މިޞްރުން އިޒްރޭލުގެ ދައުލަތް ބަލައިގަތުމާއެކު މެދުއިރުމަތީގެ ކަންކަން ބަދަލުވިގޮތް
މިޞްރުން އިޒްރޭލު ބަލައިގަނެ، ޔަހޫދީ ޞުހްޔޫނީންނާއެކު ގުޅުން ބަދަހިކުރުމުގެ ނަތީޖާއަކަށްވީ އިޒްރޭލުން މެދުއިރު މައްޗަށް އަތްގަދަކުރުމެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންކަމަކީ:
– 1981 ވަނަ އަހަރު އިޒްރޭލުން ޢިރާޤުގެ ނިއުކްލިއަރ ރިއެކްޓަކަށް ހަމަލާދިނުން
1970ގެ ތެރޭގައި ޢިރާޤުން ފަރަންސޭސިވިލާތާއެކު ނިއުކްލިއަރ ރިއެކްޓަރުގެ މަސައްކަތް ފެށީ ވަރަށް ސިއްރުންނެވެ. އިޒްރޭލުން ދެކުނު ގޮތުގައި ޢިރާޤުގެ ނިއުކްލިއަރ ރިއެކްޓަރަކީ ޔަހޫދީންގެ ދައުލަތަށް ހުރި ނުރައްކަލެކެވެ. އެބައިމީހުންގެ ދައުލަތަށް ނުރައްކަލަކަށްވާ ކޮންމެ ކަމެއް ނައްތާލުމަކީ އެބައިމީހުން އެންމެ އިސްކަންދޭ އެއް ކަމެވެ. އެހެންކަމުން ޢިރާޤުގެ ނިއުކްލިއަރ ރިއެކްޓަރު ނައްތާލުމަށް އެބައިމީހުން ފަހެއް ނުޖެހުނެވެ. 1979 ވަނަ އަހަރުގެ ފަހުކޮޅު އިޒްރޭލުން މި ރިއެކްޓަރަށް ހަމަލާދިނުމަށް ރާވަން ފެށިއެވެ. އަދި އެތައް ދުވަހެއްވަންދެން ރޭވި ހަމަލާ ދިނީ 1981 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހުގެ ހަވީރެވެ. އުރުދުން އާއި ސުޢޫދީ ޢަރަބިއްޔާގެ މަތިން އެތައް ގަޑިއިރު އުދުހިފައި ޢިރާޤާ ހަމައަށް ގޮސް ހަމަލާ ދިންއިރު އެއިން ޤައުމަކަށް ހިލަމެއްވެސް ނުވެއެވެ. މި ހަމަލާގައި ފަރަންސޭސިވިލާތުގެ އެހީގައި ޢިރާޤުން ހެދި ނިއުކްލިއަރ ރިއެކްޓަރު އެއްކޮން ހަލާކުވިއެވެ. އަދި މި ހަމަލާގައި ފަރަންސޭސި އިންޖިނިއަރަކާއި ޢިރާޤުގެ 9 މީހުން މަރުވިއެވެ.[1]
– ތޫނިސްގައި ހުރި ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުއައްސަސާ (Palestine Liberation Organization) ގެ މައި މަރުކަޒަށް ހަމަލާދިނުން
1985 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު، އެމެރިކާގެ އެހީއާއެކު ތޫނިސްގެ އައްސޭރިފަށުގެ އަވަށެއް ކަމުގައިވާ ޙައްމާމު ޝަޠު (Hammam Chott) ގައި ހުރި އެ މަރުކަޒަށް އިޒްރޭލުގެ ދިފާޢީ ބާރުން ދިން ހަމަލާތަކުގައި ފަލަސްޠީނާއި ތޫނިސްގެ އެތައް ބަޔަކު މަރުވެ، މީހުން ދިރިއުޅޭ އެތައް އިމާރާތެއް ހަލާކުވިއެވެ.
މިއީ އިޒްރޭލުގެ ޓެރަރިސްޓު ދިފާޢީ ބާރުން ހިންގި މިފަދަ އޮޕްރޭޝަންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް އޮޕަރޭޝަށެވެ. އެއީ މިއީ އެބައިމީހުންނާ ދެހާހެއްހާ ކިލޯމީޓާރު ދުރުގައި އޮތް މިނިވަން މުސްތަޤިއްލު ޤައުމެއްގައި ހުރި ތަނަކަށް ދިން ހަމަލާއެކެވެ. އެހެނީ ތޫނިސްއަކީ އެފްރިކާ ބައްރުގައި ލީބިޔާއާއި ޖަޒާއިރާ ދެމެދުގައި އޮތް ޤައުމެކެވެ. އެހެންކަމުން މިއީ ޖާސޫސީ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ދުރާލާ ވަރަށް ބޮޑަށް ރާވައިގެން ހިންގި ބޮޑު އޮޕަރޭޝަނެކެވެ. ދަތުރުގެ ދިގުކަމުން ވައިގެ ތެރޭގައި އޮވެ ޖެޓަށް ތެޔޮވެސް އެޅިއެވެ. މިކަންކަން އޮތީ ވަށައިގެންވާ ޤައުމުތަކަށް ހިލަމެއްވެސް ނުވާނޭހެން ރާވާފައެވެ. މިކަމުގައިވެސް ޔަހޫދީންގެ ބައިވެރިއަކީ އެމެރިކާއެވެ. [2]
– ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުމުގެ މަސައްކަތް ފުޅާކުރުން
1985 ވަނަ އަހަރު، ހުޅަނގު އައްސޭރީގެ ބިމުގެ 44 ޕަސެންޓްވަނީ އިޒްރޭލުގެ ބާރުގެ ދަށަށް ގެންގޮއްސައެވެ. އަދި އެ އަހަރު ހުޅަނގު އައްސޭރީގައި ހުރި ޔަހޫދީ ވަޒަންވެރިންގެ ގެތަކުގެ ޢަދަދަކީ ގާތްގަނޑަކަށް 253 އެވެ. 1990 ވަނަ އަހަރުގެ ކުރިން އެ ޢަދަދު 440 އަށް ވުރެ މައްޗަށް އެރުމުގެ ޕްލޭނެއް އިޒްރޭލުލުން އެކުލަވާލާ، އެކަމުގެ ޢަމަލީ މަސައްކަތް ފެށިއެވެ.
– މެދުއިރުމަތީގައި ޞުލްޙަ ޤާއިމުކުރުމުގެ ނަމުގައި އިޒްރޭލުގެ ޖަރީމާތަކަށް އެމެރިކާގެ ހުއްޓުމެއް ނެތް އެހީ
މެދުއިރުމަތީގައި ޞުލްޙަ ޤާއިމުކުރުމުގެ ނަމުގައި އެމެރިކާއިން އިޒްރޭލަށް ބޮޑެތި އެހީތައް ފޯރުކޮށްދެމުން ދިޔައެވެ. އެގޮތުން ރޮނާލްޑް ރޭގަން (Ronald Reagan) ގެ ރައީސްކަމުކައި އެމެރިކާއިން އިޒްރޭލަށް ކުއްލި އިޤްތިޞާދީ އެހީގެ ގޮތުގައި 1500 މިލިޔަން ޑޮލަރުގެ ދިނެވެ. އަދި ހަމަ އެ ދުވަސްވަރު މިޞްރަށް 500 މިލިޔަން ޑޮލަރު އަދި އުރުދުންއަށް 250 މިލިޔަން ޑޮލަރު ދިނެވެ. އަދި އިޒްރޭލާއި މިޞްރާއި އުރުދުންއިން މެދުއިރުމަތީގައި ޞުލްޙަ ޤާއިމުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ގޮވާލިއެވެ. އަދި އިޒްރޭލުގެ ޔަހޫދީ ދައުލަތުން ސައިނާއިން ފޭބުމުން އެމެރިކާއިން އެބައިމީހުންނަށް 2485 މިލިޔަން ޑޮލަރު ދިނެވެ. މިއީ އެ ދުވަސްވަރު އެމެރިކާއިން އެއް ފަހަރާ، އެއް ދައުލަތަށް ދިން އެންމެ ބޮޑު އެހީއެވެ. މިކަންކަމުގެ ސަބަބުން އިޒްރޭލުގެ ޖަރީމާތައް ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުކުރަމުންނެވެ. އަދި ހައްދުފަހަނަ އަޅާފައިވާ އިރުހާބީ ފިކުރުތައް އަނެއްކާވެސް ޔަހޫދީންގެ ތެރޭގައި ފާޅުވާން ފެށިއެވެ.
– ހައްދަފަހަނަ އަޅާފައިވާ ކާހާނީ ފިކުރު (Kahanism) ފާޅުވުން
ޔަހޫދީ ޙާޚާމެއްކަމުގައިވާ މެއިރު ކަހާނާ (Meir Kahane) އިޒްރޭލުން ފޭރިގަނެފައިވާ ފަލަސްޠީނުގެ ބިމަށް ހިޖުރަކުރީ 1972 ވަނަ އަހަރެވެ. އޭނާ ގޮވާލީ އިޒްރޭލުން ފޭރިގަނެފައިވާ ބިންތަކުގައި ތިބި އެންމެހާ ޢަރަބިން އެ ބިންތަކުން ބޭރުކުރުމަށެވެ. ހަމައެކާއެކު ޢަރަބީންނަކީ ކުއްތާތަކެއްކަމުގައި ޞިފަކޮށް، ބާރުގެ ބޭނުންކޮށްގެން އިޒްރޭލުގެ ބިންތަކުން ޢަރަބިން ނެރުމަށްވެސް އޭނާ ގޮވާލިއެވެ. އަދި އިޒްރޭލުގެ ޤާނޫނު ހަދާ މަޖުލީހުގައިވެސް އޭނާގެ މި ފިކުރުގެ ގޮވުންތަކުގެ އަޑުގަދަވެގެން ދިޔައެވެ.
– މިޞްރުގައި އިޒްރޭލުގެ ޖާސޫސީ ހަރަކާތްތައް ފެށުން
މިޞްރާ އިޒްރޭލާ ދެމެދު ގުޅުން ބަދަހިކުރުމުގެ ނަމުގައި އެމެރިކާގެ ޘަޤާފީ މުއައްސަސާތަކުގެ (America’s Cultural Institutions) އެހީގައި އިޒްރޭލުން މިޞްރުގައި ޖާސޫސީ މަސައްކަތްތައް ފެށިއެވެ. ވަކިން ޚާއްޞަކޮށް المركز الثقافي الأمريكي (The American Cultural Center)، مركز البحوث الاجتماعية بالجامعة الأمريكية (The Social Research Centre of the American University) އަދި مركز البحوث الأمريكي (American Research Center) ފާހަގަކޮށްލެވެއެވެ. 1982 ވަނަ އަހަރުން ފެށިގެން އެބައިމީހުން ދިޔައީ މިޞްރުގައި ޖާސޫސީ މަސައްކަތްތައް ކުރަމުންނެވެ. މި ޖާސޫސީ ނެޓްވޯކް ފަޅާއެރީ 1984 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އެމެރިކާއިން މިޞްރުގައި އެދިފައިވަނީ ޖާސޫސީ ޙަރަކާތްތަކުގެ ކަންކަން ސިއްރުކޮށްދީ އެކަމުގައި ހަނުހުރުމަށެވެ.
މީގެ އިތުރުންވެސް އިޒްރޭލުންވަނީ މިޞްރުގެ ޒުވާން ޖީލުގެ ޚަރާބުކުރަމަށްވެސް މަސައްކަތްކޮށްފައެވެ. އެގޮތުން މިޞްރުގެ އިޤްތިޞާދު ރަނގަޅުކުރުމަށް އެހީވެދިނުމުގެ ނަމުގައި ކުރިއަށްދިޔަ މަސައްކަތްތަކުގެ ތެރޭގައި އިޒްރޭލުންވަނީ ވަގަށް މިޞްރަށް މަސްތުވާތަކެތި ވައްދާފައެވެ. މީގެ ސަބަބުން މިޞްރުގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާގައިޖެހި ޖީލެއް ހަކާލުގެ ތެރެއަށް ވެއްޓިގެން ދިޔައެވެ. އަދި ފަތުރުވެރިކަމާއި އެކުވެރިކަމުގެ ޒިޔާރަތްތަކުގެ ނަމުގައި އިޒްރޭލާ މިޞްރާ ދެމެދު ދަތުރުކުރުން ފަސޭހަކުރި ކުރުމަކީވެސް މިޞްރުގެ ޒުވާނުން އިތުރަށް ހަލާކުގެ ތެރެއަށް ވައްޓާލުމަށް އެބައިމީހުން ރާވައިގެން ހިންގާފައިވާ ޖަރީމާއެކެވެ.
މިކަންކަމުގެ ނަތީޖާއަކަށްވީ މިޞްރުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިކަންކަމާ ދެކޮޅަށް ނުކުތުމެވެ. އެގޮތުން މިކަންކަމާ ދެކޮޅުހެދުމުގެ ގޮތުން އެއްވުންތައް ބާއްވަން ފެށިއެވެ. މި އެއްވުންތަކުގައި އިޒްރޭލުގެ ދިދަ އަންދާލާ، ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލިއެވެ. މިޞްރުން އިޒްރޭލާ ގުޅުން ބަދަހިކުރުމާ ދެކޮޅަށް އުފުލަމުންދިޔަ އަޑުތައް ގަދަވެ، މިޞްރުގެ ރައީސް އަންވަރު އައްސާދާތުގެ ސިޔާސަތަށް ފާޑުކިޔުން އިތުރުވެ، އެންމެ ފަހުން އަންވަރު ސާދާތަށް ހަމަލާދީ މަރާލިއެވެ. އަދި މިޞްރުގައި ހުރި އިޒްރޭލުގެ އެމްބަސީގައި މަސައްކަތްކުރާ އިޒްރޭލުގެ މީހުންނަށާއި އިޒްރޭލުގެ ފަތުރުވެރިންނަށްވެސް ހަމަލާދިނުން އިތުރުވިއެވެ. އެގޮތުން 1985 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ދިން ހަމަލާއެއްގައި މިޞްރުގައި ހުރި އިޒްރޭލުގެ އެމްބަސީގެ އިދާރީ މުވައްޒަފަކާއި އޭނާގެ އަންހެނުންނާއި އެމްބަސީގެ ސެކްރެޓަރީ މަރުވިއެވެ.
=ނުނިމޭ=
_______________
މަޞްދަރު: حاضر العلم الإسلامي وقضاياه المعاصرة لد. جميل عبد الله محمد المصري
[1] ބައްލަވާ: Israel’s Secret Wars by Ian Black and Benny Morris (page 332 – 337).
[2] ބައްލަވާ: Israel’s Secret Wars by Ian Black and Benny Morris (page 453 – 455).