[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަލަސްޠީނުގެ ތާރީޚް – 19

1995 ވަނަ އަހަރު އޮސްލޯގެ ދެވަނަ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، 2000 ވަނަ އަހަރު ދެވަނަ އިންތިފާޟާ ފެށުމާ ހަމައަށް އައި އިރު ފަލަސްޠީނުގެ ވެރިކަންކުރާ ޕީއެލްއޯއާއި އިޒްރޭލުގެ ސަރުކާރާ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން ތިން އެއްބަސްވުމެއް ފާހަގަކޮށްލެވެއެވެ. އެއީ:

 

  1. އަލްޚަލީލުގެ އެއްބަސްވުން (Protocol Concerning the Redeployment in Hebron / Hebron Protocol / Hebron Agreement)

ފަލަސްޠީނުގެ ވެރިކަންކުރާ ޕީއެލްއޯ އިން ކޮންމެ ފަހަރަކު ހަތިޔާރު ބަހައްޓާ ޞުލްޙައިގެ މޭޒުދޮށަށް ދިޔަޔަސް އިޒްރޭލުން ތިބީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އެއްބަސްވުންތަކުގައި އިޒްރޭލުގެ ސަރުކާރުގެ މައްޗަށް ލާޒިމުކުރާ ކަންތައްތައް ފުރިހަމަވާ ތަނެއް ނުފެނެއެވެ. އިޒްރޭލުގެ ސިފައިން ފަހަތަށް ޖެހުމަށް އެއްބަސްވުންތަކުގައި ލިޔެފައި އޮތަސް، އެބައިމީހުން އެކަމެއް ނުކުރެއެވެ. އޭގެ ބަދަލުގައި އިތުރު ބިންތައް ފޭރިގަނެއެވެ. ފަލަސްޠީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރުން ހުއްޓާލަން ލިޔެފައި އޮތަސް، އެކަންވެސް ނުކުރެއެވެ.

ޞުލްޙައިގެ އެއްބަސްވުންތަކުގައިވާ އެންމެހާ ކަންކަމަށް ޢަމަލީ ޞިފައެއް ނުގެނެވި ދިގުލައިގެން ދިއުމުން އެފަދަ އެއްބަސްވުންތަކާމެދު ފަލަސްޠީނުގެ އަހުލުވެރިންގެ ހިތުގައި ކުރިއްސުރެ އޮތް ނުތަވަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. ޚާއްޞަކޮށް އަލްޚަލީލުން އިޒްރޭލުގެ ސިފައިން ނުފައިބާ ލަސްވަމުން ދިއުމުން އެ ރަށުގެ އަހުލުވެރިން ތިބީ މާޔޫސްކަންމަތީގައެވެ. އެއީ އިބްރާހީމީ މިސްކިތުގައި ހިންގި ޤަތުލުޢާންމާއި އެކަމާ ގުޅިގެން ހިނގައިދިޔަ ހަމަނުޖެހުންތަކާ އަދި ޔަހޫދީންގެ ފިއްތުންތައްތަކާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން އަނެއްކާވެސް ފަލަސްޠީނުގެ އަހުލުވެރިންނާއި ޔަހޫދީންނާ ދެމެދު ކުރިމަތިލުންތަކެއް ފެށިދާނެކަމުގެ ބިރު އޮތުމުން އެމެރިކާއިން އިސްނަގައިގެން އަނެއްކާވެސް އެހެން އެއްބަސްވުމެއްގައި ސޮއިކުރުވިއެވެ. މި އެއްބަސްވުން މަޝްހޫރުވެފައިވަނީ އަލްޚަލީލުގެ އެއްބަސްވުމުގެ (Hebron Protocol / Hebron Agreement) ނަމުންނެވެ. މި އެއްބަސްވުމުގައި ސޮއިކުރީ 1997 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ޤުދުސްގައެވެ.

މި އެއްބަސްވުމުގައި ވަނީ އަލްޚަލީލު (Hebron) ދެ ބަޔަކަށް ބަހާފައެވެ. އެ ރަށުގެ 80 ޕަސެންޓު (H-1) ދީފައިވަނީ ފަލަސްޠީނުގެ ސަރުކާރަށެވެ. އަދި ބާކީ ބައި (H-2) ވަނީ އިޒްރޭލުގެ ސަރުކާރުގެ ފުރިހަމަ ބާރު އޮތް ތަނެއްގެ ގޮތުގައި ޔަހޫދީންނަށް ދީފައެވެ. ޔަހޫދީންނަށް ފުރިހަމަ ބާރު ދިން ސަރަހައްދުގެ ތެރޭގައި އަލްޚަލީލުގެ ޤަދީމީ އަވަށާއި އެ ރަށުގެ ވިޔަފާރީގެ މައި މަރުކަޒު ހިމެނެއެވެ. އޭރު އެ ސަރަހައްދުގައި ޔަހޫދީން ވަޒަންވެރިންގެ 450 އަށްވުރެ ގިނަ މީހުންނާއި ފަލަސްޠީނުގެ 20000 އަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުން ދިޔައެވެ.

 

 

މީގެ އިތުރުން ދެ ފަރާތުން އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރޭގައި:

– އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިތިބި ފަލަސްޠީނުގެ އަސީރުން މިނިވަންކުރުން

– ފަލަސްޠީނުގެ ސަރުކާރުގެ ދަށުގައިވާ ސަރަހައްދުން އިޒްރޭލުގެ ސިފައިން ފޭބުން

– ޣައްޒާގައި ބަނދަރަކާއި އެއާޕޯޓެއް ތަރައްޤީކޮށް ހުޅުވުން

– ހުޅަނގު އައްސޭރިއާއި ޣައްޒާއާ ދެމެދު ފަސޭހަކަމާއި އަމާންކަމާއެކު ދަތުރުކުރެވޭނެ މަގެއް ހެދުން

ކުރީގެ އެއްބަސްވުންތަކެކޭ އެއްގޮތަށް މި އެއްބަސްވުމުގައިވެސް ޚާއްޞަ ކަމެއް ދީފައިވަނީ ފަލަސްޠީނު ސަރުކާރުން ކުރަންޖެހޭ ކަންކަމާއި ނުކުރަންޖެހޭ ކަންކަމަށެވެ. އަދި ފަލަސްޠީނު ފުލުހުންގެ ޢަދަދާއި އެމީހުން ބޭނުންކުރާނެ އުޅަނދާއި ހަތިޔާރުގެ ޢަދަދުވެސް ކަނޑައަޅާ ބަޔާންކޮށްފައި ވެއެވެ. އެގޮތުން ފަލަސްޠީނުގެ ސަރަހައްދު (H-1)ގައި ބައިތިއްބޭނެ ކަމަށް އެއްބަސްވުމުގައި އޮތީ 400 ފުލުހުންނެވެ. އަދި އެބައިމީހުން ބޭނުންކުރަން ހުއްދަދީފައިވަނީ 20 އުޅަނދެވެ. އަދި ހަތިޔާރުގެ ގޮތުގައި އެބައިމީހުންނަށް ގެންގުޅެވޭނީ 200 ފިސްތޯލައާއި 100 ރައިފަލެވެ. އިޒްރޭލަށް އަލްޚަލީލުގެ އެންމެ 20 ޕަސެންޓު ދީފައިވާއިރު، އެބައިމީހުން ބޭނުން ޢަދަދަކަށް ސިފައިންނާއި ފުލުހުން އެ ތަނުގައި ބޭތިއްބެއެވެ. އަދި އެބައިމީހުން ބޭނުން ޢަދަދަކަށް ހަތިޔާރުވެސް ގެންގުޅެވެއެވެ. މިއިން އެނގި ހާމަވެގެންދަނީ ޔަހޫދީންނާއި އެބައިމީހުންނަށް ވާގިވެރިވާ މީހުންގެ މަކަރުވެރިކަމާއި ޢަދުލުއިންސާފެއް ނެތްކަމާއި އަނިޔާވެރިކަމެވެ.

މި ހުރިހާ ކަމެއް މިހެން ހުރިއިރުގައިވެސް، ޔަހޫދީން ޢާންމުކޮށްވެސް ކަންތައްކުރާ ގޮތަށް، އެބައިމީހުންވަނީ މި އެއްބަސްވުމުގެ ޢަހުދު އުވާލާފައެވެ. އެބައިމީހުން އެއްބަސްވި ގިނަ ކަންކަމުގައި އެއްބަސްވި ގޮތަށް ޢަމަލުކޮށްފައެއް ނުވެއެވެ. މި އެއްބަސްވުމަށް 6 މަސް ނުވަނީސް އޭރުގެ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ (Benjamin Netanyahu) ބޭނުންވާ ކަންކަން ހިމަނާއިގެން  “Allon-Plus Plan”  ގެ ނަމުގައި އިޒްރޭލުގެ ޤާނޫނު ހަދާ މަޖުލީހަށް އޭނާ އެކުލަވާލާފައިވާ ޕްލޭން ހުށަހެޅިއެވެ. އޭގައިވަނީ އަލްޤުދުސް އަލްކުބްރާ (Greater Jerusalem) އާއި އުރުދުން ވާދީ (Jordan Valley) އާއި 1967 ގެ ބޯޑަރުގެ އިރުން ބަޔަކާއި ޤުދުސްގެ ދެކުނާއި އިރުމަތިން ބައިތަކަކާއި އެ ތަނުގެ ވަށައިގެންވާ މުހިންމު މަގުތަކާއި ފެން ލިބޭ ތަންތަން އިޒްރޭލުގެ ބާރުގެ ދަށަށް ގެންދިއުމަށެވެ. އޭރުން ފަލަސްޠީނުގެ އަހުލުވެރިން ތިބޭނީ އެ ބިމުގެ އެކި ސަރަހައްދުތަކުގައި ވިއްސިވިހާލިވެފައެވެ. އެފަދައިން ދިމަދިމާލުގައި ތިބި ބައެއްގެ މެދުގައި ސަރުކާރެއް ޤާއިމުކޮށް ވެރިކަންކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.

ފަލަސްޠީނުގެ އަހުލުވެރިން އަމިއްލަ ވަޒަނުގެ ދިފާޢުގައި ޖާނާ މާލުން ޤުރުބާންވާތާ އެތައް އަހަރެއް ވެއްޖެއެވެ. އެހެންކަމުން މި ޚަބަރުން ފަލަސްޠީނުގެ އަހުލުވެރިންގެ ލޭ ހޫނުވެގެން ދިޔައެވެ. އަދި ޤުދުސްގައި ވަޒަންވެރިވެގެން ތިބި ޔަހޫދީންނަށް އަމާޒުކޮށް ޖާނުން ފިދާވެގެން ހަމަލާތައް ދޭން ފެށިއެވެ. އެއާއެކުގައި، ޔަހޫދީ ދައުލަތުން އެކަން އުޒުރަކަށް ދައްކާ ފަލަސްޠީނާއެކު ޞުލްޙައިގެ ވާހަކަ ނުދެއްކޭނެކަމުގައި ބުންޏެވެ.

ދެން 1997 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު، ނަތަންޔާހޫގެ އަމުރަށް އިޒްރޭލުގެ ޖާސޫސީ އިދާރާއިން، ޙަމާސް ޖަމާޢަތުގެ ވެރިއަކަށް އޭރު ހުރި ޚާލިދު މިޝްޢަލް ޤަތުލުކޮށްލުމަށް ހަމަލާއެއް ދިނެވެ. ނަމަވެސް މި ހަމަލާ ކާމިޔާބެއް ނުވިއެވެ. އޭރު ޚާލިދު މިޝްޢަލް ދިރިއުޅެމުން ދިޔައީ އުރުދުންގެ ވެރިރަށް، ޢަންމާނުގައެވެ. މިކަމުގެ ސަބަބުން އަނެއްކާވެސް މަސްރަޙު ކިލަނބުވިއެވެ. [1]

 އިޒްރޭލުން ބޭނުންވީ ފަލަސްޠީނަކީ އެއްވެސް ހަތިޔާރެއް ނުގެންގުޅޭ ތަނަކަށް ހެދުމަށެވެ. އަދި އެބައިމީހުންނަކީ އެއްވެސް އާރެއްބާރެއް ނެތް، އިޒްރޭލު ސަރުކާރަށް ބަރޯސާވެގެން ތިބޭ ބަޔަކަށް ހެދުމަށެވެ. އެހެނަސް ފަލަސްޠީނުގެ އަހުލުވެރިން ތިބީ މަސްޖިދުލް އަޤްޞާއާއި ފަލަސްޠީނުގެ ދިފާޢުގައި ކޮންމެފަދަ ޤުރުބާނީއެއްވެސް ވާން ތައްޔާރަށެވެ.

=ނުނިމޭ=

 


 

[1] ބައްލަވާ: The Origin and Evolution of the Palestine Problem, Part V (1989 – 2000) by UN (page 56 – 60).

ފަލަސްޠީނުގެ ތާރީޚް – އެހެންބައިތައް