[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަ – 27 (މައްޔިތާގެ މަތިން ރޯދަ ޤަޟާކުރުން އަދި ރޯދައަށް ފަށައިގަންނަ މީހާ ރޯދަ ފުރިހަމަ ކުރުމުގެ ޙުކުމް)

ދެވަނަ ބައި: މައްޔިތާގެ މަތިން ރޯދަ ޤަޟާކުރުން

 

ފުރަތަމައީ: ޢުޛުރަކާލައިގެން ރޯދަ ފަސްކުރި މީހަކު ނިޔާވުމުން އެ މީހެއްގެ މަތިން ރޯދަހިފުން

އެ މީހެއްގެ މައްޗަށް ވާޖިބު ރޯދައެއް ހުރެމެ، ޝަރުޢީ ޢުޛުރެއް މެދުވެރިވުމުގެ ސަބަބުން ޤަޟާ ނުކުރެވުނު ކަމުގައި ވާނަމަ، އޭނާގެ މައްޗަށް ފާފައެއް ނެތެވެ. އަދި އޭނާގެ މަތީން މިސްކީނުންނަށް ކާން ދިނުންވެސް ވާޖިބުވެގެން ނުވެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ. އަދި ގިނަ ދަންނަބޭކަލުންގެ ރައުޔަކީވެސް މިއެވެ.

 

ދެވަނައީ: ޢުޛުރަކާ ނުލައި ރޯދަ ފަސްކުރި މީހާ ނިޔާވުމުން އެ މީހާގެ މަތިން ރޯދަހިފުން

ނަދުރުގެ ރޯދައެއް ނުވަތަ ކައްފާރައިގެ ރޯދައެއް ނުވަތަ ރަމަޟާން މަހުގެ ރޯދައިން ޤަޟާކުރަން ޖެހިފައިވާ ރޯދައެއް ނަމަވެސް، ވާޖިބު ރޯދައެއް ހިފަން ޖެހިފައިވާ މީހަކު، އެފަދަ ރޯދައެއް ހިފުމަށް ކުޅަދާނަކަން ލިބިފައިވަނިކޮށްވެސް ރޯދަ ނުހިފައި އުޅެނިކޮށް ނިޔާވިނަމަ؛ އޭނާގެ ވަލީވެރިޔާއަށް އޭނާގެ މަތީން ރޯދަ ހިފިދާނެއެވެ. އޭނާގެ ފަރާތުން ވަލީވެރިޔާ ރޯދަ ނުހިފާނަމަ، އޭނާގެ މައްޗަށް ވާޖިބުވެފައިވީ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާން ދޭނީއެވެ. މިއީ އިމާމު ޝާފިޢީގެ ޖަދީދުގައި އެކަލޭގެފާނުގެ ރައުޔެވެ. އަދި އިމާމު ނަވަވީ އާއި އިބްނު ބާޒު އަދި އިބްނު ޢުޘައިމީންވެސް އިޚްތިޔާރުކުރެއްވީ މި ރައުޔެވެ.

 

ތިންވަނައީ: ދިރިހުރި މީހެއްގެ ފަރާތުން ރޯދަ ހިފުން

އެއްވެސް މީހަކު ދިރިދުނިޔޭގައިވަނިކޮށް އޭނާގެ މަތިން އެހެން މީހަކަށް ރޯދަ ނުހިފޭނެއެވެ. މި ކަމުގެ މައްޗަށް އިބްނު ޙަޒްމާއި އިބްނު ޢަބްދިލްބައްރާއި އިބްނުލްޢަރަބީއާއި އަލްޤާޟީ ޢިޔާޟު އަދި އައްނަވަވިއްޔު އިޖުމާޢު ނަޤުލުކުރައްވާފައި ވެއެވެ.

 

 

ތިންވަނަ ބައި: ރޯދައަށް ފަށައިގަންނަ މީހާ ރޯދަ ފުރިހަމަ ކުރުމުގެ ޙުކުމް

 

ފުރަތަމައީ: ވާޖިބު ރޯދައެއް ހިފާން ފަށައިފި މީހާ އެ ރޯދަ ފުރިހަމަ ކުރުމުގެ ޙުކުމް

ރަމަޟާން މަހުގެ ރޯދައެއް ޤަޟާ ކުރުން ނުވަތަ ހުވައެއްގެ ކައްފާރާ ރޯދައެއް އަދި މި ނޫންވެސް މިފަދަ ވާޖިބު ރޯދައެއް ހިފަން ފަށައިފިނަމަ، އެ ދުވަހު އެ ރޯދައެއް ފުރިހަމަކުރުން އޭނާގެ މައްޗަށް ވާޖިބުވެގެން ވެއެވެ. އަދި ޝަރުޢީ ޢުޛުރަކާ ލައިގެން މެނުވީ މިފަދަ ރޯދައެއް މެދުކަނޑައިލުން ހުއްދަވެގެން ނުވެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.

 

ދެވަނައީ: ސުންނަތް ރޯދައެއް ހިފަންފަށައިފި މީހާ އެ ރޯދަ ފުރިހަމަކުރުމުގެ ޙުކުމް

ސުންނަތް ރޯދައެއް ހިފުމަށް ފަށައިގެންފިނަމަ، އެ ދުވަހު އެ ރޯދައެއް ފުރިހަމަކުރުން މޮޅުއިތުރުވެގެން ވެއެވެ. ނަމަވެސް އެކަން ވާޖިބުވެގެން ނުވެއެވެ. މިއީ ޝާފިޢީ އަދި ޙަންބަލީ މަޛްހަބުގެ ރައުޔެވެ. އަދި މިއީ ސަލަފުންގެ ޖަމާޢަތެއްގެ ބޭކަލުންގެ ރައުޔުވެސް މެއެވެ. މިއީ އިބްނު ޢުޘައިމީނުގެ އިޚްތިޔާރުވެސް މެއެވެ.

 

ތިންވަނައީ: ސުންނަތް ރޯދައެއް ފަސާދަވެއްޖެނަމަ، ޤަޟާކުރުމުގެ ޙުކުމް

ސުންނަތް ރޯދައެއް ފަސާދަވެއްޖެނަމަ، އެ ރޯދައެއް ޤަޟާކުރުން އޭނާގެ މައްޗަށް ވާޖިބުވެގެން ނުވެއެވެ. މިއީ ޝާފިޢީ އަދި ޙަންބަލީ މަޛްހަބުގެ ރައުޔެވެ. އަދި މިއީ ސަލަފުންގެ ޖަމާޢަތެއްގެ ބޭކަލުންގެ ރައުޔުވެސް މެއެވެ.


މަޞްދަރު: ملخص فقه العبادات

 

މި ލިޔުމުގެ އެހެން ބައިތައް