[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ތަރުބިއްޔަތުގައި ޢަޤީދާގެ މުހިންމުކަން – 1

ފެށުން

 

އިސްލާމީ ތަރުބިއްޔަތުގެ ނިޒާމަކީ ކޮންމެ މުސްލިމަކަށްވެސް ބާއްޖެވެރި ޙަޔާތެއް ހޯދުމަށްޓަކައި ތަބާވާންޖެހޭ ނިޒާމެކެވެ. އައްޝައިޚް މުޙައްމަދު ޝާފިޢު (2021) ބަޔާންކުރައްވާ ގޮތުގައި އިސްލާމީ ތަރުބިއްޔަތުގެ ނިޒާމަކީ ދެ ދުނިޔޭގެ އުފާވެރިކަމަށް މަގުދައްކައިދޭ ތަރުބަވީ ނިޒާމެކެވެ. ފަހެ އިސްލާމީ ތަރުބިއްޔަތު މީސްތަކުންނަށް ފޯރުކޮށްދިނުމުގައި ބޭނުންކޮށްފައިވާ އެންމެ މުހިންމު އެއް ވަސީލަތަކީ ނަމޫނާ ދެއްކުމެވެ. އެގޮތުން ކީރިތި ނަބިއްޔާ صلى الله عليه وسلم އަކީ ހުރިހާ މައިދާނެއްގައިވެސް އަހަރެމެންނަށް ލިބިގެންވާ އެންމެ ހެޔޮ ނަމޫނާއެވެ. މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. “ހަމަކަށަވަރުން، ﷲ ގެ رسول އާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ. (އެއީ) ﷲ ގެ ދަރުމައާއި، آخرة ގެ ثواب އަށް އެދޭ އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.”[1]

މިގޮތުން އެކަލޭގެފާނު ދެއްކެވި ނަމޫނާގެ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ތަރުބިއްޔަތުކުރުމުގައި ޢަޤީދާގެ އަސާސްތަކަށް އެކަލޭގެފާނު ސަމާލުކަން ދެއްވާފައިވާ މިންވަރެވެ. އިބްނު ޢައްބާސް رضي الله عنهما ވަރަށް ތުއްޕުޅު އިރުގައި ނަބިއްޔާ صلى الله عليه وسلم ގެ ފަހަތްޕުޅުގައި އިންނަވަނިކޮށް އެކަލޭގެފާނުވަނީ އިބްނު ޢައްބާސް رضي الله عنهما އަށް ޢަޤީދާގެ ވަރަށް މުހިންމު ދަރުސްތަކެއް ދެއްވާފައެވެ. އެ ބަސްފުޅުގެ މާނާގައިވެއެވެ.

“އެއް ދުވަހަކު ނަބިއްޔާ صلى الله عليه وسلم ގެ ފަހަތްޕުޅުގައި ތިމަންކަލޭގެފާނު ވަނިކޮށް، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭ ކޮއިފުޅާއެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު ބަސްފުޅުތަކެއް އުނގަންނަވައި ދެއްވާނަމެވެ. ﷲ އަށް (އެބަހީ: އެއިލާހުގެ އަމުރުފުޅުތަކަށް) ތިބާ ރައްކާތެރިވާށެވެ. އޭރުން އެއިލާހު ތިބާ ރައްކާތެރި ކުރައްވާނެއެވެ. ﷲ އަށް (އެބަހީ: އެއިލާހުގެ އަމުރުފުޅުތަކަށް) ތިބާ ރައްކާތެރިވާށެވެ. އޭރުން ތިބާގެ ކުރިމަތީގައި އެއިލާހު ވޮޑިގެންވާނެއެވެ. (އެބަހީ: އެއިލާހު ތިބާއަށް ހެޔޮމަގު ދައްކަވާނެއެވެ.) ތިބާ ކަމަކަށް އެދޭނަމަ، ﷲ ގެ ޙަޟްރަތުން އެދި ދަންނަވާށެވެ. އަދި ވާތްގަށް އެދޭނަމަވެސް، ﷲ ގެ ޙަޟްރަތުން ވާތްގަށް އެދޭށެވެ. އަދި ދަންނާށެވެ. ހަމަކަށަވަރުން، މުޅި އުންމަތް އެކަތިގަނޑަކަށްވެ، ތިބާއަށް މަންފާއެއް ޙާޞިލުކޮށްދޭން އުޅުނަސް، ﷲ ތިބާއަށްޓަކައި ލިޔުއްވައިފައިވާ މަންފާއެއް މެނުވީ އެބައިމީހުންނަކަށް ޙާޞިލުކޮށް ނުދެވޭނެއެވެ. އަދި އެބައިމީހުން އެކަތިގަނޑަކަށްވެ، ތިބާއަށް ގެއްލުމެއް ދިނުމަށް އުޅުނަސް، ﷲ ތިބާގެ މައްޗަށް ލިޔުއްވައިފައިވާ ގެއްލުމެއް ނޫނީ އެބައިމީހުންނަކަށް ނުދެވޭނެއެވެ. ގަލަންތައް އުފުލިއްޖެއެވެ. އަދި (ލިޔެވުނު) ފަތްތައް ހިކިއްޖެއެވެ. (އެބަހީ: އެންމެހާ ކަމެއްވަނީ ލިޔެވި ނިމިފައެވެ. އަދި އެއިލާހުގެ ނިޔާފުޅާއެކު އެކަންކަން ހިނގާނެއެވެ.)”[2]

އަދި ނަބިއްޔާ صلى الله عليه وسلم ގެ މުޅި ޙަޔާތްޕުޅުންވެސް ފެނިގެން ގޮސްފައިވަނީ ޞައްޙަ އިސްލާމީ ޢަޤީދާގެ މައްޗަށް އިސްލާމީ އުންމަތް ތަރުބިއްޔަތުކުރެއްވި މަންޒަރެވެ. އެކަލޭގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އުޅުއްވަމުންވެސް މި އުންމަތަށްވަނީ ޝިކުރުން ރައްކާތެރިވެ ތިބުމަށް ނަސޭޙަތްތެރިވެ، އިންޛާރުދެއްވާފައެވެ. [3]

 

 

އިސްލާމީ ތަރުބިއްޔަތު

 

ލުޣަވީ ގޮތުން ބަލާއިރު ތަރުބިއްޔަތުގެ އެކި މާނަތައް ޢިލްމުވެރިން ގެންނަވާފައި ވެއެވެ. ޑރ. އަޙްމަދު މުޚްތާރު (2008) ބަޔާންކުރައްވާ ގޮތުގައި ތަހްޒީބުކުރުމުގެ މާނާގައި އެ ލަފްޒު ބޭނުންކުރެއެވެ. އަދި އެއްޗެއް ބަލަހައްޓައި، ބޮޑުކުރުމުގެ މާނައިގައިވެސް ބޭނުންކުރެއެވެ.

 ތަރުބިއްޔަތުގެ އިޞްޠިލާޙީ މާނައަށް ބަލާއިރު ތަރުބިއްޔަތަކީ: “މަޑުމަޑުން އެއްޗެއް ފުރިހަމަވަމުން އައުމެވެ.” (އައްޝައިޚް މުޙައްމަދު ޝާފިޢު، 25 އޮކްޓޯބަރ 2013).

އަދި އިސްލާމީ ތަރުބިއްޔަތަކީ: “މި ދުނިޔޭގެ ޙަޔާތުގެ ހުރިހާ ދާއިރާއެއް ހިމެނޭގޮތަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން އެދިގެން އިސްލާމީ މަންހަޖުގެ ތެރޭގައި ހެދިބޮޑުވަމުން ދިޔުމެވެ.” (އައްޝައިޚް މުޙައްމަދު ޝާފިޢު، 25 އޮކްޓޯބަރ 2013).

 

 

އިސްލާމްދީނަކީ ތަރުބިއްޔަތަށް ބާރު އަޅާ ދީން

 

އާދެ! އިސްލާމީ ތަރުބިއްޔަތަށް ދީން ނުހަނު ބާރުއަޅައެވެ. ދީން އެދި ގޮވަނީ އެ ތަރުބިއްޔަތުގެ މައްޗަށް އަހަރެމެންގެ ހުރިހާކަމެއްވެސް ބައްޓަންކުރުމަށެވެ. އެއީ ފަރުދީ ގޮތުން ވިޔަސް، ޢާއިލީ ގޮތުން ވިޔަސް އަދި މުޖުތަމަޢު ތަރުބިއްޔަތުކުރުން ކަމުގައި ވިޔަސް މެއެވެ.

އަދި އިސްލާމްދީނަކީ މަސްއޫލިއްޔަތު އަދާކުރުމުގެ ރޫޙުވެސް މުސްލިމުންގެ ކިބައިގައި އަށަގެންނެވުމަށް ނުހަނު ބާރުއަޅުއްވާ ދީނެކެވެ. އެގޮތުން އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ އިސްލާމްދީނުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމެވެ. އެއީ އެކަމުގެ ސަބަބުން އިސްލާމީ އުންމަތަށް ހުރިހާ ހެވަކާއި ލާބައާ އަދި މަންފާ ލިބިގެންދާ އާރެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

«كُلُّكُمْ رَاعٍ وَكُلُّكُمْ مَسْؤُولٌ عَنْ رَعِيَّتِهِ» [4]

މާނައީ: “ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ބެލެހެއްޓުންތެރިޔެކެވެ. އަދި ކޮންމެ މީހަކީވެސް އެމީހެއްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކާމެދު ސުވާލު ކުރެވޭނެ މީހެކެވެ.”

މި ޛިކުރު ކުރި ޙަދީޘުން ތަރުބިއްޔަތު ދިނުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ މިންވަރު ހާމަވެއެވެ.

 

 

އިސްލާމީ ތަރުބިއްޔަތުގެ ހެޔޮ އަޘަރާއި އެކަމުގެ މުހިންމުކަން

 

الشيخ عبد البارئ بن عواض الثبيتي ބަޔާންކުރައްވާ ގޮތުގައި ތަރުބިއްޔަތުގެ އެންމެ ބޮޑު އަޘަރެއްކުރަނީ އިންސާނާގެ ހިތަށެވެ. އެއީ ޙަދީޘްބަސްފުޅުގައި އައިސްފައިވާ ފަދައިންނެވެ.

«أَلَا وَإِنَّ فِي الْجَسَدِ مُضْغَةً، إِذَا صَلَحَتْ، صَلَحَ الْجَسَدُ كُلُّهُ، وَإِذَا فَسَدَتْ، فَسَدَ الْجَسَدُ كُلُّهُ، أَلَا وَهِيَ الْقَلْبُ» [5]

މާނައީ: ” އަދި ދަންނާށެވެ. އިންސާނާގެ ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. އެ މަސްކޮޅު އިސްލާޙުވެއްޖެނަމަ، މުޅިހަށިގަނޑު އިސްލާޙުވެއެވެ. އަދި އެ މަސްކޮޅު ފަސާދަވެއްޖެނަމަ، މުޅިހަށިގަނޑު ފަސާދަވެއެވެ. ދަންނާށެވެ. އެއީ ހިތެވެ.”

(الشيخ عبد البارئ بن عواض الثبيتي، 23 ޖުމާދަލްއޫލާ 1439).

ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ. “އެހެނީ ހަމަކަށަވަރުން، ލޯތައް ކަނުވަނީއަކީ ނޫނެވެ. އެހެނެއްކަމަކު ކަނުވަނީ މޭތަކުގައިވާ ހިތްތަކެވެ.”[6]

އެހެންކަމުން އިސްލާމީ ތަރުބިއްޔަތުގެ އަޘަރު ހިތަށްކުރުމުން ހަށިގަނޑުގެ ޢަމަލުތައްވެސް އިޞްލާހުވެގެން ދެއެވެ. އަދި އަފްރާދުންގެ ޢަމަލުތައް ސީދާވެގެން ދެއެވެ. އެއާ އެކު ޢާއިލާތަކާއި މުޖުތަމަޢުވެސް ހެޔޮ މަގުގައި ހިނގަން ފަށައެވެ.

ފަހެ ތަރުބިއްޔަތު ދިނުމަކީ ނުވަތަ ވަކިގޮތަކަށް ތަރުބިއްޔަތު ކުރުމަކީ އެކަމުގައި ވަޤުތުތަކެއް ހޭދަވާ، ބުރަ ކަމެކެވެ. މުހިންމު ކަމެކެވެ. މަތިވެރި ދަރަޖައެއް ދެއްވާފައިވާ ކަމެކެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ މަސްއޫލިއްޔަތު އެންމެ ރަނގަޅު ގޮތުގައި އަދާކޮށްގެން ނޫނީ ނުކުރެވޭނެ ކަމެކެވެ. ރަނގަޅު ތަރުބިއްޔަތު ދިނުމުގައި މައިންބަފައިންނާއި، މުދައްރިސުންނާއި، މަސްއޫލުވެރިންނާ އަދި މުޅި މުޖުތަމަޢު ޝާމިލުވެއެވެ. ހަރުދަނާ ރަނގަޅު ތަރުބިއްޔަތެއް ދެވިއްޖެނަމަ ނަތީޖާއަކަށް ވެގެންދާނީ މުޅި މުޖުތަމަޢު އިޞްލާޙުވެ، އެކަމުގެ ހެޔޮ ބަދަލު މުޖުތަމަޢުއިން ފެނިގެން ދިޔުމެވެ. މިއާއެކު މުޖުތަމަޢު ތަރައްޤީވެ، ތަހުޒީބުވެ، މުޅި މުޖުތަމަޢަށް އުފާވެރިކަމާއި ބާއްޖަވެރިކަމާއި އާރޯކަން ލިބިގެން ދިޔުމެވެ. ފަހެ ތަރުބިއްޔަތަކީ ކާމިޔާބު އަދި ތަހުޒީބީ މުޖުމަތަޢެއް ބިނާކުރުމުގެ އެންމެ މުހިންމު އެއް ހަރުފަތެވެ.

 

 

ޢަޤީދާގެ މަފްހޫމު

 

އިސްލާމްދީނުގައި ޢަޤީދާގެ މަފްހޫމަކީ: އައްޝައިޚް ޞާލިޙުލް ފައުޒާން (1434) ބަޔާންކުރައްވާ ގޮތުގައި އެއީ އެމީހެއްގެ ހިތުގައި ބިންވަޅު ނަގާ ކަންތައްތަކެވެ. އަދި ޞައްޙަ ޢަޤީދާގެ އަހުލުވެރިން ވާހުށީ އެންމެހާ ޝައްކުތަކާ ވަހުމުތަކާ ދުރުހެލިވެގެންނެވެ. އީމާންކަމުގެ ރުކުންތަކަށް އީމާންވުމަކީ ޢަޤީދާގެ އެންމެ މުހިންމު އަދި އަސާސީ ކަމެވެ. އިސްލާމްދީން ބިނާވެގެންވަނީ ޞައްޙަ ޢަޤީދާގެ މައްޗަށެވެ. އަދި ޢަމަލުތައް ޞައްޙަވެގެންދަނީ ޢަޤީދާ ރަނގަޅުވުމުންނެވެ. އިސްލާމް ދީނުގައިވަނީ މައިގަނޑު ދެބަޔެވެ. އެއީ ޢަޤީދާއާއި ޢަމަލެވެ.

މުޙައްމަދު ނޫރު ސުވައިދު (1988) ބަޔާންކުރައްވާ ގޮތުގައި ޢަޤީދާގެވެސް އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި އީމާންކަމުގެ ރުކުންތައް ހިމެނެއެވެ. އެގޮތުން ﷲ ސުބްޙާނަޙޫ ވަތަޢާލާއަށް އީމާންވުމާއި، މަލާއިކަތުންނަށް އީމާންވުމާއި، ފޮތްތަކަށް އީމާންވުމާއި، އެކަލާނގެ ރަސޫލުބޭކަލުންނަށް އީމާންވުމާއި، އާޚިރަތްދުވަހަށް އީމާންވުމާއި، ޤަޟާޤަދަރަށް އީމާންވުމާ އަދި ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުން މިކަމުގައި ހިމެނެއެވެ. މިއީ ވަރަށް އާދައިގެ ކަމެއްކަމަށް އަޅުގަނޑުމެންނަށް ހީވިޔަސް މި ކަންކަން ކުއްޖަކަށް ބުނެދޭނީ ކިހިނަކުން ތޯ، މިއީ ތަރުބިއްޔަތު ކުރާ ފަރާތްތަކުން އެންމެ ސަމާލުކަން ދޭން ޖެހޭ ކަންތަކެވެ. އަދި މިކަންކަން ރަނގަޅަށް ބުނެ ދިނުމާއި ބުނެ ނުދިނުމުގެ ނަތީޖާ އެކުދިންގެ ކިބައިން ފަހުން ފެނިގެންދާނެއެވެ. އެހެންކަމުން ކޮންމެ މުސްލިމަކުވެސް މިކަމަށް ސަމާލުކަންދޭން ޖެހެއެވެ.

 

=ނުނިމޭ=


 

[1]  [‏‎سورة الأحزاب ٢١]

[2] [سنن الترمذي (2516)]

[3] [ބައްލަވާ: صحيح البخاري (435)]

[4] [صحيح البخاري (893)]

[5]  [صحيح البخاري (52) وصحيح مسلم (107 – (1599))]

[6]  ‏‎[الحج: 46]