[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 124

  1. އިބްނު ޙިއްބާނުގެ ޞަޙީޙު [1]

 

ފޮތުގެ މުއައްލިފު:

އެކަލޭގެފާނަކީالإمام، العلامة، الحافظ، شيخ خراسان: أبو حاتم، محمد بن حبان بن أحمد بن معاذ بن معبد التميمي الدارمي البستي އެވެ. އުފަންވީ ހިޖުރައިން 270 ގެ އަހަރުތަކުގައެވެ. އަދި އަވަހާރަވީ ހިޖުރައިން 354 ހ ވަނަ އަހަރުގައެވެ. [2]

 

ޞަޙީޙު އިބްނު ޙިއްބާނަށް ދެއްވާފައިވާ ނަން:

ޢިލްމުވެރިންގެ އަރިހުގައި މި ފޮތް މަޝްހޫރުވެފައިވަނީ صحيح ابن حبان ގެ ނަމުންނެވެ. މި ފޮތުގެ އަޞްލު ނަމަކީ މި ފޮތުގެ މުޤައްދިމާގައި މި ފޮތުގެ މުއައްލިފު ދެއްވާފައިވާ ނަމެވެ. އެއީ:

“المسند الصحيح على التقاسيم والأنواع من غير وجود قَطْعٍ في سندها، ولا ثبوت جرحٍ قي ناقليها”. [3]

 

އިބްނު ޙިއްބާނު އެކަލޭގެފާނުގެ ޞަޙީޙުގައި ކުރައްވާފައިވާ ޝަރުޠު:

މި ފޮތުގެ މުޤައްދިމާގައި އެކަލޭގެފާނު رحمه الله ވިދާޅުވިއެވެ.

“މި ފޮތުގައި ގެނެސްފައިވާ ޙަދީޘްތަކުގެ ރާވީންނާމެދު ކޮށްފައިވާ ޝަރުޠާ މެދުގައި ދަންނައެވެ. ފަހެ ހަމަކަށަވަރުން މި ފޮތުގައި ޙުއްޖަތެއް ގޮތެއް ގެނެސްފައިވާ ޙަދީޘްތަކުގެ ކޮންމެ ޝައިޚެއް ނުވަތަ ރާވީއެއްގެ ކިބައިގައި ފަސްކަމެއް ހަމަވެގެން ނޫނީ މި ފޮތުގައި ގެނެސްފައި ނުވާނެއެވެ. އެއީ:

  • ދީންވެރި، ޢަދުލުވެރި ރާވީއެއްކަމުގައިވެ، އޭނާގެ ކިބައިން ނުބައިކަމެއް ފާޅުވެފައި ނުވުން
  • ޙަދީޘްގައި ތެދުވެރި މީހަކަށްވެފައި އެކަމުގައި މަޝްހޫރުވެފައިވުން
  • އެކިޔައިދޭ ޙަދީޘްތައް ވިސްނޭ ވަރަށް ބުއްދިހުރުން
  • އެ ރިވާކުރާ ޙަދީޘްތަކުގެ މާނަތައް އެނގޭ ވަރަށް ޢިލްމު ހުރުން
  • ތަދްލީސް (ޙަދީޘް ރިވާކުރުމުގައި އޮޅުވާލުމުން) ދުރުހެލިވެފައިވާ މީހަކަށްވުން

ފަހެ މި ފަސް ޝަރުޠު ހަމަވާ ކޮންމެ ބޭކަލެއް ގެންނަވާފައިވާ ޙަދީޘުން ތިމަން ޙުއްޖަތް ނަގާނަމެވެ. އަދި ތިމަންގެ ފޮތް ބިނާކޮށްފައިވަނީ އެފަދަ ރާވީންގެ މައްޗަށެވެ. މި ތަނުން އެންމެ ޝަރުޠެއްވިޔަސް ހަމަ ނުވާ ރާވީއެއްގެ އެއްވެސް ޙަދީޘަކުން ތިމަން ޙުއްޖަތް ނުނަގަމެވެ.” [4]

 

____________________

= ނުނިމޭ =

 

އެހެނިހެން ބައިތައް

 

[1] ابن بلبان الفارسي ވަނީ މި ފޮތް ތަރުތީބުކުރައްވާއެވެ. އެކަލޭގެފާނު ތަރުތީބުކުރައްވާފައިވާ ފޮތް ވަނީ އޭގެ ފިހުރިސްތުތަކާއެކު އަދި الأستاذ شعيب الأرناؤوط ގެ ތަޙުޤީޤާއެކު 18 މުޖައްލަދުގައި ޗާޕުކޮށްފައެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެއީ މި ފޮތުގެ އެންމެ ރަނގަޅު ޗާޕެވެ.

[2] ބައްލަވާ: تذكرة الحفاظ (3 / 920 – 924)، سير أعلام النبلاء (16 / 92.(

[3] މިފޮތުގެ މުޙައްޤިޤު شعيب الأرناؤوط ލިޔުއްވާފައިވާ މުޤައްދިމާ ބައްލަވާށެވެ. (1 / 32 – 33).

[4] الحافظ ابن حبان: مقدمة الصحيح (1 / 139 – 141).