[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 129

ޞަޙީޙު އިބްނު ޙިއްބާނަށް ޢިލްމުވެރިން ދެއްވާފައިވާ އަހަންމިއްޔަތު:

 

ހިޖުރައިން 8 ވަނަ ޤަރުނުގެ ކުރިން ޞަޙީޙު އިބްނު ޙިއްބާނަށް ޚިދުމަތްކުރެއްވި ބޭކަލެއް އަޅުގަނޑަށް އެނގިފައެއް ނުވެއެވެ. އެކަމުގެ ސަބަބެއްކަމުގައި ބެލެވެނީ އެއީ އެ ފޮތުގެ ތަރުތީބު އުނދަގޫވުމުގެ ސަބަބުން، އެ ފޮތުން ޙަދީޘްތައް ހޯދުމަށް ދަތިވުމެވެ. ކުރީގެ ގިނަ ޢިލްމުވެރިންތަކެއް މި ފޮތް ދޫކޮށްލުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ އެއީއެވެ. والله تعالى أعلم.

 

  1. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިފޮތަށް އެންމެ ފުރަތަމަ ޚިދުމަތްކުރެއްވި ބޭކަލަކީ الأمير علاء الدين علي بن بلبان الفارسي (އަވަހާރަވީ ހިޖުރައިން 739 ހ) އެވެ. އެކަލޭގެފާނުވަނީ ފޮތްތަކަކާއި ބާބުތަކެއްގެ މައްޗަށް މި ފޮތް ތަރުތީބުކުރައްވާފައެވެ. އެއީ ކިޔަވާ ކުދިންނަށް މި ފޮތުން ފައިދާ ޙާޞިލުކުރަން ފަސޭޙަކުރެއްވުމަށެވެ. – ﷲ އެކަލޭގެފާނަށް ހެޔޮ ޖަޒާދެއްވާށިއެވެ. –
  2. الحافظ أبو يعلى سراج الدين عمر بن على بن الملقن (އަވަހާރަވީ ހިޖުރައިން 804 ހ)، އެކަލޭގެފާނުގެ ފޮތެއް ކަމުގައިވާ “إكمال تهذيب الكمال” ގައި ވަނީ އިބްނު ޙިއްބާން އެކަލޭގެފާނުގެ ޞަޙީޙުގައި ގެންނަވާފައިވާ ރާވީންގެ ވަނަވަރުތައް ހިމަނުއްވާފައެވެ. މިއްޒީގެ ފޮތަށް އެކަލޭގެފާނު ވަނީ 6 ފޮތެއްގައިވާ ރާވީން އިތުރުކުރައްވާފައެވެ. އޭގެ ތެރޭގައި ޞަޙީޙް އިބްނު ޙިއްބާނު ހިމެނެއެވެ. – މި 6 ފޮތުގެ ވާހަކަވާނީ އިބްނު ޚުޒައިމާގެ ޞަޙީޙުގެ ވާހަކަބަޔާންކުރިއިރު ބަޔާންކޮށްފައެވެ. –
  3. ދެ ޞަޙީޙުގައި (އެބަހީ: ޞަޙީޙުލް ބުޚާރީއާއި ޞަޙީޙު މުސްލިމް ގައި) ނުވާ ޙަދީޘްތަކުގެ ތެރެއިން އިބްނު ޙިއްބާނުގެ ޞަޙީޙުގައި އެކަލޭގެފާނު ގެންނަވާފައިވާ ޙަދީޘްތައް الحافظ أبو بكر نور الدين الهيثمي (އަވަހާރަވީ ހިޖުރައިން 807 ހ) ވަނީ އެއްކުރައްވާފައެވެ. އެ ފޮތަށް އެކަލޭގެފާނު ނަން ދެއްވާފައިވަނީ “موارد الظمآن إلى زوائد صحيح ابن حبان” މިފަދައިންނެވެ. އެ ފޮތް އެއީ ޗާޕުކޮށްފައިވާ ފޮތެކެވެ.
  4. الحافظ ابن حجر ވަނީ އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ “إتحاف المهرة بالفوائد المبتكرة من أطراف العشرة” ގައި އިބްނު ޙިއްބާނުގެ ޞަޙީޙު ހިމަނުއްވާފައެވެ. އެ ފޮތުގައި ވަނީ ޙަދީޘްތައް ހޯދުމަށް ފަސޭޙައަކަށް، ޙަދީޘްގެ ތަންތަންކޮޅު ބަޔާންކޮށް އެ ޙަދީޘް ގެންނެވި އެހެންބޭކަލުން ބަޔާންކުރައްވާފައެވެ. – އެވާހަކަވެސް ވާނީ އިބްނު ޚުޒައިމާގެ ޞަޙީޙާ މެދު ޢިލްމުވެރިން ބެހެއްޓެވި އަހަންމިއްޔަތުގެ ވާހަކަ ގެނެސްދިން އިރު ގެނެސްދީފައެވެ. –

 

 

_________________

= ނުނިމޭ =

 

އެހެނިހެން ބައިތައް