އިބްނު ޙިއްބާނު އެކަލޭގެފާނުގެ ޞަޙީޙުގައި ގެންގުޅުއްވި މަންހަޖާ ބެހޭގޮތުން ޢިލްމުވެރިން ދެކިލެއްވި ގޮތް:
- الحاكم ގެ المستدرك އާ ބެހޭގޮތުން أبو عمرو بن الصلاح ވިދާޅުވިއެވެ.
“ޞައްޙަކުރުމުގެ ޝަރުޠައް ބަލާއިރު އެކަލޭގެފާނު (އެބަހީ: الحاكم) ގެންގުޅުއްވާފައި ވަނީ ވަރަށްވެސް ތަނަވަސް މަންހަޖެކެވެ. އަދި ޙަދީޘަށް ޙުކުމްކުރެއްމުވުމުގައި އެކަލޭގެފާނަކީ متساهل ބޭކަލެކެވެ. (އެބަހީ: ވަރަށް ފަސޭޙައިން ޞައްޙަކަމަށް ވިދާޅުވާ ބޭކަލެކެވެ.) އަދި އެކަލޭގެފާނު (ޙަދީޘްތަކާ މެދު ކުރައްވާފައިވާ ޙުކުމްތަކާ) ابن حبان البستي އެކަލޭގެފާނުގެ ޞަޙީޙުގައި ޙަދީޘްތަކުގެ ޞައްޙަކަން ކަނޑައަޅުއްވާފައިވާ ގޮތާ ވަރަށް އެއް ގޮތެވެ. رحمهما الله جميعاً” [1]
- الحافظ السخاوي ވިދާޅުވިއެވެ.
“العراقي ވިދާޅުވިއެވެ. އެކަލޭގެފާނު (އެބަހީ: އިބްނު ޙިއްބާނު) ޙަދީޘްތައް ފަސޭޙައިން ޞައްޙަކުރެއްވުމުގައި الحاكم އާ ގާތް ކުރެއެވެ. އެކަލޭގެފާނު ގެންނަވާފައިވާ ޙަދީޘްތަކަށް ބަލާ ކަށަވަރުކުރުން އެކަން އެނގިގެން ދެއެވެ. އެހެނީ އެކަލޭގެފާނު ޙަދީޘްތައް ގެންނަވަނީ ހަމައެކަނި ޢަދުލުވެރި ރާވީންގެ އަރިހުން އެކަންޏެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. ފަހަރުގައި މަޖްހޫލު (އެމީހެއްގެ ޙާލަތު ނޭނގޭ ރާވީއެއް)ގެ ކިބައިންވެސް ރިވާކުރައްވަފާނެއެވެ. ވަކިން ޚާއްޞަކޮށް އެކަލޭގެފާނު ގެންގުޅުއްވާފައިވާ މަންހަޖަކީ ޞައްޙަ ޙަދީޘާ އެއް ހަމައެއްގައި ޙަސަން ދަރަޖައިގެ ޙަދީޘްތައް ގެންނެވުމެވެ. އަޅުގަނޑުމެންގެ ޝައިޚު – އިބްނު ޙަޖަރު – މި ނޫން މާނައެއްގައި އިބްނު ޙިއްބާނަކީ ފަސޭޙައިން ޙަދީޘް ޞައްޙަކުރައްވާ ބޭކަލެއްކަމަށް ވިދާޅުވާ ބޭކަލުންނާ އެއްބަސްވެވަޑައި ނުގަންނަވައެވެ.” [2]
- الحافظ ابن حجر ވިދާޅުވިއެވެ.
“އިބްނު ޚުޒައިމާގެ ޞަޙީޙާއި އިބްނު ޙިއްބާނުގެ ޞަޙީޙުގައިވާ ޙަދީޘްތަކާ މެދު ޙުކުމް ކުރާނީ އެއީ ޙުއްޖަތް ނެގޭ ވަރުގެ ޙަދީޘްތައް ކަމުގައެވެ. އެއީ އެ ޙަދީޘްތަކުގެ ތެރޭގައި ވަނީ ޞައްޙަ ޙަދީޘްތަކާއި ޙަސަން ދަރަޖައިގެ ޙަދީޘްތަކެވެ. އެގޮތަށް ބަލާނީ އެ ޙަދީޘްތަކުގެ ޞައްޙަކަމަށް އަސަރުކުރާވަރުގެ ޢިއްލަތެއް (މައްސަލައެއް) ނުފެންނަހާ ހިނދެއްގައެވެ.” [3]
- އަދި السيوطي ވިދާޅުވިއެވެ.
“ބުނެވޭ ގޮތުގައި އިބްނު ޙިއްބާނަކީ ފަސޭޙައިން ޙަދީޘްތައް ޞައްޙަކުރައްވާ ބޭފުޅެކެވެ. ފަހެ އެ ބަސްފުޅަކީ ޞައްޙަ ބަސްފުޅެއް ނޫނެވެ. އެންމެ ބޮޑުވަރަކަށްވެސް އެކަލޭގެފާނު ކުރައްވާފައިވާ ކަމަކީ ޙަސަން ދަޖައިގެ ޙަދީޘްތަކަށްވެސް ޞައްޙަ ޙަދީޘްތަކުގެ ގޮތުގައި ނަން ދެއްވުމެވެ.
ފަހެ އެކަލޭގެފާނަކީ متساهل ބޭކަލެކޭ އެ ވިދާޅުވަނީ އެކަލޭގެފާނުގެ ފޮތުގައި ޙަސަން ދަރަޖައިގެ ޙަދީޘްތައް ހުރުމުންކަމުގައި ވާނަމަ އެއީ އިޞްތިލާޙީ ގޮތުން އަންނަ ތަފާތެކެވެ. އަދި އެފަދައިން އެ ވިދާޅުވަނީ އެކަލޭގެފާނު ޙަދީޘް ޞައްޙަކުރެއްވުމުގައި ކުރައްވާފައިވާ ޝަރުޠުތަކަކީ ލުއި ޝަރުޠުތަކަކަށް ވުމުންކަމުގައިވާނަމަ، ފަހެ އެކަލޭގެފާނުގެ ޞަޙީޙުގައި އެކަލޭގެފާނު ޘިޤާ (އިތުބާރު ހިފޭ) ރާވީންގެ ޙަދީޘްތައް ގެންނަވާފައި ވެއެވެ. އެއީ އެ ރާވީ އަކީ މުދައްލިސް (އޮޅުވާލާ) ބޭކަލެއްކަމުގައި ނުވާނަމައެވެ. އެއީ އެބޭކަލެއްގެ ޝައިޚުގެ އަރިހުން އަޑުއަހާފައިވާ އަދި އެބޭކަލެއްގެ އަރިހުން އެ ޙަދީޘް ރިވާކުރައްވާ ބޭކަލަކު އެބޭކަލެއްގެ އަރިހުން އަޑުއަހާފައިވާ ވާނަމައެވެ. އަދި އެއީ މުރްސަލު ޙަދީޘެއް (ތާބިޢީ ބޭކަލެއް ނަބިއްޔާ صلى الله عليه وسلم އަށް ނިސްބަތްކުރާ ޙަދީޘެއް) ނުވަތަ މެދު ކެނޑިފައިވާ ޙަދީޘެއްކަމުގައި ނުވާނަމައެވެ. އަދި އެ ރިވާކުރާ ރާވީގެ ކިބައިގައި މައްސަލައެއް ވާކަމަށް ނުވަތަ އެއީ ރަނގަޅު ރާވީއެއް ކަމަށް ޢިލްމުވެރިއަކު ވިދާޅުވެފައި ނުވިޔަސް މެއެވެ. އަދި އެބޭކަލެއްގެ ޝައިޚުވެސް އަދި އެބޭކަލެއްގެ އަރިހުން ރިވާކުރެއްވި ރާވީވެސް އިތުބާރު ހިފޭ ރާވީއެއްކަމުގައި ވާނަމައެވެ.
ފަހެ އެކަލޭގެފާނު ފޮތެއްކަމުގައިވާ الثِّقَات ގައި މިފަދަ އެތައް ރާވީއެއް ވެއެވެ. އެހެންކަމުން އެމީހެއްގެ ޙާލަތު ރަނގަޅަށް ނޭނގޭ ބޭކަލުންނަކީ ޘިޤާ (އިތުބާރު) ހިފޭ ރާވީންކަމުގައި އެކަލޭގެފާނު ވިދާޅުވެފައި ވާތީ، ބައެއް ބޭކަލުން ފަހަރުގައި އެކަމުގައި އެކަލޭގެފާނާ އިޢުތިރާޟުކުރައްވަފާނެއެވެ. އެކަމުގައި އެކަލޭގެފާނަށް އިޢުތިރާޟުކުރެއްވުމެއް ނުވެއެވެ. އެއީ އިޞްތިލާޙުގެ ތަފާތެކެވެ.” [4]
____________________
= ނުނިމޭ =
[1] أبو عمرو ابن الصلاح: علوم الحديث (ص: 18).
[2] السخاوي: فتح المغيث (1 / 33).
[3] النكت (1 / 291).
[4] السيوطي: تدريب الراوي (1 / 108).