ދެވަނަ ބަސްފުޅު: މައްކާގައި ނޫނީ މައްކާ ނޫން އެހެން ތަނެއްގައިވެސް ނަމާދުކުރަން ހުންނަ މީހާގެ ކުރިމަތިން ހުރަސްކުރުމަކީ ހުއްދަކަމެއް ނޫނެވެ. މިއީ މިކަމުގައި ޝާފިޢީންގެ މަޛްހަބެވެ. [1] އަދި މިއީ އިމާމު އަޙްމަދުގެ އަރިހުން އައިސްފައިވާ ރިވާޔަތުގައިވެސް ވާގޮތެވެ. [2] އަދި އިމާމު ބުޚާރީއާއި [3] އިބުނު ޢުޘައިމީނާ [4] އަދި އަލްއަލްބާނީ ވަނީ މި ބަސްފުޅު އިޚްތިޔާރުކުރައްވާފައެވެ. [5]
މަސްޖިދުލް ޙަރާމުގައި ނަމާދުކުރަން ހުރި މީހެއްގެ ކުރިމަތިން ހުރަސްކުރުން އެއީ އިސްތިޘްނާ ކުރައްވާފައިވާ ކަމެއްގެ ގޮތުގައި ޝާފިޢީން ދެކެވަޑައި ނުގަންނަވައެވެ. އެބޭކަލުން ދެކެވަޑައިގަންނަވަނީ އެއީ ޙަރާމްކަމެއްގެ ގޮތުގައެވެ. ނަވަވީ رحمه الله ވިދާޅުވެފައިވެއެވެ.
“ސުތުރާއަކަށް ކުރިމަތިލައިގެން ނަމާދުކުރާނަމަ، އޭނާއާއި ސުތުރާގެ ދޭތެރެއިން ހުރަސްކުރުން އެހެން މީހުންނަށް ޙަރާމްވެގެންވާނެއެވެ. އަދި ސުތުރާގެ ފަހަތުން ހުރަސްކުރުން ޙަރާމްވެގެން ނުވެއެވެ.” [المجموع للنووي (3 / 249)].
އަދި އިބުނު ޙަޖަރު رحمه الله ވިދާޅުވެފައިވެއެވެ.
“ޝާފިޢީންގެ އަރިހުގައި އެންމެ މަޝްހޫރު ގޮތަކީ މައްކާގައި ނުވަތަ އެހެން ތަނެއްގައިވެސް ނަމާދުކުރާމީހާގެ ކުރިމަތިން ހުރަސްކުރުން މަނާވެގެންވުމެވެ. އަދި ބައެއް ފިޤުހު އިލްމުވެރިން ޟަރޫރަތަށްޓަކައި، ޠަވާފުކުރާ މީހުންނަށް މިކަން ހުއްދަކުރައްވައެވެ. އަދި ބައެއް ޙަންބަލީންގެ އަރިހުން މުޅި މައްކާގައި މިކަން ހުއްދަވާނެކަމަށް އައިސްފައިވެއެވެ.” [فتح الباري لابن حجر (1 / 576)].
އިބުނު ރަޖަބު رحمه الله ވިދާޅުވެފައިވެއެވެ:
“މައްކާގައި ނަމާދުކުރާ މީހާގެ ކުރިމަތީގައި ސުތުރާ ބެހެއްޓުމުގެ ޙުކުމާމެދު އިލްމުވެރިން ވަނީ ޚިލާފުވެފައެވެ. އެކަމުގެ ޙުކުމަކީ ހަމަ އެހެން ޤައުމުތަކުގައިވެސް އެކަންކުރުމުގެ ޙުކުމްތޯ ނުވަތަ ނޫންތޯ، އާ މެދުގައި އެބޭކަލުން ވަނީ ދެ ޤައުލެއްގެ މައްޗަށް ޚިލާފުވެފައެވެ.
އޭގެ ތެރެއިން ފުރަތަމަ ޤައުލަކީ: އެހެން ޤައުމުތަކޭ އެއްފަދައިން މައްކާގައިވެސް ނަމާދުގެ ސުތުރާ ބެހެއްޓުމުގެ ޙުކުމަކީ ހަމަ އެއް ޙުކުމެކެވެ. އަދި މިއީ މިކަމުގައި އިމާމު ބުޚާރީ އަދި އިމާމު ޝާފިޢީ އިޚްތިޔާރުކުރައްވާފައިވާ ޤައުލެވެ. އަދި އިމާމު އަޙްމަދުގެ އަރިހުންވެސް ވަނީ މި ޤައުލު ނަޤުލުކުރައްވާފައެވެ.” [فتح الباري لابن حجر (2 / 640)].
އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ.
“ނަމާދުކުރާ މީހާއީ އިމާމެއް ނުވަތަ އެކަނި ނަމާދުކުރާ މީހެއްނަމަ، ފަހެ ހަމަކަށަވަރުން އޭނާގެ ކުރިމަތިން ހުރަސްކުރުން މަސްޖިދުލް ޙަރާމްގައިވެސް އެހެން ތަނެއްގައިވެސް ހުއްދަވެގެން ނުވާނެއެވެ. އެއީ އެކަމާ ގުޅިގެން އައިސްފައިވާ ދަލީލުތައް ޢާންމުވެގެންވާތީއެވެ. އަދި މައްކާގައި ނުވަތަ މަސްޖިދުލް ޙަރާމުގައި ނަމާދުކުރާމީހާގެ ކުރިމަތިން ހުރަސްކުރުމުން އެމީހަކަށް ގެއްލުމެއް ނުވާނެކަމަށާ އަދި އެމީހާ ފާފަވެރި ނުވާނޭކަން އަންގައިދޭ ޚާއްޞަ (ޞައްޙަ) ދަލީލެއް އައިސްފައި ނުވެއެވެ.” [مجموع فتاوى ورسائل العثيمين (13 / 325)].
އަލްބާނީ رحمه الله ވިދާޅުވެފައިވެއެވެ.
“އެ ދެ ޙަދީޘާ އަދި އެ ދެ ޙަދީޘުގެ މާނާގައި އައިސްފައިވާ ޙަދީޘްތަކަކީ މުޠުލަޤު ޙަދީޘްތަކެކެވެ. [6] އެއީ އެކަން ވަކި މިސްކިތަކަށް ނުވަތަ ތަނަކަށް ޚާއްޞަކޮށްދޭ ޙަދީޘްތަކެއް ނޫނެވެ. ފަހެ އެ ދެ ޙަދީޘްގައި މަސްޖިދުލް ޙަރާމް އަދި މަސްޖިދުއް ނަބަވީ ޝާމިލުވުން މާ އައުލާކަން ބޮޑެވެ. އެހެނީ މި ޙަދީޘްތައް ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާނީ އެކަލޭގެފާނުގެ މިސްކިތްކޮޅުގައި ހުންނަވައިގެންނެވެ. ފަހެ އެހެންކަމުން މިކަމުގެ އަޞްލަކީ މަސްޖިދުއް ނަބަވީއެވެ. އެހެން މިސްކިތްތަށް އަންނާނީ މަސްޖިދުއް ނަބަވީއާ ތަބާވެގެންނެވެ. ޒިކުރުކުރެވިފައިވާ ދެ އަޘަރަކީ މަސްޖިދުލް ޙަރާމް އެ ޙަދީޘްތަކުގެ ތެރެއަށް ވަންނާނެކަމުގެ ޞަރީޙަ ދެ ނައްޞެވެ. ފަހެ އެހެންކަމުން ބައެއް ޠަވާފުކުރާމީހުންގެ ފަރާތުންނާ އަދި އެނޫންވެސް މީހުންގެ ފަރާތުން، މިކަމުގެ ނަހީއިން މައްކާގެ ޙަރަމްފުޅާއި މަސްޖިދުއް ނަބަވީ އިސްތިޘްނާވެގެންވާކަމަށް ނުބުނެވޭނެއެވެ. އެއީ މިކަމުގައި ސުންނަތުގެ އެއްވެސް އަޞްލެއް ނުވާތީއެވެ. އަދި އެއްވެސް ޞަޙާބީއެއްގެ ކިބައިންވެސް އެކަމަށް ދަލާލަތު ކުރާ އަޞްލެއް އައިސްފައި ނުވާތީއެވެ. މަސްޖިދުލް ޙަރާމާ ބެހޭގޮތުން ރިވާވެފައިވާ އެއް ޙަދީޘް ފިޔަވައެވެ. ނަމަވެސް އެ ޙަދީޘުގެ އިސްނާދު ޞައްޙައެއް ނޫނެވެ. އަދި އެކުރާ ދަޢުވާއަށް އެ ޙަދީޘުން ދަލީލު ނުލިބެއެވެ.” [حجة النبي صلى الله عليه وسلم للألباني (ص: 22)].
ދަލީލުތައް:
ފުރަތަމައީ: ސުންނަތުން
އަބޫ ޖުޙައިފާ رضي الله عنه ވިދާޅުވިއެވެ.
«خَرَجَ رسولُ اللهِ بالهاجِرَة، فصَلَّى بالبطحاءِ الظُّهْرَ والعَصْرَ ركعتينِ، ونصَبَ بين يديه عَنَزَةً، وتوضَّأَ، فجعل النَّاسُ يتمسَّحونَ بِوَضُوئِه» [رواه البخاري (501)، ومسلم (503)]
މާނައީ: “މެންދުރުގެ ވަގުތުގައި ﷲ ގެ ރަސޫލާ صلى الله عليه وسلم ނިކުމެވަޑައިގެންނެވިއެވެ. އަދި ބަޠުޙާގައި މެންދުރު ނަމާދާއި ޢަޞްރުނަމާދު ދެރަކުޢަތުން ދެރަކުޢަތުން ކުރެއްވިއެވެ. (އެބަހީ: ޤަޞްރުކުރެއްވިއެވެ.) އަދި އެކަލޭގެފާނުގެ ކުރިމަތީގައި ޢަނަޒާއެއް (އެބަހީ: ލޮންސި ގޮތަށް ކޮޅު ތޫނުކޮށް ހުންނަ ބައި ލޮންސިއެއް ނުވަތަ އެއަށް ވުރެ ބޮޑު އެއްޗެއް) ކޮއްޅަށް ވާގޮތަށް ބަހައްޓަވައި ވުޟޫކުރެއްވިއެވެ.”
މި ޙަދީޘްފުޅުން ދަލީލު ނަގާ ގޮތް:
ބަޠުޙާގައި ނަމާދު ކުރެއްވިއިރު ނަބިއްޔާ صلى الله عليه وسلم އެކަލޭގެފަނުގެ ކުރިފުޅުމަތީގައި ސުތުރާއެއް ބެހެއްޓެވިއެވެ. ބަޠުޙާ އެއީ މައްކާގައިވާ ތަނެކެވެ.
ދެވަނައީ: އަޘަރުތަކުން
1- ޞާލިޙު ބިން ކައިސާނު رحمه الله ވިދާޅުވިއެވެ.
“އިބުނު ޢުމަރު رضي الله عنهما ކަޢުބާގައި ނަމާދުކުރައްވަނިކޮށް ތިމަންނާ ދުށީމެވެ. ފަހެ އެކަލޭގެފާނުގެ ކުރިމަތިން އެއްވެސް މީހަކު ހުރަސްކުރުމަށް އެކަލޭގެފާނު ދޫކޮށެއް ނުލައްވައެވެ. އަދި އެކަމަށް (އެމީހާ ހުއްޓުވުމަށް) އަވަސްވެގަންނަވައެވެ.” ވިދާޅުވިއެވެ. “އެމީހަކު އަނބުރާ ފޮނުވާލައްއެވެ.”
[رواه أبو زرعة الدمشقي في التاريخ (526)، وابن عساكر في تاريخ دمشق (23 / 367)، وعلقه البخاري مختصرا باب (يرد المصلي من مر بين يديه) وصحح إسناده الألباني في حجة النبي صلى الله عليه وسلم (22)]
2- ޔަޙްޔާ ބިން އަބީ ކަޘީރު رحمه الله ވިދާޅުވިއެވެ.
“ހަމަކަށަވަރުން އަނަސް ބުން މާލިކު رضي الله عنه އަސާއެއް ކޮއްޅަށް ބަހައްޓަވާ އެއާ ކުރިމަތިލައްވައިގެން، މަސްޖިދުލް ޙަރާމުގައި ނަމާދުކުރައްވަން ހުންނަވަނިކޮށް ތިމަންނާ ދުށީމެވެ.”
[رواه ابن أبي شيبة (2853)، وابن جرير في تهذيب الآثار ت. علي رضا (281)، وابن المنذر في الأوسط (2427) صحح إسناده الألباني في حجة النبي صلى الله عليه وسلم (22)].
=ނިމުނީ=
[1] ބައްލަވާ: المجموع للنووي (3 / 249) وفتح الباري لابن حجر (1 / 576).
[2] ބައްލަވާ: الفروع لابن مفلح (2 / 258) والإنصاف للمرداوي (2/69).
[3] ބައްލަވާ: فتح الباري لابن رجب (2 / 640).
[4] ބައްލަވާ: مجموع فتاوى ورسائل العثيمين (13 / 325).
[5] ބައްލަވާ: حجة النبي للألباني (ص: 22).
[6] އެ އިޝާރާތްކުރައްވާ ދެ ޙަދީޘަކީ: (1) މީހަކު، އެމީހެއްގެ ކުރިމަތީގައި ޖަމަލު މަތީގައި ބައިންދާ ގޮނޑީގެ ފަހަތުބައިވަރުވާ އެއްޗެއް ބަހައްޓައިފިނަމަ، ފަހެ (އެއާ ކުރިމަތިލައިގެން) ނަމާދުކުރުމަށް ކުރައްވާފައިވާ އަމުރުފުޅެވެ. އަދި އެ ޙަދީޘްގައިވަނީ އޭގެ ފަހަތުން ހުރަސްކުރާ މީހާއާމެދު ފަރުވާލެއް ބަހައްޓާނެކަމެއް ނެތްކަމަށެވެ. [ބައްލަވާ: صحيح مسلم 241 – (499)] (2) ތިޔަބައިމީހުން ކުރެ މީހަކު އޭނާގެ ކުރިމަތީގައި ސުތުރާއެއް ބަހައްޓައިގެން ނަމާދުކުރަން ހުއްޓައި، އޭނާގެ ކުރިމަތިން މީހަކު ހުރަސްކުރަން އުޅެފިނަމަ، ފަހެ އެމީހާ ހުއްޓުވުމަށް ވާރިދުވެފައިވާ ޙަދީޘެވެ. [ބައްލަވާ: صحيح البخاري (509)، وصحيح مسلم (505)]