[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 127

ޞަޙީޙު އިބްނު ޙިއްބާނާ މެދުގައި ޢިލްމުވެރިން ވިދާޅުވެފައިވާ ޘަނާގެ ބަސްފުޅުތައް:

 

  1. ފިޤުހީ ބާބުތަކުގެ މައްޗަށް ޞަޙީޙު އިބްނު ޙިއްބާނު ތަރުތީބުކުރެއްވި الأمير علاء الدين الفارسي (އަވަހާރަވީ 739 ހ ގައި) އެ ފޮތާ ބެހޭގޮތުން ވިދާޅުވިއެވެ.

“އެއީ ނަބަވީ ޚަބަރުތަކާ ގުޅޭގޮތުން (އެބަހީ: ޙަދީޘްތަކާ ގުޅޭ ގޮތުން) ލިޔެފައިވާ އެންމެ ޝާމިލު އެއް ފޮތެވެ. އަދި މުޙައްމަދުގެފާނު صلى الله عليه وسلم ގެ ކަންކަމާ ބެހޭގޮތުން ލިޔުއްވާފައިވާ ފޮތްތަކުގެ ތެރެއިން އެންމެ ފައިދާ ބޮޑު އެއް ފޮތެވެ.” [1]

 

  1. އަދި السخاوي ވިދާޅުވިއެވެ.

“الحازمى ވިދާޅުވިއެވެ.

“ޙަދީޘް ފަންނުގައި ޙާކިމަށް ވުރެ އިބްނު ޙިއްބާނު މޮޅެވެ.”

އަދި ابن كثير ވިދާޅުވިއެވެ.

“އިބްނު ޚުޒައިމާއާއި އިބްނު ޙިއްބާނު ވަނީ ޞައްޙަ ޙަދީޘް ގެންނެވުމަށް ފަރުވާތެރިވެ ލައްވާފައެވެ. ޙާކިމުގެ المُسْتَدْرَك އަށް ވުރެ އެ ދެ ފޮތުގެ ސަނަދުތައްވެސް އަދި މަތަނުތައްވެސް (އެބަހީ: ޙަދީޘްތަކުގެ ލަފްޒުތައްވެސް) މާ ރަނގަޅެވެ.” [2]

 

  1. އަދި ޞަޙީޙު އިބްނު ޙިއްބާނުން ތަޙުޤީޤުކުރެއްވި ބައިގެ މުޤައްދިމާގައި الشيخ أحمد بن محمد بن شاكر ވިދާޅުވިއެވެ.

“ޞަޙީޙު އިބްނު ޙިއްބާނަކީ ވަރަށް އަގުހުރި، ޤަދަރުހުރި އަދި ފައިދާ ބޮޑު ފޮތެކެވެ. އެފޮތުގެ މުއައްލިފުވަނީ ވަރަށް ބަލައިގެން އެ ފޮތް އެކުލަވާލައްވާފައެވެ. އަދި އެ ފޮތް ލިޔުއްވާފައި ވަނީ ވަރަށް ރަނގަޅަށެވެ. އަދި އެކަލޭގެފާނު ވަނީ އެފޮތުގެ ސަނަދުތަކާއި ރާވީންވަނީ ވަރަށް ރަނގަޅަށް ދިރާސާކުރައްވާފައެވެ. އަދި ޙަދީޘްތަކުގެ ލަފްޒުތަކުގައްޔާއި ސަނަދުތަކުން މައްސަލަ ހުރިކަން ބަޔާންކުރައްވަން ޖެހޭ ތަންތަނުގައި އެކަން ވަނީ ބަޔާންކުރައްވާފައެވެ. އަދި އެކަލޭގެފާނު ކުރައްވާފައިވާ ޝަރުޠު ފުރިހަމަވާ ކޮންމެ ޙަދީޘެއްގެ ޞައްޙަކަން ވަނީ ވަރަށް ރަނގަޅަށް ކަށަވަރުކުރައްވާފައެވެ.

އެކަލޭގެފާނު ކުރައްވާފައި ޝަރުޠާ އެކަލޭގެފާނު ޤަޞްދުގައި ޚިލާފުވެވަޑައިގެންފައިވާ ހެނެއް އަޅުގަނޑަކަށް ލަފައެއް ނުކުރެވެއެވެ. އެހެނަސް އިންސާނީ ޠަބީޢަތުގެ ދަށުން އެކަލޭގެފާނަށްވެސް ބައެއް އޮޅުންތައް އަރާފައި ވެއެވެ. ޢިލްމުވެރިންގެ ތެރެއިން މުޙައްޤިޤެއް (ރަނގަޅަށް ދިރާސާކުރައްވާ ބޭކަލެއް) އެކަމުން ސަލާމަތްވެފައި ނުވެއެވެ.”

 

____________________

= ނުނިމޭ =

 

އެހެނިހެން ބައިތައް

 

[1] ބައްލަވާ: صحيح ابن حبان (1 / 79).

[2] شمس الدين السخاوي: فتح المغيث (1 / 33).