[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަލަސްޠީނުގެ ތާރީޚް – 15

ޣައްޒާއާއި ހުޅަނގު  އައްސޭރި ޔަހޫދީންގެ ބާރުގެ ދަށަށް ގެންދިއުމުގެ ސިޔާސަތު (Annexation of the West Bank and Gaza)

 

1967 ވަނަ އަހަރުގެ ހަނގުރާމައަށް ފަހުގައި ހުޅަނގު އައްސޭރި (West Bank) އާއި ޣައްޒާ (Gaza) ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ގެންދިއުމަށް އިޒްރޭލުން ދިޔައީ މަސައްކަތްކުރަމުންނެވެ. ނަމަވެސް ފަލަސްޠީނުގެ ރައްޔިތުން ޔަހޫދީންނަށް އަމާން ނުދީ، ދެކޮޅު ހެދިއެވެ. އެބައިމީހުންގެ އަތުން ފޭރިގަނެފައިވާ ބިންތައް އަނބުރާ ހޯދުމަށްޓަކައި ކުރަމުން ދިޔަ މަސައްކަތްތައް އެބައިމީހުން ހުއްޓައެއް ނުލައެވެ. އެހެންކަމުން ފަލަސްޠީނުގެ މުޅި ބިން އިޒްރޭލުގެ ބާރުގެ ދަށަށް ގެންދިއުމަށް ޔަހޫދީން ކުރަމުންދިޔަ މަސައްކަތްވީ ވަރަށް އުނދަގޫ، ގޮންޖެހުންތައް ގިނަ މަސައްކަތަކަށެވެ. މިކަމުގައި ޔަހޫދީން ގެންގުޅުނު ސިޔާސަތުތަކުގައި މައިގަނޑު 3 ކަމެއް ފާހަގަކޮށްލެވެއެވެ.

 

  1. މުސްލިމުން ފަލަސްޠީނުގެ ބިން ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކުރަން މަޖުބޫރުކުރުވުން:

ހުޅަނގު އައްސޭރިއާއި ޣައްޒާގައި ޔަހޫދީންގެ ނުފޫޒު ވަރުގަދަކުރުމަށް އެބައިމީހުން ކުރި އެންމެ މުހިންމު އެއް މަސައްކަތަކީ މުސްލިމުން ފަލަސްޠީނުގެ ބިން ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކުރުމަށް މަޖުބޫރުކުރުވިއެވެ. މިކަމުގެ ނަތީޖާއަކީ 1974 – 1980 އާ ދެމެދު އެއްލައްކައެއްހާ މުސްލިމުން ފަލަސްޠީނުން ހިޖުރަކުރުމެވެ. އަދި ހަމައެއާއެކު އެ މުއްދަތުގައި އިޒްރޭލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކަށް ހިޖުރަކުރި ޔަހޫދީންގެ ޢަދަދުވެސް ލައްކައަކާ ގާތްކުރިއެވެ. އޭގެ ތެރެއިން ގިނަ މީހުން ވަޒަންވެރިވީ ޤުދުސްއާއި އެތަނުގެ ވަށައިގެންވާ ރަށްތަކުގައެވެ.

 

  1. ފަލަސްޠީނުގެ ދަނޑުބިންތައް ޔަހޫދީންގެ ބާރުގެ ދަށަށް ގެންދިއުން:

ޔަހޫދީން ދަޢުވާކުރާ ގޮތުގައި ހުޅަނގު އައްސޭރިއަކީ އެބައިމީހުންނަށް ވާރުތަވެފައިވާ ބިމެކެވެ. އަދި އެބައިމީހުން ބަދަލުގެނެސްފައިވާ ތައުރާތުން އެބައިމީހުންގެ ޙައްޤެއްގެ ގޮތުގައި އެބައިމީހުންނަށް މިލްކުކޮށްދީފައިވާ ބިމެކެވެ. އެތަނަށް އެބައިމީހުން ކިޔަނީ السَّامِرَة‎ (Samaria) އެވެ. އެހެންކަމުން އެތަން އެބައިމީހުންގެ ފުރިހަމަ ބާރުގެ ދަށަށް ގެންދިއުމަށްޓަކައި އެތަނުގައި ހުރި މުސްލިމުންގެ ދަނޑުބިންތައް ފޭރިގަތެވެ. އެގޮތުން 1960 ގެ އަހަރުތަކުގެ ތެރޭގައި އެބައިމީހުން 2 މިލިޔަނެއްހާ އޭކަރުގެ ދަނޑުބިން ފޭރިގަތެވެ. 1967 ވަނަ އަހަރު ހުޅަނގު އައްސޭރީގެ ދަނޑުބިންތަކުގެ 50 ޕަސެންޓު އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ. އަދި ޣައްޒާގެ ދަނޑުބިންތަކުގެ ތިންބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައި އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ.

 

  1. ފަލަސްޠީނުގެ ބިމުގައި ފެން ލިބެން ހުރި ތަންތަނަށް ވެރިވެގަތުން:

ހުޅަނގު އައްސޭރިއާއި ޣައްޒާގައި މުސްލިމުން ފެން ވަޅު ކޮނުން ޔަހޫދީން މަނާކުރިއެވެ. އަދި އެބައިމީހުން ކުރިން ކޮނެފައިވާ ވަޅުތަކުން ވަކި މިންވަރަކަށް ވުރެ އިތުރަށް ފެން ބޭނުންކުރުން މަނާކުރިއެވެ. އެގޮތުން މުސްލިމުންގެ ފެން ވަޅުތަކުގައި “ފެން މީޓަރު” ހަރުކޮށް، މުސްލިމުން ފެން ނަގާ މިންވަރު ޔަހޫދީން ބަލަހައްޓަމުން ދިޔައެވެ. އަހަރު ދުވަހު ހުޅަނގު އައްސޭރީގައި ބޭނުންކުރާ ފެނުގެ 30 ޕަސެންޓަށް ވުރެ ބޮޑުބައި ބޭނުންކުރަމުން ދިޔައީ ޔަހޫދީންނެވެ. އަދި އަހަރަކު 35 މިލިއަން ކިއުބިކް މީޓަރަށް ވުރެ އިތުރަށް ފެން ނެގުން މުސްލިމުންނަށް މަނާކުރިއެވެ.

 

ޔަހޫދީންގެ މި ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި އެބައިމީހުން ހިފާފައިވާ ބިންތަކުގައި ޔަހޫދީ އަސްކަރީ މަރުކަޒުތައް (military checkpoints) ހެދިއެވެ. މިކަންކުރީ އެތަންތަނުގައި ދިރިއުޅޭ ޔަހޫދީންގެ އަމާންކަން ކަށަވަރުކުރުމުގެ ނަމުގައެވެ. ނަމަވެސް އެބައިމީހުންގެ ޙަޤީޤި މަޤްޞަދަކަށްވީ އެ ބިންތަކުގައި ތިބި މުސްލިމުންނަށް އެތަނުގައި ދިރިއުޅުމަކީ އުނދަގޫކަމަކަށް ހެދުމެވެ.

 

=ނުނިމޭ=

 

_______________

 

މަޞްދަރު: حاضر العلم الإسلامي وقضاياه المعاصرة لد. جميل عبد الله محمد المصري

 

ފަލަސްޠީނުގެ ތާރީޚް – އެހެންބައިތައް