[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މައްކީ އަދި މަދަނީ ސޫރަތްތައް – 2

މައްކީ ސޫރަތްތައް އުސްލޫބުގެ ގޮތުންނާ އަދި މައުޟޫޢުގެ ގޮތުން މަދަނީ ސޫރަތްތަކާއި ތަފާތުވެގެން ވެއެވެ.

ހ. އުސްލޫބުގެ ގޮތުން ތަފާތުވެގެންވާ ބައެއް ކަންކަން ތިރީގައި މިވަނީއެވެ.

  1. މައްކީ ސޫރަތްތަކުގައި ޢާންމު ގޮތެއްގައި އުސްލޫބުގެ ގޮތުން ވަރުގަދަވެފައި މުޚާޠަބުކުރުމުގައިވެސް ހަރު ޢިބާރާތްތައް ހުންނާނެއެވެ. ސަބަބަކީ މައްކީ ދައުރުގައި މުޚާޠަބުވެގެންވި ގިނަ މީހުންނަކީ ޙައްޤަށް ފުރަގަސްދީ ބޮޑާވެގަތް ބައެކެވެ. މިބައިމީހުންނަށް މި ނޫން އުސްލޫބެއް ރަނގަޅެއް ނުވީހެވެ. މުއްދައްޘިރު އަދި ޤަމަރު ސޫރަތުން އެކަމުގެ މިޘާލު ލިބިގެންދާނެއެވެ.

މަދަނީ ސޫރަތްތަކާއި މެދު ދަންނައެވެ. މަދަނީ ސޫރަތްތަކުގައި ޢާންމުގޮތެއްގައި އުސްލޫބުގެ ގޮތުން މަޑުމައިތިރިވެފައި މުޚާޠަބު ކުރުމުގައި ލުއިވެފައި ފަސޭޙަވާނެއެވެ.  ސަބަބަކީ މަދަނީ ދައުރުގައި މުޚާޠަބުވެގެންވި މީހުންނަކީ ޙައްޤު ބަލައިގަތް، ކިޔަމަންތެރި ބައެކެވެ. މާއިދާ ސޫރަތުން އެކަމުގެ މިޘާލު ލިބިގެންދާނެއެވެ.

  1. މައްކީ ސޫރަތްތަކުގައި ޢާންމު ގޮތެއްގައި އާޔަތްތައް ކުރުވާނެއެވެ. އަދި ޙުތްޖަތް ޤާއިމުކޮށް ރައްދު ދިނުމުގައި ވަރުގަދަ ގޮތެއް ހުންނާނެއެވެ. އެއީ މައްކީ ދައުރުގައި މުޚާޠަބުވެގެންވި މީހުންނަކީ ޙައްޤާއި ދެކޮޅު، އިދިކީލި ބައެކެވެ. ވުމާއެކު އެބައިމީހުންނާ މުޚާޠަބުކުރައްވާފައިވަނީ އެބައިމީހުންނާ އެންމެ އެކަށީގެންވާ ގޮތަށެވެ. ޠޫރު ސޫރަތުން އެކަމުގެ މިޘާލު ލިބިގެންދާނެއެވެ.

މަދަނީ ސޫރަތްތަކާއި މެދު ދަންނައެވެ. މަދަނީ ސޫރަތްތަކުގެ އާޔަތްތައް ޢާންމު ގޮތެއްގައި ދިގުވާނެއެވެ. އަދި ޙުތްޖަތް ޤާއިމުރުމުގެ ބަދަލުގައި އެ އާޔަތްތަކުގައި ވަނީ ދީނުގެ ޙުކުމްތައް ބަޔާންކޮށްފައެވެ. އެހެނީ މަދަނީ ދައުރުގައި މުޚާޠަބުވެގެންވި މީހުންނާ އެންމެ އެކަށީގެންވި ގޮތަކީ އެއީއެވެ. ބަޤަރާ ސޫރަތުގެ ދަރަނީގެ އާޔަތުން އެކަމުގެ މިޘާލު ލިބިގެންދާނެއެވެ. [1]

 

ޝަރަޙަ

ކީރިތި ޤުރުއާނުގައިވާ މައްކީ ސޫރަތްތައް އުސްލޫބުގެ ގޮތުންނާ އަދި މައުޟޫޢުގެ ގޮތުން މަދަނީ ސޫރަތްތަކާ ތަފާތުވެގެން ވެއެވެ. އެހެނީ މީގެ ތެރެއިން ކޮންމެ ބާވަތަކަށްވެސް ޚާއްޞަވެގެންވާ ކަންތައްތަކެއް ވެއެވެ. މިގޮތުން ޢާންމު ގޮތެއްގައި ގިނަގިނައިން ޤުރުއާން ކިޔަވާ ތަކުރާރު ކުރާ މީހަކަށް ތާރީޚު ބަލައި ނުހެދިޔަސް މައްކީ އާޔަތްތަކާއި މަދަނީ އާޔަތްތައް ނުވަތަ މައްކީ ސޫރަތްތަކާއި މަދަނީ ސޫރަތްތައް ވަކިކުރަން އެނގޭނެއެވެ. ސަބަބަކީ މީހަކު ޤަވާޢިދުން ތަކުރާރުކޮށް ކަމެއްކުރާނަމަ ވަރަށް ގިނަ ފަހަރަށް އެކަން ދެނެގަނެވޭނެއެވެ.

މިހެންވެ ޙަދީޘް ޢިލްމުގެ ބޮޑެތި ޢިލްމުވެރިން ޙަދީޘެއްގެ ސަނަދު މުރާޖަޢާ ނުކޮށްވެސް، އެ ޙަދީޘަކީ މަޢުޟޫޢު ޙަދީޘެއް ނަމަ އެކަން ފާހަގަކޮށްފާނެއެވެ. އެއީ އޭގައި އައިސްފައިވާ އުސްލޫބާއި ވާހަކަތައްފަދަ ކަންކަމަށް ބަލާފައެވެ. އެހެންނަމަވެސް ޢިލްމުގައި މި މަޤާމަށް ދެވޭނީ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ ޙަދީޘްތައް ވަރަށް ގިނައިން ކިޔައި ތަކުރާރުކޮށް، މި ޢިލްމުގެ ތެރޭގައި އުޅެގެންނެވެ.

އެގޮތުން ބައެއް މީހުން ގިނަގިނައިން އެއް މުއައްލިފެއްގެ ފޮތްތައް ކިޔާނަމަ އެ މުއައްލިފެއްގެ ބަސްފުޅު އެހެންތަނަކުން ފެނުނަސް އެ ފާހަގަކުރަން އެނގޭނެއެވެ. މިސާލަކަށް ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާގެ ފޮތްތައް ގިނައިން ކިޔާ މީހަކަށް އެގޮތަށް އިބްނު ތައިމިއްޔާގެ ބަސްފުޅުތައް ފެނުމުން އެނގިދާނެއެވެ. އަދި އެކަލޭގެފާނަށް ނިސްބަތްކޮށް އެކަލޭގެފާނުގެ އުސްލޫބާ ނުގުޅޭ ވާހަކައެއް މީހަކު ގެނެއްސިނަމަ އެކަން އެނގިގެން ދެއެވެ.

ކީރިތި ޤުރުއާނުގެ މައްކީ އަދި މަދަނީ ސޫރަތް ވަކިކުރަން އެނގުމަށްޓަކައި ވަރަށް ގިނައިން ޤުރުއާން ކިޔަވައި ފިކުރުކުރަން ޖެހޭނެއެވެ.

 

ކީރިތި ޤުރުއާނުގެ މައްކީ އަދި މަދަނީ ސޫރަތްތައް ދެ ގޮތަކުން ތަފާތުވެގެން ވެއެވެ.

ފުރަތަމަ ގޮތަކީ: މައްކީ ސޫރަތްތަކުގައި ޢާންމު ގޮތެއްގައި އުސްލޫބުގެ ގޮތުން ވަރުގަދަވެފައި މުޚާޠަބު ކުރުމުގައި ހަރު ގޮތެއް ހުންނާނެއެވެ. އެހެނީ މައްކީ ދައުރުގައި މުޚާޠަބުވެގެންވި މީހުންނަކީ [ޙައްޤަށް ފުރަގަސްދީ] ބޮޑާވެގަތް ބައެކެވެ. ވުމާއެކު މިބައިމީހުންނަށް އެކަށީގެންވީ ގޮތަށް މުޚާޠަބުކުރެއްވީއެވެ. އަދި އެބައިމީހުންނަށް ޙާލަތަށް އެކަށީގެންވި ގޮތަކީ އެއީއެވެ.

މަދަނީ ސޫރަތްތަކާ މެދު ދަންނައެވެ. މަދަނީ ސޫރަތްތަކުގައި މުޚާޠަބުކުރުމުގައި ފަސޭހަ އަދި މަޑުމައިތިރިކަން ވެއެވެ.

މައްކީ ސޫރަތްތަކުގެ މިޘާލެއްގެ ގޮތުގައި މުއައްލިފު ގެންނަވާފައި މި ވަނީ މުއްދައްޘިރު އަދި ޤަމަރު ސޫރަތެވެ. ފަހެ މުއްދައްޘިރު ސޫރަތަކީ އުސްލޫބުގެ ގޮތުން ހަރު ގޮތެއް ހުންނަ ސޫރަތެކެވެ. އަންނަނިވި އާޔަތްތަކަށް ބަލައިލާށެވެ.

فَإِذَا نُقِرَ فِي النَّاقُورِ ‎﴿8﴾‏ فَذَٰلِكَ يَوْمَئِذٍ يَوْمٌ عَسِيرٌ ‎﴿9﴾‏ عَلَى الْكَافِرِينَ غَيْرُ يَسِيرٍ ‎﴿10﴾‏ ذَرْنِي وَمَنْ خَلَقْتُ وَحِيدًا ‎﴿11﴾‏ وَجَعَلْتُ لَهُ مَالًا مَّمْدُودًا ‎﴿12﴾‏ وَبَنِينَ شُهُودًا ‎﴿13﴾‏ وَمَهَّدتُّ لَهُ تَمْهِيدًا ‎﴿14﴾‏ ثُمَّ يَطْمَعُ أَنْ أَزِيدَ ‎﴿15﴾‏ كَلَّا ۖ إِنَّهُ كَانَ لِآيَاتِنَا عَنِيدًا ‎﴿16﴾‏ سَأُرْهِقُهُ صَعُودًا ‎﴿17﴾ إِنَّهُ فَكَّرَ وَقَدَّرَ ‎﴿18﴾‏ فَقُتِلَ كَيْفَ قَدَّرَ ‎﴿19﴾‏ ثُمَّ قُتِلَ كَيْفَ قَدَّرَ ‎﴿20﴾‏ ثُمَّ نَظَرَ ‎﴿21﴾‏ ثُمَّ عَبَسَ وَبَسَرَ ‎﴿22﴾‏ ثُمَّ أَدْبَرَ وَاسْتَكْبَرَ ‎﴿23﴾‏ فَقَالَ إِنْ هَٰذَا إِلَّا سِحْرٌ يُؤْثَرُ ‎﴿24﴾‏ إِنْ هَٰذَا إِلَّا قَوْلُ الْبَشَرِ ‎﴿25﴾ سَأُصْلِيهِ سَقَرَ ‎﴿26﴾‏ وَمَا أَدْرَاكَ مَا سَقَرُ ‎﴿27﴾‏ لَا تُبْقِي وَلَا تَذَرُ ‎﴿28﴾‏ لَوَّاحَةٌ لِّلْبَشَرِ ‎﴿29﴾‏ عَلَيْهَا تِسْعَةَ عَشَرَ ‎﴿30﴾‏ [سورة المدثر]

މާނައީ: “ފަހެ، ތާޅަފިލި ފުމެލައްވާ ހިނދެވެ. (8) ފަހެ، އެ ދުވަސް އެއީ އުނދަގޫވެގެންވާ ދުވަހެކެވެ. (9) ކާފިރުންގެ މައްޗަށް ފަސޭހަކަމެއް ނުވާ ދުވަހެކެވެ. (10) އެމީހަކު ޚަލްޤުކުރީ ޚުދު ތިމަން އިލާހެވެ. (އެހެންކަމުން) އެމީހާ ތިމަންއިލާހަށް ދޫކޮށްލައްވާށެވެ! (11) އަދި ގިނަވެގެންވާ މުދަލާއި ކައިރީގައި ތިބޭނެ ފިރިހެންދަރިން، ތިމަންއިލާހު އޭނާއަށް ދެއްވީމެވެ. (12–13) އަދި (ދުނިޔޭގެ ހުރިހާ ކަމެއް) ތަނަވަސްކޮށްދެއްވައި، އޭނާއަށް ފަސޭހަކޮށްދެއްވީމެވެ. (14) ދެންވެސް އޭނާ އެދެނީ، ތިމަންއިލާހު އޭނާއަށް އިތުރުކޮށްދެއްވުމަށެވެ. (15) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާވީ، ތިމަންއިލާހުގެ އާޔަތްތަކަށް ދެކޮޅުހަދާ މީހެއް ކަމުގައެވެ. (16) ނިކަންހުރެ ތިމަންއިލާހު، ގަދަފަދަވެގެންވާ ޢަޛާބަކަށް ކުރިމަތިލުމަށް އޭނާއަށް ޖައްސަވާހުށީމެވެ. (17) ހަމަކަށަވަރުން، އޭނާ ވިސްނައި ފިކުރުކޮށް ރޭވިއެވެ. (18) ފަހެ، އޭނާޔަށް ލަޢުނަތް ލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟ (19) ދެން އޭނާޔަށް ލަޢުނަތް ލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟ (20) ދެން އޭނާ ބަލައި ވިސްނިއެވެ. (21) ދެން އޭނާ މޫނު ކުނިކޮށްލިއެވެ. އަދި މޫނު ހެދިއެވެ. (22) ދެން އޭނާ ފުރަގަސްދިނެވެ. އަދި ބޮޑާވެގަތެވެ. (23) ފަހެ، އޭނާ ބުންޏެވެ. ސިޙުރުވެރިންގެ ކިބައިން އައިސްފައިވާ ވާހަކަތަކެއްކަމުގައި މެނުވީ މި ޤުރުއާން ނުވެއެވެ. (24) އާދަމުގެ ދަރިންގެ ބަސްކަމުގައި މެނުވީ މި ޤުރުއާން ނުވެއެވެ. (25) ނިކަންހުރެ ތިމަންއިލާހު އޭނާ ނަރަކައަށް ވައްދަވާހުށީމެވެ. (26) އެ ނަރަކައަކީ ކޮން އެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ (27) އެ ނަރަކަ [ނާންދާ] އެއްވެސް އެއްޗެއް ނުބަހައްޓައެވެ. އަދި ދޫކޮށެއް ވެސް ނުލައެވެ. (28) ގައިގެ ހަން އަންދައި ކަޅުކޮށްލައެވެ. (29) އެ ނަރަކައިގެ މައްޗަށް [އެ ނަރަކަ ބެލެހެއްޓެވުމަށް] ނަވާރަ މަލާއިކަތުންވެއެވެ. (30)”

މިއީ ބިރުވެރިކަމާއި އިންޛާރުގެ ގޮތުން ވަރުގަންދަވެގެންވާ އާޔަތްތަކެކެވެ. މިގޮތަށް ޤަމަރު ސޫރަތަށް ބަލައިލިނަމަވެސް އުސްލޫބުގެ ގޮތުން ވަރުގަދަވެގެންވާކަން ފެންނާނެއެވެ. ނޫޙު عَلَيهِ السَّلَامގެ ވާހަކަފުޅަށް ބަލައިލާށެވެ.

فَفَتَحْنَا أَبْوَابَ السَّمَاءِ بِمَاءٍ مُّنْهَمِرٍ ‎﴿11﴾‏ وَفَجَّرْنَا الْأَرْضَ عُيُونًا فَالْتَقَى الْمَاءُ عَلَىٰ أَمْرٍ قَدْ قُدِرَ ‎﴿12﴾ [سورة القمر]

މާނައީ: “ފަހެ، ބޯކޮށް އޮހިގަންނަ ފެނަކަށް ތިމަންއިލާހު އުޑުގެ ދޮރުތައް ހުޅުއްވެވީމެވެ. (11) އަދި ތިމަންއިލާހު ފެންއާރުތަކަކަށް ބިންގަނޑު ފެޅުއްވީމެވެ. ފަހެ، ނިޔާކުރައްވާފައިވާ ކަމެއްގެ މައްޗަށް އެ ފެން (އެބަހީ: އުޑުން އޮހުނު ފެނާއި ބިމުންއެރި ފެން) ބައްދަލުވިއެވެ. (12)”

މި މަތިވެރި ކަލިމަތަކަށް ވިސްނާލާށެވެ. “ބިމުގައި އާރުތައް ފަޅުއްވައިލެއްވީމެވެ.” މިފަދައިން ވަޙީނުކުރައްވައެވެ. އެހެނެއްކަމަކު، މުޅި ބިންގަނޑު ވެގެންދިޔައީ ފެންއަރާ އާރުތަކަކަށެވެ. އަލިފާން ރޯކުރާ އުނދުންތައް އެއީ ފެނާއި އެންމެ ދުރު ތަންތަން ކަމުގައި ވީނަމަވެސް، އެ އުނދުންތަކުން ވެސް ފެން އާރުތައް ފަޅައިގެން ދިޔައެވެ.

ޢާދުބާގައިގެ މީހުންގެ ވާހަކައިން ފެށިގެން އެންމެ ފަހު އުންމަތްތަކުގެ ތެރޭގައި ހިމެނޭ ފިރުޢައުނުގެ ޤައުމުގެ މީހުންގެ ވާހަކައާ ހަމައަށް ވަޙީކުރައްވާފައި ވެއެވެ.

إِنَّا أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي يَوْمِ نَحْسٍ مُّسْتَمِرٍّ ‎﴿19﴾‏ تَنزِعُ النَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍ مُّنقَعِرٍ ‎﴿20﴾ [سورة القمر]

މާނައީ: “ދެމިހުންނަނިވި ސުންޕާކަމުގެ ދުވަހެއްގައި ގަދައަޑާ ގަދަފިނީގެ ވަޔެއް ހަމަކަށަވަރުން، ތިމަންއިލާހު އެބައިމީހުންގެ މައްޗަށް ފޮނުއްވީމެވެ. (19) އެ ވައިރޯޅިއައިސް، މީސްތަކުން [ތިބިތަނުން] ލުހެލައެވެ. ވެއްޓިފައިވާ ކަދުރު ރުކުގެ ބުޑުތަކެއް ފަދައިން އެބައިމީހުން ވާކަހަލައެވެ. (20)”

أَكُفَّارُكُمْ خَيْرٌ مِّنْ أُولَٰئِكُمْ أَمْ لَكُم بَرَاءَةٌ فِي الزُّبُرِ ‎﴿43﴾‏ أَمْ يَقُولُونَ نَحْنُ جَمِيعٌ مُّنتَصِرٌ ‎﴿44﴾ [سورة القمر]

މާނައީ: “އެބައިމީހުންނަށް ވުރެ ތިޔަބައިމީހުންގެ ކާފިރުން، ހެޔޮކަން ބޮޑީ ހެއްޔެވެ؟ ނުވަތަ ބާވައިލެއްވި ފޮތްތަކުގައި ޢަޛާބުން މިންޖުވުމެއް، ތިޔަބައިމީހުންނަށްޓަކައި ވަނީ ހެއްޔެވެ؟ (43) ނުވަތަ ތިމަންމެން އެންމެންނީ، ނަޞްރުލިބިގެންވާ ބަޔެކޭ އެބައިމީހުން ބުނަނީ ހެއްޔެވެ؟ (44)”

އެބައިމީހުންގެ މި ބުނުމަށް ވާ ޖަވާބަކީ އަންނަނިވި އާޔަތްތަކެވެ.

سَيُهْزَمُ الْجَمْعُ وَيُوَلُّونَ الدُّبُرَ ‎﴿45﴾‏ بَلِ السَّاعَةُ مَوْعِدُهُمْ وَالسَّاعَةُ أَدْهَىٰ وَأَمَرُّ ‎﴿46﴾ [سورة القمر]

މާނައީ: “އަދި ކިއެއް ހެއްޔެވެ! އެބައިމީހުންނަށް [ޢަޛާބު ދެއްވުމަށް] ކަނޑައަޅުއްވާފައިވާ ވަޤުތަކީ، ޤިޔާމަތް ވުމުގެ ވަގުތެވެ. އަދި ޤިޔާމަތް ވުމުގެ ވަޤުތު [އެބައިމީހުންގެ މައްޗަށް] ދަތިކަން މާބޮޑެވެ. އަދި ހިތިކަން ވެސް މާބޮޑުމެއެވެ. (46)”

ދެން މުޖުރިމުން އެބައިމީހުންގެ މޫނުވަތަށް ބާއްވައި ނަރަކައިގައި ދަމަމުން ގެންދެވޭނެކަމުގައި ވަޙީކުރެއްވިއެވެ. އަދި އެބައިމީހުންނަށް ބުނެވޭނެއެވެ.

ذُوقُوا مَسَّ سَقَرَ [سورة القمر 48]

މާނައީ: “ތިޔަބައިމީހުން އެ ނަރަކައިގެ ގަދަ ހޫނުކަމާއި، ކެތް ނުކުރެވޭ ގަދަ ޢަޛާބުގެ ރަހަ ލިބިގަންނާށެވެ.”

މިފަދައިން މުޚާޠަބު ކުރައްވާފައި މިވަނީ ބޮޑާ އަދި ކިބުރުވެރި ބައެއް ކަމުންނެވެ. އެބައިމީހުންނަށް އެކަށީގެންވި އުސްލޫބަކީ މިއީއެވެ. އެއީ މުޝްރިކުންގެ ޙާލަތާ މުނާސަބުވެގެންވާ ގޮތެވެ. އެހެނީ އެބައިމީހުންނަކީ މުއުމިނުންނާ ދެކޮޅުވެރިވެ، ޢާލަމްތަކުގެ ވެރި ރައްބަށް ކިޔަމަންވުމަށް ބޮޑާވެގެންވާ ބައެކެވެ. ފަހެ ކޮންމެ މަޤާމަކަށް އެކަށީގެންވާ އުސްލޫބެއް ނުވަތަ ވާހަކައެއް ވެއެވެ. އެހެންވެ ތިބާ މީސްތަކުންނާއި ޢާންމުކޮށް ވާހަކަ ދައްކާއިރު ވާހަކަ ދައްކާނީ ރީތިކޮށް މަޑުމައިތިރިކަމާ އެކުއެވެ. އެއީ މަޤާމާއި ޙާލަތުގެ ގޮތުން އެކަށީގެންވާ ގޮތްކަމުގައި ވާތީއެވެ.

 

ކީރިތި ޤުރުއާނުގެ މައްކީ އަދި މަދަނީ ސޫރަތްތައް ތަފާތުވެގެންވާ ދެވަނަ ގޮތަކީ:

މައްކީ ސޫރަތްތަކުގައި ޢާންމުގޮތެއްގައި އާޔަތްތައް ކުރުވެފައި ޙުއްޖަތް ދެއްކުން ވަރުގަދަވާނެއެވެ. އެހެނީ އެއީ މައްކީ ދައުރުގައި މުޚާޠަބުވެގެންވި މީހުންނަކީ ޙައްޤާއި ދެކޮޅުވެ، ޖަދަލުކުރުން ބޮޑު ބައެކެވެ. ވުމާއެކު މިބައިމީހުންނާ އެންމެ އެކަށީގެންވާނެ ގޮތަކަށް މުޚާޠަބުކުރެއްވީއެވެ.

ވާޤިޢާ ސޫރަތް ކިޔަވާލާށެވެ.

أَأَنتُمْ تَخْلُقُونَهُ أَمْ نَحْنُ الْخَالِقُونَ ‎﴿59﴾‏ نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ ‎﴿60﴾‏ عَلَىٰ أَن نُّبَدِّلَ أَمْثَالَكُمْ وَنُنشِئَكُمْ فِي مَا لَا تَعْلَمُونَ ‎﴿61﴾‏ وَلَقَدْ عَلِمْتُمُ النَّشْأَةَ الْأُولَىٰ فَلَوْلَا تَذَكَّرُونَ ‎﴿62﴾‏ [سورة الواقعة]

މާނައީ: “އެތަކެތި ހެދީ ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ ޚަލްޤުކުރައްވާ ފަރާތަކީ ތިމަންއިލާހު ހެއްޔެވެ؟ (59) ތިޔަބައިމީހުންގެ މެދުގައި ތިމަންއިލާހު މަރު، މިންވަރުކުރެއްވީމެވެ. ތިޔަބައިމީހުންގެ ބަދަލުގައި ތިޔަބައިމީހުންފަދަ އެހެންބަޔަކު ގެންނެވުމަށާއި ތިޔަބައިމީހުން ނުދަންނަ ޞިފައެއްގައި ތިޔަބައިމީހުން އަލުން އުފެއްދެވުމަށް ނުކުޅެދިގެންވާ އިލާހަކު ކަމުގައި ތިމަންއިލާހު ނުވަމެވެ. (60–61) ހަމަކަށަވަރުން، ފުރަތަމަ އުފެއްދެވުން ތިޔަބައިމީހުންނަށް އެނގިފައި ވެއެވެ. ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީ ކީއްވެ ހެއްޔެވެ؟ (62)”

ޖުބައިރު ބުން މުޠުޢިމު رَضِيَ الله عَنْهُއަށް އަންނަނިވި އާޔަތް އަޑުއިވިވަޑައިގަތުމުން ވިދާޅުވިއެވެ. “(އާޔަތުގައި ޙުއްޖަތް ވަރުގަދަކަމުން) ތިމަންކަލޭގެފާނުގެ ހިތް އުދުހިގެން ދިޔަ ފަދައެވެ.”

أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ [سورة الطور 35]

މާނައީ: “އަދި ކިއެއް ހެއްޔެވެ! ހެއްދެވިފަރާތެއް ނެތި އެބައިމީހުން ހެދިގަތީ ހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތްތަކަކީ، އެބައިމީހުން ހެއްޔެވެ؟” …

ދެން މަދަނީ ސޫރަތްތަކާ މެދު ދަންނައެވެ. މަދަނީ ސޫރަތްތައް މީގެ އިދިކޮޅެވެ. އެހެނީ މަދަނީ ސޫރަތްތަކުގައި އާޔަތްތައް ޢާންމު ގޮތެއްގައި ދިގުވާނެއެވެ. އަދި ޙުއްޖަތް ޤާއިމުކުރެއްވުމުގެ ބަދަލުގައި ދީނުގެ ޙުކުމްތައް ބަޔާންކުރެއްވިއެވެ. އަދި މި އާޔަތްތަކުގައި އުސްލޫބު  ފަސޭހަވެފައި ލުއިވެގެން ވެއެވެ. މި އާޔަތްތަކުގައި މުޚާޠަބުވެގެން ވަނީ މުހާޖިރުންނާއެވެ. މުހާޖިރުންނަކީ ބޮޑާ އަދި ކިބުރުވެރި ބައެއް ނޫނެވެ. ނަމަވެސް އެބޭކަލުންނަކީ ކިޔަމަންވެރި ބައެކެވެ. ވުމާއެކު މި ބޭކަލުންނާ އެކަށީގެންވީ މި އުސްލޫބެވެ. މުހާޖިރުންނަކީ ކީރިތި ޤުރުއާން އީމާންވި އަދި އެ ފޮތުގައިވާ އެއްޗެއް އެންމެ ރަނގަޅަށް ޤަބޫލުކުރެއްވި ބޭކަލުންނެވެ.

ފަހެ ބަޤަރާ ސޫރަތުގެ ދަރަނީގެ އާޔަތަކީ ދިގު އަދި ފަސޭހަ އާޔަތެކެވެ. މި އާޔަތުގައި ޙުކުމްތަކެއް މެނުވީ ނުވެއެވެ. އެހެނީ އާޔަތުގައި މުޚާޠަބުވި މީހުންނަކީ ކިޔަމަންވެރި އަދި ޖަދަލު ނުކުރާ ބައެކެވެ.

ޙާލާތާ އެއްގޮތަށް ކީރިތި ޤުރުއާން ބާވައިލެއްވި މަތިވެރިވެގެންވާ اللهގެ ހުސްޠާހިރުވަންތަކަމާއެވެ! މިއީ ބަލާޣާތްތެރިކަމުގެ ކޮޅުނެތްކޮޅެވެ!

މީހަކު ސުވާލުކޮށްފާނެއެވެ. މައްކީ ސޫރަތެއްގައި މަދަނީ އާޔަތެއް ވެދާނެ ހެއްޔެވެ؟

މީގެ ޖަވާބަކީ: މިފަދައިންވުން އެކަށީގެން ވެއެވެ. އާޔަތްތައް ދިރާސާކޮށް ޞައްޙަ ސަނަދަކުން އެނގިއްޖެ ނަމަ ޤަބޫލު ކުރެވޭނެއެވެ. އެހެންނޫންނަމަ އަޞްލަކީ މައްކީ ސޫރަތެއްގައި ވާނީ ހުސް މައްކީ އާޔަތެވެ. އަދި މަދަނީ ސޫރަތެއްގައި ވާނީ ހުސް މަދަނީ އާޔަތެވެ. ޞައްޙަ ސަނަދަކުން ބަޔާންކޮށްފުމަށް ދާންދެން މިގޮތަށް ޛިކުރުކުރެވޭ އިސްތިޘްނާތަކަކީ ޤަބޫލުކުރެވޭ ކަންކަމެއް ނޫނެވެ.

 


މަޞްދަރު: شرح أصول في التفسير للشيخ محمد بن صالح العثيمين – رحمه الله 


 

[1] ދަރަނީގެ އާޔަތަކީ ބަޤަރާ ސޫރަތުގެ 282 ވަނަ އާޔަތެވެ. މި އާޔަތަށް ދަރަނީގެ އާޔަތުން ނަންދެއްވާފައިވަނީ މި އާޔަތުގައި ދަރަންޏާ ގުޅޭ ޙުކުމްތަކެއް ބަޔާންކޮށްފައި ވާތީއެވެ. އަދި މިއީ ކީރިތި ޤުރުއާނުގައިވާ އެންމެ ދިގު އާޔަތެވެ.