ފޮތް ލިޔުއްވި ސަބަބު:
އެކަލޭގެފާނުގެ ފޮތުގެ މުޤައްދިމާގައި ވިދާޅުވެފައި ވެއެވެ.
- “ޙަދީޘްތަކުގެ ސަނަދުތައް ގިނަވެފައި އޭގެ ތެރެއިން ޞައްޙަ ސަނަދުތައް އެނގޭ މީހުން މަދުވުމުން މީސްތަކުން މައުޟޫޢު ޙަދީޘްތައް (މީސްތަކުން ހަދާފައި ހުރި ޙަދީޘްތައް) ހުރި ފޮތްތަކާ މަޝްޣޫލުވެ އަދި ކުށް ޙަދީޘްތަކާއި އޮޅިފައި ހުރި ޙަދީޘްތައް ދަސްކުރަން ފެށިއެވެ. އެގޮތުން ޞައްޙަ ޙަދީޘްތައް ދޫކޮސްލައި އެ ލިޔުންވެސް ހުއްޓުނެވެ. އަދި މުންކަރު ޙަދީޘްތަކާއި އޮޅިފައިވާ ޙަދީޘްތައް އެއީ ވަރުގަދަ އަދި ބީރައްޓެހި ނޫން ޙަދީޘްތައް ކަމުގައި ހެދިއެވެ.”
- “އިމާމުވެރި ބޭކަލުންގެ ތެރެއިން ސުންނަތްތައް އެއްކުރެއްވި ބޭކަލުންނާއި އެ އާމެދު ވާހަކަފުޅު ދެއްކެވި ފިޤުހުވެރި، ދީންވެރި ބޭކަލުންވަނީ ވަރަށް ތަފްޞީލުކޮށް އޭގެ ސަނަދުތައް ބަޔާންކުރައްވާފައެވެ. އަދި ޤަޞްދުގައި ތަކުރާރުކޮށް ޙަދީޘްތައް ގެންނެވިއެވެ. އެއީ އެ ހިތުދަސްކުރަން އެދޭ ޙާފިޡުންނަށް އޭގެ ލަފްޡުތައް ދަސްކުރުމަށެވެ. ފަހެ އެކަން ވެގެން ދިޔައީ އެފޮތްތަކުގައިވާ ޙަދީޘްތަކަށް ކިޔަވާ ކުދިން އިޢުތިމާދުވި ސަބަބަކަށެވެ.” [1]
ދެން އެއަށްފަހުގައި އެކަލޭގެފާނު رحمه الله ވިދާޅުވިއެވެ.
“ކިޔަވާ ކުދިންނަށް ހިފްޡުކުރަން ފަސޭހައަކަށް ތިމަންވާނީ ޞައްޙަ ޙަދީޘްތައް އެއްކޮށްފައެވެ. އަދި އެ ގެނެސްދިނުމުގައި ތިމަންވާނީ އޭގެން ޙަދީޘްތައް ނަގާ ކިޔަވާ ކުދިންނަށް ނަގައިގަންނަށް އުނދަގޫ ނުވާނޭ ގޮތަކާ މެދުގައި ވިސްނާފައެވެ.”
____________________
= ނުނިމޭ =
[1] الحافظ ابن حبان: مقدمة الصحيح (1 / 86 – 87).