[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބިން އިޞްލާޙުކުރެއްވުމަށް ފަހު، އެ ބިމުގައި ފަސާދަ ނުކުރާށެވެ!

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.

 

“ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا﴾‏ [سورة الأعراف ٥٦]

މާނައީ: “(ﷲ ތަޢާލާ) ބިން އިޞްލާޙުކުރެއްވުމުން، ތިޔަބައިމީހުން އެ ބިމުގައި ފަސާދަ ނުކުރާށެވެ!”

މުފައްސިރުންގެ ތެރެއިން ގިނަ ބޭކަލުން (މި އާޔަތުގެ ތަފްސީރުގައި) ވިދާޅުވެފައިވަނީ: ﷲ ތަޢާލާ، ރަސޫލުބޭކަލުން ފޮނުއްވާ، ޝަރީޢަތް ބަޔާންކޮށްދެއްވައި، ﷲ އަށް ކިޔަމަން ގަތުމަށް ގޮވާލައްވައި އަދި ބިން އިޞްލާޙުކުރައްވާފައި ވަނިކޮށް، ފަހެ ފާފަކުރުމާއި ﷲ ނޫން ފަރާތަކަށް ކިޔަމަން ގަތުމަށް ގޮވާލައި ބިން ފަސާދަ ނުކުރާށެވެ.

ފަހެ އެއިލާހާ ޝަރީކުކުރުމަކީ ބިމުގައިވާ އެންމެ ބޮޑު ފަސާދައެވެ. އަދި ކިއެއް ހެއްޔެވެ. ބިމުގެ ޙަޤީޤީ ފަސާދައަކީ އެއިލާހަށް ޝަރީކުކުރުމާއި އެއިލާހުގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރި ވުމެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ‎﴾‏ [سورة الروم ٤١]

މާނައީ: “މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއީ އެބައިމީހުން ކުރި ބައެއް ޢަމަލުގެ ރަހަ އެބައިމީހުންނަށް ދެއްކެވުމަށެވެ. އެއީ އެބައިމީހުން (ތައުބާވެ) ރުޖޫޢަވުމަށްޓަކައެވެ.”

މި އާޔަތާ ބެހޭގޮތުން ޢަޠިއްޔާ رحمه الله ވިދާޅުވިއެވެ.

“ފަހެ ބިމުގައި ފާފަ ނުކުރާށެވެ. އޭގެ ސަބަބުން ﷲ ތަޢާލާ ވާރޭ ވެއްސެވުން ހިފަހައްޓަވާފާނެއެވެ. އަދި ތިޔަބައިމީހުންގެ ފާފައިގެ ސަބަބުން ދަނޑުގޮވާން ހަލާކުވެގެން ހިނގައިދާނެއެވެ.”

އަދި ސަލަފުންގެ އެތައް ބޭކަލެއް ވިދާޅުވިއެވެ.

“ވާރޭ ހުއްޓުމުން ފަހެ އާދަމުގެ ދަރިން ކުރެ (ގިނަގިނައިން) ފާފަތަކަށް އަރައިގަންނަ މީހުންނަށް ޖަނަވާރުތައް ލަޢުނަތް ދެއެވެ. އަދި އެ ސޮރުމެން ދަންނަވައެވެ. “އޭﷲ! އެބައިމީހުންނަށް ލަޢުނަތް ލައްވާށިއެވެ! ފަހެ ބިން ހަނަފަސްވެ، ވާރޭ ހިފެހެއްޓުނީ އެބައިމީހުންގެ ސަބަބުންނެވެ.”

 

ފަހެ ޖުމްލަ ގޮތެއްގައި ދަންނަވާ ކަމުގައިވާނަމަ ޝިރުކުކުރުމާއި ﷲ ނޫން ފަރާތަކަށް އަޅުކަންކުރުމާއި އެއިލާހު ނޫން އެހެން ފަރާތެއްގެ މަގަށް ދަޢުވަތު ދިނުމާ އަދި ﷲ ގެ ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންގަންނަ ފަދައިން އެހެން މީހަކަށް ކިޔަމަން ގަތުމަކީ ބިމުގައި ކުރެވޭނެ އެންމެ ބޮޑު ފަސާދައެވެ. ފަހެ ބިމަށާއި އެތަނުގެ އަހުލުވެރިންނަށް ހެޔޮކަންވަނީ ހަމައެކަނި ﷲ އަށް އަޅުކަން އަދާކޮށް، ހަމައެކަނި އެއިލާހުގެ މަގަށް ގޮވާލާ އަދި އެއިލާހު ފިޔަވާ އެހެން ފަރާތްތަކަށް ދުޢާކުރުމުން ދުރުހެލިވުމުގައެވެ. އަދި ކިޔަމަންވެ ތަބާވުމުގައި ހަމައެކަނި ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންވެ ތަބާވުމުގައެވެ.

ފަހެ އެ ނޫން ފަރާތަކަށް ކިޔަމަންވުން ވާޖިބުވަނީ އެފަރާތަކުން ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންވުމަށް އަމުރުކުރުމުންނެވެ. ފަހެ އެކަލޭގެފާނަށް އުރެދި އަދި އެކަލޭގެފާނުގެ ޝަރީޢަތާ ޚިލާފުވުމަށް އަމުރުކުރުމުން، ފަހެ އެމީހަކަށް ކިޔަމަން ގަތުމެއް ނުވެއެވެ.

ހަމަކަށަވަރުން ﷲ ތަޢާލާވަނީ އެއިލާހުގެ ރަސޫލާ صلى الله عليه وسلم އާއި (އެއިލާހު ބާވައިލެއްވި އިސްލާމް) ދީނުގެ ޛަރީޢާއިން ބިން އިޞްލާޙުކުރައްވާފައެވެ. އަދި ﷲ ގެ އެއްކައުވަންތަކަމަށް އަމުރުކުރެއްވުމުގެ ޛަރީޢާއިންވެސް މެއެވެ. އަދި ޝިރުކުކުރުމާއި ރަސޫލާ صلى الله عليه وسلم އާ ޚިލާފުވެގަތުމުގެ ޛަރީޢާއިން ބިން ފަސާދަކުރުން ވަނީ ނަހީކުރައްވާފައެވެ.

ފަހެ ދުނިޔޭގެ ކަންކަމާ މެދުގައި ވިސްނާ ފިކުރުކޮށްފި މީހަކަށް ފެނިގެންދާނީ ބިމުގައިވާ ކޮންމެ ރަނގަޅެއްގެ އަޞްލަކީ ﷲ އެއްކައުވަންތަކުރުމާއި އެއިލާހަށް އަޅުކަންކުރުމާއި ރަސޫލާ صلى الله عليه وسلم އަށް ކިޔަމަން ގަތުމެވެ.

އަދި ދުނިޔޭގައިވާ ކޮންމެ ނުބަޔަކާއި ފިތުނައަކާއި މުޞީބާތާއި ހަނަފަސްކަމާއި ޢަދާވާތްތެރިން ވެރިވެގަތުމުގެ ސަބަބަކީ ރަސޫލާ صلى الله عليه وسلم އާ ޚިލާފުވެ ގަތުމާއި ﷲ އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ނޫން ފަރާތަކަށް ދަޢުވަތު ދިނުމެވެ.”

[بدائع الفوائد لابن القيم (3 / 14 – 15)]