[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ އާޔަތްތައް ބާވައިލެއްވުނު ސަބަބުތައް ދެނެގަތުން – 5

  1.  ކީރިތި ޤުރުއާނުގެ އާޔަތްތައް އޭގެ އެންމެ ޞައްޙަގޮތުގައި ފަހުމުކުރުން. މީގެ މިޘާލަކީ الله ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ.

﴿إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِ اللَّهِ ۖ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا﴾ [سُورَةُ البَقَرَة 158]

މާނައީ: “ހަމަކަށަވަރުން ޞަފާ ފަރުބަދައާއި މަރުވާ ފަރުބަދަ ވަނީ اللَّه ގެ ޝިޢާރުތަކުގެ ތެރެއިންނެވެ. (އެބަހީ: ފާޅުގައި އަޅުކަން ކުރުމަށް ލައްވާފައިވާ ތަންތަނުގެ ތެރެއިންނެވެ.) ފަހެ، ގެފުޅަށްގޮސް ޙައްޖުވާ މީހާ ނުވަތަ ޢުމްރާވާ މީހާ، އެ ދެތާނގައި ހިނގައި ސަޢުޔު ކުރުމަކުން އެމީހެއްގެ މައްޗަކަށް ކުށެއް ނެތެވެ.

މި އާޔަތުގައި ބަޔާންކުރައްވާފައި މިވަނީ ޞަފާ ފަރުބަދައާއި މަރުވާ ފަރުބަދަ ދެމެދު ސަޢުޔު ކުރުމުގެ ވާހަކައެވެ. އަދި ﴿فَلَا جُنَاحَ عَلَيْهِ﴾ “އެމީހެއްގެ މައްޗަކަށް ކުށެއްނެތެވެ. އާޔަތުގެ ބޭރުފުށަށް ބަލާނަމަ ދޭހަވާނީ ސަޢުޔުކުރުމަކީ މުބާޙު ކަންކަމުގެ ތެރެއިންވާ ކަމެއްގެ ގޮތުގައެވެ.

ޞަޙީޙުލް ބުޚާރީގައި[1] ވެއެވެ. ޢާޞިމު ބުން ސުލައިމާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު އަނަސް رَضِيَ اللهُ عَنْهُ އާއި ޞަފާ ފަރުބަދައާއި މަރުވާ ފަރުބަދައާއި (ސަޢުޔު ކުރުމާއި) ބެހޭގޮތުން ސުވާލުކުރެއްވީމެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންބޭކަލުން ދެކެއުޅުނީ އެއީ ޖާހިލިއްޔަ ޒަމާނުގެ ކަމެއްގެ ގޮތުގައެވެ. އަދި އިސްލާމްދީން އައުމާއެކު އެކަން (ސަޢުޔުކުރުން) ހުއްޓާލީއެވެ. ދެން الله ތަޢާލާ ﴿إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِ اللَّهِ﴾ )މާނައީ: ހަމަކަށަވަރުން ޞަފާ ފަރުބަދައާއި މަރުވާ ފަރުބަދަ ވަނީ اللَّه ގެ ޝިޢާރުތަކުގެ ތެރެއިންނެވެ.” [سُورَةُ البَقَرَة 158] (މި އާޔަތް ބާވައިލެއްވިއެވެ.

 

ޝަރަޙަ

މި އާޔަތް އެންމެ ފުރަތަމަ ކިޔާ މީހަކަށް ދޭހަވާނީ ސަޢުޔު ކުރުމަކީ އޭގެ ޒާތުގައި ޝަރުޢުވެގެންވާ ކަމެއް ނޫން ކަމުގައެވެ. އަދި އެއީ މުބާޙު ކަމެއްގެ ގޮތުގައެވެ. އެހެން ނަމަވެސް މި އާޔަތް ބާވައިލެއްވުނު ސަބަބު ދެނެގަތުމުން, ސަޢުޔު ކުރުމަކުން އެމީހެއްގެ މައްޗަކަށް ކުށެއްނުވާ ކަމުގެ މާނައަކީ ސަޢުޔު ކުރުމަކީ ކުށެއް ކަމަށް އެބޭކަލުން ޤަބޫލުކުރަމުން އައި ޤަބޫލުކުރުން ނަފީކުރުންކަމުގައި އެނގިގެން ދެއެވެ. އެހެނީ އެއީ ޖާހިލިއްޔަ ޒަމާނުގެ ކަމެއްނަމަ އެކަމެއް ކުރުމަކީ ކުށެކެވެ. އަދި އެބޭކަލުން ވިދާޅުވިއެވެ. އެއީ ޖާހިލިއްޔަ ޒަމާނުގެ އަޅުކަމެކެވެ. ވުމާއެކު ތިމަންބޭކަލުން ސަޢުޔު ނުކުރާނަމެވެ.

ޞަޙީޙުލް ބުޚާރީގައި ވެއެވެ. ޢާޞިމު ބުން ސުލައިމާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު އަނަސް رَضِيَ اللهُ عَنْهُ އާއި ޞަފާ ފަރުބަދައާއި މަރުވާ ފަރުބަދައާއި (ސަޢުޔު ކުރުމާއި) ބެހޭގޮތުން ސުވާލުކުރެއްވުމުން, އެބޭކަލުން ދެކެއުޅުއްވީ އެއީ ޖާހިލިއްޔަ ޒަމާނުގެ ކަމެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ. މާނައަކީ އެބޭކަލުން ޤަބޫލުކޮށް އުޅުއްވީ އެއީ ޖާހިލިއްޔަ ޒަމާނުގެ ކަމެއްގެ ގޮތުގައެވެ. އަދި އިސްލާމްދީން އައުމާއެކު ސަޢުޔުކުރުން ދޫކޮށްލައްވައި, ޠަވާފުކުރި ނަމަވެސް ސަޢުޔު ނުކުރައްވައެވެ. ދެން الله ތަޢާލާ އެކަމާ ބެހޭގޮތުން ވަޙީބާވައިލެއްވިއެވެ.

ވުމާއެކު ސަޢުޔު ކުރުމަކުން އެމީހެއްގެ މައްޗަކަށް ކުށެއް ނުވާ ކަމުގެ މުރާދަކީ ސަޢުޔުކުރުމުގެ ޝަރުޢީ އަޞްލު ޙުކުމް[2] ނޫން ކަމުގައި ބަޔާންވެގެން ދެއެވެ. އެހެން ނަމަވެސް އޭގެ މުރާދަކީ އެބޭކަލުން ޤަބޫލުކުރަމުން އައި ޤަބޫލުކުރުން ނަފީކުރުމެވެ.

ސަޢުޔު ކުރުމުގެ ޙުކުމް ﴿ إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِ اللَّهِ ﴾ )މާނައީ: “އެކަން ވަނީ اللَّه ގެ ޝިޢާރުތަކުގެ ތެރެއިންނެވެ.” [سُورَةُ البَقَرَة 158] (މި ވަޙީބަސްފުޅުން އެނގިގެން ދެއެވެ. އެކަމަކީ الله ގެ ޝިޢާރުތަކުގެ ތެރެއިންވާ ކަމެއްނަމަ އެއީ ހިތްތަކުގެ ތަޤުވާވެރިކަމުގެ ތެރެއިންވާ ކަމެކެވެ. ފަހެ އެކަމަކީ ކޮންމެހެންވެސް ކުރަން ޖެހޭކަމެކެވެ.

މިއީ ކީރިތި ޤުރުއާން ބާވައިލައްވާފައިވާ ސަބަބުތައް ދެނެގަތުމުގެ 4 ފައިދާއެކެވެ.

 


މަޞްދަރު: شرح أصول في التفسير للشيخ محمد بن صالح العثيمين – رحمه الله


 

[1] أخرجه البخاري: كتاب الحج، باب ما جاء في السعي بين الصفا والمروة؛ ومسلم: كتاب الحج،

باب بيان أن السعي بين الصفا والمروة ركن لا يصح الحج إلا به، رقم:1278

[2] ސަޢުޔު ކުރުމަކީ ޙައްޖު އަދި ޢުމްރާގެ ރުކުންތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ޖުމްހޫރު ޢިލްމުވެރިން -މާލިކީ, ޝާފިޢީ އަދި ޙަންބަލީ- ގެ ބަހަކީ މިއީއެވެ. އަދި ވަރަށް ގިނަ ސަލަފުންގެ ބޭކަލުން މިފަދައިން ވިދާޅުވެއެވެ. (ބައްލަވާ: ملخص فقه العبادات ص.753)