ފަސްވަނަ ބައި: އިޢުތިކާފު ޤަޟާކުރުން
ފުރަތަމައީ: މުސްތަޙައްބު އިޢުތިކާފެއް ޤަޟާކުރުން
ތަޠައްވުޢުކޮށް އިޢުތިކާފަކަށް ފަށައިގަންނަ މީހާ، އޭނާ އިޢުތިކާފަށް ފަށާ ފަހުން، އޭނާގެ އިޢުތިކާފު ދޫކޮށްލިނަމަ، އެ އިޢުތިކާފެއް އަލުން ގެނެސްގަތުން އޭނާގެ މައްޗަށް މުސްތަޙައްބުވެގެން ވެއެވެ. ނަމަވެސް އެއީ ލާޒިމުކަމެއް ނޫނެކެވެ. މިއީ ޝާފިޢީ އަދި ޙަންބަލީ މަޛްހަބެވެ. އަދި ޙަނަފީން ކުރެ ބައެއް ބޭބޭކަލުންގެ ރައުޔެވެ.
ދެވަނައީ: ނަދުރުގެ އިޢުތިކާފެއް ފާއިތުވުމުން ނުވަތަ ފަސާދަވުމުން ޤަޟާކުރުން
ނަދުރުގެ އިޢުތިކާފެއް ކަނޑައިފިނަމަ، ނުވަތަ ފާސިދުވާފަދަ ކަމެއް ކުރިނަމަ، އެ އިޢުތިކާފެއް އަލުން ގެނެސްގަތުން އެ މީހާގެ މައްޗަށް ވާޖިބުވެގެން ވެއެވެ. މިކަމުގެ މައްޗަށް އިބްނު ރުޝްދާއި އައްޒުރްޤާނީ އަދި އިބްނު ޤާސިމު އިޖުމާޢު ނަޤުލުކުރައްވާފައި ވެއެވެ.
ތިންވަނައީ: މައްޔިތާގެ މަތިން ވާޖިބު އިޢުތިކާފެއް ޤަޟާކުރުން
އިޢުތިކާފެއް ކުރުމަށް ނަދުރެއް ބުނެ، އެ ނަދުރު ނުފުއްދެނީސް ނިޔާވެއްޖެ މީހެއްގެ ކިބައިން އޭނާގެ ވަލީވެރީން އެ އިޢުތިކާފު އަދާކުރުން އެދެވިގެންވާކަމާމެދު ދަންނަބޭކަލުންގެ މެދުގައި ދެ ރައުޔެއް ވެއެވެ.
ފުރަތަމަ ރައުޔު: އެފަދަ މީހާގެ ވަލީވެރިންގެ މައްޗަށް އެ ނިޔާވީ މީހާގެ މަތިން އެ އިޢުތިކާފު ގެނެސްގަތުން މުސްތަޙައްބުވެގެން ނުވެއެވެ. ނަމަވެސް އޭނާ ވަޞިއްޔަތް ކޮށްފައިވާނަމަ، މިސްކީނުންނަށް ކާންދޭނީއެވެ. މިއީ ޖުމުހޫރު – ޙަނަފީ، މާލިކީ އަދި ޝާފިޢީ – ދަންނަބޭކަލުންގެ މަޛްހަބެވެ.
ދެވަނަ ރައުޔު: މައްޔިތާގެ ކިބައިން އެ އިޢުތިކާފު އަދާކުރުން ވަލީވެރިންގެ މައްޗަށް މުސްތަޙައްބުވެގެން ވެއެވެ. މިއީ ޙަންބަލީންގެ މަޛްހަބެވެ. އަދި މިއީ ޝާފިޢީގެފާނުގެ ކިބައިން އައިސްފައިވާ އެއް ރައުޔެވެ. މި ރައުޔު އިބްނު ޢުޘައިމީނު އިޚްތިޔާރު ކުރެއްވިއެވެ.
ހަވަނަ ބައި: ޒަމާނުގެ ގޮތުންނާއި މަކާނުގެ ގޮތުން އިޢުތިކާފުގެ ފަޟުލު އިތުރުވުން އަދި އެކަމާ ގުޅުންހުރި އެހެނިހެން މައްސަލަތައް
ފުރަތަމައީ: ޒަމާނުގެ ގޮތުން އެންމެ މޮޅު އިޢުތިކާފު
އިޢުތިކާފުކުރުން އެންމެ މޮޅު ވަގުތަކީ ރަމަޟާން މަހެވެ. އަދި އެންމެ މޮޅުއިތުރީ ރަމަޟާން މަހުގެ ފަހު ދިހައެކެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.
ދެވަނައީ: މަކާނުގެ ގޮތުން އެންމެ މޮޅު އިޢުތިކާފު
އިޢުތިކާފުކުރުން އެންމެ މޮޅުއިތުރުވެގެންވާ މިސްކިތްތަކަކީ؛ ފުރަތަމައަށް މަސްޖިދުލްޙަރާމެވެ. އެއަށްފަހު މަސްޖިދުއްނަބަވީއެވެ. އަދި އެއަށްފަހު މަސްޖިދުލްއަޤްޞާއެވެ. އޭގެ ފަހުގައި ހުކުރު ކުރެވޭ އެހެނިހެން މިސްކިތްތަކެވެ.
ތިންވަނައީ: އިޢުތިކާފަށް އިންނަ މީހާ އޭނާއަށް ޚާއްޞަ އަޅުކަންތަކުގައި މަޝްޣޫލުވުގެން އުޅުން
އިޢުތިކާފަށް އިންނަ މީހާއަށް މުސްތަޙައްބުވެގެންވަނީ އޭނާއަށް ޚާއްޞަ[1] ހެޔޮ ޢަމަލުތަކާއި ﷲއަށް ކުއްތަން ކުރަނިވި އަޅުކަންތަކުގައި މަޝްޣޫލު ވުމެވެ. އެއީ ޤުރުއާން ކިޔެވުމާއި ޒިކުރު ކުރުމާއި ނަހީ ވާރިދުވެފައިވާ ވަގުތުތައް ފިޔަވާ އެހެނިހެން ވަގުތުތަކުގައި ނަމާދުކުރުން ގިނަ ކުރުންފަދަ ހެޔޮ ޢަމަލުތަކެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.
ހަތަރުވަނައީ: އިޢުތިކާފަށް އިންނަ މީހާ މީސްތަކުންނާ ވާހަކަ ދެއްކުން މުޅިން ހުއްޓާލައިގެން އިނުމުގެ ޙުކުމު
ދީނީކަމެއްކަމުގައި ދެކި، ނުވަތަ ﷲއަށް ކުއްތަންވުމުގެ ނިޔަތުގައި މީސްތަކުންނާ ވާހަކަދެއްކުން މުޅިން ހުއްޓާލައި ހަނުހުރުމަކީ އިޢުތިކާފަށް އިންނަ މީހާގެ މައްޗަށް ޙަރާމްކަމެކެވެ. މިފަދައިން ޙަނަފީ އަދި ޙަންބަލީ ދަންނަބޭކަލުން ޞަރީޙަކޮށް ވިދާޅުވެފައި ވެއެވެ. ހަމަ އެހެންމެ އިބްނު ތައިމިއްޔާވަނީ މިކަމުގެ މައްޗަށް އިޖުމާޢު ގެންނަވާފައެވެ.
ފަސްވަނައީ: އިޢުތިކާފަށް އިންނަ މީހާ ކައިވެނީގެ ޢަޤުދުކޮށްދިނުން
މިސްކިތުގައި ކައިވެނީގެ ޢަޤުދުކޮށްދިނުން އިޢުތިކާފަށް އިންނަ މީހާއަށް ހުއްދަވެގެން ވެއެވެ. އެއީ އޭނާގެ އަމިއްލަ ނަފްސަށް ނުވަތަ އެހެން މީހަކަށް ކޮށްދޭ ކައިވެނީގެ ޢަޤުދެއްކަމުގައި ވިޔަސް މެއެވެ. މިކަމުގެ މައްޗަށް އައްޠަޙާވީއާއި އިބްނު ޢަބްދިލްބައްރު އަދި އައްނަވަވީ އިޖުމާޢު ނަޤުލުކުރައްވާފައި ވެއެވެ.
=ނިމުނީ=
[1] ކިޔަވައި ދިނުމާއި މުނާޡަރާ ކުރުމާއި ޙަދީޘް ލިޔުމާއި ޢިލްމުވެރީންނާއެކު މަޖިލިސްކުރުންފަދަ، އެ މީހާއަށް ޚާއްޞަވެގެން ނުވާ އަޅުކަންތަކުގައި މަޝްޣޫލުވުމަކީ މާލިކީ އަދި ޙަންބަލީ ބައެއް ދަންނަބޭކަލުން މަކުރޫހަކަމުގައި ދެކިލައްވާ ކަންތައްތަކެވެ.
މަޞްދަރު: ملخص فقه العبادات