[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މައްކީ އަދި މަދަނީ ސޫރަތްތައް – 3

މައުޟޫޢުގެ ގޮތުން ތަފާތުވެގެންވާ ބައެއް ކަންކަން ތިރީގައި މިވަނީއެވެ.

  1. މައްކީ ސޫރަތްތަކުގައި ޢާންމު ގޮތެއްގައި ހުންނާނީ ތައުޙީދާ (އެބަހީ މާތް الله އެއްކައުވަންތަކަމާ) އަދި ޞައްޙަ ޢަޤީދާ ބަޔާންކުރުމެވެ. ޚާއްޞަގޮތެއްގައި “ތައުޙީއްދުލް އުލޫހިއްޔާ” (އަޅުކަން ﷲ އަށް ޚާލިޞްކުރުމާ) އަދި އަލުން ދިރުއްވުމާ ގުޅޭ ކަންކަމެވެ. އެހެނީ މައްކީ ދައުރުގައި މުޚާޠަބުވެގެންވި މީހުންނަކީ މި ކަންކަމަށް އިންކާރުކުރި ބައެކެވެ.

މަދަނީ ސޫރަތްތަކާ މެދު ދަންނައެވެ. މަދަނީ ސޫރަތްތަކުގައި ޢާންމު ގޮތެއްގައި ހުންނާނީ އަޅުކަމާ އަދި މުޢާމަލާތްތައް ތަފްޞީލުކުރައްވާފައެވެ. އެހެނީ މަދަނީ ދައުރުގައި މުޚާޠަބުވެގެންވި މީހުންނަކީ އެބައިމީހުންގެ ނަފްސުތަކުގައި ތައުޙީދާއި ޞައްޙަ ޢަޤީދާ ޘާބިތުވެގެންވި ބައެކެވެ. އެބައިމީހުން ޙާޖަތްޖެހިގެންވީ އަޅުކަމާއި މުޢާމަލާތްތައް ތަފްޞީލުކޮށް ބަޔާންކޮށްދިނުމަށެވެ.

 

ޝަރަޙަ

މައްކީ ސޫރަތްތަކުގައި ޢާންމު ގޮތެއްގައި ހުންނާނީ ތައުޙީދާ އަދި ޞައްޙަ ޢަޤީދާ ބަޔާންކުރުމެވެ. ޚާއްޞަގޮތެއްގައި “ތައުޙީއްދުލް އުލޫހިއްޔާ” އަދި އަލުން ދިރުއްވުމާގުޅޭ ކަންކަމެވެ. އެހެނީ އޭރުގެ ގިނަ މީހުން މިކަމަށް އިންކާރު ކުރިއެވެ. އެބައިމީހުން ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَއަށް ބުންޏެވެ.

﴿أَجَعَلَ الْآلِهَةَ إِلَـٰهًا وَاحِدًا ۖ إِنَّ هَـٰذَا لَشَيْءٌ عُجَابٌ﴾ [سورة ص 5]

މާނައީ: “އެކަލޭގެފާނު ހުރިހާ އިލާހުންތަކެއް އެއް އިލާހަކަށް ހެއްދެވީ ހެއްޔެވެ؟ ހަމަކަށަވަރުން، މިއީ ނުހަނު ޢަޖާއިބުވާފަދަ ކަމެއްކަން ކަށަވަރެވެ.”

އަދި އަލުންދިރުއްވުމާއި ބެހޭގޮތުން އެބައިމީހުން ބުންޏެވެ.

﴿قَالُوا أَإِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ﴾ [سورة المؤمنون 82]

މާނައީ: “އެބައިމީހުން ބުންޏެވެ. ތިމަންމެން މަރުވެ، އަދި ވެއްޔާއި ކަށްޓަށްވުމުން، ހަމަކަށަވަރުން އަލުން ދިރުއްވޭނޭ ބަޔަކުކަމުގައި ތިމަންމެން ވާނޭ ހެއްޔެވެ؟”

އެބައިމީހުން މި ދެ ކަމަށްވެސް އިންކާރު ކުރިއެވެ. އެހެންވެ މައްކީ ދައުރުގެ އާޔަތްތައް ބާވައިލެއްވުނީ ޙާލަތާއި ގުޅޭނޭހެން މިކަންކަން ބަޔާންކުރެއްވުމަށެވެ.

ކީރިތި ޤުރުއާނުގައި އަލުންދިރުއްވުމުގެ ވާހަކަ ފައްޓަވާ އަދި ތަކުރާރު ކުރައްވާފައި ވެއެވެ. އެއީ އެބައިމީހުން އެކަން އިންކާރު ކުރާތީއެވެ. އެއްދުވަހަކު ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ އަރިއަށް މީހަކު ކަށިކޮޅެއް ހިފައިގެން އައިސް އެ ކަށިކޮޅު ފުނޑުފުނޑުކޮށްލާފައި ބުންޏެވެ. ކަށިތައް ފުނޑުފުނޑުވެ ދިއުމުން ދެން އަލުން ދިރުއްވާނީ ކާކު ހެއްޔެވެ؟ މާތް الله ވަޙީކުރެއްވިއެވެ.

﴿يُحْيِيهَا الَّذِي أَنشَأَهَا أَوَّلَ مَرَّةٍ﴾ [سورة يس 79]

މާނައީ: “އެ ކަށިތައް އަލުން ދިރުއްވާނީ، އެންމެ ފުރަތަމަ ފަހަރަށްވެސް އެ ކަށިތައް އުފެއްދެވި އިލާހެވެ.”

މިއީ މިކަމުގެ ފުރަތަމަ ދަލީލެވެ. (ދުނިޔަވީ ހަމަތަކުން ބަލާއިރުގައިވެސް) އެންމެ ފުރަތަމަ ފަހަރު، އަލަށް ކަމެއް ކުރާ މީހަކު ދެވަނަ ފަހަރަށް އެ ކަމެއް އިޢާދަކުރުމުގެ ކުޅަދާނަކަން އެމީހެއްގެ ކިބައިގައި ހުންނާނެއެވެ. އެއީ މާތް الله ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَهُوَ أَهْوَنُ عَلَيْهِ ۚ وَلَهُ الْمَثَلُ الْأَعْلَىٰ فِي السَّمَاوَاتِ وَالْأَرْضِ ۚ وَهُوَ الْعَزِيزُ الْحَكِيمُ﴾ [سورة الروم 27]

މާނައީ: “އަދި އެއިލާހީ [ނެތުމުގެ ތެރެއިން] ޚަލްޤުތަކުން އަލަށް އުފައްދަވައި ދެން އަލުން އެ އިޢާދަކުރައްވާ އިލާހެވެ. އެކަމަކީ، އެއިލާހަށް ލުއިފަސޭހަ ކަމެކެވެ. އުޑުތަކާއި ބިމުގައި އެންމެ ފުރިހަމަ މިޘާލުވަނީ އެއިލާހަށެވެ. އަދި އެއިލާހީ، ޢަޒީޒުވަންތަ، ޙަކީމުވަންތަ އިލާހެވެ.”

މިއީ މިކަމުގެ ދެވަނަ ދަލީލެވެ. …

ކޮންމެއަކަސް، މިކަމުގައި ފާހަގަކޮށްލަން ޖެހޭ މުހިންމު ނުކުތާއަކީ މައްކާގައި ބާވައިލެއްވުނު އާޔަތްތަކުގައި ޙުއްޖަތް ޤާއިމުކުރުމާއި ޖަދަލުކުރުމުގައި ޚާއްޞަގޮތެއް ހުރުމެވެ. އެހެން ނަމަވެސް މިއާ ޚިލާފަށް މަދީނާގައި ބާވައިލެއްވުނު އާޔަތްތަކުގައި ވަނީ އަޅުކަންތަކާއި މުޢާމަލާތްތަކާއި މަޖިލިސްތަކުގެ އަދަބުތަކާއި ގެތަކަށް ވަނުމުގެ އަދަބުތަކާ އަދި މިފަދަ އެހެނިހެން ކަންތައްތަކުގެ ތަފްޞީލެވެ. އެއީ މީސްތަކުންގެ ހިތްތަކުގައި ތައުޙީދާއި ޞައްޙަ ޢަޤީދާ ޘާބިތުވެފައިވާތީ، ދެން އެބައިމީހުންނަށް ބަޔާންކޮށްދިނުން އެކަށީގެންވާ ކަމަކީ އަޅުކަމާއި މުޢާމަލާތްތަކުގެ ތަފްޞީލެވެ.

  1. މީގެ އިތުރުން މަދަނީ ދައުރުގައި ޖިހާދުކުރުން ބަޔާންކުރުމާއި އެކަމުގެ ޙުކުމްތަކާ އަދި މުނާފިޤުންގެ ކަންކަން ބަޔާންކުރުން ހިމެނެއެވެ. އެއީ އެކަމަށް ޙާޖަތްޖެހިގެން ވީތީއެވެ. ފަހެ މައްކީ ދައުރާ ޚިލާފަށް މަދަނީ ދައުރުގައި ޖިހާދުކުރުން ޝަރުޢުކުރެވި އަދި ނިފާޤުކަން ފާޅުވެގެން ދިޔައެވެ.

 

ޝަރަޙަ

އޭރުގައި މައްކާގެ އަހުލުންނަށް މިކަންކަން ޙާޖަތްޖެހިގެން ނުވެއެވެ. އެހެނީ އެބައިމީހުންނަށް ޖިހާދުކުރުމަށް އަމުރު ވެވިގެން ނުވެއެވެ. އެއީ އެބޭކަލުންނަށް އޭރު އެކަމުގެ ކުޅަދާނަކަން ލިބިފައި ނުވާތީއެވެ. އެހެންނަމަވެސް މަދީނާގައި ޖިހާދުކުރުމަށް އަމުރު ވެވުނެވެ. އެއީ އެބޭކަލުންނަށް އެކަމުގެ ކުޅަދާނަކަން ލިބުމުންނެވެ. އެހެންވެ މައްކީ ސޫރަތްތަކާއި ޚިލާފަށް މަދަނީ އާޔަތްތަކުގައި ޖިހާދުކުރުމަށް ބާރުއެޅުމާއި އަދި ޖިހާދުގެ ޙުކުމްތައް ވަރަށް ގިނައިން ހުންނާނެއެވެ.

އޭގެ އިތުރުން މުނާފިޤުންގެ ވާހަކަތައް ބަޔާންކުރުންވެސް ވެއެވެ. މައްކީ އާޔަތެއްގައި މުނާފިޤުންގެ ވާހަކައެއް އައުމަކީ ދުރުކަމެކެވެ. ޢަންކަބޫތު ސޫރަތުގެ އަންނަނިވި އާޔަތްފަދަ އާޔަތެއްގައި މެނުވީއެވެ. ޢަންކަބޫތު ސޫރަތަކީ މައްކީ ސޫރަތެކެވެ.

﴿وَلَيَعْلَمَنَّ اللَّهُ الَّذِينَ آمَنُوا وَلَيَعْلَمَنَّ الْمُنَافِقِينَ﴾ [سورة العنكبوت 11]

މާނައީ: “އަދި ހަމަކަށަވަރުން، اللَّه، އީމާންވި މީހުން ދެނެވޮޑިގެންނެވުމަށެވެ. އަދި ހަމަކަށަވަރުން އެ އިލާހު މުނާފިޤުންވެސް ދެނެވޮޑިގެންނެވުމަށަވެ.”

މުނާފިޤުންގެ ވާހަކައާއި އެބައިމީހުންގެ ކަންކަން ޢާންމު ގޮތެއްގައި މަދަނީ ސޫރަތެއްގައި މެނުވީ ނުފެންނާނެއެވެ. މީގެ ސަބަބަކީ މަދީނާގައި މެނުވީ ނިފާޤުކަން ފާޅުވެގެން ނުދެއެވެ. އެއީ ބަދުރު ހަނގުރާމާގައި މުސްލިމުންނަށް ނަޞްރު ލިބި، މުނާފިޤުން ނިކަމެތިވެގެން ދިޔަ ހިސާބުންނެވެ. އެހެންވެ އެބައިމީހުން މުނާފިޤުވެ، މުއުމިނުން ކަމުގައި ހެދިގެން އުޅުނެވެ.

﴿وَإِذَا لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا وَإِذَا خَلَوْا إِلَىٰ شَيَاطِينِهِمْ قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ﴾ [سورة البقرة 14]

މާނައީ: “އަދި އީމާންވި މީހުންނާ އެބައިމީހުން ބައްދަލުވެއްޖެ ނަމަ، އެބައިމީހުން ބުނެއުޅެނީ، ތިމަންމެން މިތިބީ އީމާންވެގެންނެވެ. އެބައިމީހުން ޝައިޠާނުންނާ (އެބަހީ: ދެކޮޅުވެރިކަމާއި ކުފުރުވެރިކަމުގައި އެބައިމީހުންގެ ތެރެއިން ކުރިޔަށް ތިބިމީހުންނާ) އެއްތަންވެއްޖެނަމަ، އެބައިމީހުން ބުނެއުޅެނީ، ތިމަންމެންވަނީ ކަށަވަރުންވެސް ތިޔަބައިމީހުންނާ އެކުގައެވެ. ހަމަކަށަވަރުން ތިމަންމެންނީ ފުރައްސާރަކުރާ ބަޔަކީމެވެ.”

 


މަޞްދަރު: شرح أصول في التفسير للشيخ محمد بن صالح العثيمين – رحمه الله