[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި އުންމަތުގައިވާ ޚިލާފުތަކަކީ ރަޙްމަތެއްކަމަށް ބަޔާންކޮށްފައިވާ ބަސްފުޅަކީ ރަނގަޅު ބަސްފުޅެއް ނޫން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ބައެއް މީހުން ޙަދީޘެއްކަމަށް ހީކޮށް ކިޔާ އުޅޭ ބަސްފުޅެއް ވެއެވެ. އޭގައި ވަނީ:

“اختلاف أمتي رحمة”

މާނައީ: “ތިމަންކަލޭގެފާނުގެ އުންމަތުގައިވާ ޚިލާފަކީ ރަޙުމަތެކެވެ.”

މި ބަސްފުޅު މިއީ އެއްވެސް ސަނަދަކުން ވާރިދުވެފައިވާ ބަސްފުޅެއްތޯ ބެއްލެވުމަށްޓަކައި ޙަދީޘް ޢިލްމުވެރިން ވަރަށް މަސައްކަތްކުރައްވައިގެންވެސް، މި ބަސްފުޅަށް ސަނަދެއް ފެނިފައި ނުވެއެވެ. ފަހެ ދަންނާށެވެ. މިއީ ޙަދީޘެއް ނޫނެވެ.

އަދި އައްސުބުކީ رحمه الله ގެ އަރިހުން އަލްމުނާވީ رحمه الله ނަޤުލުކުރެއްވިއެވެ.

“މިއީ މުޙައްދިޘުން ދަންނަ ބަސްފުޅެއް ނޫނެވެ. އަދި މި ބަސްފުޅުގެ ޞައްޙަ ސަނަދެއްވެސް، ބަލިކަށި ސަނަދެއްވެސް އަދި މައުޟޫޢު ސަނަދެއްވެސް (ބަޔަކު ހަދާފައިވާ ސަނަދެއްވެސް) ތިމަންކަލޭގެފާނަށް ފެނިވަޑައިގެންފައި ނުވެއެވެ.” [فيض القدير للمناوي (1 / 209)]

އަދި މި ބަސްފުޅުގެ މާނަވެސް ރަނގަޅެއް ނޫނެވެ. އެހެނީ އުންމަތަށް ރަޙުމަތްވަނީ އެއްބައިވަންތަވުމުގައެވެ. ބައިބައިވެ، ޚިލާފުވެ ގަތުމުގައެއް ނޫނެވެ.

އިބްނު ޙަޒަމް رحمه الله ވިދާޅިއެވެ.

“އިޚްތިލާފު ރަޙުމަތަކަށްވިނަމަ، ކަމަކަށް އެއްބަސްވެ އިއްތިފާޤުވުން ވާނީ އެއިލާހު ރުހިވޮޑިގެން ނުވާ ކަމަކަށެވެ. ފަހެ މިއީ މުސްލިމަކު ބުނެފާނެ ވާހަކައެއް ނޫނެވެ.” [الإحكام في أصول الأحكام (5 / 64)]

އަދި މި ބަސްފުޅުގެ ނުބައި އަޘަރުތަކުގެ ތެރޭގައި މަޛްހަބުތަކުގެ މެދުގައި ވެފައިވާ ދެކޮޅު ނުޖެހޭ ބޮޑެތި ޚިލާފުތަކަށް ވަރަށް ގިނަ މުސްލިމުން އިޤުރާރުވެއެވެ. އަދި އެކަންކަމުގައި ޤުރުއާނާއި ޞައްޙަ ސުންނަތަށް ރުޖޫޢަވުމަށް އެބައިމީހުން މަސައްކަތެއް ނުކުރެއެވެ. ފަހެ އިމާމުވެރި ބޭކަލުން ވަނީ އެބޭކަލުންގެ ބަސްފުޅެއް ޤުރުއާނާ ސުންނަތާ ޚިލާފުވެއްޖެނަމަ، އެބޭކަލުންގެ ބަސްފުޅު ދޫކޮށްލާފައި ޤުރުއާނާއި ސުންނަތުގައި ހިފުމަށް ގޮވާލައްވާފައެވެ.

އަދި ކިއެއް ހެއްޔެވެ! ބައެއް މީހުން ދެކޭ ގޮތުގައި އެކިއެކި ފިޤުހީ މަޛްހަބުތަކަކީ ވަކި ޝަރީޢަތްތަކެއް ފަދަ އެއްޗެކެވެ. އެފަދައިން އެބައިމީހުން ދެކުނަސް ޙަޤީޤަތަކީ އެ މަޛްހަބުތަކުގައި ހުރި ބައެއް ޚިލާފުތަކާއި ތަޢާރުޟުތަކަކީ ދެ މަޛްހަބެއްގެ ދެމެދުގައިވާ ބަސްފުޅަށް އެއްފަހަރާ ޢަމަލު ނުކުރެވޭނެފަދަ ބޮޑެތި ޚިލާފުތަކެކެވެ. އަދި އެފަދަ މައްސަލަތަކުގައި ދަލީލާ ޚިލާފުވެފައިވާ ބަސްފުޅުތައް ރައްދުކޮށް، ދަލީލާ އެއްކޮޅަށް އޮތް ބަސްފުޅު ޤަބޫލުކުރުން ފިޔަވާ އެހެން ގޮތެއް ނެތްކަންވެސް އެބައިމީހުން ދަނެއެވެ. އެފަދަ މީހުންނަށް އެ ބުނެވެނީ އިސްލާމީ ޝަރީޢަތުގައި ދެކޮޅު ނުޖެހޭ ކަންކައްތަކެއްވާ ކަމަށެވެ. އެކަމުގައި އެކި މަޛްހަބުތަކުގެ މެދުގައި ހުރި ތަޢާރުޟުތަކަކީ، އެއީ ﷲ ޢައްޒަ ވަޖައްލަގެ ޙަޟްރަތުންވާ އެއްޗެއް ނޫން ކަމަށް އެކަން އެކަނިވެސް ދަލީލުކޮށްދެއެވެ. އެހެނީ ކީރިތި ޤުރުއާނާ ބެހޭގޮތުން ﷲ ތަޢާލާ ވަހީކުރެއްވިއެވެ.

﴿أَفَلَا يَتَدَبَّرُونَ الْقُرْآنَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا﴾ [سورة النساء: ٨٢]

މާނައީ: “ފަހެ ޤުރުއާނާ މެދު އެބައިމީހުން ވިސްނާ ފިކުރު ނުކުރަނީ ހެއްޔެވެ! އެއީ ﷲ ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީނަމަ، ގިނަވެގެންވާ ޚިލާފުތަކެއް (ދެކޮޅު ނުޖެހޭ ކަންތައްތަކެއް) އެއިން އެބައިމީހުންނަށް ފެނުނީހެވެ.”

ޚިލާފުތަކަކީ ﷲ ތަޢާލާގެ ޙަޟްރަތުންވާ ކަމެއް ނޫންކަމަށް މި އާޔަތުގައި ޞަރީޙަކޮށް އަންގަވާފައި ވެއެވެ. އެހެންކަމުން (މަޛްހަބުތަކަކީ) ތަފާތު ޝަރީޢަތްތަކެއް ފަދައިން ދެކުން ޞައްޙަވާނީ ކިހަނަކުން ހެއްޔެވެ! އަދި އެއީ ބާވައިލެއްވުނު ރަޙުމަތެއްކަމުގައި ދެކުންވެސް ޞައްޙަވާނީ ކިހިނަކުން ހެއްޔެވެ! [1]

 


 

[1] ބައްލަވާ: السلسلة الضعيفة للألباني (1 / 141 – 142).