الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ސުތުރާއާ ގާތްވުން
ސުތުރާއާ ގާތްވުން ސުންނަތްވެގެން ވެއެވެ.
ދަލީލުތައް:
ފުރަތަމައީ: ސުންނަތުގެ ދަލީލުތައް:
1- ސަހްލު ބިން އަބީ ޙަޘްމާ، ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާކުރެއްވިއެވެ. ހަމަކަށަވަރުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«إِذَا صَلَّى أَحَدُكُمْ إِلَى سُتْرَةٍ فَلْيَدْنُ مِنْهَا لَا يَقْطَعِ الشَّيْطَانُ عَلَيْهِ صَلَاتَهُ» [رواه أبو داود (695)، والنسائي (2 / 62)، وأحمد (2 / 4) (16134). واحتجَّ به ابنُ حزم في المحلى (4 / 186)، وحسَّنه ابن عبد البر في التمهيد (4 / 195)، وصحَّحه النَّووي في المجموع (3 / 244)، وقال ابن القيم في تهذيب السنن (2 / 388): “رجالُ إسنادِه رجالُ مسلم”، وصحَّحه الألباني في صحيح سنن أبي داود (695)].
“ތިޔަބައިމީހުން ކުރެ މީހަކު ސުތުރާއަކަށް ކުރިމަތިލައިގެން ހުރެ ނަމާދުކުރާނަމަ، ފަހެ އެއާ ކައިރިވާ ހުށިކަމެވެ. ޝައިތާނާ އެމީހެއްގެ ނަމާދަށް ހުރަސްއެޅިޔަ ނުދޭށެވެ.”
2- ސަހްލު ބިން ސަޢްދު އައްސާޢިދީ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
«كَانَ بَيْنَ مُصَلَّى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَبَيْنَ الجِدَارِ مَمَرُّ الشَّاةِ» [رواه البخاري (496) ومسلم 262 – (508)]
މާނައީ: “ﷲ ގެ ރަސޫލާ صلى الله عليه وسلم ނަމާދުކުރައްވާ ތަނާއި ފާރާ ދެމެދުވަނީ ކަންބަޅި ހުރަސްކުރާވަރުގެ ދުރުމިނެކެވެ. [1]“
ދެވަނައީ: އިޖުމާޢުގެ ދަލީލުތައް:
އެކަމުގެ މައްޗަށް އިޖުމާޢު ނަޤުލުކުރައްވާފައިވާ ބޭފުޅުން:
- އިބުނު ޙަޒްމް:
އިބްނު ޙަޒްމު رحمه الله ވިދާޅުވެފައިވެއެވެ.
“ކަންބަޅިއެއް ހުރަސްކުރާވަރުގެ ދުރުމިނަކަށް ނުވަތަ ތިން މުށާއި ހަމަޔަށް މީހަކު އެމީހެއްގެ ސުތުރާއާ ކައިރިވެއްޖެނަމަ، އެކަމުގައި އޭނާ އަދާކުރަން ޖެހޭ މިންވަރު އަދާކޮށްފިކަމަށް ޢިލްމުވެރިންވަނީ އިއްތިފާޤުވެވަޑައިގެންފައެވެ.” [مراتب الإجماع (ص 30)].
- އަބޫ ޙާމިދު رحمه الله ގެ އަރިހުން އެކަން ނަޤުލުކުރައްވާ އައްނަވަވީ رحمه الله ވިދާޅުވިއެވެ.
“ސުންނަތް ގޮތަކީ ނަމާދުކުރާމީހާގެ ކުރިމަތީގައި ފާރެއް ނުވަތަ ތަނބެއް ނުވަތަ މި ނޫނަސް އެއްޗަކުން ސުތުރާއެއްވާނަމަ، އެއާ ކައިރިވުމެވެ. އަދި މިކަމުގެ މައްޗަށް އައްޝައިޚް އަބޫ ޙާމިދުވަނީ އިޖުމާޢު ނަޤުލުކުރައްވާފައެވެ” [المجموع (3 / 247)].
ތިންވަނައީ: ޢިލްމުވެރިން އެކަމުގައި ޢަމަލުކުރައްވާފައިވާ ގޮތް
އަލްބަޣަވީ رحمه الله ވިދާޅުވެފައި ވެއެވެ.
“މިކަމުގައި ޢިލްމުވެރިން ޢަމަލުކުރެއްވި ގޮތް: ސުތުރާއާ ކައިރިވެ، ނަމާދުކުރެއްވުމަށް އެބޭކަލުން ލޯބިކުރެއްވިއެވެ. އެއީ ސުތުރާއާ އެމީހަކާ ދެމެދު ސަޖިދަ ކުރެވޭނެ ވަރުގެ ޖާގައެއް އޮންނަ މިންވަރަށެވެ. އަދި ދެ ސަފުގެ ދުރުމިނަކީވެސް ހަމަ އެއީއެވެ.” [شرح السنَّة (2 / 447)].
ހަތަރުވަނައީ: ހަމަކަށަވަރުން ސުތުރާއާ ގާތްވުމުން، އޭނާގެ ނަމާދަށް ލިބިގެންދާ ރައްކާތެރިކަން ބޮޑެވެ. އަދި އޭނާ ވަށައިގެންވާ މީހެއް ނުވަތަ އެއްޗެއް އޭނާއާއި އޭނާގެ ސުތުރާގެ ދެމެދުން ހުރަސްކުރުން ދުރުކޮށްދެއެވެ. [المغني لابن قدامة (2 / 176)].
ސުތުރާއާ ގާތްވާންވީ މިންވަރު
ނަމާދުކުރާމީހާ ތިން މުށަށް ވުރެ ދުރުނުވާ ވަރަށް ސުތުރާއާ ގާތްވެލަންވާނެއެވެ. އަދި މިއީ މިކަމުގައި ޖުމްހޫރު ޢިލްމުވެރިންގެ މަޛްހަބެވެ. [ބައްލަވާ ޙަނަފީން: حاشية ابن عابدين (1 / 637)، وحاشية الطحطاوي (ص: 246)، ޝާފިޢީން: المجموع للنووي (3 / 247)، وأسنى المطالب لزكريا الأنصاري (1 / 45)، ޙަންބަލީން: كشاف القناع للبهوتي (1 / 376)، والمغني لابن قدامة (2 / 176)].
އަދި މިކަމުގެ މައްޗަށް އިޖުމާޢުވެސް ވަނީ ނަޤުލުކުރައްވާފައެވެ. [2]
ދަލީލުތައް:
ފުރަތަމަ: އަޘަރުތަކުން:
ނާފިޢު رحمه الله ގެ އަރިހުން ރިވާވެގެންވެއެވެ.
” إِذَا دَخَلَ الكَعْبَةَ مَشَى قِبَلَ وَجْهِهِ حِينَ يَدْخُلُ، وَجَعَلَ البَابَ قِبَلَ ظَهْرِهِ، فَمَشَى حَتَّى يَكُونَ بَيْنَهُ وَبَيْنَ الجِدَارِ الَّذِي قِبَلَ وَجْهِهِ قَرِيبًا مِنْ ثَلاَثَةِ أَذْرُعٍ، صَلَّى يَتَوَخَّى المَكَانَ الَّذِي أَخْبَرَهُ بِهِ بِلاَلٌ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ صَلَّى فِيهِ ” [رواه البخاري (506)]
މާނައީ: “ހަމަކަށަވަރުން ޢަބްދުﷲ ބުން ޢުމަރު، ކަޢުބާގެ އެތެރެއަށް ވެދެވަޑައިގަންނަވާ ހިނދު، އެކަލޭގެފާނު އެ ވެދެވަޑައިގެންނެވި ތަނުން ކުރިއަށް ހިންގަވައެވެ. އަދި އެކަލޭގެފާނުގެ ފުރަގަހަށް ކަޢުބާގެ ދޮރުކޮޅު ވާގޮތަށް، އެކަލޭގެފާނުގެ ކުރިމަތީގައިވާ ފާރާއި ތިން މުށަށް ވުރެ ކައިރިވަންދެން ހިންގަވައެވެ. އެކަލޭގެފާނު އެތަނުގައި ނަމާދު ކުރައްވަނީ ނަބިއްޔާ صلى الله عليه وسلم ނަމާދުކުރެއްވި ކަމަށް، ބިލާލުގެފާނު އެކަލޭގެފާނަށް ޚަބަރުދެއްވި ތަނުގައި ހުންނަވައިގެން ނަމާދުކުރެއްވުމުގެ ޤަސްދުގައެވެ.”
ދެވަނައީ: ތިންމުށަކީ މީހަކު ސަޖިދަ ޖެހުމަށް ބޭނުންވާނޭ މިންވަރެވެ. [ބައްލަވާ: أسنى المطالب لزكريا الأنصاري (1 / 184)].
[1] އެބަހީ: ސަޖިދަ ޖެހޭ މިންވަރުގެ ދުރުމިނެކެވެ. (ބައްލަވާ: فتح الباري لابن حجر (1 / 575)).
[2] އެއީ އިބްނު ޙަޒްމު رحمه الله ގެ އަރިހުން މި ލިޔުމުގައި އިސްވެ ބަޔާންވެގެން ދިޔަ އިޖުމާޢެވެ.