[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަ – 28 (އިޢުތިކާފުގެ ޙުކުމުތައް)

ހަތްވަނަ ބާބު: އިޢުތިކާފުގެ ޙުކުމުތައް

 

ފުރަތަމަ ބައި: އިޢުތިކާފުގެ ތަޢުރީފު، އިޢުތިކާފުގެ މަޤްޞަދު، އިޢުތިކާފުގެ ޙުކުމު

 

 

ފުރަތަމައީ: އިޢުތިކާފުގެ ތަޢުރީފު

ބަހުގެ ގޮތުން އިޢުތިކާފު: ޢަރަބި ބަހުގައި އިޢުތިކާފަކީ ކަމަކަށް ކުރިމަތިލައި އެކަމެއްގައި މަޑުވުމެވެ.

ޝަރުޢީ އިޞްޠިލާޙުގައި އިޢުތިކާފު: އިޢުތިކާފުގެ އިޞްޠިލާޙީ މާނައަކީ ﷲއާއި ކުއްތަންވުމުގެ ނިޔަތައިގެން، ރޭގަނޑުގެ ވަގުތު ނުވަތަ ދުވާލުގެ ވަގުތުކަމުގައި ވިޔަސް، މިސްކިތުގައި މަޑުކޮށްލުމެވެ.

 

ދެވަނައީ: އިޢުތިކާފުގެ މަޤްޞަދު

އިޢުތިކާފު ޝަރުޢުވެގެން ވަނީ މަޤްޞަދުތަކަކަށްޓަކައެވެ. އޭގެ ތެރޭގައި:

  1. މީހާގެ ހިތް ﷲއަށް ކިޔަމަށްވުމަށް ހުށަހަޅައި، ﷲއަށް ކިޔަމަށްވުމުގެ މަތީގައި ހިތް ދެމެހެއްޓުން؛
  2. ﷲއަށް ކިޔަމަންވުމުގައި ހިތް ޖަމަޢަކޮށް އޭގެ މަތީގައި ނަފްސު ދެމެހެއްޓުން؛
  3. އެކަހެރިވެ އިނދެ، ﷲ އަށް ކުއްތަންވުމުގެ ގޮތުން އަޅުކަން އަދާކުރުން.
  4. މީސްތަކުންނާއި ދުނިޔަވީ ކަންކަމުން މީހާ ދުރުކުރުވުން.

 

ތިންވަނައީ: އިޢުތިކާފުގެ ޙުކުމު

އިޢުތިކާފު ކުރުމަކީފިރިހެނުންނާއި އަންހެނުންގެ [1] މައްޗަށްވެސް ސުންނަތްވެގެންވާ ކަމެކެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.[2]

 

 

ދެވަނަ ބައި: އިޢުތިކާފު ޞައްޙަވުމަށް ޝަރުޠުވެގެންވާ ކަންތަކާއި ޝަރުޠުވެގެން ނުވާ ކަންކަން

 

ފުރަތަމައީ: އިސްލާމުކަން

އިޢުތިކާފު ޞައްޙަ ވުމަށް އިޢުތިކާފަށް އިންނަ މީހާއީ މުސްލިމެއްކަމުގައިވުން ޝަރުޠުވެގެން ވެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުނެނެވެ.

 

ދެވަނައީ: ބުއްދި ސަލާމަތުން ހުރުން

އިޢުތިކާފު ޞައްޙަވުމަށް އެމީހަކީ ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައިވުން ޝަރުޠުވެގެން ވެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުނެނެވެ.

 

ތިންވަނައީ: ހެޔޮނުބައި ވަކިކޮށް ދެނެގަތުން

އިޢުތިކާފު ޞައްޙަވުމަށްޓަކައި އެމީހަކީ ހެޔޮނުބައި ވަކިކުރަން ދަންނަ މީހެއްކަމުގައިވުން ޝަރުޠުވެގެން ވެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުނެނެވެ.

 

ހަތަރުވަނައީ: ނިޔަތް ގަތުން

އިޢުތިކާފު ޞައްޙަވުމަށް އިޢުތިކާފަށް އިނުމަށް ނިޔަތްގަތުން ޝަރުޠުވެގެން ވެއެވެ. މިކަމުގެ މައްޗަށް އިބްނު ރުޝްދު އަދި އިބްނު ޖުޒައްޔުވަނީ އިޖުމާޢު ނަޤުލުކުރައްވާފައެވެ.

 

ފަސްވަނައީ: އަންހެނާއަށް އޭނާގެ ފިރިމީހާގެ އިޛުނަ ލިބުން

އަންހެނާގެ އިޢުތިކާފު ޞައްޙަވުމަށްޓަކައި އޭނާގެ ފިރިމާގެ އިޛުނަ ލިބިފައިވުން ޝަރުޠުވެގެން ވެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުނެނެވެ.

 

ހަވަނައީ: މިސްކިތެއްގައި އިޢުތިކާފު ކުރުން

  • މިސްކިތް ޝަރުޠުވުން

އިޢުތިކާފު ޞައްޙަވުމަށް، ނިޔަތާއެކު މީހާ މަޑުކުރާ ތަނަކީ މިސްކިތެއްކަމުގައިވުން ޝަރުޠުވެގެން ވެއެވެ. މިކަމުގެ މައްޗަށް އިބްނު ޢަބްދިލްބައްރު، އިބްނު ޤުދާމާ، އަލްޤުރުޠުބީ އަދި އިބްނު ތައިމިއްޔާ އިޖުމާޢު ނަޤުލުކުރައްވާފައި ވެއެވެ.

  • މާތް ތިން މިސްކިތް ނޫން މިސްކިތެއްގައި އިޢުތިކާފުކުރުން

އިޢުތިކާފު ޞައްޙަވުމަށްޓަކައި އިޢުތިކާފަށް މީހާ މަޑުކުރާ މިސްކިތަކީ މާތްވެގެންވާ ތިން މިސްކިތް (އަލްމަސްޖިދުލް ޙަރާމް، އަލްމަސްޖިދުއް ނަބަވީ އަދި އަލްމަސްޖިދުލް އަޤްޞާ) ކުރެ މިސްކިތެއްކަމުގައިވުން ޝަރުޠުވެގެން ނުވެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.

  • އިޢުތިކާފު އެ މިސްކިތެއްގައި ޞައްޙަވުމަށް އެ މިސްކިތެއްގައި ފުރިހަމަވާން ޖެހޭ ކަންކަން

އިޢުތިކާފަށް މަޑުކުރާ ވަގުތުގެ ތެރެއަށް ޖަމާޢަތުގެ ނަމާދެއް ވަންނަނަމަ، އެފަދަ މީހާ އިޢުތިކާފަށް މަޑުކުރުން ޝަރުޠުވެގެންވަނީ ޖަމާޢަތުގެ ނަމާދު ޤާއިމު ކުރެވޭ މިސްކިތެއްގައެވެ. މިއީ ޙަނަފީންނާއި ޙަންބަލީންގެ ރައުޔެވެ. ހަމަ އެހެންމެ އިބްނު ބާޒާއި އިބްނު ޢުޘައިމީނު އިޚްތިޔާރު ކުރެއްވީވެސް މި ރައުޔެވެ.

  • ހުކުރު ދުވަހު އިޢުތިކާފަށް ނީންނާނޭނަމަ، ހުކުރު ނުކުރާ މިސްކިތެއްގައި އިޢުތިކާފުކުރުން

ހުކުރުގެ ނުކުރާ މިސްކިތެއްގައި އިޢުތިކާފަށް އިނުން ހުއްދަވެގެން ވެއެވެ. އެއީ ހުކުރު ވަގުތުގައި އޭނާ އިޢުތިކާފަށް ނީންނާނެ ނަމައެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ. ހަމަ އެހެންމެ ސަލަފުން ކުރެ ޖަމާޢަތެއްގެ ބޭކަލުންގެ ރައުޔަކީވެސް މިއެވެ.

  • ހުކުރު ދުވަހު އިޢުތިކާފުގެ މުއްދަތުގެ ތެރޭގައި ހޭދަވާނޭނަމަ، ހުކުރު ނުކުރާ މިސްކިތެއްގައި އިޢުތިކާފުކުރުން

އިޢުތިކާފު ޞައްޙަވުމަށްޓަކައި ހުކުރު ކުރާ މިސްކިތެއް ޝަރުޠުވެގެން ނުވެއެވެ. އެ މީހެއްގެ މައްޗަށް ހުކުރު ވާޖިބުވާ މީހަކު ހުކުރު ނުކުރާ މިސްކިތެއްގައި އިޢުތިކާފަށް މަޑުކޮށްފިނަމަ، އޭނާގެ މައްޗަށް އޮތީ ހުކުރުގެ ޖަމާޢަތަށް އެހެން މިސްކިތަކަށް ޙާޟިރުވުމެވެ. އަދި ހުކުރު ނިމުމުން އެނބުރި އޭނާ އިޢުތިކާފަށް އިންނަ މިސްކިތަށް ދިއުމެވެ. ނަމަވެސް މޮޅުއިތުރީ ހުކުރުގެ ޖަމާޢަތް ޤާއިމުކުރާ މިސްކިތެއްގައި އިޢުތިކާފުކުރުމެވެ. މިއީ ޙަނަފީންނާއި ޙަންބަލީންގެ ރައުޔެވެ. އަދި ސަލަފުންގެ ބައެއް ބޭބޭކަލުންގެ ރައުޔުވެސް މެއެވެ. މި ރައުޔު އިބްނުލްޢަރަބީ އަލްމާލިކީ، އިބްނު ބާޒް އަދި އިބްނު ޢުޘައިމީނު އިޚްތިޔާރު ކުރެއްވިއެވެ.

  • މިސްކިތުގެ މުންނާރަށް މުޢުތަކިފު އެރުމުގެ ޙުކުމު

އިޢުތިކާފަށް އިންނަ މީހާ މިސްކިތުގެ މުންނާރަށް އެރުން ހުއްދައެވެ. އެއީ އެ މުންނާރު ނުވަތަ މުންނާރަށް އެރުމަށް ބޭނުންކުރާ ދޮރު މިސްކިތުގެ ތެރޭގައި ވާނަމައެވެ. މިފަދަ މީހެއްގެ އިޢުތިކާފު ޞައްޙަވެގެން ވެއެވެ. މިއީ ޖުމުހޫރު – ޙަނަފީ، ޝާފިޢީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ މަޛްހަބެވެ.

  • މިސްކިތުގެ ފުރާޅަށް / ޓެރަހަށް މުޢުތަކިފު އެރުމާއި އެތަނުގައި އިޢުތިކާފުކުރުމުގެ ޙުކުމް

މިސްކިތުގެ ފުރާޅުގެ މަތީގައި އިޢުތިކާފުކުރުން ޞައްޙައެވެ. ނުވަތަ މިސްކިތުގައި އިޢުތިކާފަށް އިންނަ މީހާ މިސްކިތުގެ ފުރާޅަށް އެރުންވެސް ޞައްޙައެވެ. މިއީ ޖުމުހޫރު – ޙަނަފީ، ޝާފިޢީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ މަޛްހަބެވެ.

  • މުޢުތަކިފު މިސްކިތުގެ ކުރިމަތީގައި އޮންނަ ހުސްތަނަށް ނުކުތުމުގެ ޙުކުމު

އިޢުތިކާފަށް އިންނަ މީހާ މިސްކިތުގެ ކުރިމަތީގައި އޮންނަ ހުސްތަނަށް ނުކުތުން ހުއްދައެވެ. އަދި އެ މީހާގެ އިޢުތިކާފު ޞައްޙަވެގެން ވެއެވެ. އެއީ އެ ހުސްތަނަކީ މިސްކިތާ އިންވެގެން އޮތްތަނެއް ނަމައެވެ. މިއީ ޝާފިޢީންނާއި ބައެއް މާލިކީންގެ ރައުޔެވެ. އަދި މިއީ އިމާމު އަޙްމަދުގެ ކިބައިން އައިސްފައިވާ އެއް ރިވާޔަތެވެ. މި ރައުޔު އިޚްތިޔާރުކުރެއްވީ އިބްނު ޙަޒްމާއި އިބްނު ތައިމިއްޔާއާއި އިބްނުލްޤައްޔިމު އަދި އިބްނު ޙަޖަރެވެ.

  • އަންހެނާ އޭނާގެ ގޭގައި ނަމާދުކުރަން ހަދާފައިވާ ތަނުގައި އިޢުތިކާފުކުރުން

އަންހެނާއަށް އޭނާގެ ގޭގައި ނަމާދުކުރަން ހަދާފައިވާ ތަނުގައި އިޢުތިކާފުކުރުން ހުއްދަވެގެން ނުވެއެވެ. މިއީ ޖުމުހޫރު – މާލިކީ، ޝާފިޢީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ މަޛްހަބެވެ.

 

ހަތްވަނައީ: ހިނައިގަތުން ލާޒިމުކުރާ ކަމަކުން ޠާހިރުވެގެންވުން

ޖުނުބުވެރިކަން ނުވަތަ ޙައިޟުނިފާސްވެރިކަންފަދަ ހިނައިގަތުން ވާޖިބުކުރުވާކަމަކުން ހިނައިޠާހިރުވެގެން މެނުވީ އިޢުތިކާފަށް ފަށައިގަތުން ޞައްޙަ ނުވާނެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.

  • އިޢުތިކާފަށް އިނުމަށް ކުޑަ ޙަދަޘުން ޠާހިރުވެގެންވުން ޝަރުޠުވެގެންވޭ ހެއްޔެވެ؟

އިޢުތިކާފަށް އިނުމަށް ކުޑަ ޙަދަޘުން ޠާހިރުވެގެންވުން ޝަރުޠުވެގެން ނުވެއެވެ. މިކަމުގެ މައްޗަށް އިބްނު ތައިމިއްޔާވަނީ އިޖުމާޢު ނަޤުލުކުރައްވާފައެވެ.

 

އަށްވަނައީ: އިޢުތިކާފު ކުރުމުގެ މުއްދަތު

  • އިޢުތިކާފުކުރުން ހުއްދަވެގެންވާ ވަގުތާއި އިޢުތިކާފުކުރުން މޮޅުއިތުރުވެގެންވާ ވަގުތު

ޖުމުލަކޮށް އަހަރުގެ ހުރިހާ ދުވަހެއްގައިވެސް އިޢުތިކާފުކުރުން ހުއްދަވެގެން ވެއެވެ. އަދި ރަމަޟާން މަހުގައި އިޢުތިކާފުކުރުން މޮޅުއިތުރުވެގެން ވެއެވެ. މިކަމުގެ މައްޗަށް އިބްނު ޢަބްދިލްބައްރު، އިބްނު މުފްލިޙާއި އައްރައްމްލީ އަދި އަލްބުހޫތީވަނީ އިޖުމާޢު ނަޤުލުކުރައްވާފައެވެ.

  • ރަމަޟާން މަހުގެ ފަހު ދިހައިގައި އިޢުތިކާފަށް އިންނަމީހާ އިޢުތިކާފު ފަށާނޭ ވަގުތު

ރަމަޟާން މަހުގެ ފަހު ދިހައެއްގައި އިޢުތިކާފު ކުރާ މީހާގެ އިޢުތިކާފު ފަށާނޭ މުއްދަތާ މެދު ދަންނަބޭކަލުން ދެ ރައުޔަކަށް ޚިލާފުވެފައި ވެއެވެ.

ފުރަތަމަ ރައުޔު: އިޢުތިކާފު ފަށާނީ އެކާވީސް ވިލޭރޭގެ އިރު އޮއްސުމުގެ ކުރިއަށެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުނެނެވެ.

ދެވަނަ ރައުޔު: އިޢުތިކާފު ފަށާނީ އެކާވީސްވަނަ ދުވަހުގެ ފަތިސް ނަމާދަށް ފަހުއެވެ. މިއީ އިމާމު އަޙްމަދުގެ އެއް ރިވާޔަތެވެ. އަދި މިއީ އިބްނުލްމުންޛިރާއި އިބްނުލްޤައްޔިމާއި އައްޞަންޢާނީ އަދި އިބްނު ބާޒު އިޚްތިޔާރުކުރެއްވި ރައުޔެވެ.

  • ރަމަޟާން މަހުގެ ފަހު ދިހައެއްގައި އިޢުތިކާފަށް އިންނަ މީހާގެ އިޢުތިކާފު ނިމޭ ވަގުތު

ރަމަޟާން މަހުގެ ފަހު ދިހައެއްގައި އިޢުތިކާފަށް އިން މީހާގެ އިޢުތިކާފު ނިމޭނީ ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ އިރު އޮއްސުމާ އެކުއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުނެނެވެ.

  • އިޢުތިކާފު ކުރެވޭނޭ އެންމެ ކުރު މުއްދަތު

އިޢުތިކާފު ކުރެވިދާނޭ އެންމެ ކުރު މުއްދަތަކަށް ވަކި މިންވަރެއް ނުވެއެވެ. މިއީ ޙަނަފީ އަދި ޝާފިޢީ މަޛްހަބުގެ ރައުޔެވެ. އަދި މިއީ ޙަންބަލީންގެ އެއް ރައުޔެވެ. މި ރައުޔު އިބްނު ޙަޒްމާއި އައްޝައުކާނީ އަދި އިބްނު ބާޒް އިޚްތިޔާރުކުރެއްވިއެވެ. އިބްނު ޢަބްދިލްބައްރު ނަޤުލުކުރައްވާފައިވާ ގޮތުގައި މިއީ ފިޤުހުވެރީން ކުރެ ގިނަ ބޭކަލުންގެ ރައުޔެވެ.

  • އިޢުތިކާފު ކުރެވޭނޭ އެންމެ ދިގު މުއްދަތު

އިޢުތިކާފު ކުރެވިދާނޭ އެންމެ ދިގު މުއްދަތަކަށް ވަކި މިންވަރެއް ނުވެއެވެ. މިކަމުގެ މައްޗަށް އައްނަވަވީ، އިބްނު މުލައްޤިނު އަދި އިބްނު ޙަޖަރު އިޖުމާޢު ނަޤުލުކުރައްވާފައި ވެއެވެ.

 

ނުވަވަނައީ: އިޢުތިކާފަށް ރޯދަ ހިފުން

ރޯދައާ އެކުގައިވެސް އަދި ރޯދަ ހިފުމަކާ ނުލައިވެސް އިޢުތިކާފު ޞައްޙަ ވާނެއެވެ. މިއީ ޝާފިޢީ މަޛްހަބުގެ ރައުޔެވެ. އަދި ޙަންބަލީ މަޛްހަބުގެ މަޝްހޫރު ރައުޔެވެ. އަދި މިއީ ސަލަފުންގެ ޖަމާޢަތެއްގެ ބޭކަލުންގެ ރައުޔެވެ. ހަމަ އެހެންމެ މިއީ އިބްނު ޙަޒްމާއި އިބްނު ދަޤީޤުލްޢީދާއި އިބްނު ބާޒު އަދި އިބްނު ޢުޘައިމީނު އިޚްތިޔާރު ކުރެއްވި ރައުޔެވެ.


[1] އަންހެނާއަށް މިސްކިތުގައި ރައްކާތެރިކަމާއެކު ފަރުދާވެ، އިޢުތިކާފަށް އިނދެވޭނޭ މަގެއް ފަހިކުރެވިފައި ނުވާނަމަ ނުވަތަ އަންހެނާގެ މައްޗަށް ފާސިޤުންގެ ބިރުވެރިކަން އޮތްނަމަ، މިސްކިތުގައި އިޢުތިކާފަށް އިނުން އަންހެނާއަށް އެދެވިގެން ނުވެއެވެ. މިކަން މަނާކުރައްވާފައިވަނީ އިސްލާމީ ޝަރީޢަތުގައި އަންހެނާ ރައްކާތެރި ކުރެއްވުމަށް ކުރައްވާފައިވާ އަމުރުފުޅުތަކުގެ ދަށުން އޮތް މަނާއެކެވެ. މިއީ އިޢުތިކާފުގެ ޙުކުމުގެ އަޞްލުގައި އޮތް މަނައެއް ނޫނެވެ.

[2] ނަމަވެސް ޙަނަފީންގެ އަރިހުގައި ޖަމާޢަތް ޤާއިމުކުރެވޭ މިސްކިތުގައި އަންހެނާ އިޢުތިކާފުކުރުމަށް ވުރެ، އަންހެނާ އޭނާގެ ގޭގެ މުޞައްލާ (ގޭގައި ނަމާދު ކުރުމަށް ޚާއްޞަ ކުރެވޭ ތަން) ގައި އިޢުތިކާފު ކުރުން މޮޅުއިތުރުވެގެން ވެއެވެ.

 

މަޞްދަރު: ملخص فقه العبادات

 

މި ލިޔުމުގެ އެހެން ބައިތައް