ތިންވަނަ ބައި: އިޢުތިކާފު ފަސާދަކުރަނިވި ކަންކަމާއި އިޢުތިކާފު ފަސާދަ ނުކުރާ ކަންކަން
ފުރަތަމައީ: ޢުޛުރަކާ ނުލައި މިސްކިތުން ބޭރަށް ނުކުތުން
އިޢުތިކާފަށް އިން މީހަކު، ޟަރޫރަތަކަށްޓަކައި ނޫން ގޮތަކަށް ނުވަތަ އޭނައަށް އަމުރުވެގެންވާ ނުވަތަ ސުންނަތްވެގެންވާ ހެޔޮކަމެއް ކުރުމަށް ނޫން ގޮތަކަށް، ބޭނުންމެއް ނެތް ގޮތަށް މިސްކިތުން ނުކުމެއްޖެނަމަ، އެ މީހެއްގެ އިޢުތިކާފު ބާޠިލު ވީއެވެ. މިކަމުގެ މައްޗަށް އިބްނު ޙަޒްމު އިޖުމާޢު ނަޤުލުކުރައްވާފައި ވެއެވެ.
ދެވަނައީ: ޢުޛުރަކާއެކު މިސްކިތުން ބޭރަށް ނުކުތުން
އިންސާނާ ޠަބީޢީ ގޮތުން ކޮންމެހެން ކުރާން ޖެހޭ ކަމެއް – މިސާލަކަށް ޤަޟާ ޙާޖަތަށް -، ނުވަތަ ޝަރުޢީ ގޮތުން ކޮންމެހެން ކުރަން ޖެހޭކަމެއް – މިސާލަކަށް ޙަދަޘުން އަރައިގަތުމަށް ވުޟޫކުރުންފަދަ ކަމަކަށް – މިސްކިތުން ނުކުތުން އިޢުތިކާފަށް އިންނަ މީހާއަށް ޖާއިޒުވެގެން ވެއެވެ. މިކަމުގެ މައްޗަށް އިބްނުލްމުންޛިރު، އަލްމާވަރުދީ، އިބްނު ޤުދާމާ އަދި އައްނަވަވީ އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.
ތިންވަނައީ: މީހާގެ ހަށިގަނޑުން ބައެއް މިސްކިތުން ބޭރު ކުރުން
އިޢުތިކާފަށް އިންނަ މީހާގެ ހަށިގަނޑުން ބައެއް މިސްކިތުން ބޭރު ކުރުމަކީ މައްސަލައެއް ނޫނެވެ. އޭގެ ސަބަބުން އިޢުތިކާފު ފަސާދައެއް ނުވާނެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.
ހަތަރުވަނައީ: ޖިމާޢުވުން
ޖިމާޢުވުމަކީ އިޢުތިކާފަށް އިންނަ މީހާއަށް ޙަރާމުކަމެކެވެ. އަދި އޭނާ ޖިމާޢުވެއްޖެނަމަ އޭނާގެ އިޢުތިކާފު ފަސާދަ ވާނެއެވެ. މިކަމުގެ މައްޗަށް އިބްނުލްމުންޛިރު، އަލްޖައްޞާޞް، އިބްނު ޙަޒްމު، އިބްނު ޢަބްދިލްބައްރު، އިބްނު ޤުދާމާ، އަލްޤުރުޠުބީ އަދި އައްނަވަވީ އިޖުމާޢު ނަޤުލުކުރައްވާފައި ވެއެވެ.
ފަސްވަނައީ: އިޙްތިލާމުވުން
އިޢުތިކާފަށް އިންނަ މީހާ އިޙްތިލާމުވުމަކުން އިޢުތިކާފު ފަސާދަ ނުވާނެއެވެ. އެފަދަ މީހާގެ މައްޗަށް އޮތީ ހިނައިގަނެ އިޢުތިކާފު ފުރިހަމަކުރުމެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.
ހަވަނައީ: ޝަހުވަތާއެކު ބީހުމާއި ބޮސްދިނުން
އަނބިމީހާ ގައިގައި ޝަހުވަތާ އެކުގައި ބީހުމާއި ބޮސްދިނުމަކީ އިޢުތިކާފަށް އިންނަ މީހާއަށް މަނާކަމެކެވެ. މިކަމުގެ މައްޗަށް އިބްނުލްމުންޛިރު. އަލްމާވަރުދީ، އިބްނު ޢަބްދިލްބައްރު، އިބްނު ކަޘީރު އަދި އައްޝައުކާނީ އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.
ހަތްވަނައީ: ޙައިޟުނިފާސްކަމުގެ ލޭ ފެނުން
ޙައިޟުނިފާސްގެ ލޭ ފެނުމާއެކު އިޢުތިކާފުގައި އިންނަ މީހާއަށް މިސްކިތުގައި މަޑުކުރުން ހުއްދަވެގެން ނުވެއެވެ. އެހެންކަމުން އޭގެ ސަބަބުން ވަގުތީ ގޮތުން އޭނާގެ އިޢުތިކާފު ކެނޑޭނެއެވެ. ނަމަވެސް ބާޠިލު ނުވާނެއެވެ. އެކަމުން އޭނާ ޠާހިރުވުމުން މިސްކިތަށް އެނބުރިއައިސް ކުރީގެ އިޢުތިކާފުގެ މައްޗަށް ބިނާކޮށް އިޢުތިކާފު ފުރިހަމަ ކުރާނީއެވެ. މިއީ ޖުމުހޫރު – މާލިކީ، ޝާފިޢީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ މަޛްހަބެވެ.
އަށްވަނައީ: ހޭވެރިކަން ފިލައިދިއުން ނުވަތަ މޮޔަވުން
ހޭވެރިކަން ފިލައިދިއުން ނުވަތަ މޮޔަވެއްޖެނަމަ، އޭނާގެ އިޢުތިކާފު މެދުކެނޑޭނެއެވެ. ހޭވެރިވުމާއެކު އޭނާގެ އިޢުތިކާފު އެ ހިސާބުން ފުރިހަމަކުރާނީއެވެ. މިއީ ޖުމުހޫރު – މާލިކީ، ޝާފިޢީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ މަޛްހަބެވެ.
ނުވަވަނައީ: މުރުތައްދުވުން
މީހާ ދީނުން ބޭރުވެ، މުރުތައްދުވުމާއެކު އޭނާގެ އިޢުތިކާފު ފަސާދަވެގެން ދާނެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.
ދިހަވަނައީ: ފާފަތަކުގެ ސަބަބުން އިޢުތިކާފު ފަސާދަވެގެން ނުދާނެ
ފާފަތަކުން ދުރުހެލިވުން އިޢުތިކާފަށް އިންނަ މީހާގެ މައްޗަށް ވާޖިބުވެގެން ވެއެވެ. ނަމަވެސް އޭނާ ފާފައަކަށް އަރައިގަތް ނަމަވެސް އޭނާގެ އިޢުތިކާފު ފަސާދައެއް ނުވާނެއެވެ. އެއީ އެ ފާފައަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެއްކަމުގައި ވިޔަސް މެއެވެ. މިސާލަކަށް ޣީބަބުނުން، ދެބައޮޑުވުންފަދަ ކަންކަމެވެ. މިއީ ޖުމުހޫރު – ޙަނަފީ، ޝާފިޢީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ މަޛްހަބެވެ. އަދި މިއީ މާލިކީ ބައެއް ދަންނަބޭކަލުންގެ ރައުޔުވެސް މެއެވެ.
މަޞްދަރު: ملخص فقه العبادات