ހަތަރުވަނަ ބައި: އިޢުތިކާފު ކުރުމަށް ނަދުރުބުނުގެ ޙުކުމު
ފުރަތަމައީ: އިޢުތިކާފުކުރުމަށް ނަދުރުބުނުން
(ނަދުރުބުނުމަކީ މަކްރޫހަކަމެއްކަމުގައި ވިޔަސް ހެޔޮކަމެއް ކުރުމަށް ނަދުރެއް ބުނެފިމީހަކު އެކަންކުރުން ލާޒިމުވާނެއެވެ. އެގޮތުން) އިޢުތިކާފު ކުރުމަށް ނަދުރެއް ބުނެއްޖެ މީހަކު އެ ނަދުރެއް ފުއްދުން ލާޒިމު ވާނެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.
ދެވަނައީ: ތިން މިސްކިތުން ކުރެ މިސްކިތެއްގައި އިޢުތިކާފުކުރުމަށް ބުނާ ނަދުރު
ތިން މިސްކިތް (އެއީ: މަސްޖިދުލްޙަރާމް، މަސްޖިދުއްނަބަވީ އަދި މަސްޖިދުލްއަޤްޞާ) ކުރެ މިސްކިތެއްގައި އިޢުތިކާފުގައި އިނުމަށް ނަދުރެއް ބުނެއްޖެ މީހާ، އޭނާ ބުނި ނަދުރެއް ފުއްދަން ވާނެއެވެ. މިއީ ޖުމުހޫރު – މާލިކީ، ޝާފިޢީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ މަޛްހަބެވެ.
ތިންވަނައީ: އިސްލާމުވުމުގެ ކުރިން އިޢުތިކާފަށް އިނުމަށް މީހަކު ބުނާ ނަދުރު
މީހަކު އިސްލާމުވުމުގެ ކުރިން އިޢުތިކާފުގައި އިނުމަށް ބުނެފައިވާ ނަދުރެއް، އެފަދަ މީހާ އިސްލާމުވުމަށް ފަހުގައިވެސް އަދާކުރުން ވާޖިބުވެގެން ވެއެވެ. މިއީ ޡާހިރީންގެ ރައުޔެވެ. އަދި އިމާމު އަޙްމަދުގެ އަރިހުން އައިސްފައިވާ އެއް ރިވާޔަތަކީ މިއެވެ. މި ރައުޔު އިބްނު ބައްޠާލާއި، އައްލަބަޣަވީއާއި، އައްޞަންޢާނީއާއި، އައްޝަންޤީޠީ އަދި އިބްނު ޢުޘައިމީނު އިޚްތިޔާރު ކުރެއްވިއެވެ.
ހަތަރުވަނައީ: އެއްދުވަހު އިޢުތިކާފަށް އިނުމަށް ނަދުރެއް ބުނާބުނުމުގެ ތެރޭގައި އެ ރޭ ހިމެނޭނެ ހެއްޔެވެ؟
އެއް ދުވަސް އިޢުތިކާފުގައި އިނުމަށް ނަދުރެއް ބުނެއްޖެ މީހާ، އެ އިޢުތިކާފުގައި އިންނަ ދުވަހުގެ ރެއަކީ އެއީ އެ ދުވަހުގެ ބައެއްގެ ގޮތުގައި ނުވާނެއެވެ. މިއީ ޖުމްހޫރު – ޙަނަފީ، ޝާފިޢީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ މަޛްހަބެވެ.
މަޞްދަރު: ملخص فقه العبادات