ފިތުނަ ބޮޑުވެ، ފާޅުވެ ޢުޘްމާނުގެފާނު ޝަހީދުކޮށްލުން
އިސްލާމީ ޚިލާފަތުގެ އެކި ކަންކޮޅުތަކަށް މި ފިތުނަ ފެތުރިގެން ދިޔައީ ބޮޑު އަލިފާންގަނޑެއް ފެތުރިގެންދާ ފަދައިންނެވެ. މިފަދައިން މި ފިތުނަ ފެތުރިގަތުމަށް މެދުވެރިވި އެއް ކަމަކީ އެކި ރަށްރަށަށް ކަނޑައަޅުއްވާފައި ތިއްބެވި ވެރިންނަށް ޢުޘްމާނުގެފާނުގެ ނަމުގައި އޮޅުވާލާފައިވާ ސިޓީތަކެއް ފޮނުވުމެވެ.
އެކި ރަށްތަކަށް ކަނޑައަޅުއްވާފައި ތިއްބެވި ވެރިން ޢުޘްމާނުގެފާނުގެ އަރިހަށް ވަޑައިގަތުމަށް އެކަލޭގެފާނު އެންގެވިއެވެ. އަދި ހިޖުރައިން 34 ވަނަ އަހަރު އެބޭކަލުން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވުމުން، މި ފިތުނައިގެ ތެރޭގައި އެ ރަށްތަކުގައި މީސްތަކުންގެ ކަންކަން ހުރިގޮތް އައްސަވާ، އެބޭކަލުންނާ އެކަމުގައި މަޝްވަރާކުރެއްވިއެވެ. އެއަށް ފަހު އެބޭކަލުން ތިއްބެވި ރަށްތަކަށް އެނބުރި ވަޑައިގެންނެވިއެވެ.
މި ފިތުނައިގައި އިސްކޮށް ތިބި މީހުން ހިޖުރައިން 35 ވަނަ އަހަރު މަދީނާއަށް އައެވެ. އެބައިމީހުން އައީ ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމުގެ ނަމުގައެވެ. އެބައިމީހުން ބޭނުންވީ ސީދާ ޚަލީފާއާ ބައްދަލުކޮށް އެބައިމީހުން ބޭނުންވާ ކަންކަން އެކަލޭގެފާނަށް ހުށަހަޅާށެވެ. ޢުޘްމާނުގެފާނު އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ބޭކަލުންނާ މަޝްވަރާކުރެއްވުމަށް ފަހު، އެބައިމީހުންގެ ގާތަށް ޢަލީގެފާނު ފޮނުއްވިއެވެ. އެކަލޭގެފާނަށް އެންގެވީ އެބައިމީހުން ބޭނުންވާ ކަންތައްތައް އޮޅުން ފިލުއްވުމަށް ފަހުގައި، އެބައިމީހުން އެދޭ ކަންކަން ކޮށްދިނުމަށް ފަހުގައި އިތުރުކަމެއް ތަޙުޤީޤުކުރުމަށް ޙެއްކެއް، ޙުއްޖަތެއް ނުލިބިއްޖެނަމަ އެބައިމީހުން އަނބުރާ ފޮނުވާލެއްވުމަށެވެ. ދެން ޢަލީގެފާނު ވަޑައިގެން އެފަދައިން ކަންތައްކުރެއްވުމަށް ފަހުގައި އެބައިމީހުން ފޮނުއްވާލެއްވިއެވެ. އެބައިމީހުން އެނބުރި ދިޔައީ ޝައްވާލު މަހުގައި ޙައްޖުވެރިންނާއެކު ޙައްޖުވެރިންގެ ގޮތުގައި އެނބުރިއައިސް ހަނގުރާމަކުރުމަށް، އެބައިމީހުންގެ މެދުގައި ވަޢުދުވެގެންނެވެ.
އެބައިމީހުން ކަނޑައެޅި ވަގުތު އައިސްޖެހުމުން މަދީނާއަށް ދިއުމަށްޓަކައި ދަތުރަށް ނުކުތެވެ. އެބައިމީހުންގެ ތެރެއިން މިޞްރުގެ މީހުންގެ ތެރެއިން އިސްކޮށް ހުރީ އަލްޣާފިޤީ ބުން ޙަރްބު އަލްއައްކީއެވެ. އެބައިމީހުންނާ އެކުގައި ޢަބްދުﷲ ބުން ސަބާވެސް ހުއްޓެވެ. ކޫފާގެ އަހުލުވެރިންގެ ތެރެއިން އިސްކޮށް ހުރީ ޢަމްރު ބުން އަލްއަޞައްމެވެ. އަދި އެބައިމީހުންގެ ތެރޭގައި އަލްއަޝްތަރު އައްނަޚަޢީ ހިމެނެއެވެ. އަދި ބަޞްރާގެ މީހުންގެ ތެރެއިން އިސްކޮށް ހުރީ ޙަރްޤޫޞް ބުން ޒުހައިރު އައްސަޢުދީއެވެ. އަދި އެބައިމީހުންގެ ތެރޭގައި ޙަކީމު ބުން ޖަބަލާވެސް ހިމެނެއެވެ.
އެބައިމީހުން މަދީނާއާ ކައިރިއަށް އައުމުން ޢުޘްމާނުގެފާނު އެބައިމީހުންގެ ގާތަށް ނުކުމެވަޑައިގެންނެވިއެވެ. މިޞްރުގެ އަހުލުވެރިން އެކަލޭގެފާނާ ވާހަކަދައްކާ، އެބައިމީހުންގެ ޝަރުޠު އެކަލޭގެފާނަށް ހުށަހެޅިއެވެ. އަދި އެކަލޭގެފާނާ ދެކޮޅަށް ނުނުކުތުމަށާއި މުސްލިމުންގެ ޖަމާޢަތާ ވަކިނުވުމަށް އެބައިމީހުންގެ ކިބައިން އެކަލޭގެފާނު ޢަހުދުކަށަވަރު ހިއްޕެވިއެވެ. ދެން އެބައިމީހުން އެކަމަށް އެއްބަސްވެ އެނބުރި ދިޔައެވެ. އަދި އެބައިމީހުންނާއެކު ކުފާއާއި ބަޞްރާގެ އަހުލުވެރިންވެސް އެނބުރި ދިޔައެވެ.
މިޞްރުގެ އަހުލުވެރިން އެނބުރި ދިޔަ މަގުމަތީގައި އެބައިމީހުންގެ ފަހަތުން އަންނަ މީހަކު ފެނުނެވެ. އެމީހާ އެބައިމީހުންނާ އަރާ ހަމަވެފައި ގެއްލެއެވެ. އަދި އަނެއްކާ އައިސް އެބައިމީހުންނާ އަރާ ހަމަކޮށްފައި އަނެއްކާވެސް ގެއްލެއެވެ. މިގޮތަށް ތަކުރާރުވާން ފެށުމުން، އެއީ ކީއްކުރާ މީހެއްތޯ އެބައިމީހުން އެމީހާއާ ސުވާލުކުރިއެވެ. ޖަވާބުގައި އެމީހާ ބުނީ އެއީ މިޞްރުގައި ވެރިއަކަށް ހުރި ބޭފުޅާގެ އަރިހަށް އަމީރުލް މުއުމިނީން ފޮނުއްވާ މީހެއްކަމުގައެވެ. ދެން އެބައިމީހުން އެމީހާ ބަލާ ފާސްކުރުމުން އެމީހާގެ އަތުން ޢުޘްމާނުގެފާނުގެ ސިއްކަފުޅު ޖަހާފައިވާ ސިޓީއެއް ފެނުނެވެ. އޭގައިވަނީ އެބައިމީހުން މިޞްރަށް ދިޔުމުން އެބައިމީހުން ޞަލީބަށް އެރުވުމަށެވެ. ނުވަތަ ޤަތުލުކުރުމަށެވެ. ނުވަތަ އެބައިމީހުންގެ އަތްފައި ބުރިކުރުމަށެވެ. އެހެނަސް އެ ސިޓީއަކީ ފިތުނަ ބޮޑުކުރުމަށްޓަކައި ބަޔަކު ހަދާފައިވާ ސިޓީއެކެވެ.
ފަހެ، އެކަމާ ރުޅިއައިސްގެން އެބައިމީހުން އަނެއްކާ އެނބުރި މަދީނާއަށް ދިޔައެވެ. އަދި ޢަލީގެފާނުގެ އަރިހަށް ގޮސް، އެކަމުގެ ޚަބަރުދިނެވެ. އަދި އެބައިމީހުންނާ އެކުގައި ޢުޘްމާނުގެފާނުގެ އަރިހަށް ދިއުމަށް އެދުނެވެ. ނަމަވެސް ޢަލީގެފާނު އެކަމާ ދެކޮޅު ހެއްދެވިއެވެ. ދެން ފަހެ، އެބައިމީހުން ޢުޘްމާނުގެފާނުގެ އަރިހަށް ދިޔައެވެ. އަދި އެ ސިޓީއާ ބެހޭގޮތުން އެކަލޭގެފާނުގެ އަރިހުގައި ސުވާލުދެންނެވިއެވެ. ނަމަވެސް އެކަލޭގެފާނު އެފަދަ ސިޓީއެއް ނުފޮނުއްވާކަމުގައި ވިދާޅުވިއެވެ. އޭގައި އެކަލޭގެފާނުގެ ސިއްކަފުޅު އޮތުމުން އެކަމާ ސުވާލު ދެންނެވުމުން އެކަލޭގެފާނު ވިދާޅުވީ އެކަލޭގެފާނުގެ ސިއްކަފުޅު ގެއްލިފައިވާކަމުގައެވެ. އަދި އެކަލޭގެފާނު އެބައިމީހުންނާއެކު ޢަހުދުކަށަވަރު ހިއްޕެވިކަންތަކުގެ މަތީގައި ދެމިހުންނެވިކަމުގައިވެސް ވިދާޅުވިއެވެ. ނަމަވެސް އެބައިމީހުންގެ ތެރެއިން ގިނަމީހުން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުރިއެވެ. އަދި އެކަލޭގެފާނުގެ ގެކޮޅުގައި އެކަލޭގެފާނު ޙިޞާރުކުރިއެވެ.
ޢުޘްމާނުގެފާނު އެކަލޭގެފާނުގެ ގެކޮޅުގައި ޙިޞާރުކޮށްފައި ހުންނެވިއިރު، ފުރަތަމަ ދުވަސްކޮޅުގައި ނަމާދަށް މިސްކިތަށް ވަޑައިގެންނެވުމަށް ހުއްދަދިނެވެ. ނަމަވެސް ފަހުން، މިސްކިތަށް ނުކުމެވަޑައިގަތުންވެސް މަނާކުރިއެވެ. އެއީ މަދީނާގެ ބޭރުން އެކަލޭގެފާނު ސަލާމަތްކުރަން ބަޔަކު އަތުވެދާނެކަމުގެ ބިރު އެބައިމީހުންނަށް އޮތުމުންނެވެ. އެހެންކަމުން އެކަލޭގެފާނު ޝަހީދުކޮށްލުމަށް އެބައިމީހުން އަވަސްވެގަތެވެ.
ޢުޘްމާނުގެފާނު ގެކޮޅުގައި ޙިޞާރުކުރީ ހިޖުރައިން 35 ވަނަ އަހަރުގެ ޛުލްޤަޢިދާ މަހުގެ ފަހުކޮޅުގައެވެ. ޛުލްޙިއްޖާ މަހުގެ 28 އާ ހަމައަށް މި ޙިޞާރު ދެމިގެން ދިޔައެވެ. ޢުޘްމާނުގެފާނު ޝަހީދުކޮށްލީ ޤުރުއާން ކިޔަވާވިދާޅުވާން އިންނަވަނިކޮށެވެ. އެކަލޭގެފާނު ފަސްދާނު ލެވުނީ ބަޤީޢުގައެވެ. [1] – رضي الله عنه وأرضاه -.
މިއީ އަމީރުލް މުއުމިނީން ޢުޘްމާން ބުން ޢައްފާން رضي الله عنه ޝަހީދުކޮށްލި ޙާދިޘާގެ ވަރަށް ކުރު ޚުލާޞާއެކެވެ. ފިތުނައިގެ މި ޙާދިޘާ ހިނގާދިޔަ ގޮތް ރަނގަޅަށް ފަހުމުވުމަށްޓަކައި އަންނަނިވި ނުކުތާތައް ތަފްޞީލުކޮށް އެނގުން މުހިންމެވެ. އެއީ:
- މި ފިތުނައަށް މަގުފަހިވި ސަބަބުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު ކަންކަން
- ޢުޘްމާނުގެފާނު ގެކޮޅުގައި ޙިޞާރުކުރެއްވުމަށް މެދުވެރިމި ސިޓީގެ ޙަޤީޤަތް
- ޢުޘްމާނުގެފާނު ޖަވާބުދާރީކުރުވުމަށް އެބައިމީހުން ބޭނުންވި ކަންތައްތައް
- މަދީނާގައި ތިއްބެވި ޞަޙާބީން މި ފިތުނައިގައި ޢަމަލުކުރެއްވި ގޮތް
ކުރިއަށް ހުރި ބައިތަކުގައި މި 4 ނުކުތާ ތަފްޞީލުކޮށްދޭނަމެވެ. إن شاء الله.
الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –
ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه –
[1] ބައްލަވާ: تاريخ الطبري (4 / 378) والبداية والنهاية لابن كثير (10 / 270 – 297).