ކީރިތި ޤުރުއާނުގައިވާ އާޔަތެއް ބާވައިލެއްވުމުގެ ސަބަބު ޚާއްޞަވެފައި، އެ އާޔަތުގެ ލަފްޡު ޢާންމުވެފައި ވާނަމަ، އެ އާޔަތެއްގެ ޙުކުމް ވާނީ އެންމެނަށް ޝާމިލުވެގެންނެވެ. ސަބަބަކީ ޤުރުއާން ބާވައިލެއްވުނީ މުޅި އުންމަތަށެވެ. ވުމާއެކު އެކަމުގައި ބަލަން ޖެހޭނީ އެ ޢާންމު ލަފްޒަށެވެ. އާޔަތް ބާވައިލެއްވުނު ސަބަބު ޚާއްޞަ ވުމަކަށް ނޫނެވެ.
ޝަރަޙަ
މީގެ މާނައަކީ ޤުރުއާނުގައި ނުވަތަ ސުންނަތުގައި ލަފްޡު ޢާންމުވެގެންވާ ނައްޞެއް އައިސްފައި، އެ ނައްޞެއްގެ ސަބަބު ޚާއްޞަވެފައި ވާނަމަ, އެ ނައްޞެއްގައ ވާ ޙުކުމް ވާނީ އެ ސަބަބަކަށް ޚާއްޞަވެގެން ހެއްޔެވެ؟ ނުވަތަ ހުރިހާ އެންމެނަށް ޢާންމުވެގެން ހެއްޔެވެ؟
ޖަވާބު: އާނއެކެވެ. (އޭގެ ޙުކުމް ވާނީ އެންމެނަށް ޢާންމުވެގެންނެވ ކަމުގައި ބަލަން ޖެހޭނީ އެ ޢާންމު ލަފްޒަށެވެ. އާޔަތް ބާވައިލެއްވުނު ސަބަބު ޚާއްޞަ ވުމަކަށް ނޫނެވެ. މިއީ އެންމެނަށް އެނގިގެންވާ ޤަވާޢިދެކެވެ. އެހެންނަމަވެސް ކަމެއްގައި ސަބަބު ޚާއްޞަވެފައި ވަނީ ވަކި ޞިފައަކަށް ނުވަތަ ވަކި ޚާއްޞަ މާނައަކަށް ކަމުގައި ވާނަމަ, އެކަމެއްގެ ޙުކުމެއް ވާނީ އެ ޞިފައަކަށް ނުވަތަ އެ މާނައަކަށް ޚާއްޞަ ކުރެވިގެންނެވެ.
މީގެ މިޘާލަކީ އަންނަނިވި ޙާދިޘާއެވެ.
ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައި ވެއެވެ.
((لَيْسَ مِنَ الْبِرِّ الصِّيَامُ فِي السَّفَرِ))[[1]]
މާނައީ: “ދަތުރުމަތީގައި ރޯދައަށް ހުރުމަކީ ހެޔޮކަމުގެ ތެރެއިންވާ ކަމެއް ނޫނެވެ.”
މި ޙަދީޘްގައި މިވާ ޙުކުމް ޢާންމުކޮށް ނަގައިފިކަމުގައި ވާނަމަ، ކޮންމެ ޙާލެއްގައި ވެސް ދަތުރުމަތީގައި ރޯދައަށް ހުރުން ވާނީ ހެޔޮކަމާއި ޚިލާފު ކަމަކަށެވެ. އެއީ ދަތުރު މަތީގައި ރޯދައަށް ހުރުމަކީ މީހަކަށް ދަތި އުނދަގޫކަމަށް ވިޔަސް ނުވަތަ އުނދަގޫ ކަމަކަށް ނުވިޔަސް މެއެވެ. އެހެން ނަމަވެސް މި ޙަދީޘްގެ އަޞްލު ސަބަބަކީ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އަށް މީހުން ބައިބޯވެފައިވާ ތަނެއް ފެނިވަޑައިގަތެވެ. އަދި އެތަނުގައި ހިޔާކޮށްފައިވާ މީހަކު ފެނިވަޑައިގަތެވެ. މީސްތަކުން އެއްވެފައި ވަނީ އެއީ ކިހިނެތް ވެފައިވާ މީހެއްތޯ ބެލުމަށެވެ. ފަހެ އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. “މިއީ ކޮންކަމެއްތޯއެވެ؟” އެބައިމީހުން ދެންނެވިއެވެ. “ރޯދަވެރިއެކެވެ.” ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
((لَيْسَ مِنَ الْبِرِّ الصِّيَامُ فِي السَّفَرِ)) (މާނައީ: “ދަތުރުމަތީގައި ރޯދައަށް ހުރުމަކީ ހެޔޮކަމުގެ ތެރެއިން ވާ ކަމެއް ނޫނެވެ.”)
ފަހެ މި ޙަދީޘްގައި މިވާ ޙުކުމް ޢާންމުވެގެން ވާނީ މީގައި މިވާ ފަދަ ޙާލަތަކަށް ގޮސްފި ކޮންމެ މީހެކެވެ. އެއީ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ދަތުރުފުޅު މަތީގައި ރޯދައަށް ހުންނަވާފައިވާތީ އެކަމުގެ މައްޗަށް ބިނާކޮށެވެ.
ވުމާއެކު ކަމެއްގެ ސަބަބު ޚާއްޞަވުން ވަނީ ދެ ގޮތަކަށެވެ.
އެއް ގޮތަކީ: ކަނޑައެޅިގެން ވަކި ކަމަކަށް ޚާއްޞަވުމެވެ.
ދެވަނަ ގޮތަކީ: ވަކި ޞިފައަކަށް ޚާއްޞަވުމެވެ.
ސަބަބު ޚާއްޞަ ވެފައި ވަނީ ކަނޑައެޅިގެން ވަކި ކަމަކަށް ކަމުގައި ވާނަމަ، މިކަމުގެ ޙުކުމް އެއްވެސް ޙާލެއްގައި ޢާންމުކޮށް ކަނޑަނާޅާނެއެވެ. އަދި ސަބަބު ޚާއްޞަ ވެފައި ވަނީ ވަކި ޞިފައަކަށް ކަމުގައި ވާނަމަ, މި ޙާލަތުގައި ޙުކުމް އެ ޞިފައަކަށް ޚާއްޞަކުރާނީއެވެ.
((لَيْسَ مِنَ الْبِرِّ الصِّيَامُ فِي السَّفَرِ)) (މާނައީ: “ދަތުރުމަތީގައި ރޯދައަށް ހުރުމަކީ ހެޔޮކަމުގެ ތެރެއިންވާ ކަމެއް ނޫނެވެ.”) މި ބަސްފުޅަކީ ޢާންމުވެގެނ ވާ އެހެންނަމަވެސް ވަކި ޙާލަތަކުން ޚާއްޞަކުރެވިގެން ވާ ބަސްފުޅެކެވެ. އެ ޙާލަތަކީ ދަތުރުމަތީގައި ރޯދައަށް ހުރުމަށް އުނދަގޫވެ ދަތިވުމެވެ.
މަޞްދަރު: شرح أصول في التفسير للشيخ محمد بن صالح العثيمين – رحمه الله –