އިބްނު ޙިއްބާނު އެކަލޭގެފާނުގެ ޞަޙީޙުގައި ގެންގުޅުއްވާފައިވާ މަންހަޖު:
އިބްނު ޙިއްބާނު رحمه الله އެކަލޭގެފާނުގެ މަންހަޖު ބަޔާންކުރައްވަމުން ވިދާޅުވިއެވެ.
“ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ ޞައްޙަ ޙަދީޘްތައް ބައިކުރުމުގައި ފަސް ބަޔަށް ބަހާލުމަށެވެ.
ފުރަތަމައީ: ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ކުރައްވާފައިވާ އަމުރުފުޅުތައް (އޭގައިވަނީ 110 ބާވަތެވެ.)
ދެވަނައީ: ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ނަހީކުރައްވާފައިވާ ކަންތައްތައް (އޭގައިވަނީ 110 ބާވަތެވެ.)
ތިންވަނައީ: މީސްތަކުން ދެނެގަތުމަށް ޙާޖަތްޖެހިފައިވާ ކަންތައްތައް ބަޔާންކުރެއްވުން (އޭގައިވަނީ 80 ބާވަތެވެ.)
ހަތަރުވަނައީ: މީސްތަކުން ކުރުން މުބާހު (ހުއްދަ) ކަންތައްތައް (އޭގައިވަނީ 50 ބާވަތެވެ.)
ފަސްވަނައީ: ނަބިއްޔާ صلى الله عليه وسلم ގެ ޢަމަލުފުޅުތަކުން، އެކަލޭގެފާނަށް ޚާއްޞަ ކަންތައްތައް (އޭގައިވަނީ 50 ބާވަތެވެ.)
ޞައްޙަ ޙަދީޘްތަކުގެ ޖުމްލައަކީ ތިމަންކަލޭގެފާނު ބަޔާންކޮށްފައި ވާނޭ ފަދައިން މިފަދަ 400 ބާވަތެވެ.” – ޚުލާޞާކޮށް އެކަލޭގެފާނުގެ ބަސްފުޅު ނިމުނީއެވެ. – [1]
ދެން އެކަލޭގެފާނުގެ ފޮތުގެ އެންމެ ފަހުކޮޅުގައި ވިދާޅުވިއެވެ.
“މިއީ ސުންނަތްތަކުގެ އެންމެ ފަހު ބާވަތެވެ. ފަހެ ތިމަންކަލޭގެފާނު މި ފޮތް ބަހާލާފައިވާ ގޮތުގެ މަތިން އެކަންވާނީ ބަޔާންކޮށްފައެވެ. މިތަނުން އެއްވެސް ބާވަތެއްގައި ހުރިހާ ޙަދީޘެއް މި ފޮތުގައި ގެނެސްދީފައި ނުވާނެއެވެ. އެހެނީ މިތަނުން ކޮންމެ ބާވަތާއި އެޔާ ގުޅޭ ސުންނަތްތައް ބަޔާންކޮށްދިންނަމަ މި ފޮތުގެ ބޮޑުބައި ތަކުރާރުވީހެވެ.”
ދެން ވިދާޅުވިއެވެ.
“(ޙަދީޘްތަކުގައިވާ) އުނދަގޫ ލަފްޒުތަކުގެ މާނަވާނީ ބަޔާންކޮށްދީފައެވެ. އަދި ﷲ ތަޢާލާ ފަސޭޙަކޮށްދެއްވި މިންވަރަށް (ޙަދީޘްތަކާ ގުޅުންހުރި) މާނަތަކުގެ މުހިންމު ނުކުތާތައްވާނީ ފާހަގަކޮށްފައެވެ. އެކަމުގައި އެއިލާހަށް ޙަމްދު ހުއްޓެވެ.” [2]
އެކަލޭގެފާނު ފޮތް ތަރުތީބުކުރައްވާފައިވާ ގޮތާ ބެހޭގޮތުން السيوطي رحمه الله ވިދާޅުވިއެވެ.
“ޞަޙީޙު އިބްނު ޙިއްބާނު ތަރުތީބުކޮށްފައިވަނީ މުޅިން އާ ގޮތަކަށެވެ. އޭގައި ބާބުތަކެއް ނުވެއެވެ. އަދި އޭގައި މުސްނަދުތަކެއްވެސް ނުވެއެވެ. (އެބަހީ: ޞަޙާބީންގެ ނަންފުޅުތަކުގެ ތަރުތީބަށް ޙަދީޘްތައް ބަހާލާފައި ނުވެއެވެ.) އެހެންކަމުން އެކަލޭގެނުގެ ޞަޙީޙަށް ނަންދެއްވި އިރުގައިވެސް “ބައިތަކާއި ވައްތަރުތަކުގެ މައްޗަށް” ބަހާލާފައިކަމަށް ވިދާޅުވިއެވެ.” [3]
އަދި ޞަޙީޙު އިބްނު ޙިއްބާނު ފާހަގަކުރެވިފައިވަނީ މުޙައްދިޘުންގެ އުސްލޫބަށް ފިޤުހީ އެކި މައްސަލަތަކުގައި ބޮޑު موسوعة (Encyclopedia) އެއްގެ ގޮތުގައެވެ. އެގޮތުން ކޮންމެ ޙަދީޘެއްގެވެސް ސުރުޚީގައި އެ ޙަދީޘުން ނަންގަވަފައިވާ މާނަ ވެއެވެ. އަދި ވަރަށް ގިނަ ޙަދީޘްތަކަށް ފަހުގައި އޭގައިވާ މުހިންމު ނުކުތާތައް ފާހަގަކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި އޭގައިވާ ރާވީންނާ ބެހޭ ވާހަކަތަކާ އަދި މާނަތަކާ ގުޅޭ މުހިންމު ނުކުތާތައް ވެއެވެ. އަދި އެ ޙަދީޘްތަކާ މެދުގައި މީސްތަކުންނަށް އުފެދޭ މުހިންމު ސުވާލުތަކުގެ ޖަވާބުވެއެވެ. އަދި މީސްތަކުންނަށް ތަޢާރުޟުވާކަމަށް ހީވެފައިވާ އެކި ޙަދީޘްތަކުން މާނަ ނަގާނެ ގޮތް ވެއެވެ. އަދި އެނޫނަސް މުހިންމު އަދި އަގުހުރި ނުކުތާތައް ވެއެވެ.
____________________
= ނުނިމޭ =
[1] މި ބައިތަކުގެ ތަފްޞީލު ބެއްލެވުމަށް: الفصل الثاني من مقدمة علاء الدين علي بن بلبان الفارسي لترتيبه لصحيح ابن حبان (1 / 104 – 137).
[2] أبو حاتم ابن حبان: صحيح ابن حبان بترتيب ابن بلبان (1 / 154).
[3] السيوطي: تدريب الراوي (1 / 109).