ. އަދި ކިއެއް ހެއްޔެވެ. އެވާނީ ﷲ ތަޢާލާއަށް އަޅުވެތިވުމުގައި ޚާލިޞްވެފައެވެ. އެ އެދޭ ކަންކަމުގައްޔާއި ލޯބިވުމުގައްޔާއި ވަކީލުކުރުމުގައްޔާއި ތައުބާވުމުގައްޔާއި މަޑުމޮޅިވުމުގައްޔާއި ބިރުވެތިވުމުގައްޔާ އަދި އުންމީދުކުރުމުގައި އެވާނީ ﷲ ތަޢާލާއަށް ޚާލިޞްވެފައެވެ. އަދި އޭގެ ޢަމަލުތައްވެސް ވާނީ ﷲ އަށްޓަކައި ޚާލިޞް ކުރެވިފައެވެ. ފަހެ އޭނާ ލޯބިވާނަމަ ލޯބިވާނީ ﷲއަށްޓަކައެވެ. އަދި ރުޅި އަންނަނަމަ ރުޅި އަންނާނީ ﷲއަށްޓަކައެވެ. އަދި އެއްޗެއް ދޭނަމަ އެ ދޭނީ ﷲއަށްޓަކައެވެ. އަދި އެއްޗެއް ދިނުމުން މަނާވެގަންނަނަމަ އެކަން ކުރާނީވެސް ﷲ އަށްޓަކައެވެ. އަދި އެވަރަކުން ނުފުދޭނެއެވެ. ފަހެ ﷲ ގެ ރަސޫލާ صلى الله عليه وسلم ފިޔަވާ އެހެން ފަރާތަކަށް ބޯލެނބުމާއި، ކަންކަމުގައި ޙުކުމްކުރުމަށް އެކަލޭގެފާނު ފިޔަވާ އެހެން ފަރާތަކަށް ރުޖޫޢަވުމުން (އެބަހީ: ސުންނަތަށް ރުޖޫޢަވުމުން) އެއްކިބާވެއްޖައުމަށް ދާންދެން އެކަންކަމުން ނުފުދޭނެއެވެ.

ދެން އެއަށްފަހުގައި އޭނާގެ ހިތުގައި ވަރުގަދައަށް ބިންގާ ނަގާނީ ހަމައެކަނި ނަބިއްޔާ صلى الله عليه وسلم އަކީ އިމާމުގެ ގޮތުގައި ބަލައިގަނެ، ހަމައެކަނި އެކަލޭގެފާނުގެ ކިބައިން ނަމޫނާ ލިބިގަތުމަށެވެ. އެއީ ބުނާ ބަސްތަކުގައްޔާއި ކުރާ ޢަމަލުތަކުގައެވެ. އޭގެ ތެރޭގައި ހިތުގެ ޤައުލުތައް (ހިތުގެ ބަސްތައް – އެބަހީ: ޢަޤީދާތައް – ) ދުލުން ބުނާ ވާހަކަތައް (އެއީ: ހިތުގައިވާ އެއްޗަކާ މެދު ދުލުން ދޭ ޚަބަރުތައް) ހިތުގެ ޢަމަލުތައް (އޭނާ ބޭނުންވާ ކަންކަމާއި ލޯބިވާ ކަންކަމާއި ނުރުހޭ ކަންކަމާއި އެއަށް ތަބާވާ ކަންކަން) އަދި ގުނަވަންތަކުގެ ޢަމަލުތަކެވެ.

އެހުރިހާ ކަމެއްގެ ތެރެއިން ބޮޑެތި ކަންކަމާ އަދި ކުދި ކަންކަމުގައިވެސް ގޮތް ނިންމާނީ ރަސޫލާ صلى الله عليه وسلم ގެންނެވި އެއްޗަކަށް ބަލައިގެންނެވެ. އަދި ޢަޤީދާގައިވެސް، ބުނާ ބަހުގައިވެސް އަދި ކުރާ ޢަމަލުގައިވެސް އެކަލޭގެފާނަށް ވުރެ އޭނާ އިސްވެ ނުގަންނާނެއެވެ.” [7]

 


 

[1] انظر: مقاييس اللغة لابن فارس (4 / 86).

[2] انظر: لسان العرب لابن منظور (3 / 296).

[3] انظر: لسان العرب لابن منظور (3 / 299).

[4] أخرجه الدارمي في سننه برقم: (235) وحسنه الشيخ عبدالمحسن العباد (انظر: الانتصار لأهل السنة (ص: 23)).

[5] المصباح المنير للفيومي (2 / 421).

[6] لوامع الأنوار للسفاريني (1 / 60).

[7] إغاثة اللهفان لابن القيم (1 / 7 – 8).