މީގެ މިޘާލަކީ ލިޢާނުގެ އާޔަތްތަކެވެ. އެއީ الله ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅުތަކެވެ.
﴿وَالَّذِينَ يَرْمُونَ أَزْوَاجَهُمْ وَلَمْ يَكُن لَّهُمْ شُهَدَاءُ إِلَّا أَنفُسُهُمْ فَشَهَادَةُ أَحَدِهِمْ أَرْبَعُ شَهَادَاتٍ بِاللَّهِ ۙ إِنَّهُ لَمِنَ الصَّادِقِينَ [٦] وَالْخَامِسَةُ أَنَّ لَعْنَتَ اللَّهِ عَلَيْهِ إِن كَانَ مِنَ الْكَاذِبِينَ [٧] وَيَدْرَأُ عَنْهَا الْعَذَابَ أَن تَشْهَدَ أَرْبَعَ شَهَادَاتٍ بِاللَّهِ ۙ إِنَّهُ لَمِنَ الْكَاذِبِينَ [٨] وَالْخَامِسَةَ أَنَّ غَضَبَ اللَّهِ عَلَيْهَا إِن كَانَ مِنَ الصَّادِقِينَ [٩]﴾ [سورة النور 6 – 9]
މާނައީ: “އަދި އެއުރެންގެ އަމިއްލަ ނަފްސުތައް މެނުވީ ހެކިދޭބަޔަކު އެއުރެންނަށް ލިބިގެން ނުވާ ޙާލު، އެއުރެންގެ އަނބީންނަށް ޒިނޭގެ ތުހުމަތުކުރާ މީހުން (ދަންނާށެވެ!) ފަހެ، އެއިން ކޮންމެ މީހަކު، ﷲ ގަންދީ ހަތަރު ހުވައިން ހުވާކުރުން ހުށްޓެވެ. ހަމަކަށަވަރުން، އޭނާއީ ތެދުވެރިންގެ ތެރެއިންވާ މީހަކު ކަމަށެވެ .(6) އަދި އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހަކު ކަމުގައި ވާނަމަ، ހަމަކަށަވަރުން، ﷲގެ ލަޢުނަތް އޭނާގެ މައްޗަށް ހުރިކަމަށް ފަސްވަނަ ހުވާކުރުން ހުށްޓެވެ. (7) ހަމަކަށަވަރުން، އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހެއްކަމަށް اللَّه ގަންދީ އެކަނބުލޭގެ ހަތަރުހުވައިން ހުވާކުރުމުން، އެކަނބުލޭގެ ކިބައިން ޢުޤޫބާތް (އެބަހީ: ޙައްދު ޖެހުން) ކެނޑޭނެތެވެ. (8) އަދި އޭނާއަކީ ތެދުބުނާ މީހުންގެ ތެރެއިންވާ މީހަކު ކަމުގައި ވާނަމަ، ހަމަކަށަވަރުން ﷲގެ ކޯފާ އެކަނބުލޭގެ މައްޗަށް ހުރިކަމަށް ފަސްވަނަ ހުވާކުރުން ހުށްޓެވެ. (9)”
އަދި ޞަޙީޙުލް ބުޚާރީގައި އިބްނު ޢައްބާސް رَضِي اللهُ عَنْهُمَا ގެ ޙަދީޘެއްގައި ވެއެވެ.
ހިލާލު ބުން އުމައްޔާ އެކަލޭގޭފާނުގެ އަނބިކަނބަލުންނަށް ޤަޛުފު ކުރެއްވިއެވެ. ފަހެ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. “ކަލޭގެފާނުގެ މައްޗަށް ވަނީ ހެކިވެރިން ގެނައުމެވެ. ނުވަތަ (ހެކިވެރިން ނުގެނެވިއްޖެނަމަ) ކަލޭގެފާނުގެ ގައިގައި ޙައްދު ޖެހުމެވެ.”
ފަހެ ހިލާލު ބުން އުމައްޔާ ވިދާޅުވިއެވެ.
ކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވެވި އިލާހު ގަންދީ ވިދާޅުވަމެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު ވަނީ ތެދުވެރިންގެ ތެރެއިންނެވެ. ތިމަންކަލޭގެފާނު ޙައްދު ޖެހުމުން ބަރީއަކުރައްވައި މާތް الله ވަޙީބާވައިލައްވާނެއެވެ.
ދެން ޖިބްރީލް عَلَيهِ السَّلَام ފައިބައިވަޑައިގެންނެވިއެވެ. އަދި މި އާޔަތްތައް (ނޫރު ސޫރަތުގެ 6 ވަނަ އާޔަތުން 9 ވަނަ އާޔަތުގެ ނިޔަލަށް) ބާވައިލެއްވުނެވެ.
މި އާޔަތްތައް ބާވައިލެއްވުނީ ހިލާލު ބުން އުމައްޔާ، އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ލިޢާނު ކުރެއްވުމުންނެވެ. އެހެންނަމަވެސް މިކަމުގެ ޙުކުމް އެހެން އެންމެންގެ މައްޗަށްވެސް ޝާމިލުވެގެން ވެއެވެ. މީގެ ދަލީލަކީ އިމާމު ބުޚާރީ ސަހްލު ބުން ސަޢްދު رَضِي اللهُ عَنْهُގެ ފަރާތްޕުޅުން ރިވާކުރައްވާފައިވާ ޙަދީޘް ބަސްފުޅެވެ.
ޢުވައިމިރުލް ޢަޖްލާނީ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ.
އޭ اللهގެ ރަސޫލާއެވެ! މީހަކަށް އޭނާގެ އަނބިމީހާ އާއިއެކު އެހެން ފިރިހެނަކު (ޒިނޭކުރަނިކޮށް) ފެނިއްޖެކަމުގައި ވާނަމަ, އެމީހަކު (އަނބިމީހާއާއެކު ފެނުނު ފިރިހެނާ) ޤަތުލުކޮށް ކަލޭގެފާނުގެ އަތްޕުޅުން (ޤިޞާޞްގެ ގޮތުގައި) އެމީހަކުވެސް ޤަތުލުވާނީތޯއެވެ؟ ނުވަތަ އެމީހަކު ޢަމަލު ކުރާނީ ކިހިނަކުންތޯއެވެ؟
ފަހެ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
“ތިބާއާއި ތިބާގެ އަނބިމީހާއާ ބެހޭގޮތުން ކީރިތި ޤުރުއާނުގައި ވަނީ ވަޙީބާވައިލައްވާފައެވެ.”
ފަހެ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ މިވަނީ ލިޢާނުގެ އާޔަތްތަކުގެ ޙުކުމް ހިލާލު ބުން އުމައްޔާ އަދި އެހެނިހެން ބޭކަލުންނަށްވެސް ޝާމިލުވެގެންވާ ކަމުގައި ބަޔާންކުރައްވާފައެވެ.
ޝަރަޙަ
ލިޢާނު ކުރުމަކީ ދެމަފިރިންގެ ދެމެދުގައި ހިނގާ ކަމެކެވެ. މީގެ ސަބަބަކީ ފިރިމީހާ އޭނާގެ އަނބިމީހާ ޒިނޭ ކުރިކަމަށް ބުނެ ޤަޛުފު ކުރުމެވެ. ލިޢާނުކުރުމަށް ލިޢާނު ކުރުމޭ ކިޔެނީ އެއީ ފިރިމީހާ “އަހަރެންނަކީ ދޮގުވެރިންގެ ތެރެއިންވާ މީހަކު ކަމުގައި ވާނަމަ، ހަމަކަށަވަރުން، اللَّهގެ ލަޢުނަތް އަހަރެންގެ މައްޗަށް ހުއްޓެވެ.” މިފަދައިން ބުނާތީއެވެ. ކޯފާލެއްވުން ފަދަ ނަމެއް ބޭނުން ނުކޮށް ލިޢާނުކުރުމަށް ހަމަ މި ނަން ބޭނުން ކުރެވެނީ ލިޢާނުކުރުމުގައި ފެށޭނީވެސް ބަޔާންވެ ދިޔަ ޢިބާރާތުން ކަމުގައި ވާތީއެވެ.
ފަހެ ޞަޙީޙުލް ބުޚާރީގައި އައިސްފައި ވެއެވެ. ހިލާލު ބުން އުމައްޔާ އެކަލޭގޭފާނުގެ އަނބިކަނބަލުން ޤަޛުފު ކުރެއްވިއެވެ. އެއީ ޝަރީކު ބުން ސަޙްމާއު އާއި ޒިނޭ ކުރިކަމަށެވެ. މި ދެ ބޭކަލުންނަކީވެސް ޞަޙާބީ ބޭކަލުންނެވެ. ޞަޙާބީ ބޭކަލުންނަކީ ބޮޑެތި ފާފަތަކުންނާއި އަދި ފާޙިޝް ކަންތައްތަކުން މަޢުޞޫމު ބޭކަލުންނެއް ނޫނެވެ. ފަހަރެއްގައި އެބޭކަލުންގެ ތެރޭގައި ޒިނޭގެ ފާފައާއި ގާތްވި ބޭކަލަކު ނުވަތަ މީހަކު މަރާލުމުގެ ފާފާއަށް އަރައިގަތް ބޭކަލަކު ނުވަތަ ބަނގުރަލުގެ ފާފައިގައި ޖެހިވަޑައިގެންނެވި ފަދަ ބޭކަލަކު ހުންނަވާފާނެއެވެ. އެހެން ނަމަވެސް މި ބޭކަލުންގެ ފަރާތުން ފާޅުވާ މިފަދަ ފާފަތަކުގެ ކައްފާރާއެއްގެ ގޮތުގައި ކޮންމެވެސް ކަމެއް ﷲ ލައްވާނެއެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ اللهُ އެކަލޭގެފާނުގެ ފޮތް “އަލްޢަޤީދަތުލް ވާސިޠިއްޔާ” ގައި މިފަދަ ގިނަ ސަބަބުތަކެއް ބަޔާންކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި:
- (ޤުދުސިއްޔަ ޙަދީޘެއްގައިވާ ގޮތުން އެނގެނީ) ބަދުރުގެ އަހުލުވެރިންނަށް މާތް الله ވަޙީކުރައްވާފައި ވެއެވެ.
«اعْمَلُوا مَا شِئْتُمْ فَقَدْ غَفَرْتُ لَكُمْ» [1]
މާނައީ: “ތިޔަބައިމީހުން ބޭނުންކަމެއް ކުރައްވާށެވެ. ފަހެ ހަމަކަށަވަރުން ތިމަންއިލާހު ތިޔަބޭކަލުންނަށް ފާފަފުއްސަވައިވޮޑިގެންފީމެވެ. (އެބަހީ: އެ މަތިވެރި ޢަމަލުގެ ސަބަބުން އެބޭކަލުންނަށް ކުރެވޭ ނޭދެވޭ ކަންކަމުގެ ކައްފާރާއަކަށް އެކަން ވާނެއެވެ.)”
ޙާޠިބު ބުން އަބީ ބަލްތަޢާ، ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އާއި މުސްލިމުންގެ ކަންކަމުގެ ޚަބަރު މައްކާގެ މުޝްރިކުންނަށް ފޯރުކޮށްދީ، ޖާސޫސްކޮށްދިން ވާހަކައާމެދު ދަންނައެވެ.
ޢުމަރު رَضِي اللهُ عَنْهُ ވިދާޅުވިއެވެ.
“ތިމަންކަލޭގެފާނު އޭނާގެ ކަނދުރާގައި (ކަނޑިން) ޖެހުމަށް ދޫކޮށްލައްވާށެވެ.”
ސަބަބަކީ ކާފަރުންނަށްޓަކައި މުސްލިމުންގެ ކަންކަން ޖާސޫސްކުރާ މީހުންގެ މައްޗަށް އޮތީ (އެބަހީ: އެބައިމީހުންގެ އަދަބަކީ) މެރުމެވެ. އެއީ އެމީހަކު ތައުބާވި ނަމަވެސް މެއެވެ. އެހެނީ އެމީހަކު ތައުބާވި ނަމަވެސް އެމީހެއްގެ ފަރާތުންވި ގެއްލުން މެދުކެނޑިގެން ނުދާނެއެވެ. ވުމާއެކު އެހެން މީހަކު އެފަދަކަމެއް ކުރިޔަ ނުދިނުމަށް އެމީހަކު ޤަތުލުކުރާނީއެވެ.
ޢުމަރު رَضِي اللهُ عَنْهُ މިފަދައިން ވިދާޅުވުމުން ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނަށް އެކަން މަނާކުރައްވާ ޙަދީޘްކުރެއްވިއެވެ.
«وَمَا يُدْرِيكَ لَعَلَّ اللهَ اطَّلَعَ عَلَى أَهْلِ بَدْرٍ فَقَالَ: اعْمَلُوا مَا شِئْتُمْ، فَقَدْ غَفَرْتُ لَكُمْ» [2]
މާނައީ: “އަދި މާތް الله ބަދުރުގެ އަހުލުވެރިންގެ މައްޗަށް ބައްލަވާ ވޮޑިގެން ވަޙީކުރެއްވިކަން ކަލޭގެފާނު ދެނެވަޑައިނުގަންނަވަމު ހެއްޔެވެ؟ ފަހެ، އެއިލާހު ވަޙީކުރެއްވިއެވެ. ‘ތިޔަބޭކަލުން ބޭނުން ކަމެއް ކުރައްވާށެވެ! ފަހެ ހަމަކަށަވަރުން ތިމަންއިލާހު ތިޔަބޭކަލުންނަށް ފާފަފުއްސަވައިވޮޑިގެންފީމެވެ.'”
ވުމާއެކު އެކަލޭގެފާނުގެ މި ފާފަ މިވަނީ ފުހެވިގެން ގޮސްފައެވެ. އަދި މާތް اللهގެ މި ބަސްފުޅު “ތިޔަބޭކަލުން ބޭނުން ކަމެއް ކުރައްވާށެވެ! ފަހެ ހަމަކަށަވަރުން ތިމަންއިލާހު ތިޔަބޭކަލުންނަށް ފާފަފުއްސަވައިވޮޑިގެންފީމެވެ.”
ގެ މާނައަކީ: މުސްލިމުން މާތްކުރައްވައި މަތިވެރިވެގެންވާ ޢިއްޒަތެއް ދެއްވި މި ހަނގުރާމައަށް ފަހު (ބަދުރު ހަނގުރާމަ) ތިޔަ ބޭކަލުންނަށް އަރައިގަނެވޭ ފާފަތައް ތިމަންއިލާހު ފާފަފުއްސަވައިވޮޑިގެންފީމެވެ.
އަދި ޢުމަރު رَضِي اللهُ عَنْهُގެ ޒަމާނުގައި ޞަޙާބީ ބޭކަލަކު ޒިނޭކުރައްވަނިކޮށް ބަޔަކަށް ފެނުނެވެ. ދެން ޢުމަރު رَضِي اللهُ عَنْهُގެ އަރިހަށް މިމައްސަލަ ހުށަހެޅުމުން އެމީހުންނާއި ސުވާލުކުރެއްވިއެވެ.
“ތިޔަބައިމީހުން މިކަމަށް ހެކިވަމު ހެއްޔެވެ؟”
އެބައިމީހުން ބުންޏެވެ: “އާދޭހެވެ!”
ޢުމަރު رَضِي اللهُ عَنْهُ އަނެއްކާވެސް ސުވާލުކުރެއްވިއެވެ.
“އެކަލޭގެފާނުގެ ލަދުވެތި ގުނަވަން އަންހެން މީހާގެ ފަރުޖުގެ ތެރޭގައި ވަނިކޮށް ފެނުނުކަމަށް ތިޔަބައިމީހުން ހެކިވަމު ހެއްޔެވެ؟”
ދެން އެތަނުން 3 މީހަކު ބުންޏެވެ.
“އާދޭހެވެ!”
ހަތަރުވަނަ މީހާ ހެކިބަސް ދިނުމަށް އައުމުން ހެކިބަސް ރައްދުވާ ފަރާތް ބުންޏެވެ.
“ތިބާ މާތް اللهއަށް ބިރުވެތިވާށެވެ! ތިބާ މާތް اللهއަށް ބިރުވެތިވާށެވެ! މާތް الله ހެކިކޮށް ބުނަމެވެ! ތިބާ އަހަރެންގެ މި މަޤާމުގައި ހުރިނަމަ ތިޔަ ހެކިބަހެއް ނުދިނީހެވެ!”
ދެން އެ ޞަޙާބީގެ ލަދުވެތި ގުނަވަން އެ އަންހެނާގެ ފަރުޖުގެ ތެރޭގައި ކަމެއް ޔަޤީންކޮށް ބުނަން ނޭނގޭ ކަމުގައި ހަތަރުވަނަ މީހާ ބުންޏެވެ. ދެން ހެކިބަސް ދިން 3 މީހުންގެ ގައިގައި 80 އެތިފަހަރުން ޙައްދު ޖެހިއެވެ. އަދި 4 ވަނަ މީހާ ޙައްދުޖެހުމުން ބަރީއަވިއެވެ. އަދި އެ ޞަޙާބީވެސް ބަރީއަވިއެވެ. [3]
ހިލާލު ބުން އުމައްޔާ رَضِي اللهُ عَنْهُ އަކީ މާތް اللهގެ ޙަޟްރަތުން ތައުބާ ލެއްވުނު ތިން ބޭކަލުންގެ ތެރެއިން އެއް ބޭކަލެވެ. ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ.
«البَيِّنَةَ وَإِلَّا حَدٌّ فِي ظَهْرِكَ» [4]
މާނައީ: “ކަލޭގެފާނުގެ މައްޗަށް ވަނީ ހެކިވެރިން ގެނައުމެވެ. އަދި ހެކިވެރިން ނުގެނެވިއްޖެނަމަ ކަލޭގެފާނުގެ ގައިގައި ޙައްދު ޖެހުމެވެ.”
ހިލާލު ބުން އުމައްޔާ رَضِي اللهُ عَنْهُ ވިދާޅުވިއެވެ.
“ކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވެވި އިލާހު ގަންދީ ވިދާޅުވަމެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު ވަނީ ތެދުވެރިންގެ ތެރެއިންނެވެ. ތިމަންކަލޭގެފާނު ޙައްދު ޖެހުމުން ބަރީއަކުރައްވައި މާތް الله ވަޙީބާވައިލައްވާނެއެވެ.”
ދެން ޖިބްރީލު عَلَيهِ السَّلَامُ ފައިބައިވަޑައިގެން މި އާޔަތްތައް (ބަޔާންވެދިޔަ ނޫރު ސޫރަތުގެ އާޔަތްތައް) ބާވައިލެއްވިއެވެ.
ފަހެ މި އާޔަތްތައް ބާވައިލެއްވީ ހިލާލު ބުން އުމައްޔާ رَضِي اللهُ عَنْهُ އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ޤަޛުފުކުރުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް މިކަމުގެ ޙުކުމް ވަނީ އެހެން ހުރިހާ އެންމެންގެ މައްޗަށްވެސް ޝާމިލުވެގެންނެވެ.
މަޞްދަރު: شرح أصول في التفسير للشيخ محمد بن صالح العثيمين – رحمه الله –
[1] أخرجه البخاري (4890)، ومسلم (2494)
[2] أخرجه البخاري (4890)، ومسلم (2494) واللفظ له.
[3] ބައްލަވާ: الحاوي الكبير للماوردي (13/483) والمجموع للنووي (20/252)