[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ އާޔަތްތައް ބާވައިލެއްވުނު ސަބަބުތައް ދެނެގަތުން – 4

  1. الله ތަޢާލާ، އެއިލާހުގެ އަޅުތަކުންނަށް ދިމާވާ ދަތިއުނދަގޫތަކާއި ހިތާމައާއި މޮޅިވެރިން ފިއްލަވާ ދެއްވާނެކަން ބަޔާންކޮށްދިނުން:

މީގެ މިޘާލަކީ ތަޔައްމަމުގެ އާޔަތެވެ. ޞަޙީޙުލް ބުޚާރީގައި[1] ވެއެވެ.

ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އާއިއެކު ދަތުރެއްގެ މަތީގައި ވަނިކޮށް ޢާއިޝާ رَضِيَ اللهُ عَنْهَا ގެ ހާރުކޮޅު ކަނޑައިދެން ދިޔައެވެ. ދެން އެކަލޭގެފާނު އެ ހާރުކޮޅު ހޯއްދެވުމަށް މަޑުކުރެއްވިއެވެ. މަޑުކުރެއްވި ތަނުގައި ފެން ނެތުމުން މީސްތަކުން އަބޫބަކުރު رَضِيَ اللهُ عَنْهُ ގެ އަރިހުގައި ޝަކުވާ ދެންނެވިއެވެ. ދެން ތަޔައްމަމުގެ އާޔަތް ބާވައިލެއްވުމުން މީސްތަކުން ތަޔައްމަމު ކުރެއްވިއެވެ. އުސައިދު ބުން ޙުޟައިރު ވިދާޅުވިއެވެ.

“އޭ އަބޫބަކުރުގެފާނުގެ އާލުންނެވެ! މިއީ ތިޔަބޭކަލުންގެ އެންމެ ފުރަތަމަ ބަރަކާތެއް ނޫނެވެ.”

މިއީ ބުޚާރީގައިވާ ދިގު ޙަދީޘެކެވެ.

 

ޝަރަޙަ

މި އާޔަތުގައި، الله ތަޢާލާ، އެއިލާހުގެ އަޅުތަކުންނަށް ދިމާވާ ދަތިއުނދަގޫތަކާއި ހިތާމައާއި މޮޅިވެރިން ފިއްލަވާ ދެއްވާނެކަން ބަޔާންކޮށްދިނުން ވެއެވެ. ތަޔައްމަމުގެ އާޔަތް ބާވައިލެއްވު ސަބަބީ ދަތުރެއްގެ މަތީގައި ވަނިކޮށް ޢާއިޝާ رَضِيَ اللهُ عَنْهَا ގެ ހާރުކޮޅު ގެއްލުނެވެ. ދެން ދަތުރުމަތީގެ މީސްތަކުންނާއިގެން ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ މަޑުކުރެއްވީ ފެން ނެތް ހިސާބެއްގައެވެ. އެންމެ ހާރެއް ހޯއްދެވުމަށް ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ދަތުރުފުޅު މަޑުކުރެއްވީ ސަބަބުތަކަކަށް ޓަކައެވެ.

ފުރަތަމައީ: ހާރަކީ މުދަލުގެ ތެރެއިންވާ އެއްޗެކެވެ. އަދި މުދަލަކީ މަދު އެއްޗެކަށް ވުމެވެ.

ދެވަނައީ: ޢާއިޝާ رَضِيَ اللهُ عَنْهَا ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އަށްޓަކައި އެ ހާރު ބޭނުންކޮށްގެން ޒީނަތްތެރިވެ އުޅުއްވިއެވެ. ފަހެ އެކަލޭގެފާނަކީ ޚަލްޤުތަކުގެ ތެރެއިން އެންމެ ޝަރަފުވެރި ޚަލްޤެވެ. ވުމާއެކު އެއީ އެކަމާއަށް ވަރަށް އަގު ހުރި ހާރުކޮޅެކެވެ.

ތިންވަނައީ: ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ އުންމަތުގެ މީސްތަކުން އެކަލޭގެފާނުގެ ޙަދީޘްފުޅުތަކުންނާއި އަދި ޢަމަލުފުޅުތަކުން ތަރުބިއްޔަތު ކުރެއްވިއެވެ. އެބައިމީހުންނަށް އަނބިންގެ ޙައްޤުތައް ދަސްކޮށްދީ، އެކަނބަލުންގެ ކަންކަން ބެލެހެއްޓުމަށް ދަސްކޮށްދެއްވިއެވެ. އަދި އެބައިމީހުންނަށް މުދަލުގެ އަގު ދަސްކޮށްދީ ކޮންމެ ކޮންމެ ކަމެއްގައި މުދާ ގެއްލެނިނުކުރުމަށް ދަސްކޮށްދެއްވިއެވެ.

މީސްތަކުންނާއިގެން ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ މަޑުކުރެއްވި ތަނުގައި ފެނެއް ނެތެވެ. އަދި ނަމާދު ވަޤުތު ޖެހުނެވެ. ދެން މިކަމުގައި ކަންތައް ކުރާނީ ކިހިނަކުން ހެއްޔެވެ؟ މިހެންވެ މާތް الله ތަޔައްމަމުގެ އާޔަތް ބާވައިލެއްވިއެވެ. އަދި މިއީ މުސްލިމުންނަށް ލިބުނު ބޮޑުވެގެންވާ ފަސޭހައެއްކަމުގައި ވެގެން ދިޔައެވެ.

މިތަނުގައި މިވާ ބަރަކާތުގެ މުރާދަކީ، ޢާއިޝާ رَضِيَ اللهُ عَنْهَا ގެ ހާރުކޮޅު ގެއްލުނު ޙާދިޘާ ވެގެން ދިޔައީ މީސްތަކުންނަށް ދިމާވި ދަތިކަމަކުން ފަސޭހައެއް ލިބިގެންދިޔަ ސަބަބެއް ކަމުގައެވެ. އެއީ ހަމައެކަނި ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އަށް ވާ ބަރަކާތެއް ނޫނެވެ. އެހެން ނަމަވެސް މުޅި އިސްލާމީ އުންމަތަށްވާ ބަރަކާތެކެވެ.

 


މަޞްދަރު: شرح أصول في التفسير للشيخ محمد بن صالح العثيمين – رحمه الله –


 

[1] أخرجه البخاري: كتاب التيمم، باب قول الله تعالى: ﴿فلم تجدوا ماء فتيمموا صعيدا طيبا…﴾، رقم:334 / ومسلم: كتاب الحيض، باب التيمم، رقم:367