4- ބައިތުލްމާލުން އެކަލޭގެފާނުގެ ގާތް މީހުންނަށް ހޭދަކުރެއްވިކަމުގެ ތުހުމަތުކުރުން
ޢުޘްމާނުގެފާނާ ދެކޮޅުވެރިވީ މީހުން ދެއްކި އަނެއް ބަހަނާއަކީ އެކަލޭގެފާނުގެ މުދަލުން އެކަލޭގެފާނުގެ ގާތް މީހުންނަށް ބައިތުލްމާލުން ހޭދަކުރެއްވިކަމެވެ. ޢުޘްމާނުގެފާނަކީ މުދާ ގިނަ، މުއްސަނދި ބޭކަލެކެވެ. އެކަލޭގެފާނު ޚަލީފާކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިންވެސް އަދި ޚަލީފާކަމުގައި ހުންނެވިއިރުވެސް އެކަލޭގެފާނުގެ އަމިއްލަފުޅު މުދަލުން ނުހަނު ގިނައިން ހޭދަކުރެއްވިއެވެ. އެކަލޭގެފާނުގެ މުދަލުން ހޭދަކުރެއްވީ ހަމައެކަނި އެކަލޭގެފާނުގެ ގާތް މީހުންނަކަށް ނޫނެވެ. ނަމަވެސް އެނޫން ފަރާތްތަކަށް އަދި ޚާއްޞަކޮށް އެންމެހާ މުސްލިމުންގެ ކަންކަމުގައި ހޭދަކުރައްވާފައިވާ މިންވަރަކީވެސް ކުޑަ މިންވަރެއް ނޫނެވެ.
އެބައިމީހުންގެ އެ ތުހުމަތުތަކަށް ޖަވާބުދެއްވަމުން ޢުޘްމާނުގެފާނު ވިދާޅުވިއެވެ.
“އެބައިމީހުންނަށް (އެބަހީ: އެކަލޭގެފާނުގެ ގާތް މީހުންނަށް) ހޭދަކުރުމާމެދު ދަންނައެވެ. ފަހެ، ހަމަކަށަވަރުން އެބައިމީހުންނަށް ހޭދަކުރީ ތިމަންކަލޭގެފާނުގެ އަމިއްލަ މުދަލުންނެވެ. އަދި މުސްލިމުންގެ މުދާ ތިމަންކަލޭގެފާނުގެ ނަފްސުފުޅުގެ މައްޗަށް ހުއްދަ ނުކުރައްވަމެވެ. އަދި މީސްތަކުންގެ ތެރެއިން އެއްވެސް މީހެއްގެ މައްޗަށްވެސް ހުއްދައެއް ނުކުރައްވަމެވެ.” [1]
ޢުޘްމާނުގެފާނުގެ ކުރިން ޚަލީފާކަން ކުރެއްވި ދެ ބޭކަލުންކަމުގައިވާ އަބޫބަކުރުގެފާނާއި ޢުމަރުގެފާނު، އެ ދެ ބޭކަލުންގެ އަހުލުންނަށް ގިނަ މުދާތަކެއް ދޫނުކުރައްވައެވެ. އެ ދެ ބޭކަލުންނަށް ފަހު ޚަލީފާކަމަށް ޢުޘްމާނުގެފާނު ވަޑައިގެންނެވިއިރު، އެކަލޭގެފާނަކީ މުދާ ގިނަ، މުއްސަނދި ބޭކަލެކެވެ. އަދި އެހާމެ ދީލަތި ބޭކަލެއްވެސް މެއެވެ. ނަމަވެސް އެކަލޭގެފާނާ ދެކޮޅުވީ މީހުން، ޚަލީފާ އެކަލޭގެފާނުގެ ގާތް މީހުންނަށް ބައިތުލްމާލުން ހޭދަކުރައްވާކަމުގެ އަޑުތައް މީސްތަކުންގެ ތެރޭގައި ފެތުރީ އެކަލޭގެފާނު ބަދުނާމުކޮށް، އުންމަތުގެ ޢާންމުންގެ ހިތުގައި އެބައިމީހުންގެ ޚަލީފާއާ މެދުގައި ނަފްރަތު އުފެއްދުމަށެވެ. އަދި ކުރީގެ ދެ ޚަލީފާއިން ހޭދަކުރެއްވި ހޭދަކުރެއްވުމަށް ވުރެ، ޢުޘްމާނުގެފާނު ހޭދަކުރެއްވި މިންވަރު ގިނަކަން ފެނި މީސްތަކުން އެކަލޭގެފާނާ ދެކޮޅުވެރި ކުރުމަށެވެ.
ޙަޤީޤަތަކީ ޚަލީފާކަމުގެ ކުރީގައިވެސް އަދި ޚަލީފާކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހުގައިވެސް ޢުޘްމާނުގެފާނުގެ ދީލަތިކަމާއި ހެޔޮކަމުގެ ފައިދާ އެކަލޭގެފާނުގެ ގާތް މީހުންގެ އިތުރުން އެންމެހާ މުސްލިމުންނަށްވެސް ކުރިއެވެ. ހަމައެއާކު، ގާތްތިމާގެ މީހުންނަށް ކަމުގައި ވިޔަސް ނުވަތަ ޢުންމަތުގެ ޢާންމުންނަށް ކަމުގައި ވިޔަސް، ޢަދުލުވެރިކަމާއެކު އެބަޔަކަށް ޙައްޤުވާ އެއްޗެއް ދިނުމަކީ އިސްލާމީ ޝަރީޢަތް މަނާކުރާކަމެއް ނޫނެވެ. [2]
الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –
ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه –
[1] تاريخ الطبري (4 / 347).
[2] ބައްލަވާ: تحقيق مواقف الصحابة في الفتنة من روايات الإمام الطبري والمحدثين لمحمد آمحزون (1 / 430 – 431).