[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަލަސްޠީނުގެ ތާރީޚް – 17

ފުރަތަމަ އިންތިފާޟާ ނިމުން

 

1987 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެށުނު “ފުރަތަމަ އިންތިފާޟާ” 1993 ވަނަ އަހަރުގެ މެދާ ހަމައަށް ދެމިގެން ދިޔައެވެ. އދ ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 1993 ވަނަ އަހަރުގެ އޮގަސްޓު މަހާ ހަމައަށް، މި ކުރިމަތިލުންތަކުގައި ގާތްގަނޑަކަށް 1240 ފަލަސްޠީނު މީހުން ޝަހީދުވިއެވެ. އަދި 130000 އަށް ވުރެ ގިނަ މީހުން ޒަޚަމްވިއެވެ. ޝަހީދުވި މީހުންގެ ތެރެއިން ހަތަރުބައިކުޅަ އެއް ބަޔަކީ 16 އަހަރުން ދަށުގެ ކުދިންނެވެ. އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފަށް، އިސްރާއީލުގެ ސިފައިން، ފަލަސްޠީނު ރައްޔިތުންގެ ތެރެއިން އެތައް ހާސް ބަޔަކު ހައްޔަރުކުރިއެވެ. މީގެ އިތުރުން އިސްރާއީލުގެ ސިފައިން ވަނީ އެތައް ހާސް ގަސްތަކެއް މުލުން ލުހެ، ދަނޑުބިންތައްވެސް ހަލާކުކޮށްފައެވެ. އަދި “ފުރަތަމަ އިންތިފާޟާ” ނިމުމަކަށް އައިއިރު އެތައް ގެއެއްވަނީ ބިމާ ހަމަވެފައެވެ. ސްކޫލުތަކާއި ޔުނިވަސިޓީތައްވަނީ ހުއްޓުމަކަށް އައިސްފައެވެ. [1] ޔަހޫދީ ދައުލަތުން މިފަދަ ބޮޑެތި ޖަރީމާތައް ހިންގާފައިވާކަމަށް އދ އިން އިޢުތިރާފުވިކަމުގައި ވިޔަސް، އެބައިމީހުންގެ އަނިޔާވެރިކަން ހުއްޓުވުމަށް އދ އިންވެސް އަދި ދުނިޔޭގެ ބޮޑެތި ބާރުތައްކަމުގައި ދަޢުވާކުރާ ޤައުމުތަކުންވެސް އެދެވޭ މަސައްކަތްތަކެއް ކުރިކަން ފެންނާކަށް ނެތެވެ.

ޕީއެލްއޯ އިން ފަލަސްޠީނުގައި އަމިއްލަ ވެރިކަމެއް އިޢުލާނުކުރީ އދ އިން އިޢުލާންކޮށްފައިވާ އިންތައް ބަލައިގަތުމަށް ފަހުގައެވެ. ނަމަވެސް އިސްރާއީލުން އދގެ އެއްވެސް ޤަރާރަކާ އެއްގޮތަށް އެއްވެސް އިރަކު ޢަމަލެއް ނުކުރެއެވެ. އިސްރާއީލަށް ކަނޑައަޅާފައިވާ އިންތަކުގެ ތެރޭގައި ތިބުމަށް ތަކުރާރުކޮށް އެއްބަސްވުންތަކުގައި ލިޔެފައި ވިޔަސް، އިސްރާއީލުން އެކަމަށް ޢަމަލެއް ނުކުރެއެވެ.

ފުރަތަމަ އިންތިފާޟާގެ ތެރޭގައި ފަލަސްޠީނުގެ ވެރިކަންކުރާ ޕީއެލްއޯއާއި ޢަރަބި ޤައުމުތަކުން އިސްރާއީލާއެކު ޞުލްޙައިގެ ވާހަކަތައް ފެށީ 1991 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސްޕޭންގެ މެޑްރިޑްގައެވެ. އެތައް ދުވަހެއް ވަންދެން ޞުލްޙައިގެ ވާހަކަތައް ކުރިއަށް ގެންދިޔައިރުވެސް އެދެވޭ ނަތީޖާއެއް ނުނެރެވުނެވެ. އޭގެ ފަހުން 1992 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ނޯވޭގެ އޮސްލޯގައި ސިއްރު ބައްދަލުވުންތަކެއްވެސް ކުރިއަށް ދިޔައެވެ. މި ބައްދަލުވުންތަކުގެ ނަތީޖާއަކަށްވީ އޮސްލޯ އެކޯޑްސް (Oslo Accords) އެކުލަވާލުމެވެ. [2] މިއީ ފުރަތަމަ އިންތިފާޟާގެ ނިމުމެވެ.

އޮސްލޯ އެކޯޑްސްގައި ހިމެނެނީ ޕީއެލްއޯ އާއި އިސްރާއީލާއެކު ސޮއިކުރި މައިގަނޑު ދެ އެއްބަސްވުމެކެވެ. އެއީ:

  1. 1993 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އެމެރިކާގެ ވޮޝިންޓަންގައި ސޮއިކުރި އޮސްލޯގެ ފުރަތަމަ އެއްބަސްވުން

 (Declaration of Principles on Interim Self-Government Arrangements / Declaration of Principles (DOP) / Oslo I Accord)

  1. 1995 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި މިޞްރުގެ ޠާބާގައި ސޮއިކުރި އޮސްލޯގެ ދެވަނަ އެއްބަސްވުން

(Interim Agreement on the West Bank and the Gaza Strip \ Oslo II Accord)

މީގެ އިތުރުން 1994 ވަނަ އަހަރުގެ މެއި މަހުގައި ޣައްޒާ – އަރީޙާ އެއްބަސްވުމުގެ (Gaza–Jericho Agreement ގެ) ނަމުގައި އެއްބަސްވުމެއްގައި ޕީއެލްއޯ އާއި އިސްރާއީލުން ސޮއިކުރިއެވެ.

 

އޮސްލޯގެ ފުރަތަމަ އެއްބަސްވުން (Oslo I Accord /  Declaration of Principles on Interim Self-Government Arrangements) [3]

މި އެއްބަސްވުމުގައި ސޮއިކުރީ 1993 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އެމެރިކާގެ ވޮޝިންޓަންގައެވެ. އިސްރާއީލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ޝިމޯން ޕެރޭޒްއެވެ. އަދި ފަލަސްޠީނުގެ ފަރާތުން ސޮއިކުރީ މަޙްމޫދު ޢައްބާސްއެވެ.

މި އެއްބަސްވުމުގައިވާ ގޮތުން މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ގިނަވެގެން 5 އަހަރު ތެރޭގައި ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްޠީނުގެ ވެރިކަމެއް (a Palestinian Interim Self-Government Authority) ޤާއިމުކޮށް، އދ ގެ ސަލާމަތީ މަޖުލީހުން 1967 އަދި 1973 ގައި ފަލަސްޠީނުގެ ބިމާ ބެހޭގޮތުން ނެރެފައިވާ ޤަރާރުތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމެވެ.

 

* މި އެއްބަސްވުމުން ފާހަގަކޮށްލެވޭ މުހިންމު ނުކުތާތައް:

– ހުޅަނގު އައްސޭރިއާއި ޣައްޒާގައި އެތަނުގެ ރައްޔިތުން އިންތިޚާބުކުރާ “ކައުންސިލް”އަކުން، ޑިމޮކްރަސީގެ އުޞޫލުތަކާ އެއްގޮތަށް އެތަނުގައި ވެރިކަމެއް ޤާއިމުކުރެވިދާނެއެވެ. މި އިންތިޚާބުގައި ޤުދުސްގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ބައިވެރިވެވޭނެއެވެ.

– ފަލަސްޠީނުގެ ވެރިކަންކުރާ “ކައުންސިލުން” ބަލަންޖެހޭނީ ހުޅަނގު އައްސޭރިއާއި ޣައްޒާއަކީ އެއް ތަނެއްގެ ގޮތުގައެވެ.

– ދާއިމީ ޙައްލެއް ހޯދުމުގެ މަޝްވަރާތައް ވީ އެންމެ އަވަހަކަށް ފަށަންވާނެއެވެ. ޤުދުސްއާއު ރެފިއުޖީންގެ މައްސަލައާއި، ‘ސެޓްލްމަންޓު’ތަކުގެ މައްސަލައާއި، ސަލާމަތީ ކަންކަމާއި، ބޯޑަރުތަކާ އަދި މިފަދަ އެހެން މައްސަލަތަކަށް ޙައްލު ހޯދާނީ މި މަޝްވަރާތަކުގައެވެ.

– މި އެއްބަސްވުމުގައި ސޮއިކުރުމާއެކު ޣައްޒާއާއި އަރީޙާ (Jericho) އިން އިސްރާއީލުގެ ސިފައިން ފައިބަން ޖެހޭނެއެވެ. އެހިސާބުން އެތަނުގެ ކަންކަން ހިންގުމާ ހަވާލުވާނީ ފަލަސްޠީނުންނެވެ. އެގޮތުން ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިޤްތިޞާދީ ކަންކަމާއި، ތަޢުލީމާ ގުޅުންހުރި ކަންކަމާއި، ޞިއްޙީ ކަންކަންކަމާ އަދި އެނޫންވެސް އެފަދަ ކަންކަން ކުރާނީ ފަލަސްޠީނުގައި އިންތިޚާބުކުރާ ސަރުކާރުންނެވެ.

– Israeli-Palestinian Continuing Committee for Economic Cooperation ގެ ނަމުގައި އިސްރާއީލާއި ފަލަސްޠީނު ގުޅިގެން އިޤްތިޞާދީ މަސައްކަތްތައް ކުރުމަށްޓަކައި ކޮމިޓީއެއް ހަދަން ޖެހޭނެއެވެ. ޣައްޒާއާއި ހުޅަނގު އައްސޭރީގެ ކަރަންޓާއި ފެނާއި ދަތުރުފަތުރާ އަދި މުވާސަލާތީ ކަންކަން ހަމަޖައްސާނީ މި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

– ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް މުޖުތަމަޢުގެ އަމާންކަމާއި އެތެރޭގެ ސަލާމަތީ ކަންކަން ޤާއިމުކޮށްދިނުމަށްޓަކައި “ކައުންސިލް”ގެ ފަރާތުން ފުލުހުންގެ މުއައްސަސާއެއް އެކުލަވާލަން ވާނެއެވެ. ނަމަވެސް ބޭރުން އަންނަ ނުރައްކާތައް ދިފާޢުކުރާނީ އިސްރާއީލުގެ ދިފާޢީ ބާރުންނެވެ.

މިއީ މި އެއްބަސްވުމުގައި ހިމެނޭ ކަންކަމުގެ ތެރެއިން އެންމެ ހަމަ ނުޖެހޭ އެއްކަމެވެ. އެހެނީ ފަލަސްޠީނުގެ ރައްޔިތުންނަށް ބޭރުން އަންނަ ނުރައްކަލަކަށްވެފައި އޮތީ އިސްރާއީލެވެ. އެބައިމީހުންގެ ސިފައިންނާއި ޢާންމު ރައްޔިތުންވެސް މެއެވެ. އެނޫން ބައެއްގެ ފަރާތުން ނުރައްކަލާއި ގެއްލުން ކުރިމަތިވެގެން އެކަމުގެ ޝަކުވާއެއް ފަލަސްޠީނުގެ ރައްޔިތުން ނުކުރެވެ. އެހެންކަމުން އިސްރާއީލުގެ ދިފާޢީ ބާރުން ފަލަސްޠީނުގެ ރައްޔިތުން އިސްރާއީލުގެ ކިބައިން ރައްކާތެރިކޮށްދޭނެކަމަށް ޤަބޫލުކުރާނީ ކިހިނެތް ހެއްޔެވެ؟!

 

 

ޣައްޒާ އަރީޙާ އެއްބަސްވުން (Gaza–Jericho Agreement) [4]

މި އެއްބަސްވުމުގައި ސޮއިކުރީ 1994 ވަނަ އަހަރުގެ މެއި މަހުގެ 4 ވަނަ ދުވަހު މިޞްރުގެ ޤާހިރާގައެވެ. މި އެއްބަސްވުމުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޣައްޒާއާއި އަރީޙާގެ (Jericho) އިންތަކެވެ. އެގޮތުން ޣައްޒާއާއި އަރީޙާގެ ޗާޓު ތިން ބަޔަކަށް ބަހާފައި ވެއެވެ. ފުރަތަމަ ބަޔަކީ ފަލަސްޠީނުގެ ބާރުގެ ދަށުގައި އޮންނަ ބައެވެ. ދެން އޭގެ ބޭރުން ފަލަސްޠީނާއި އިސްރާއީލު ގުޅިގެން ދެބައިމީހުން ބަލަހައްޓާ ސަރަހައްދެވެ. އެއަށް ފަހު އިސްރާއީލުގެ ސަރަހައްދެވެ. ޙަޤީޤަތުގައި މި ބިންތަކަކީ އދ އިން ފަލަސްޠީނުގެ ބިން ބައިކުރިއިރު ފަލަސްޠީނުގެ ރައްޔިތުންނަށް ދީފައިވާ ބިންތަކެވެ. ނަމަވެސް އިސްރާއީލުން އެކި ފަހަރު މަތިން އެ ބިންތައް ފޭރިގަނެ އެތަންތަނުން ފައިބަން ދެކޮޅުހަދަމުން ދިޔައެވެ. މިއިން ކޮންމެ އެއްބަސްވުމެއްގައިވެސް އިސްރާއީލުން އެ ބިންތަކުން ފޭބުމަށް ލިޔެފައިވިޔަސް ޙަޤީޤަތުގައި އެއަށް ޢަމަލެއް ނުކުރެއެވެ.

މި އެއްބަސްވުމުން ޙާޞިލުވި އެންމެ މުހިންމު އެއް ކަމަކީ ރަސްމީ ގޮތުން ފަލަސްޠީނުގެ އިންތިޚާބީ ސަރުކާރެއް އެކުލަވާލުމެވެ. އެގޮތުން Palestinian Authority ގެ ނަމުގައި ޕީއެލްއޯއިން ފަލަސްޠީނުގެ ސަރުކާރު އެކުލަވާލާނެ ގޮތާއި ސަރުކާރު ހިންގާނެ ގޮތް މި އެއްބަސްވުމުގައި ވެއެވެ. އަދި މީގެ އިތުރުން ފަލަސްޠީނުގެ ފުލުހުންގެ ބާރެއް ޤާއިމުކުރުމާއެކު ދެން، ފަލަސްޠީނުގެ ފުލުހުންނަށް ހުއްދަ ދީފައިވާ ލުއި ހަތިޔާރާއި އިސްރާއީލުގެ ދިފާޢީ ބާރުގެ ހަތިޔާރުގެ އިތުރުން ޣައްޒާއާއި އަރީޙާގައި އެއްވެސް ހަތިޔާރެއް ގެންގުޅުން މަނާކޮށްފައިވެއެވެ. އަދި ހަތިޔާރު އުފެއްދުމާއި ވިއްކުންވެސް މަނާކޮށްފައިވެއެވެ.

 

އޮސްލޯގެ ދެވަނަ އެއްބަސްވުން (Israeli-Palestinian Interim Agreement on the West Bank and the Gaza Strip \ Oslo II) [5]

މި އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރީ 1995 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު މިޞްރުގެ އެންމެ އުތުރުގައި އޮންނަ ޠާބާއޭ ކިޔުނު ރަށުގައެވެ. ޕީއެލްއޯގެ ފަރާތުން ސޮއިކުރީ ޔާސިރު ޢަރަފާތެވެ. އަދި އިސްރާއީލުގެ ފަރާތުން ސޮއިކުރީ ޔިޓްޒެކް ރުބީން (Yitzhak Rabin)އެވެ. އޭގެ ހަތަރު ދުވަސް ފަހުން، 28 ސެޕްޓެމްބަރުގައި، އެމެރިކާގެ ރައީސް ބިލް ކްލިންޓަން (Bill Clinton)ގެ ޙާޟިރުގައި، ވޮޝިންޓަންގައި މި އެއްބަސްވުމުގައި އަލުން ސޮއިކުރިއެވެ.

މި އެއްބަސްވުމުގައިވެސް ހުރީ އޮސްލޯގެ ފުރަތަމަ އެއްބަސްވުމުގައި ވެސް ހުރި ކަންކަމެވެ. އަދި ފަލަސްޠީނުގެ ސަރުކާރު (Palestinian Authority) އެކުލަވާލާނެ ގޮތާއި، ސަރުކާރުގައި މީހުން ބައިވެރިކުރާނެ ގޮތް، ސަރުކާރު ހިންގާނެ ގޮތް ފުރަތަމަ އެއްބަސްވުމަށް ވުރެ ތަފްސީލުކޮށްދީފައި ވެއެވެ. އަދި އިސްރާއީލު ސިފައިން ފަލަސްޠީނުގެ ބިމުން ފޭބުމަށް މި އެއްބަސްވުމުގައިވެސް އަންގާފައިވެއެވެ. ޚާއްޞަކޮށް ހުޅަނގު އައްސޭރީގެ ބައިބޯ ހިސާބުތަކުންނެވެ. އަދި ފަލަސްޠީނުގެ ސިފައިންގެ މަރުކަޒުތައް ޤާއިމުކުރާނެ ޢަދަދުވެސް ކަނޑައަޅާފައިވެއެވެ. ފަލަސްޠީނުގެ ސަރަހައްދަކީ ހުޅަނގު އައްސޭރިއާއި ޣައްޒާކަމުގައި ކަނޑައަޅާފައި ވިޔަސް، ފާހަގަކޮށްފައިވާ ވަކިވަކި ސަރަހައްދުތަކެއްގައި ފަލަސްޠީނުގެ ސަރުކާރުގެ ފުރިހަމަ ބާރު ނުހިނގާނެކަމަށްވެސް މި އެއްބަސްވުމުގައި ވެއެވެ. މިއިން ދޭހަވަނީ އޮސްލޯގެ ފުރަތަމަ އެއްބަސްވުމަށް ދެ އަހަރު ވެގެން ދިޔައިރުވެސް އެ އެއްބަސްވުމުގައިވާ ފަލަސްޠީނަށް ފައިދާއެއްކޮށްފާނެހެން ހީވާ ގިނަކަންކަން ޙާޞިލުވެފައި ނުވާކަމެވެ.

 

* އޮސްލޯގެ ފުރަތަމަ އެއްބަސްވުމުގައި ހިމެނޭ ކަންކަމުގެ އިތުރުން، މި އެއްބަސްވުމުން ފާހަގަކޮށްލެވޭ މުހިންމު ނުކުތާތައް:

– ފަލަސްޠީނުގެ ސަރުކާރު ހިންގުމަށްޓަކައި އެކުލަވާލާ ކައުންސިލަށް ޚާރިޖީ ގުޅުންތައް ޤާއިމުކުރުމުގެ ބާރު ލިބިގެނެއް ނުވެއެވެ. ބޭރުގެ އެއްވެސް ޤައުމެއްގެ އެމްބަސީއެއް، ކޮންސިއުލޭޓެއް، މިޝަންއެއް ނުވަތަ އެ ނޫންވެސް އެފަދަ އެއްވެސް އިދާރާއެއް ހުޅަނގު އައްސޭރީގައި ނުވަތަ ޣައްޒާގައި ޤާއިމުކޮށްގެން ނުވާނެއެވެ. ނުވަތަ އެފަދަ އެއްވެސް ޚާރިޖީ މަޤާމަކަށް މީހަކު އައްޔަނުކޮށްގެންވެސް ނުވާނެއެވެ.

– އިޤްތިޞާދީ، ޘަޤާފީ ނުވަތަ ޢިލްމީ ކަންކަމުގައި ޕީއެލްއޯއިން އެހެން ޤައުމުތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރެވިދާނެއެވެ.

– އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުން ފަލަސްޠީނުގެ ސަރުކާރާ ހަވާލުކުރަން ޖެހޭނެއެވެ.

– އިސްރާއީލުގެ އިދާރާތަކާ ގުޅުން ބާއްވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެއްވެސް ގޯނާއެއްކޮށްގެން ނުވާނެއެވެ. އިސްރާއީލުގެ އެހީގައި އެބައިމީހުންނަށް ރައްކާތެރިކަން ދޭން ޖެހޭނެއެވެ.

– ފަލަސްޠީނުން ފާސްކުރާ ކޮންމެ ޤާނޫނަކާއި ޤަވާޢިދެއް އިސްރާއީލަށް އަންގަން ޖެހޭނެއެވެ. އަދި އިސްރާއީލުން ހިތްހަމަ ނުޖެހޭ ޤާނޫނުތަކާއި ޤަވާޢިދުތައް އަލުން މުރާޖަޢާކުރަން އެންގުމުގެ ބާރު އިސްރާއީލަށް ލިބިގެންވެއެވެ.

– ފަލަސްޠީނުގެ ރައްޔިތުންނަށް ހުޅަނގު އައްސޭރިއާއި ޣައްޒާއާ ދެމެދު އަމާންކަމާއެކު ދަތުރުފަތުރުކުރެވޭނެ މަގު ފަހިކޮށްދޭން ޖެހޭނެއެވެ.

ފަލަސްޠީނުގެ ސަރުކާރުން ވެރިކަން ކުރަން ޖެހޭނީ ޣައްޒާއާއި ހުޅަނގު އައްސޭރިއަކީ އެއް ތަނެއްގެ ގޮތުގައި ބަލައިގެންނެވެ. ނަމަވެސް މި ދެ ތަނުގެ ދެމެދުގައި ދަތުރުކުރަން ޖެހެނީ އިސްރާއީލުގެ ތެރެއިންނެވެ. މިއީ އަމިއްލަ ސަރުކާރެއް ހިންގުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މިއީ އެބައިމީހުން ވެރިވެގަންނަ ޤައުމުތައް ބައިބައިކޮށް ބަލިކުރަން ބޭނުންކުރާ އުކުޅެކެވެ. އިންޑިއާއިން ޕާކިސްތާނު ވަކިކޮށްލި އިރުގައި، ބަންގްލަދޭޝާ ޕާކިސްތާނު އޮތީ އެފަދަ ގޮތަކަށެވެ. ފަހުން ދެ ޤައުމަކަށް އެ ދެ ޤައުމު ވެގެންދިޔުމުގެ މައިގަނޑު ސަބަބަކީ އެއީއެވެ.

 

 

 

ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމުގެ ނަމުގައި އެއްބަސްވުންތަކެއްގައި ސޮއިކުރިޔަސް، މި އެއްބަސްވުންތަކުގައި ޢަދުލު އިންސާފު ފެންނާކަށް ނެތެވެ. އަދި ކަން ހިނގާ ގޮތަށް ބަލާއިރު، ފެންނަން އޮތް ޙަޤީޤަތަކީ މި އެއްބަސްވުންތައް އަކުރުން އަކުރަށް ތަންފީޒުކުރުމަށް މަޖުބޫރުކަން އޮތީ ހަމައެކަނި ފަލަސްޠީނަށް ކަމެވެ. އިސްރާއީލުން އެތައް ގޮތަކުން މި އެއްބަސްވުންތަކާ ޚިލާފުވާއިރުވެސް ޔަހޫދީން ދައުލަތަށް ފިޔަވަޅެއް އެޅޭ ތަނެއް، އެޅޭނެ ގޮތެއް ނުފެނެއެވެ. މި ފަދައިން އެއް ފަރާތަށް ބުރަވެ ހަދާ އެއްބަސްވުންތަކަކުން ސުލްޙަ މަސަލަސްކަން ޤާއިމުކުރާނީ ކިހިނެތް ހެއްޔެވެ؟! ޙަޤީޤަތުގައި މިއީ ފަލަސްޠީނު އިތުރަށް އަޅުވެތިކޮށް، ބާރު ކަނޑުވާލައި، އަޑު ކަނޑުވާލައި އަދި ޔަހޫދީ ދައުލަތް ވަރުގަދަކުރަން ހަދާފައިވާ މަކަރުވެރި ރޭވުންތަކެކެވެ.

 

=ނުނިމޭ=

 


[1] ބައްލަވާ: The Origin and Evolution of the Palestine Problem, Part V (1989 – 2000) by UN (page 12).

[2] ބައްލަވާ: Basic Facts on the Palestine Issue by Prof. Dr. Mohsen Mohammad Saleh (page 39).

[3] ބައްލަވާ: Declaration of Principles on Interim Self-Government Arrangements by Security Council of Unites Nations General Assembly

[4] ބައްލަވާ: Agreement on the Gaza Strip and the Jericho Area

[5] ބައްލަވާ: Israeli-Palestinian Interim Agreement on the West Bank and the Gaza Strip.

 

ފަލަސްޠީނުގެ ތާރީޚް – އެހެންބައިތައް