[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މައްކީ އަދި މަދަނީ ސޫރަތްތައް – 1

ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ މައްޗަށް ކީރިތި ޤުރުއާން ބާވައިލެއްވުނީ ބައިބަޔަށް، 23 އަހަރުގެ މުއްދަތުގެ ތެރޭގައެވެ. މި މުއްދަތުގެ ގިނަ ދުވަސްތައް އެކަލޭގެފާނު ހޭދަކުރެއްވީ މައްކާގައެވެ. الله ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

﴿وَقُرْآنًا فَرَقْنَاهُ لِتَقْرَأَهُ عَلَى النَّاسِ عَلَىٰ مُكْثٍ وَنَزَّلْنَاهُ تَنزِيلًا﴾ [سُورَةُ الإِسرَاء: 106]

މާނައީ: “އަދި ކަލޭގެފާނު މީސްތަކުންނަށް (ވިސްނޭނެހެން) ލަސްލަހުން ކިޔަވައި ވިދާޅުވެދެއްވުމަށްޓަކައި، ވަކިވަކިކޮށް ތިމަން އިލާހު އެ ޤުރުއާން ބާވައިލެއްވީމެވެ. އަދި ތިމަން އިލާހު އެ ޤުރުއާން (އެކި ފަހަރުމަތިން) ބާވައިލެއްވީމެވެ.

އެހެންވެ ޢިލްމުވެރިން – الله ތަޢާލާ އެ ބޭކަލުންނަށް ރަޙުމަތް ލައްވާށިއެވެ! – ކީރިތި ޤުރުއާން ދެ ބަޔަކަށް ބައްސަވައެވެ. އެއީ މައްކީ ސޫރަތްތަކާއި އަދި މަދަނީ ސޫރަތްތަކެވެ.

ފަހެ މައްކީ ސޫރަތްތަކަކީ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ މައްޗަށް އެކަލޭގެފާނު މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ކުރިން ބާވައިލެއްވުނު ސޫރަތްތަކެވެ.

އަދި މަދަނީ ސޫރަތްތަކަކީ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ މައްޗަށް އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވުމަށް ފަހު ބާވައިލެއްވުނު ސޫރަތްތަކެވެ.

މާތް اللهގެ އަންނަނިވި އާޔަތަކީ މައްކާގައި ބާވައިލެއްވުނު އާޔަތެއް ނަމަވެސް، އެއީ މަދަނީ އާޔަތެއް ކަމުގައި ބުނަނީ އެހެންވެއެވެ.

﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا﴾ [سُورَةُ المَائِدَة: 3]

މާނައީ: “އަދި މިއަދު ތިމަންއިލާހު ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީން ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހު ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހުގެ ނިޢުމަތް ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމު ދީން އެއީ ތިޔަބައިމީހުންގެ ދީން ކަމުގައި ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.

މި އާޔަތް ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ މައްޗަށް ބާވައިލެއްވުނީ ޙައްޖަތުލް ވަދާޢުގައި އެކަލޭގެފާނު ޢަރަފާތުގައި ހުންނަވަނިކޮށެވެ. ޞަޙީޙުލް ބުޚާރީގައި[1] ޢުމަރު رَضِي اللهُ عَنْهُގެ ފަރާތްޕުޅުން ވާރިދުވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ މައްޗަށް މި އާޔަތް ބާވައިލެއްވުނު ދުވަހާއި ތަން ތިމަންބޭކަލުންނަށް އެނގިވަޑައިގަންނަވައެވެ. މި އާޔަތް ބާވައިލެއްވުނީ އެކަލޭގެފާނު ޢަރަފާތުގައި ހުންނަވަނިކޮށް ހުކުރު ދުވަހެއްގައެވެ.

ޝަރަޙަ

ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ މައްޗަށް ކީރިތި ޤުރުއާން ބާވައިލެއްވުނީ ބައިބަޔަށް، 23 އަހަރުގެ މުއްދަތުގެ ތެރޭގައެވެ. ޤުރުއާން ބާވައިލެއްވުން ފެއްޓެވުނުއިރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 40 އަހަރެވެ. އަދި އެކަލޭގެފާނު އަވަހާރަވީ އެކަލޭގެފާނުގެ ޢުމުރުފުޅުން 63 އަހަރުގައެވެ. ވުމާއެކު ކީރިތި ޤުރުއާން ބާވައިލެއްވުނު މުއްދަތަކީ 23 އަހަރެވެ. މި މުއްދަތުގެ ގިނަ ދުވަސްތައް އެކަލޭގެފާނު ހޭދަކުރެއްވީ މައްކާގައެވެ. އެއީ 13 އަހަރެވެ. ބަކީ 10 އަހަރު އެކަލޭގެފާނު ހޭދަކުރެއްވީ މަދީނާގައެވެ.

اللَّهُ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

﴿ وَقُرْآنًا فَرَقْنَاهُ ﴾ (މާނައީ: “އަދި ތިމަން އިލާހު އެ ޤުރުއާން ބައިބަޔަށް ލެއްވީމެވެ.”)

އޭގެ މުރާދަކީ ޤުރުއާން ވަކިވަކި ކުރައްވައި ބައިބަޔަށް ލެއްވީމެވެ.

އަދި ﴿ لِتَقْرَأَهُ عَلَى النَّاسِ عَلَىٰ مُكْثٍ ﴾ (މާނައީ: “މީސްތަކުންނަށް ލަސްލަހުން ކިޔަވައި ވިދާޅުވެދެއްވުމަށްޓަކައެވެ.”) ގެ މުރާދަކީ މީސްތަކުންނަށް ވިސްނޭނެގޮތަށް ލަސްލަހުން ބަޔަކަށް ފަހު ބައެއް ކިޔަވައި ދިނުމެވެ. އޭރުން އާޔަތްތަކަށް ޢަމަލުކުރުން ވެސް ވާނީ އެކީ އެކައްޗަކަށް ނޫނެވެ. އެހެންނަމަވެސް ހަރުފަތަކަށް ފަހު ހަރުފަތެކެވެ. އަދި ﴿ وَنَزَّلْنَاهُ تَنزِيلًا سُورَةُ ﴾  (މާނައީ: “އަދި ތިމަން އިލާހު އެ ޤުރުއާން އެކިފަހަރުމަތިން ބާވައިލެއްވީމެވެ.”) އާ މެދު ޢިލްމުވެރިން ވިދާޅުވެއެވެ. މީގެ މުރާދަކީ ތިމަން އިލާހު އެ ޤުރުއާނުގެ ބަޔަކަށް ފަހު ބައެއް ބާވައިލެއްވީމެވެ.

ކީރިތި ޤުރުއާން ދެ ބަޔަކަށް ބެހިގެން ވެއެވެ. އެއީ މައްކީ ސޫރަތްތަކާއި މަދަނީ ސޫރަތްތަކެވެ. ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ މިފަދައިންނެވެ. ކަނޑައެޅިގެން ވަކި ތަނެއްގައި ބާވައިލެއްވުނު އާޔަތްތައް އެބޭކަލުން އެކަމުގައި ވަކި ނުކުރައްވައެވެ. ސަބަބަކީ މިއީ ވަރަށް އުނދަގޫ ދަތި ކަމެކެވެ. އެހެނީ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ކުރެއްވި ދަތުރުފުޅުތަކުގައި ބާވައިލައްވާފައިވާ ވަރަށް ގިނަ އާޔަތްތައް ވެއެވެ. މީހުންނާއި ދުރު ހިސާބުތަކާއި މީހުން ދިރިއުޅޭ ރަށްތައް ހިމެނޭހެން ޤުރުއާން ބާވައިލެއްވުނު އެކި ތަންތަނަށް ބަލައިގެން ބަހާނަމަ، މިކަން ވަރަށް ދަތި އުނދަގޫ ކަމަކަށް ވީހެވެ.

އެހެންވެ ޢިލްމުވެރިން ކީރިތި ޤުރުއާން ބައްސަވާފައި ވަނީ ދެ ބަޔަކަށެވެ. އެއީ މައްކީ ސޫރަތްތަކާއި މަދަނީ ސޫރަތްތަކެވެ. މައްކީ ސޫރަތްތަކަކީ ހިޖުރައިގެ ކުރިން ބާވައިލެއްވުނު ކޮންމެ ސޫރަތެކެވެ. އަދި މަދަނީ ސޫރަތްތަކަކީ ހިޖުރައިގެ ފަހުން ބާވައިލެއްވުނު ކޮންމެ ސޫރަތެކެވެ. ކީރިތި ޤުރުއާން ބައި ކުރުމުގައި ޞައްޙަ އަދި ރާޖިޙު ގޮތަކީ މިއީއެވެ. މިކަމުގެ މައްޗަށް ބިނާކޮށް ދަންނަވަމެވެ.

﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ﴾  [سُورَةُ المَائِدَة: 3]

(މާނައީ: “އަދި މިއަދު ތިމަން އިލާހު ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީން ފުރިހަމަކޮށްދެއްވައިފީމެވެ.”) މި އާޔަތަކީ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޢަރަފާތުގައި ހުންނަވަނިކޮށް ބާވައިލެއްވުނު އާޔަތެއް ކަމުގައި ވިޔަސް މިއީ މަދަނީ އާޔަތްތަކުގެ ތެރެއިންވާ އާޔަތެކެވެ. މިކަމުގައި ރާޖިޙު ބަސްފުޅަކީ މިއީއެވެ.

މި އާޔަތުގައި މިވާ ﴿الْيَوْمَ﴾(މިއަދު)  ގެ އަލިފާއި ލާމަކީ އެ ދުވަހަށް ނިސްބަތްކޮށް އައިސްފައިވާ އެއްޗެކެވެ. އަދި ” ތިމަން އިލާހު ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީން ފުރިހަމަކޮށްދެއްވައިފީމެވެ.” ގެ މުރާދަކީ ދީނުގެ ކަންތައްތައް ފުރިހަމަ ގޮތުގައި ލައްވާފައިވާ ކަމެވެ.

اللَّهُ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

﴿وَأَتْمَمْتُ عَلَيْكُمْ نِعْمَتِي﴾ [سُورَةُ المَائِدَة: 3]

(މާނައީ: “އަދި ތިމަންއިލާހު ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހުގެ ނިޢުމަތް ފުރިހަމަކޮށްދެއްވައިފީމެވެ.”) މީގެ މުރާދަކީ އެއިލާހުގެ ނިޢުމަތްތައް ފުރިހަމަވެފައިވަނީ ދީން ފުރިހަމަކުރެއްވުމުންނެވެ.

އަދި ﴿ وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ﴾ (މާނައީ: “އަދި އިސްލާމު ދީން އެއީ ތިޔަބައިމީހުންގެ ދީން ކަމުގައި ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.”) މީގެ މުރާދަކީ އެހެން އެއްވެސް ދީނަކާ މެދު އެ އިލާހު ރުހިވޮޑިގެން ނުވެއެވެ. މީގެ ދަލީލަކީ އަންނަނިވި އާޔަތެވެ.

﴿ وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ ﴾ [سُورَةُ آل عِمرَان 85]

މާނައީ: “އަދި ދީނެއްގެ ގޮތުގައި އިސްލާމު ދީން ނޫން އެހެން ދީނެއް އެދިގެންފި މީހާ [ދަންނައެވެ!] ފަހެ އޭނާގެ ކިބައިން އެކަން ޤަބޫލު ނުވެވޭ ހުއްޓެވެ.”

މި ތަނުގައި ޛިކުރުކޮށްފައި މިވާ އާޔަތަކީ މަދަނީ އާޔަތްތަކުގެ ތެރެއިންވާ އާޔަތެކެވެ. އެއީ މި އާޔަތް ބާވައިލެއްވުނީ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙައްޖަތުލް ވަދާޢުގައި އެކަލޭގެފާނު ޢަރަފާތުގައި ހުންނަވަނިކޮށް ކަމުގައި ވިޔަސް މެއެވެ. ޞަޙީޙުލް ބުޚާރީގައި ޢުމަރު ބުން އަލްޚައްޠާބު رَضِي اللهُ عَنْهُގެ ފަރާތްޕުޅުން ގެންނަވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ މައްޗަށް މި އާޔަތް ބާވައިލެއްވުނު ދުވަހާއި ތަން ތިމަންބޭކަލުންނަށް އެނގިވަޑައިގަންނަވައެވެ. މި އާޔަތް ބާވައިލެއްވުނީ އެކަލޭގެފާނު ޢަރަފާތު ބިމުގައި ހުންނަވަނިކޮށް ހުކުރު ދުވަހުގައެވެ.”

މިތަނުގައި މިވަނީ ދެގޮތަކުން ޒަމާނުގެ މާތްކަން ޖަމާވެފައެވެ. އެ ދެ ގޮތަކީ ޢަރަފާތް ދުވަސްކަމުގައި ވުމާއި އަދި ހުކުރު ދުވަސްކަމުގައި ވުމެވެ.

އަދި ތަނުގެ މާތްކަން ވެސް މިވަނީ ޖަމާވެފައެވެ. އެހެނީ އަލްމަޝްޢަރުލް ޙަރާމަކީ ޢަރަފާތެވެ. މިފަދައިން ޢުމަރު رَضِي اللهُ عَنْهُ ވިދާޅުވެފައި މި ވަނީ ޔަހޫދީއެއްގެ ބަހަކަށް ރައްދު ދެއްވުމަށެވެ. އޭނާ ބުންޏެވެ. “ތިޔަބައިމީހުންގެ މައްޗަށް ބާވައިލައްވާފައިވާ އާޔަތެއް ވެއެވެ. އެ އާޔަތް ޔަހޫދީންގެ މައްޗަށް ބާވައިލެއްވުނު ނަމަ، އެ ދުވަހަކީ ޢީދު ދުވަހެއްގެ ގޮތުގައި އެބައިމީހުން ބެލީހެވެ.” …

 


މަޞްދަރު: شرح أصول في التفسير للشيخ محمد بن صالح العثيمين – رحمه الله 


 

[1] أخرجه البخاري: كتاب الإيمان، باب زيادة الإيمان ونقصانه، رقم (45)، ومسلم: كتاب التفسير، باب في تفسير آيات متفرقة، رقم (3015)