[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބާލިޣުވުމުގެ ޢަލާމާތްތައް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ފުރަތަމައީ:

އިންސާނާ އޭނާއަށް ތަކުލީފު އުފަލަންޖެހޭ ޢުމުރަށް ފޯރުމުގެ (އެބަހީ: ބާލިޣުވުމުގެ)  ޢަލާމާތްތަކުގެ ތެރޭގައި  އިސްތަށި ފެޅުމާ އަދި އެ ނޫން ޢަލާމާތްތައްވެސް ހިމެނެއެވެ. ބާލިޣުވުމުގައި އެ ހުރިހާ ޢަލާމާތްތައް އެއްކޮށް ކޮންމެހެން ފެންނަން ޝަރުތުވެގެން ނުވެއެވެ. އޭގެ ތެރެއިން އެންމެ ޢަލާމާތެއްވެސް ފިރިހެން ނުވަތަ އަންހެން ކުއްޖެއްގެ ކިބައިން ފެނިއްޖެނަމަ، ފަހެ ހަމަކަށަވަރުން އެކުއްޖާ ވެގެންދާނީ އޭނާގެ ޢަމަލުތަކާ މެދު ސުވާލުވެވޭނޭ މުކައްލަފަކަށެވެ.

އައްޝައިޚް އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ:

“ފިރިހެން ކުއްޖާ ބާލިޣުވާނީ 3 ކަމެއްގެ ތެރެއިން އެއްކަމެއް ހާޞިލުވުމުންނެވެ. އެ 3 ކަމަކީ:

  1. (ހިޖުރީ ގޮތުން) ފަނަރަ އަހަރު އެކުއްޖާއަށް ފުރިހަމަވުން.
  2. ކުރިމަތިފަރާތް ވަށައިގެން އިސްތަށި ފެޅުން.
  3. ޝަހުވަތަކާއެކު ހޭލައިހުއްޓާ ނުވަތަ ނިދާފައި އޮއްވާ މަނިބޭރުވުން.

މި 3 ކަމުގެ ތެރެއިން އެންމެ ކަމެއްވެސް އިންސާނާގެ ކިބައިން ފެނިއްޖެނަމަ، އޭނާ އެވަނީ ބާލިޣުވެފައެވެ. އަދި އަންހެން ކުއްޖާއަށް އެކަންކަމުގެ މައްޗަށް، ހަތަރުވަނަ ކަމެއް އިތުރުވެގެންވެއެވެ. އެއީ ޙައިޟުވުމެވެ. ފަހެ އަންހެން ކުއްޖާ ޙައިޟުވީ އޭނާއަށް 10 އަހަރުގައި ކަމުގައި ވިޔަސް، އޭނާ އެ ހުރީ ބާލިޣުވެފައެވެ.” [1]

 

ދެވަނައީ:

ބާލިޣުވުމުގެ ޢަލާމާތެއްކަމުގައި ބަލާ އިސްތައްޓަކީ ކުރިމަތި ފަރާތުގެ ވަށައިގެން ފަޅާ އިސްތަށްޓެވެ. އެއީ ފިރިހެން ކުއްޖާގެ ޒަކަރު ވަށައިގެން ނުވަތަ އަންހެން ކުއްޖާގެ ފަރުޖު ވަށައިގެން ފަޅާ އިސްތައްޓެވެ. ފަހެ ތުނބުޅިއާއި މަތިމަސް ފެޅި ކަމުގައި ވިޔަސް (ނުވަތަ ކިހިލިފަތްދޮށުގައި އިސްތަށި ފެޅިކަމުގައި ވިޔަސް) ބާލިޣުވީކަމުގައި ނުބެލެވޭނެއެވެ.

ކުރިމަތިފަރާތް ވަށައިގެން ކޮންމެ ކޮންމެ އިސްތައްޓެއް ފެޅިކަމުގައި ވިޔަސް އަދި ބާލިޣުވީ ކަމުގައި ނުބެލެވޭނެއެވެ. ނަމަވެސް ބާލިޣުވީ ކަމުގައި ބެލެވޭނީ ރޭޒަރަކުން ނުވަތަ އެފަދަ އެއްޗަކުން ބާލަން ޖެހޭ ފަދަ ބޯކޮށް ހުންނަ އިސްތަށި ފެޅުމުންނެވެ. ބާލަން ނުޖެހޭފަދަ ލޯލި ގޮތަށް ހުންނަ އިސްތަށި ފެޅިކަމުގައި ވިޔަސް ބާލިޣުވީކަމުގައި ނުބެލެވޭނެއެވެ.

އިބްނު ޤުދާމާ رحمه الله ވިދާޅުވެފައިވެއެވެ.

“އަދި އިސްތަށިފެޅުމާމެދު ދަންނައެވެ. ފަހެ އެއީ ރޭޒަރަކުން އެ ބާލަން ޖެހޭ ވަރަށް، ފިރިހެނާގެ ޒަކަރު ވަށައިގެން ނުވަތަ އަންހެނާގެ ފަރުޖު ވަށައިގެން ބޯކޮށް އިސްތަށި ފެޅުމެވެ. އަދި އެތަނުގައި ލޯލިފަދަ އިސްތަށި ފެޅުމާމެދު ދަންނައެވެ. ފަހެ އެފަދަ އިސްތަށި ފަޅައިގެން ބާލިޣުވި ކަމުގައި ނުބެލެވޭނެއެވެ. ފަހެ އެއީ ބާލިޣު ނުވާ ކުޑަކުދިންގެވެސް އެގޮތަށް ބައެއް ފަހަރު ހުންނާތީއެވެ.” [2]  

އަދި ބާލިޣުވުމުގެ ޢަލާމާތްތަކާ ބެހޭގޮތުން އައްޝައިޚް އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ.

“ފިރިހެން ކުއްޖެއް ވިޔަސް ނުވަތަ އަންހެން ކުއްޖެއް ވިޔަސް އެކަމުގައި ބަލާނީ އޭނާގެ ކުރިމަތިފަރާތުގައި ބޯކޮށް ހުންނަ (އެބަހީ: ވަރުގަދަ،  ހަރު) އިސްތަށި ފެޅުމަށެވެ. އެގޮތަށް މިދެންނެވީ ލޯލި ގޮތަށް ހުންނަ އިސްތަށްޓާމެދު  ސަމާލުވުމަށެވެ. އެހެނީ 10 އަހަރުގެ ނުވަތަ އެއަށްވުރެ ހަގު ކުދިންގެ ކުރިމަތިފަރާތުގައިވެސް މިފަދަ އިސްތަށި ހުރެދާނެއެވެ. ނަމަވެސް ބާލިޣުވުމުގެ ޢަލާމާތަކީ ބޯކޮށް ހުންނަ ވަރުގަދަ، ހަރު އިސްތަށިފެޅުމެވެ. އަދި ކުރިމަތިފަރާތުގައި  އިސްތަށި ނުފަޅާ، ތުނބުޅި ފެޅި ކަމުގައިވިއަސް، އެއީ ބާލިޣުވެފައި ހުރި މީހެއް ކަމުގައި ނުބެލެވޭނެއެވެ. އެކަމުގައި ބަލާ މިންގަނޑަކީ ކުރިމަތިފަރާތުގައި އިސްތަށިފެޅުމަށެވެ.” [3]

 

والله أعلم.

 

_________________________

 

މަޞްދަރު

 

[1] الشرح الممتع (4 / 224).

[2] المغني (9 / 392).

[3] الشرح الممتع (9 / 289).