ޢުޘްމާނުގެފާނު ޝަހީދުކޮށްލުމަށް މެދުވެރިވި ފިތުނަ
ޢުޘްމާނުގެފާނު އެކަލޭގެފާނުގެ ގެކޮޅުގައި ޙިޞާރުކުރެވުނު ދުވަހު ވިދާޅުވިއެވެ.
«إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ عَهِدَ إِلَيَّ عَهْدًا فَأَنَا صَابِرٌ عَلَيْهِ» [رواه الترمذي (3711) وصححه الألباني في تحقيق مشكاة المصابيح (6079)]
މާނައީ: “ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ތިމަންކަލޭގެފާނުގެ ކިބައިން ޢަހުދެއް ހިއްޕެވިއެވެ. ފަހެ، ހަމަކަށަވަރުން ތިމަންކަލޭގެފާނު އެ ޢަހުދުގެ މަތީގައި ކެތްތެރިވެވަޑައިގެން ހުންނަވާނަމެވެ.”
ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«يَا عُثْمَانُ إِنَّهُ لَعَلَّ اللَّهَ يُقَمِّصُكَ قَمِيصًا، فَإِنْ أَرَادُوكَ عَلَى خَلْعِهِ فَلَا تَخْلَعْهُ لَهُمْ» [رواه الترمذي (3705) وصححه الألباني في تحقيق مشكاة المصابيح (6077)]
މާނައީ: “އޭ ޢުޘްމާނުގެފާނެވެ. ފަހަރުގައި ﷲ، ކަލޭގެފާނަށް ގަމީހެއް ލައްވާ ހުއްޓެވެ. މީސްތަކުން އެ ކަލޭގެފާނުގެ ކިބައިން ދުރުކުރުމަށް އެދުނުކަމުގައި ވިޔަސް، ފަހެ ކަލޭގެފާނު އެބައިމީހުންނަށްޓަކައި އެ ނުބާލާށެވެ.”
އޭގެ މުރާދަކީ އެކަލޭގެފާނު ޚަލީފާއަކަށް އައްޔަނުކުރެވުމުން، އެކަލޭގެފާނު އެކަމުން ދުރުކުރުމަށް ހިނގާނޭ ފިތުނައިގެ ވާހަކައެވެ.
ފަހެ ޢުޘްމާނުގެފާނު އަވަހާރަވާނީ ޝަހީދެއްގެ ގޮތުގައިކަމާއި އެކަލޭގެފާނަށް ޖެހިވަޑައިގަންނަވާ މުޞީބާތަކަށް ފަހު، އެކަލޭގެފާނަށް ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރިކަމުގެ ޚަބަރު، ނަބިއްޔާ صلى الله عليه وسلم ވަނީ އެކަލޭގެފާނަށް ދެއްވާފައެވެ. އެ މުޞީބާތަކީ އެކަލޭގެފާނުގެ ޚިލާފަތުގެ ފަހުކޮޅުގައި ހިނގައިދިޔަ ފިތުނައެވެ. އެ ފިތުނައިގެ ތެރޭގައި އެކަލޭގެފާނު ޝަހީދުވިއެވެ. – رضي الله عنه وأرضاه -.
މި ލިޔުމުގެ ދެން ހުރި ބައިތަކުގައި ގެނެސްދޭނީ އެ ފިތުނަ ހިނގައިދިޔަ ގޮތެވެ. إن شاء الله.
الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –