-
ޢުޘްމާނުގެފާނު ގެކޮޅުގައި ޙިޞާރުކުރުމަށް މެދުވެރިވި ސިޓީގެ ޙަޤީޤަތް
ޢުޘްމާނުގެފާނު ޙިޞާރުކުރުމުގެ ޙާދިޘާ ހިނގައި ދިޔަގޮތާމެދު ތަޙުޤީޤީ ނަޒަރަކުން ބަލާލުމުން ފެނިގެންދަނީ، އެ ސިޓީއަކީ ޢުޘްމާނުގެފާނު ގެކޮޅުގައި ޙިޞާރުކުރުމަށް ޙުއްޖަތެއްގެ ގޮތުގައި، އެކަލޭގެފާނާ ދެކޮޅަށް ނުކުތް މީހުން އަމިއްލައަށް ހަދާފައިވާ ސިޓީއެއް ކަމެވެ. އަދި އެކަން ބަޔާންކޮށްދޭ އެތައް ދަލީލެއް ހުރިކަމެވެ. އެ ގޮތުން އެކަމަށް ދަލީލުކޮށްދޭ ބައެއް ކަންކަމަކީ:
ހ. މިޞްރުގެ އަހުލުވެރިންނަށް އެ ސިޓީ ފެނިގެން އެނބުރި މަދީނާއަށް ދިއުމުން ކޫފާއާއި ބަޞްރާގެ އަހުލުވެރިންވެސް މަދީނާއަށް ދިޔައެވެ. މިޞްރު އޮންނަނީ މަދީނާގެ އިރުއުތުރުގައެވެ. އަދި ކޫފާއާއި ބަޞްރާ އޮންނަނީ މަދީނާގެ އުތުރުގައެވެ. އެހެންކަމުން އެ ދެބައިމީހުން ދަތުރުކުރަން ބޭނުންކުރަނީ މުޅިން ތަފާތު ދެ މަގެކެވެ. އަދި ދަތުރުކުރަމުންދާ މަގުމަތީ އެއްބަޔަކު އަނެއްބަޔަކާ ބައްދަލެއް ނުވާނެއެވެ. ސިޓީ ހިފައިގެން ދިޔަމީހާ ދިޔައީ މިޞްރުގެ އަހުލުވެރިން ދަތުރުކުރި މަގުންނެވެ. އަދި އެ ސިޓީގައި އޮތީ ހަމައެކަނި މިޞްރުގެ އަހުލުވެރިންނާ ގުޅުން ހުރި ވާހަކައެކެވެ. ކޫފާއާ ބަޞްރާގެ އަހުލުވެރިންނަށް އެ ސިޓީގެ ކަންތައް އެނގުނީ ކިހިނެއް ހެއްޔެވެ؟ އަދި އެބައިމީހުން އެނބުރި މަދީނާއަށް ދިޔައީ ކީއްކުރަން ހެއްޔެވެ؟ އެ ސިޓީގައި އެބައިމީހުންނާ ބެހޭ އެއްވެސް ވާހަކައެއް ނެތެވެ. އެ ސިޓީ ހިފައިގެން މިޞްރުގެ އަހުލުވެރިން އެނބުރި މަދީނާއަށް ގޮސް ޢަލީގެފާނުގެ އަރިހަށް ދިޔައިރު ކޫފާއާއި ބަޞްރާގެ އަހުލުވެރިންވެސް އެކަލޭގެފާނުގެ އަރިހަށް ދިއުމުން، އެކަމާ އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. އަދި ވިދާޅުވިއެވެ.
“هَذَا وَاللَّهِ أمْرٌ أُبْرِمَ بِالْمَدِينَةِ!”. [1]
މާނައީ: “ﷲ ގަންދީ ބުނަމެވެ. މިއީ މަދީނާގައި ތިބެގެން ރާވާފައިވާ ރޭވުމެކެވެ!”
ށ. ސިޓީ ހިފައިގެން ދިޔަ މީހާ މިޞްރުގެ އަހުލުވެރިން ދަތުރުކުރި މަގުން ދިއުމުން އަދި އެބައިމީހުންނަށް ފާހަގަވާނެހެން އެއް ފަހަރު ފެނިފައި، އަނެއް ފަހަރު ގެއްލިފައި، އެފަދައިން އުޅުމުން ދޭހަވަނީ މިޞްރުގެ އަހުލުވެރިންގެ ސަމާލުކަން ހޯދަން އުޅުނުކަމެވެ. އެއީ ޙަޤީޤަތުގައިވެސް ޚަލީފާގެ ފަރާތުން އެފަދަ ޙައްސާސް ޚަބަރެއް ހިފައިގެން ދިޔަ މީހެއްނަމަ، އެފަދައިން އެބައިމީހުންނަށް ފެންނާނެހެން ނުދިޔައީހެވެ. އަދި އެބައިމީހުންނަށް އޭނާ ފެނިދާނެކަމަށްޓަކައި ހުޝިޔާރުވެ، އެބައިމީހުންނާ އެއް މަގަކުން ދަތުރު ނުކުރީހެވެ.
ނ. ޢުޘްމާނުގެފާނު އެފަދަ ސިޓީއެއް ނުލިޔުއްވާ ކަމުގައި ވިދާޅުވިއެވެ. އަދި އެފަދަ ކަމެއްގެ ޚަބަރުވެސް އެކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާ ކަމުގައި ވިދާޅުވިއެވެ. ދެން އެކަލޭގެފާނު އެބައިމީހުންނަށް ހުށަހެޅުއްވީ އެބައިމީހުން އެކަލޭގެފާނާ ދެކޮޅަށް ދެ ހެކިން ގެނައުމަށެވެ. ނުވަތަ އެކަލޭގެފާނު އެކަން ނުކުރައްވާކަމަށް ހުވާކުރެއްވުމަށެވެ. [2] ހަމަކަށަވަރުން ޢުޘްމާނުގެފާނު ދޮގު ހުވާއެއް ނުކުރައްވާނެއެވެ.
ރ. ބައެއް ރިވާޔަތްތަކުގައިވާ ގޮތުން، ޢުޘްމާނުގެފާނާ ބައްދަލުކުރެއްވުމަށް ފަހުގައި އެބައިމީހުން އެނބުރި ދިޔައިރު، އެ ފިތުނައިގައި އިސްކޮށް އުޅުނު ދެމީހަކު މަދީނާގައި މަޑުކުރިއެވެ. އެއީ އަލްއަޝްތަރު އައްނަޚަޢީއާއި ޙަކީމު ބުން ޖަބަލާއެވެ. އެހެންކަމުން އެ ދެ މީހުން ރާވައިގެން، ދޮގު ސިޓީއެއް ތައްޔާރުކުރުމަކީ ދުރުކަމެއް ނޫނެވެ. އަދި އެއީ އެ ޒަމާނުގައި މާ އުނގަދޫކަމަކަށްވެސް ނުވާނެއެވެ. [3]
ބ. މިޞްރުގެ ވެރިކަމާ ހަވާލުވެ ހުންނެނި ޢަބްދުﷲ ބުން ސަޢުދު ބުން އަބީ ސަރްޙާ ދެކޮޅަށް މުޙައްމަދު ބުން އަބީ ޙުޛައިފާ ބަޣާވާތްކުރިއެވެ. އެހެންކަމުން ޢަބްދުﷲ ބުން ސަޢުދު މިޞްރު ދޫކޮށް ފަލަސްޠީނަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު މަދީނާއަށް އެނބުރި ވަޑައިގެންނެވުމުގެ އިޛުނައަށް އެދި ޢުޘްމާނުގެފާނަށް ސިޓީއެއް ފޮނުއްވިއެވެ. [4] ފަހެ އެކަލޭގެފާނު މިޞްރުގައި ނެތްކަން ޢުޘްމާނުގެފާނަށް އެނގިވަޑައިގަންނަވާ ޙާލު، އެކަލޭގެފާނު ކަނޑައެޅުއްވި ވެރިޔާއާ ދެކޮޅަށް ބަޣާވާތްކޮށްގެން މިޞްރުގެ ވެރިކަމާ އަމިއްލައަށް ހަވާލުވެ ހުރި މީހަކަށް އެކަލޭގެފާނު އެފަދަ ސިޓީއެއް ފޮނުއްވާނެ ހެއްޔެވެ؟؟؟
الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –
ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه –
[1] ބައްލަވާ: تاريخ الطبري (4 / 351).
[2] ބައްލަވާ: البداية والنهاية لابن كثير (10 / 311).
[3] ބައްލަވާ: تاريخ الطبري (4 / 375).
[4] ބައްލަވާ: تاريخ الطبري (4 / 421).