[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބިދުޢަވެރި ޖަމާޢަތްތަކުން ޢާޝޫރާ ދުވަހުގައި ޢަމަލުކުރަމުންދާ ގޮތް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ޢާޝޫރާ ދުވަހުގައި ކުރުން ސުންނަތްވެގެންވާ ކަމަކީ ރޯދަ ހިފުމެވެ. މިއާ ޚިލާފަށް ބިދުޢަވެރި ދެ ޖަމާޢަތަކުން އެދުވަހުގައި ކުރުން ޝަރުޢުކުރައްވާފައި ނުވާ ކަންތައްތަކެއް ކުރެއެވެ.

 

 

ފުރަތަމައީ: ޝީޢީން [1]

 

ޝީޢީންގެ ގާތުގައި ޢާޝޫރާ ދުވަހަކީ ހިތާމަ ފާޅުކުރުމުގެ ދުވަހެކެވެ. އެހެނީ ޙުސައިނުގެފާނު ޝަހީދުކޮށްލެވުނު ޙާދިޘާ ހިނގާފައިވަނީ ތާރީޚު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ހިޖުރައިން 61 ވަނަ އަހަރުގެ ޢާޝޫރާ ދުވަހުގައެވެ. [2] ޝައްކެތްވެސް ނެތް ގޮތުގައި ނަބިއްޔާ صلى الله عليه وسلم ގެ ކާފަ ދަރިކަލުން ޙުސައިނުގެފާނު އަނިޔާވެރިކަމާ އެކު ޝަހީދުކޮށްލުމަކީ އުންމަތަށް މެދުވެރިވި ވަރަށް ހިތާމަވެރި ޙާދިޘާއެކެވެ. އަދި ޢުމަރުގެފާނާއި ޢުޘްމާނުގެފާނާއި ޢަލީގެފާނު ޝަހީދުކޮށްލެވުނު ޙަދީޘާތަކަކީވެސް އެފަދަ ހިތާމަވެރި ޙާދިޘާތަކެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގައިވެސް އެކި ހަނގުރާމަ ތަކުގައި، ގިނަ ޢަދަދެއްގެ ޞަޙާބީން ވަނީ ޝަހީދުވެފައެވެ. އެއާ އެކުވެސް އެފަދަ އެއްވެސް ދުވަހަކީ ހިތާމަ ފާޅުކުރާ ދުވަހެއްކަމުގައި ނަބިއްޔާ صلى الله عليه وسلم ވެސް އަދި ޞަޙާބީ ބޭކަލުންވެސް ހަމަޖައްސަވާފައި ނުވެއެވެ. އެބޭކަލުންނަށް ރަޙްމަތް ލެއްވުން އެދި އަދި ފާފަފުއްސަވައި ދެއްވުން އެދި ދުޢާކުރުން ފިޔަވާ އެހެންކަމެއް އަޅުގަނޑުމެންގެ މައްޗަށް އިސްލާމްދީނުގައި އަމުރުކުރައްވާފައި ނުވެއެވެ. [3]

ފަހެ މިއާ ޚިލާފަށް އެ ދުވަހުގައި ޝީޢީންގެ މައިގަނޑުކަމަކީ އެ ހިތާމަވެރި ވާހަކަތައް ކިޔުމާއި ރުއިމާ ބޯ ފެޅުމާ އަދި އަމިއްލަ ގައިގައި ވަޅިން ތެޅުމެވެ. މިކަން އެންމެ ފުރަތަމަ ފެށުނީ ހިޖުރައިން 400ގެ އަހަރުތަކުގައި ބަނޫ ބުވައިހުގެ ދައުލަތުގައެވެ. އެއީ އުމަވީންގެ ޚިލާފަތުގައި ޙުސައިނުގެފާނު އަވަހާރަކޮށްލާފައިވުމުން، އެބައިމީހުންނަށް އެއްޗެތި ކިޔާ ދުވަހެއްގެ ގޮތުގައެވެ. [4]

ދެން މިކަން ބޮޑަށް ފެތުރިފައިވަނީ އިނގިރޭސީންގެ އިސްތިޢުމާރުގެ ދުވަސްވަރު އީރާނާއި ޢިރާޤާއި އިންޑިއާގެ ސަރަހައްދުގައެވެ. އެކަމަށް އިނގިރޭސިން ފައިސާ ދީގެން ޢާންމުކުރުވީ އެއީ މުސްލިމުންނަކީ ތަހުޒީބު ނުވާ ބައެއްކަމުގައްޔާ އަދި ޖާހިލީ އަނދިރިކަމުން ނެރެން ޖެހިފައިވާ ބައެއް ކަމަށް ޔޫރަޕަށް ދައްކާ، އެމީހުން އިސްލާމީ ޤައުމުތަކަށް ވެރިވެގަނެގެން ތިބި ތިބުމަކީ މުސްލިމުންނަށްވެސް ހުރި ހެވެއްގެ ގޮތުގައި ޘާބިތުކޮށް ދިނުމަށެވެ. [5] އެހެނަސް ޝީޢީން ފަދަ މަގުފުރެދިފައިވާ ފިރުޤާއެއްގެ ބަޔަކު ކުރާ ކަމެއް ދައްކާފައި އެބައިމީހުން ޙަޤީޤަތުގައި ކުރި ކަމަކީ އިސްލާމީ ޤައުމުތަކުގެ މުއްސަނދިކަން ފޭރިގަނެ އަދި އެތަންތަނުގައިވާ އިސްލާމީ ރިވެތި އާދަތަކާއި ނިޒާމުތައް ހަލާކު ކޮށްލުމެވެ.

 

 

ދެވަނައީ: ނަވާޞިބުން [6]

 

އެދުވަހަކީ ހިތާމައިގެ ދުވަހެއްކަމުގައި ޝީޢީން ހަދާފައިވާތީ، މިކަމުގައި ޝީޢީންނާ ޚިލާފުވެގަތުމުގެގޮތުން ޝާމުކަރައިގެ ނަވާޞިބުން އެދުވަސް ހަދާފައިވަނީ އުފާފާޅުކުރުމުގެ ދުވަހަކަށެވެ. އެހެނީ އެބައިމީހުންނީ ޢަލީގެފާނަށާއި ނަބިއްޔާ صلى الله عليه وسلم ގެ އާލު ބައިތުންނަށް ރުޅި އަރާ ބައެކެވެ. އެބައިމީހުން އެދުވަހުގައި ކުރާ ކަންކަމުގެ ތެރޭގައި: އެދުވަހަށް ޚާއްޞަ ކާނާ ތައްޔާރުކޮށްގެން ބެހުމާއި ނަލަވެގެން އެންމެ ރިވެތި ހެދުން އަޅައިގެން ނުކުމެ އެދުވަހަކީ އެބައިމީހުންގެ ޢީދެއްގެ ގޮތުގައި ފާހަގަކުރުން ހިމެނެއެވެ. އަދި އެދުވަހަކީ އުފާ ފާޅުކުރުމުގެ ދުވަހެއް ކަމުގައި އެބައިމީހުން ދެކެއެވެ. [7]

އެހެނަސް މިއީވެސް ރަނގަޅު ގޮތެއް ނޫނެވެ. ފަހެ ޙުސައިނުގެފާނު އަވަހާރަކޮށްލެވުނު ޙާދިޘާއަކީ އުފާފާޅުކަންވާނޭ ފަދަ ކަމެއް ނޫނެވެ. އެއީ އުންމަތަށް ދިމާވި ހިތާމަވެރި ކަމެކެވެ. އަދި އިސްލާމްދީނުގައި އެފަދައިން އުފާފާޅުކޮށް، ޢީދެއްކަމުގައި ހަދަންވީ ދުވަސްތައް ވަނީ ކަނޑައަޅުއްވާފައެވެ. އެއީ ފިޠުރު ޢީދާއި އަޟްޙާ ޢީދު ދުވަހެވެ.

ފަހެ މި ދެ ޖަމާޢަތަކީވެސް މިކަމުގައި މަގުފުރެދިފައިވާ އަދި ހައްދުފަހަނައަޅާފައިވާ ބައެކެވެ. އަދި މި ބައިމީހުން އެ ޢަމަލުކުރާ ފަދައިން އެދުވަހުގައި ޢަމަލުކުރުމަކީ ބިދުޢައެކެވެ. އެބައިމީހުން އެ ޢަމަލުކުރާ ގޮތަށް ހަތަރު މަޛްހަބުގެ އިމާމުން ކުރެ އެއްވެސް ބޭކަލަކު ޢަމަލުކުރައްވާފައި ނުވެއެވެ. [8]

 

 

މިކަމުގައި ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންގެ ގޮތަކީ: އެދުވަހަކީ ހިތާމައިގެ ދުވަހެއް ނުވަތަ އުފާ ފާޅުކުރާ ދުވަހެއް ކަމުގައި ނުހެދުމެވެ. އަދި ނަބިއްޔާ صلى الله عليه وسلم ޢަމަލުކުރައްވާފައިވާ ގޮތަށް އެދުވަހުގައި ރޯދަ ހިފުމުވެ.

 

 


 

[1] ޝީޢީން: މި ފިރުޤާގެ ދަށުގައި ވަރަށް ގިނަ ޖަމާޢަތްތަކެއް ވެއެވެ. ބައެއް ޤަބޫލުކުރުންތަކުގައި އެބައިމީހުންގެ މެދުގައި ތަފާތުތަކެއް ހުރެއެވެ. އެބައިމީހުންނަށް “ޝީޢީން” ނޭވެސް އަދި “ރާފިޟީން” ނޭވެސް ކިޔާ އުޅެއެވެ.

ޢަރަބި ބަހުގައި ‘ޝީޢީން’ގެ މާނައަކީ: މީހަކަށް ނަޞްރުވެރިވާ ނުވަތަ ވާގިވެރިވާ މީހުންނެވެ. އަދި ޢިލްމުވެރިންގެ އިޞްތިލާޙުގައި ޝީޢީންނަކީ: ހަތަރު ޚަލީފާއިންގެ ތެރެއިން ޢަލީގެފާނު ފިޔަވާ ދެން ތިއްބެވި ބޭކަލުންނަށް ވުރެ ޢަލީގެފާނު މާތްކަމަށް ދެކި، ޢަލީގެފާނު ފިޔަވާ އަނެއް ތިން ބޭކަލުންގެ ޚިލާފަތަކީ ބާޠިލު އެއްޗެއްކަމުގައި ދެކި، ޚަލީފާކަމަށް އެންމެ ޙައްޤުކަން ބޮޑީ އާލު ބައިތުންކަމަށް ޤަބޫލުކުރާ މީހުންނެވެ.

ޢަރަބި ބަހުގައި ‘ރާފިޟީން’ގެ މާނައަކީ: ކަމަކަށް ދެކޮޅު ހަދާ، އިންކާރުކުރާ މީހުންނެވެ. ޝީޢީންނަށް “ރާފިޟީން” މިނަމުން ނަން ދެވުނީ އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޚިލާފަތަށް އިންކާރުކޮށް، ޞަހާބީ ބޭކަލުންނާ މިބައިމީހުން ދުރުވެގަތް ހިސާބުންނެވެ.

ފަހެ މި ޖަމާޢަތުގެ މީހުން ދެނެގަނެވޭނެ މައިގަނޑު ސިފަތަކަކީ: ޢަލީގެފާނަކީ އިމާމެއްކަމުގައި ބުނުމާއި ޢަލީގެފާނުގެ ދަރިފަސްކޮޅުގައި އިމާމުވެރިކަން ވާނޭކަމަށް ނަބިއްޔާ صلى الله عليه وسلم ޞަރީޙަ ނައްޞުން ވަޞިއްޔަތްކުރައްވާފައި ވާކަމަށް ބުނުމާއި އަހުލުބައިތުން މަތިވެރިކުރުމުގައި ހައްދުފަހަނަ އެޅުމާއި އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޚަލީފާކަމަށް އިންކާރުކުރުމާ އަދި ޞަޙާބީ ބޭކަލުންނީ ކާފިރުންކަމުގައި ދެކުމެވެ. (ބައްލަވާ: فرق معاصرة لغالب العواجي (1/316)، وفتح المنان لد. طارق بن سعيد القحطاني (ص: 141)).

[2] ބައްލަވާ: السير للذهبي (3 / 318) ومجموع الفتاوى لابن تيمية (4 / 505).

[3] ބައްލަވާ: البداية والنهاية لابن كثير (8 / 221).

[4] ބައްލަވާ: އިސްވެ ދިޔަ މަޞްދަރު.

[5] ބައްލަވާ: الشيعة والتصحيح لموسى الموسوي (ص: 99).

[6] ނަވާޞިބުންނަކީ: އެބައިމީހުންގެ ބަހާއި ޢަމަލުން ނަބިއްޔާ صلى الله عليه وسلم ގެ އާލު ބައިތުންނަށް ޢަދާވާތްތެރިވެ، އުނދަގޫކުރާ މީހުންނެވެ. (ބައްލަވާ: مجموع الفتاوى لابن تيمية (3 / 154)).

[7] ބައްލަވާ: البداية والنهاية لابن كثير (8 / 221).

[8] ބައްލަވާ: منهاج السنة لابن تيمية (4 / 555).